އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމުން ސާންތި އިސްތިއުފާދީފި

ނޭޝަނަލް ފުޓްބޯލް އެކަޑަމީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު ސާންތި ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރ އިހުސާން އަބްދުލް ޣަނީ (ސާންތި) އެ މަގާމުން އިސްތިއުފާ ދީފި އެވެ.

ސާންތި އެފްއޭއެމްގެ ޓެެކްނިކަލް ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދިން ކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ އޭނާ އިސްތިއުފާ ނިންމާފައިވަނީ އަމިއްލަ ސަބަބަކާ ހުރެއެވެ.

ސާންތިގެ ބެލުމުގެ ދަށުން އެފްއޭއެމްއިން ވަނީ މިފަހަކުން ދުރު ރާސްތާ ޕްލޭނެއްގެ ދަށުން މުޅި ރާއްޖެއިން ހުނަރުވެރި ކުޅުންތެރިން ހޯދުމަށާއި ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ ގޮތުން "ޓުވާޑްސް ފިއުޗާ" ގެ ނަމުގައި ޕްރޮގްރާމް އެއް ފަށާފައެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ގިނަ އުމުރު ފުރާތަކެއްގެ ގައުމީ ޓީމުތައް އެކުލަވާލާ ރާއްޖެއިން ބޭރުގެ ގިނަ މުބާރާތްތަކެއްގައި ދަނީ ބައިވެރިވަމުންނެވެ.

ކުލަބް އީގަލްސްއަށް ގިނަ ދުވަސްތަކެއް ވަންދެން ކޯޗުކޮށްދިނުމަށްފަހު ސާންތި އެފްއޭއެމާއި ފުރަތަމައިން ގުޅުނީ 2017 ވަނަ އަހަރުގައި 19 އަހަރުން ދަށުގެ ގައުމީ ޓީމު ކޯޗެއްގެ ގޮތުގަ އެވެ. ނަމަވެސް އޭގެ ފަހުން ސާންތި އައީ އެ އިދާރާގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރގެ މަގާމުވެސް އަދާކުރަމުންނެވެ.

ސާންތި އެ މަގާމުން އިސްތިއުފާ ދިން އިރު ރާއްޖޭގެ ފުޓުބޯޅައަށް ލޯބު ކުރާ ގިނަ ބަޔަކު އަންނަނީ އެފްއޭއެމްގެ ލީޑާޝިޕާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެގޮތުން އެންމެ ފަހުން ގަލޮޅު ދަނޑުގައި ކުޅުނު ވޯލްޑް ކޮލިފައިން މެޗުގައި ވެސް ސަޕޯޓަރުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިސްތިއުފާ ދިނުމަށް އަޑު ހަރުކޮށް ގޮވާލައިފަ އެވެ.

މީގެ އިތުރުން މިވަގުތު ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކެއް ވެސް އޮތީ މާލީ ގޮތުން ވަރަށް ދަތި ހާލަތެއްގަ އެވެ. އަދި ދާދި ފަހުން ދެ ޓީމެއްގެ ކޯޗު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

comment ކޮމެންޓް