"ފޭސް-ޓު-ފޭސް" ނޫން ކިޔެވުން ރާއްޖެއަށް ބޭނުންތަ؟

އޭޕްރީލް 17، 2018: އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ތިންވަނަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔަވާ ދަރިވަރުންގެ ފެންވަރެއް ނުހުރެ އެވެ. އޮންލައިންކޮށް ކިޔަވައިދިނުމަކީ މަތީތައުލީމު ހަލާކުވާ ކަމެކެވެ. މިގޮތަށް ކިޔަވާ ދަރިވަރުން ސަނަދު ހޯދަނީ އެހެން މީހުން ލައްވައި މަސައްކަތް ކުރުވައިގެންނެވެ. މިފަދަ ކިޔެވުން މެދުވެރިކޮށް ފަންނީ ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލު ނުވެ، ދަރިވަރުންނަށް އުނގަންނައި ނުދެވޭނެތީ އެވެ."

އިސްވެ ބަޔާން ކުރެވުނީ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔަވާ ކިޔެވުމާ މެދު، ބައެއް މީހުން ގެންގުޅޭ ވިސްނުމުގެ ޚުލާސާއެކެވެ. މީގެތެރޭގައި އުނގެނުމާއި އުނގަންނައިދިނުމުގެ އެކި ފަންތީގައި މަސައްކަތް ކުރާ މީހުން ވެސް ހިމެނެ އެވެ. ނަމަވެސް މިއީ ހަމަ ތެދެއް ހެއްޔެވެ؟ މަތީތައުލީމު ދިނުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާގޮތް ބުނެދޭ ހަގީގަތަކީ ކޮބައިހެއްޔެވެ؟

ޓެކުނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން "ފްލެކްސިބްލް" ކިޔެވުމުގެ ގޮތްތައް ބޭނުންކުރާ ދަރިވަރުންގެ އާބާދީ ހަލުވިކަމާ އެކު އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ހުރިހާ ބައްރެއްގައި ވެސްމެ އެވެ. ވަކިން ޚާއްސަކޮށް ތަރައްގީވެފައިވާ ގައުމުތަކުގަ އެވެ. އޮސްޓްރޭލިޔާގައި ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުނުވެ ކިޔަވާ ދަރިވަރުން (އޯފް-ކެމްޕަސް ދަރިވަރުން) އިތުރުވާ ނިސްބަތް، ފޭސް-ޓު-ފޭސް ދަރިވަރުން އިތުރުވާ ނިސްބަތަށްވުރެ މައްޗެވެ. އެގައުމުގައި މަތީތައުލީމުގައި ބައިވެރިވާ ދަރިވަރުންގެ 20 އިންސައްތަ މިގޮތަށް ކިޔަވަ އެވެ. ފޭސް-ޓު-ފޭސް ކިޔެވުމާއި އޮންލައިން ކިޔެވުން އެއްކޮށްގެން ކިޔަވާ ދަރިވަރުން ވެސް އަންނަނީ އިތުރުވަމުންވެ. މިގޮތުން އޮސްޓްރޭލިޔާގައި މަތީ ތައުލީމަށް 2016 ވަނަ އަހަރު ރަޖިސްޓަރީ ކުރި ދަރިވަރުންގެ 13 އިންސައްތަ އަކީ މިގޮތަށް ކިޔެވި ދަރިވަރުންނެވެ. އަދި 2017 ވަނަ އަހަރާ އަޅާބަލާ އިރު 2018 ވަނަ އަހަރު މިނިސްބަތް ފަސް އިންސައްތަ އިތުރުވެފައިވާ ކަމަށް ދައްކަ އެވެ. އިނގިރޭސި ވިލާތުގައި 2017 ވަނަ އަހަރު ކިޔަވައިދިން ކޯސްތަކުގެ އަށް އިންސައްތައަކީ އޮންލައިން ކޯސްތަކެވެ. އެގައުމުގައި 2011 ވަނަ އަހަރު މަތީތައުލީމުދޭ 102 މަރުކަޒެއްގައި އޮންލައިން ކޯސްތައް ކިޔަވައިދިންއިރު، 2017 ވަނަ އަހަރު މި އަދަދު ވަނީ 117 އަށް އިތުރުވެފަ އެވެ. އެމެރިކާގައި ކޮންމެ ދުވަހަކު ކިލާހަށްގޮސް ކިޔަވާ (އޮން-ކެމްޕަސް) ދަރިވަރުންގެ އަދަދު، 2012 އާއި 2016 އާ ދެމެދު 6 އިންސައްތަ ދަށްވެފައިވެ އެވެ. ނަމަވެސް ދުރުންދޭ ތައުލީމުގެ ނިޒާމުން ކިޔަވާ ދަރިވަރުން ވޭތުވެދިޔަ 14 އަހަރުވެސް ވަނީ ފާހަގަ ކުރެވޭ މިންވަރަށް އިތުރުވެފަ އެވެ. އެމެރިކާގައި މަތީ ތައުލީމުގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 30 އިންސައްތަ ދަރިވަރުން، ކޯހުގެ މުއްދަތުގެ ތެރޭގައި މިނިޒާމުގެ ތެރެއިން މަދުވެގެން އެއް މާއްދާ ކިޔަވާކަމަށް ރެކޯޑު ކުރެވިފައިވެ އެވެ. މިއަދަދުތައް ބުނެދެނީ ކޮންވާހަކައެއް ހެއްޔެވެ؟ ކޮންމެ ދުވަހަކު ކިލާހުގައި މުދައްރިސާ ބައްދަލުނުވެ ކިޔެވުމަކީ ދޯހަޅި އަދި ޖީލުތައް ހަލާކުވާ ކަމެއް ނަމަ، މި ބުނެވުނު ގައުމުތަކުގައި މިކަން އެގޮތަށް ކުރާނެހެއްޔެވެ؟ ނުވަތަ ކުރިޔަދޭނެ ހެއްޔެވެ؟

ދެން އޮތީ ރާއްޖޭގެ ހާލަތެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ގައުމެކެވެ. ފުން ކަނޑުތަކަކުން ވަކިވަކި ކުރެވިފައިވާ 185 ވަރަކަށް ރަށުގައި މީހުން ދިރިއުޅެ އެވެ. ގިނަ ރަށްރަށުގައި ދިރިއުޅޭ އާބާދީ ދެ ހާހަށް ވުރެ މަދެވެ. މަދު އަތޮޅެއްގައި ބައެއް ވަސީލަތްތައް ގާއިމުކުރެވިފައި ވިޔަސް ކިޔަވަން ބޭނުންވާ ކޯސް، އެކި ސަބަބުތަކާހެދި އަމިއްލަ ރަށުގައި ނުވަތަ އަތޮޅު ކެމްޕަހުގައި ނުހިންގައެވެ. އަދި ކީއްހެއްޔެވެ؟ މަތީތައުލީމުގެ މައިގަނޑު ގިނަ ހަރަކާތްތައް ހިންގެނީ ވެރިރަށް މާލޭގަ އެވެ. މި ސަބަބުތަކާހެދި ރަށުގައި ދިރިއުޅޭ މީހަކަށް މަތީތައުލީމަށް ދެވެން އޮތް ހަމައެކަނި މަގަކީ މާލެއަށް ދިރިއުޅުން ބަދަލުކުރުން ކަމުގައިވާ ހާލަތްތައް ނުހަނު ގިނައެވެ. އާއިލާ އާއި އަމިއްލަ ގެދޮރާއި ރަށުގައި އަދާކުރި ވަޒީފާ ވެސް ދޫކޮށްފަ އެވެ.

