"ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެންނަން އުޅެނީ "ސެކިއުލާ" ވިސްނުމަށް ޖާގަދޭން"

ރާއްޖޭގައި "ސެކިއުލާ" ވިސްނުމަށް ޖާގަދޭން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ މިރޭ ނެރުނު ނޫސްބަޔާނެއްގައި ---

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން އުޅެނީ ރާއްޖޭގައި "ސެކިއުލާ" ވިސްނުމަށް ޖާގަދޭން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބޮޑަށް އަމާޒުވަނީ "ދީނީ ހަރުކަށިކަމޭ" ކިޔައިގެން ދީނީ ދަރުސްތަކުގެ އަޑު މަޑުކޮށް، އެފަދަ ދަރުސްތައް ދޭ ފަރާތްތައްވެސް ހިފާ ހައްޔަރު ކުރުމަށް ކަމަށެވެ.

އަދި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ހައްގުތަކަށް ކިރިޔާވެސް އުނިކަމެއް އަންނާނޭގޮތަށް ކުރެވޭ ހުރިހާ އަމަލަކާ ދެކޮޅަށް ކޯލިޝަނުން ތެދުވެ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުން ބުރަ މަސައްކަތްކޮށްގެން ހޯދާފައިވާ އަސާސީ ހައްގުތައް ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އެ ކޯލިޝަނުން ވަނީ އިޝާރާތްކޮށްފައެވެ. އަދި ހައްގުތައް ނިގުޅައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މަސައްކަތްކުރާ ކަމަށް އިޝާރާތްކޮށް އެ ކޯލިޝަނުން ވަނީ އެ ކަންތައްތައް ހަށުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ ގުޅިގެން ގިނަބައެއްގެ މެދުގައި ވަނީ ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ސަރުކާރުން މަޖިލީހަށް ހުށަހެޅި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ވަނީ، މިހާރު ގާނޫނުގައި އޮތް ގޮތަށް ވުރެ ފުޅާކޮށް ޓެރަރިޒަމް މާނަކޮށްފަ އެވެ.

އެގޮތުން ވަކި ސިޔާސީ، ދީނީ ނުވަތަ ހައްދުފަހަނައެޅި ވިސްނުމެއް ކުރިއެރުވުމަށްޓަކައި ނުވަތަ ވަކި ފިކުރެއް ކުރިއެރުވުމަށްޓަކައި މީހުންނަށް ގެއްލުން ދިނުމުގެ އަމަލުތަކެއް ހިންގުން ޓެރަރިޒަމްގެ ގޮތުގައި މާނަކޮށްފައި ވާއިރު، ޓެރެރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށް، އަދި 48 ގަޑި އިރުވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރު ވެސް ބިލުން ފުލުހުންނަަށް ލިބިދެ އެވެ.

comment ކޮމެންޓް