ނިމެމުން މިދާ ޓްރާންސްފާ މާކެޓުގައި ރެއާލް މެޑްރިޑުން އެންމެ ވިއްކާލަން ހިފި ގެރެތު ބޭލް ރޭ ކުޅުނު މެޗުގައި ޖަހައިދިން ދެ ގޯލުން ވިލަރެއާލްގެ އަތް ދަށުވިޔަ ނުދީ އެ ޓީމު ސަލާމަތް ވެއްޖެ އެވެ.
ރޭ ސްޕެނިޝް ލީގުގައި ރެއާލާއި ވިލަރެއާލް ބައްދަލު ކުރި މެޗު 2-2 އިން އެއްވަރު ވެގެން ނިމުނު އިރު މެޗުގެ ތަރިއަކަށް ވެގެން ދިޔައީ ފަހަކަށް އައިސް ގިނަ ފާޑު ކިއުންތަކެއް އަމާޒުވެފައިވާ ބޭލް އެވެ. އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ރެއާލް ދޫކޮށް ދިއުމަށް އެ ޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ވެސް ބޭލްއަށް އަންގާފައިވާ އިރު އެކި އެކި ސަބަބުތަކާ އެކު އޭނާ އެންމެ ފަހުން ސީޒަން ފެށުނު އިރު ވެސް ރެއާލް ދޫކޮށެއް ނުލަ އެވެ.
ވޭތުވެ ދިޔަ ދެ ސީޒަންގައި ވެސް އަނިޔާއާއި ފޯމު ކެޓުމުގެ ސަބަބުން އެންމެ ރަނގަޅު ކުޅުމެއް ނުދެއްކި ގިނަ މެޗުތަކެއް ބެންޗުގައި ހޭދަ ކުރި ބޭލް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ މެޗުގައި ބޭލް ޖެހި ގޯލުތަކަކީ ހަ މަސް ވަންދެން ސްޕެނިޝް ލީގުގައި ގޯލު ނުޖަހާ ހުރުމަށް ފަހު އޭނާ ޖެހި ގޯލުތަކެކެވެ. އެހެން ނަމަވެސް އޭނާ އެ މެޗު ނިންމާލީ ރަތް ކާޑަކާ އެކު އެވެ.
ރޭގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވިލަރެއާލުންނެވެ. ފުރަތަމަ ހާފުގައި އެ ޓީމުގެ މޮރޭނޯ ޖެރާޑް ޖަހައިދިން އެ ގޯލާ އެކު ވިލަރެއާލުން ކުޅުނީ އުންމީދާ އެކު އެވެ.
ދެވަނަ ހާފު ފެށިގެން ރެއާލުން ކުޅުން ރަނގަޅުކޮށް ހަމަލާތައް އިތުރު ކުރި އެވެ. ވިލަރެއާލްގެ ޑިފެންސަށް ބާރު ބޮޑުވެގެން އެންމެ ފަހުން ރެއާލަށް ގޯލެއް ދޭން ޖެހުނެވެ. ގެރެތް ބޭލް ޖަހައިދިން އެ ގޯލާ އެކު ރެއާލަށް ހިއްވަރު ލިބި އިތުރު ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ.
ނަމަވެސް ދެވަނަ ހާފުގެ މެދަކާއި ހަމައިން ވިލަރެއާލުން ވަނީ އަނެއްކާވެސް އިތުރު ގޯލެއް ޖަހައި ލީޑު އަނބުރާ ގެންގޮސްފަ އެވެ.
ރެއާލަށް މެޗުގެ ނަތީޖާ ބޭލް ހަމަހަމަ ކޮށްދިނީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އަދި އޭގެ ތިން މިނަޓު ފަހުން އޭނާ ޖެހި ޖެހިގެން ކުރި ދެ ފައުލަކާ ގުޅިގެން ދެ ރީނދޫ ކާޑަކާ އެކު ރެފްރީ ވަނީ ބޭލްއަށް ރަތް ކާޑެއް ދައްކައިފަ އެވެ.
އެ މެޗުގެ ނަތީޖާއާ އެކު ރެއާލް މިވަގުތު އޮތީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާ އެކު ތާވަލުގެ ފަސް ވަނައިގަ އެވެ.