ވަޒީފާ އަދާކުރަމުން ކިޔަވަން ބޭނުންވާ ދަރިވަރުންގެ އަދަދު އިތުރުވަނީ ހަމައެކަނި ރާއްޖެއަކު ނޫނެވެ. އިނގިރޭސި ވިލާތުގައި 2017 ވަނަ އަހަރު މަތީ ތައުލީމަށް ރަޖިސްޓަރީ ކުރި ދަރިވަރުންގެ 22 އިންސައްތަ އަކީ ޕާޓްޓައިމްކޮށް ކިޔަވަން ރަޖިސްޓަރީ ކުރި ދަރިވަރުންނެވެ. އޮސްޓްރޭލިޔާގައި އަންޑަރގުރެޖުއޭޓު ދަރިވަރުންގެ ގާތްގަނޑަކަށް 25 އިންސައްތަ، އަދި ޕޯސްޓުގުރެޖުއޭޓް ދަރިވަރުންގެ ގާތްގަނޑަކަށް 60 އިންސައްތަ ކިޔަވަން ބޭނުން ވަނީ މިގޮތަށްކަމަށް ރެކޯޑު ކުރެވިފައިވެ އެވެ. މީގެ މާނައަކީ މިދަރިވަރުން ކިޔަވަމުން، އާމްދަނީ ލިބޭނެ ކޮންމެވެސް ވަޒީފާއެއް އަދާކުރުމެވެ. ރާއްޖޭގައި ވެސް މިހާރު މަތީތައުލީމު ހާސިލުކުރާ ދަރިވަރުންގެ މަދުނޫން ނިސްބަތެއް ވަޒީފާއެއްގައި އުޅެމުން ކިޔަވާކަމަށް ބެލެވެ އެވެ. މީގެ އިތުރުން ވަޒީފާ އަދާކުރަމުން ކިޔެވުމުގެ ޒަރޫރަތް، ދިވެހިންނަށް ބޮޑުވާ އެހެން ސަބަބެއްވެސް ވެ އެވެ. އަޅުގަނޑުމެންގެ ކުދި ރަށްރަށުގައި މަދަނީ ޚިދުމަތް ދިނުމަށް ތިބެނީ ވަރަށްމަދު ފަންނީ ބައެކެވެ. ރަށުން ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅުކުރެވޭނީ އެމީހުންގެ އިލްމާއި ހުނަރު މަތިކޮށްގެންނެވެ. ނަމަވެސް މަތީތައުލީމަށްޓަކައި ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް މިއެންމެން މާލޭގައި ބައިތިއްބައިގެން ރަށުން ޚިދުމަތް ފޯރުކޮށްދެވިދާނެ ހެއްޔެވެ؟ ވަގުތީގޮތުން ވިޔަސް އެތަން ފޫބައްދާނެ މީހުން ހޯދުން ފަސޭހަ ވެދާނެ ހެއްޔެވެ؟ މިހާލަތުގައި ވަޒީފާގައި ބައިތިއްބައިގެން ކިޔެވޭނެގޮތެއް ހޯދައިދިނުމަކީ އެންމެ ރަނގަޅު ހައްލަށް ނުވެދާނެ ހެއްޔެވެ؟ ނަމަވެސް ރަށުގައި މިއެންމެންނަށް ކޮންމެ ދުވަހަކު ކިލާހަށް ހާޒިރުވާގޮތަށް ކިޔަވައިދެވޭނެ ގާބިލުކަން ހުރީ ރާއްޖޭގައި މަތީތައުލީމު ފޯރުކޮށްދޭ ކޮން މަރުކަޒެއްގައި ހެެއްޔެވެ؟

މުވާސަލާތުކުރުމާއި މައުލޫމާތު ހޯދުމަށް ބޭނުންކުރާ ޓެކުނޮލޮޖީގެ ދާއިރާއިން ފާހަގަކުރެވޭ ކުރިއެރުންތަކެއް ވޭތުވެ ދިޔަ އަހަރުތަކުގައި ރާއްޖެ ހޯދައިފި އެވެ. ހުރިހާ ރަށަކަށް އިންޓަނެޓުގެ ޚިދުމަތް ފޯރުކޮށްދެވޭ ކަމަށް އިއުލާނު ކުރެވިއްޖެ އެވެ. އަދި އިންޓަރނެޓުގެ ފެންވަރު މަތިކޮށް، އަގު ހެޔޮކުރުމަށް އުންމީދީ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ. ވުމާ އެކު ކުރިން ބުނެވުނު ސަބަބުތަކަށް ރިއާޔަތްކޮށް، ކޮންމެ ދުވަހަކު ކިލާހަށް ނައިސް ކިޔެވޭނެ ރަނގަޅު އިންތިޒާމެއް ހަމަޖެއްސުމަކީ ކުރެވިދާނޭ ކަމެކެވެ. ކުރަން ޖެހޭ ކަމެކެވެ. ދަސްވެނިންގެ ފެންވަރު ދަށްވާނަމަ، އޭގެ ހަގީގީ ސަބަބަކީ "ފްލެސިބްލް" ކިޔެވުމެއް ނޫނެވެ. ކުށްވެރި ކުރަންވީ ކިޔަވައިދެވޭ މޯޑެއް ނޫނެވެ. ރަނގަޅު ކުރަންވީ އެމޯޑު ބޭނުންކޮށްގެން ކިޔަވައިދެވޭ ގޮތެވެ. ކަންކުރެވޭ ގޮތެވެ.

comment ކޮމެންޓް