ނަހުލާގެ ސޮރީގެ ލަވައަކަށް ނަށާނެ ބަޔަކު ހޯދަނީ

ފިލްމެއްގެ ލޯންޗު އިވެންޓު ތެރެއިން ފާތިމަތު ނަހުލާ -----ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މަޝްހޫރު ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އެންމެ ފަހުގެ ފިލްމު "ސޮރީ"ގެ ލަވައަކަށް ނަށާނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.

ބޮޑު ބްރޭކަކަށް ފަހު ނަހުލާ މިހާރު މަސައްކަތް ފަށާފައިވާ ލޯބީގެ އަސަރުގަދަ ފިލްމު ސޮރީ އަކީ ނަހުލާ އުފައްދާ ބޮޑު ފިލްމެކެވެ. އެގޮތުން މި ފިލްމުގެ ޝޫޓިން ހަލުވި ސްޕީޑުގައި ކުރިއަށް ގެންދާއިރު ފިލްމަށް ބޭނުންވާ ބައެއް އިތުރު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

މިހާރު މަސައްކަތް ކުރަމުން އަންނަނީ ފިލްމުގެ ލަވައެއްގެ މިއުޒިކް ވީޑިއޯއަށް ނެށުންތެރިން ހޯދުމަށެވެ. އެގޮތުން ނެށުންތެރިން ހޯދުމަށް ނަހުލާ ވަނީ ދާދިފަހުން ސޯޝަލް މީޑިއާގައި އިއުލާނު ކޮށްފައެވެ.

ނަހުލާ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ސޮރީ ޝޫޓިންގެ ލަވައަކަށް ނަށާނެ އަންހެން ކުދިންކޮޅެއް ބޭނުންވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް އެނގޭ ނަމަ އެ މައުލޫމާތު ހިއްސާ ކުރުމަށް ނަހުލާ ވަނީ އެދިފައެވެ.

"ކަމަދޫ ނޫނީ ރީތިކޮށް ނަށާލެވޭ އަންހެން ކުދިން ކޮޅެއް ތިބި ރަށެއް ނެތްތަ،" ނަހުލާ އާންމުކުރި ޕޯސްޓެއްގައި ސުވާލުކޮށްފައިވެއެވެ.

ނަހުލާގެ ޕޯސްޓުގައި ކަމަދޫ ކުދިންނަށް އިޝާރާތް ކޮށްފައިވަނީ މިދިޔަ އަހަރުގެ އީދާ ގުޅިގެން ކަމަދޫގެ ގްރޫޕެއްގެ މަގުބޫލުކަން އިތުރުވުމާ ގުޅިގެންނެވެ. އީދު ޝޯއިން ކަމަދޫގެ އަންހެން ނަށާ ގްރޫޕެއްގެ މަގުބޫލުކަން އިތުރުވެ މުޅި ސޯޝަލް މީޑީއާގައި ދައްކަމުން ދިޔައީ އޭގެ ވާހަކަ އެވެ.

ސޮރީ ވެސް ވާނީ ނަހުލާގެ އަސަރުގަދަ ވާހަކަތައް ކިޔައިދޭ ފިލްމަކަށެވެ. ނަހުލާގެ ކުރީގެ އޯޑިއެންސް އަނބުރާ ގެނައުމުގެ މަގުސަދުގައި ނެރޭ މި ފިލްމު ވާނީ އޭނާގެ ގިނަ ދުވަސްވީ ފޭނުންތަކަށް ބޮޑު ޓްރީޓަކަށެވެ.

މި ފިލްމުގައި ލީޑް ރޯލުތަކުން ފެންނާނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއުގެ އިތުރުން ޝީލާ ނަޖީބާއި ހުސައިން ސޮބާހެވެ.

ނަހުލާ ޕްރޮޑިއުސްކޮށްފައިވާ ފިލްމެއް އެންމެ ފަހުން ނެރެފައިވަނީ 2017 ވަނަ އަހަރެވެ. އެއީ، ލޯބީގެ ރަހަތައް ހިމެނޭ ފިލްމު "ބޮސް"އެވެ. އެއަށް ފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކިއެވެ.

comment ކޮމެންޓް