ނަޝީދުގެ ވާހަކަތައް އެމްއެންޑީއެފް އިން ދޮގުކޮށްފި

ރައީސް ނަޝީދު: މަޖިލީހުގެ ފުރަތަމަ ދައުރަށް ދެއްވީ ބީ ޕްލަސްއެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހި ފުލުހުން ފާރަލާކަމަށް އެމްއެންޑީއެފް އިން ބުނެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވި ވާހަކަ އެމްއެންޑީއެފް އިން ދޮގުކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ފުލުހުން މަޖިލިސް ރައީސް ނަޝީދަށް ފާރަލަމުންދާކަމަށް ދަންނަވާފައި ނުވާނެ ކަމަށެވެ.

އެ ބަޔާނުގައި ބުނީ ސެކިޔުރިޓީ ބެލެހެއްޓުން ގާނޫނީގޮތުން ލާޒިމް ފަރާތްތަކުގެ ސެކިޔުރިޓީ އާއު ގުޅޭގޮތުން ފުލުހުންނާ ގުޅިގެން މަސައްކަތްކުރަންޖެހޭ ހާލަތްތައް އަންނަ ކަމަށެވެ.

އެގޮތުން މަސައްކަތްކުރަނީ އެއިރެއްގައި އެބޭފުޅަކަށް އޮތް ނުރައްކަލެއް ވަޒަންކުރުމަށްފަހު އޭގެ މައްޗަށް ބަލައިގެން ކަމަށް އެ ބަޔާނުގައި ބުންޏެވެ.

"މިވަގުތު ރައްޔިތުންގެ މަޖިލީހުން ވިޔަސް އަދި މިނޫން ފަރާތަކުން ވިޔަސް އަދި މިތަނުގެ އެސެސްމެންޓުން ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އިތުރު ނުރައްކަލެއް އޮތް ކަމަށް ފާހަގަކުރެވިފައެއް ނުވެއެވެ. ނަމަވެސް، އޯޕަން ސޯސްތަކުން ވިޔަސް މިފަދަ ބޭފުޅެއްގެ ހަށިކޮޅަށް ނުރައްކަލެއް އޮތް ކަމަށް ވާހަކަ ދެކެވޭނަމަ، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައި ވެއެވެ.

އެމްއެންޑީއެފް އިން މިފަދަ ބަޔާެނެއް ނެރުނުއިރު ފުލުހުންވެސް ވަނީ ނަޝީދަށް އެއްވެސް ނުރައްކަލެއް ނެތްކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

ފުލުހުން އެމަނިކުފާނަށް ފާރަލާ ކަމަށް އެމްއެންޑީއެފްއާ ހަވާލާދީ ރައީސް ނަޝީދު ރޭ ވިދާޅުވެފައި ވަނިކޮށް ފުލުހުން ނެރުނު ބަޔާނުގައި ބުނީ މިވަގުތު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ނުރައްކަލެއް އޮތް ކަމަށް އެ ސާވިސްއަށް ފާހަގަ ކުރެވިިފައި ނުވާ ކަމަށެވެ. އަދި ރައީސް ނަޝީދަށް ނުރައްކަލެއް އޮތް ކަމުގެ މައްސަލައެއް ހުށަހެޅިފައިވެސް ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްޑީޕީއިން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ، މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ނެރުނު ރިލްވާން އަބްދުﷲގެ މަރާ ގުޅޭ ރިޕޯޓުން ހާމަވެގެން ދިޔައީ، ހަރުކަށި ވިސްނުމުގެ ބަޔަކާއި މިނިވަން ވިސްނުމުގެ ބަޔަކާއި ދެމެދު ހިނގި އަރައިރުންތަކުގައި ހަރުކަށި ފިކުރުގެ މީހުން ހިންގި މީހުން މެރުމުގެ ކަންކަމުގައި ދިވެހި ފުލުހުންނާއި ސިފައިންގެ ބައިވަރިވުން ވެސް އޮތް މިންވަރު ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، އެ ރިޕޯޓާ ގުޅިގެން ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ވާހަކަ އެމަނިކުފާނު ދައްކަން ފެށުމުން އެކި ގޮތްގޮތުން އެމަނިކުފާނަށް ނުރައްކާތަކާ ކުރިމަތިވާ ކަމަށެވެ. އެހެން ނަމަވެސް ޝަރުއީ ދާއިރާއެކޭ އެއްގޮތަށް ދިވެހި ފުލުހުންގެ މުއައްސަސާ އިސްލާހު ކުރަން ޖެހޭ ކަމަށާއި ކޮންމެ ގޮތެއް ވިޔަސް އެ ވާހަކަ ހުއްޓާނުލާ ދައްކަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އޭގެ ސަބަބުން ކިތަންމެ ނުރައްކަލެއް ދިމާވޭ. އަޅުގަނޑަށް އެކަން ވެސް އެނގޭ. އަދި އަޅުގަނޑު ގާތުގައި އެމްއެންޑީއެފްއިން ބުނި މީގެ ތިން ދުވަސް ރޭ ކުރީގައި އަޅުގަނޑަށް ފުލުހުން ފާރަލައޭ. އެކަން ވެސް ފުލުހުން ކޮށްފާނެ. ނުވަތަ ފުލުސް އޮފީހުން ވެސް ކޮށްފާނެ،" ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް