އީރާނާމެދު އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތަށް މަޑުމައިތިރި ކަމެއް އަތުވެއްޖެ: އީރާން

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރަގްޖީ

ތެހެރާން (ސެޕްޓެމްބަރު 1) : އީރާނުގެ ތެލުގެ އެކްސްޕޯޓަށް ހުރަސްއެޅުމަށް އެމެރިކާ މިފަހަކަށް އައިސް ގެންގުޅެންފެށި ހަރުކަށި ސިޔާސަތަށް ކޮންމެވެސް ވަރެއްގެ މައިތިރިކަމެއް އައިސްފިކަން ފާހަގަކުރެވިއްޖަ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރަގްޖީ ވިދާޅުވީ އީރާނުގެ ތެޔޮ ބޭރުކުރުން ހުއްޓުމަކަށް ގެނައުމަށް އެމެރިކާގެންގުޅޭ ހަރުކަށި ސިޔާސަތަށް ބަދަލުއައީ މިދިޔަ ހަފްތާގައި ފަރަންސޭސިވިލާތުގައި ބޭއްވި ޖީ 7 ގެ އިސްވެރިންގެ ސަމިޓްގައި އީރާނުގެ ނިއުކްލިޔާ މައްސަލައާ ބެހޭ ގޮތުން ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާ ކުރެއްވި މަޝްވަރާތަކަށްފަހުގައިކަން ފާހަގަ ކުރެވިފައިވާ ކަމުގަ އެވެ.

ޖީ 7ގެ ސަމިޓްގައި ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ވަނީ އީރާނުން ޔޫރޭނިޔަމް ފައްކާކުރުން ހުއްޓާލަން އެއްބަސްވާނަމަ އީރާނުގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ހުށަހެޅުމެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުމާ ބެހޭ ގޮތުން ޓްރަމްޕް އެއްޗެއް ވިދާޅުނުވި ނަމަވެސް ޓްރަމްޕް ވަނީ އީރާނާ ހަނގުރާމަ ކުރުމުގެ ރޭވުމެއްނެތް ކަމަށާ އަދި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވިސްނުމެއްވެސް ނެތްކަމަށް ވިދާޅުވެ އީރާނަކީ ބާރުގަދަ ގައުމެއް ކަމަށް ސިފަކުރައްވާފަ އެވެ.

އެ ސަމިޓްގައި މެކްރޯން ވަނީ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމާއި ނިއުކްލިޔާ އެއްބަސްވުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ޓަކައި އީރާނުގެ ރައީސް ހަސަން ރޫހާނީ އާ ވާހަކަ ދައްކަވަން ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށާ ކައިރި މުސްތަގްބަލެއްގައި ޓްރަމްޕާއި ރޫޙާނީ ގެ ސަމިޓެއް ބޭއްވިދާނެކަމުގެ އުންމީދު އެބައޮތްކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ޓްރަމްޕް ވެސް ވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ ވަކިވި މައްސަލަ ހައްލުކުރުމަށް ޓަކައި ރޫހާނީ އާ ބައްދަލުކުރަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.

އީރާނާއި އެމެރިކާއާ ދެމެދުގައިވާ މައްސަލަތައް، ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިން ހައްލުކުރަން ބޭނުންވާކަމުގެ އިޝާރާތްތައް ޓްރަމްޕްގެ ފަރާތުން ލިބެމުންދިޔަނަމަވެސް ޓްރަމްޕްގެ ރިޔާސީ ޓީމުގައި ހިމެނޭ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އާއި އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން މިކަމަށް ހުރަސްއަޅުއްވަމުން ގެންދަވާކަމަށް ރިޕޯޓްތައް ބުނެއެވެ. ޕޮމްޕެއޯ އާއި ޓަރްމްޕަކީ ޓްރަމްޕްގެ ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި އާދަޔާ ޚިލާފަށް ހަރުކަށި ދެބޭފުޅުންނެވެ. ޓްރަމްޕް އީރާނާމެދު ނިންމެވި ހަރުކަށި ނިންމެވުންތައް ނިންމަވާފައިވަނީ އެދެބޭފުޅުންގެ ނުފޫޒުގައި ކަމަށް އޮބަޒާވަރުން ދެކެއެވެ.

އީރާނުގެ ތެލުގެ އެކްސްޕޯޓާ ދެކޮޅަށް އެމެރިކާ ގެންގުޅޭ ހަރުކަށިކަމަށް މައިތިރިކަން އައިކަން ފާހަގަކުރެވެނީ އީރާނުގެ ތެޔޮގަންނަ ގައުމުތަކަށް އެމެރިކާ ބިރުދައްކަމުންގެންދިޔަ ދިޔުމަށް މަޑުޖެހުމެއް އައުމުންކަމަށް އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރާގްޖީ ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރުބެންޖަމިން ނަތަންޔާހޫ ދާދިފަހުން އިރާގު ސޫރިޔާ އަދި ލުބްނާނަށް ހަމަލާދިނީ ޓްރަމްޕް، އީރާނުގެ ރައީސް ރޫހާނީ އާ ބައްދަލުކުރައްވަފާނެތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ސަރަހައްދު ހަލަބޮލިކުރުމުގެ ބޭނުމުގައި ކަމަށްވަނީ ބެލެވިފަ އެވެ. އީރާނުގެ ޚާރިޖިއްޔާ އިން ވަނީ އީރާނާދެކޮޅަށް އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން ނޫނީ ރޫހާނީ ޓްރަމްޕާ ބައްދަލު ނުކުރައްވާނެ ކަމަށް ބުނެފަ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް