ނިހާންގެ ބަދަލުގައި ޕީއެންސީގެ ނައިބު ރައީސްކަމަށް ނިމާލް އިންތިހާބުކޮށްފި

ނިމާލު: އޭނާ ވަނީ ޕީއެންސީގެ ނައިބު ރައީސް ކަމަށް އިންތިހާބުކޮށްފައި -- ސަން ފޮޓޯ/ފަޔާޒު މޫސާ

އިދިކޮޅު ޕީޕަލްސް ނޭޝަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމަަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ނިމާލް އިންތިހާބުކޮށްފިއެވެ.

ޕީއެންސީގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ، މިދިޔަ މަހު އެ ޕާޓީގެ ނައިބު ރައީސް ކަމުންނާއި މެމްބަރުކަމުން، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޕީއެންސީގެ ތަރުޖަމާނު، ހިނާ ވަލީދު "ސަން" އަށް މިއަދު ވިދާޅުވީ، ނިމާލް ނައިބު ރައީސްކަމަށް އިންތިހާބު ކުރީ މިއަދު ޕާޓީގެ ކައުންސިލު މެމްބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުން ކަމަށެވެ.

ވޯޓުގައި 18 މެމްބަރުން ބައިވެރިވި އިރު، ނިމާލަށް ލިބިވަޑައިގަތީ، 17 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ، އެއް ވޯޓެވެ.

ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެންމެ ފަހުން ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސިޔާސީ މަގާމެއްގައި ހުންނެވި ނިމާލް ވަނީ ޕީއެންސީ އުފެއްދި އިރު އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ނައިބު ރައީސްކަމަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާ ވެވަޑައިގަތީ ނާކާމިޔާބެވެ.

ޕީއެންސީގެ ޖުމްލަ ފަސް ނައިބު ރައީސުން ތިއްބަވައެވެ. އެއީ ކޮންގްރެސްގެ ވޯޓުން ހޮވި، ހަތަރު ނައިބު ރައީސުންނާއި އެ ޕާޓީގެ ޕާލަމަންޓަރީ ގުރޫޕު(ޕީޖީ)ގެ ލީޑަރެވެ. ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕީޖީ ލީޑަރަކީވެސް ނައިބު ރައީސުންގެ ފެންވަރުގެ މަގާމެކެވެ.

ނިމާލްގެ އިތުރުން ދެން ޕީއެންސީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބަވަނީ، މާވަށު ދާއިރާ މެމްބަރު، މުހައްމަދު ސައީދާއި، ސްރީލަންކާގެ ކުރީގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު)އާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އަދި ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރެވެ.

comment ކޮމެންޓް