"އެހެނަސް"ގެ ސީޒަން ފިނާލޭ މިރޭ!

"އެހެނަސް"ގެ ކާސްޓުން--- ފޮޓޯ/ ފޭސްބުކް

ވެބް ސީރީޒް "އެހެނަސް" އަކީ ތަފާތު ވާހަކައަކަށް ބިނާކޮށް އުފައްދާފައިވާ މޮޅު ސީރީޒެކެވެ. ވާހަކަލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް ސީރީޒެއް ހަދާކަން އިއުލާންކުރުމާ އެކު ގިނަ ބަޔަކު އިންތިޒާރުކުރީ އެ ބެލުމަށެވެ.

ދިގު އިންތިޒާރަކަށް ފަހު ސީރީޒްގެ ފުރަތަމަ ފަސް އެޕިސޯޑް އޮލިމްޕަހުގައި އެޅުވީ ކާމިޔާބުކަމާއެކުގަ އެވެ. ފުރަތަމަ ފަސް އެޕިސޯޑް ބަލާ ނިންމާލީ ޝައުގުވެރިކަމާއެކުގަ އެވެ. ލޮލުން ކަރުނަ ފާއްދާލަމުންނެވެ.

ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ އެ ސީރީޒްގެ ފަހު އެޕިސޯޑް މިރޭ ދައްކާނެ އެވެ. ރަޔާން އާއި އެހެނަސްގެ މައިގަނޑު ވާހަކައާ ހުރީ ކޮން ގުޅުމެއްކަން މިރޭ ހާމަވެގެންދާނެ އެވެ.

އަދި ނިޔާޒުއަށް ގޭތެރޭގައި ލިބެމުންދާ އަނިޔާތައް ޝީލާ އަށް ވެސް ފަޅާއަރާނެ އެވެ.

ޕްރޮޑިއުސަރު އައިކިއު ބުނީ މިރޭ ސީޒަންގެ ފަހު އެޕިސޯޑް ނިމިގެންދާ އިރު ދެވަނަ ސީޒަނުން ފެންނާނެ މައިގަނޑު ކާސްޓެއް ވެސް ހާމަވެގެންދާނެ ކަމަށެވެ.

އެ ސީރީޒް ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ ބުންޏެވެ.

"ކޮންމެ ބަޔަކު ކުރި ނަމަވެސް އެ ކުރާ ކަމަކީ ގޯސް ކަމެއް ކަން ދައްކުވައިދެން ވެގެން ތައްޔާރުކުރި ސީރީޒެއް މިއީ،" ރަވީ ބުންޏެވެ.

މިރޭ އެހެނަސްގެ ސީޒަން ފިނާލޭ ދައްކާނީ ބައިކޯފުން 21:00 ގައެވެ.

comment ކޮމެންޓް