ތެހެރާން (28 ޖޫން 2022): އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ ވާހަކަތައް މެދުކެނޑިފައި އޮތުމަށްފަހު ގަތަރުގެ ވެރިރަށް ދައުހާގައި އެވާހަކަތައް މިއަދު ފެށޭނެކަން އީރާނާއި އެމެރިކާ ކަށަވަރުކޮށްދީފިއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ނާސިރު ކަންއާނީ ވިދާޅުވިގޮތުގައި މިވާހަކަތަކުގައި އީރާނުގެ ފަރާތުން އިސްކޮށް ހުންނަވާނީ ނިއުކްލިޔާ ވާހަކަތަކުގައި ވިއެނާގައި ކުރިޔަށްދިޔަ ވާހަކަތަކުގައިވެސް އިސްކޮށް އުޅުއްވާ އީރާނުގެ ޗީފް ނެގޯސިއޭޓާ އަލީ ބާގިރީ އެވެ. ނިއުކްލިޔާ ވާހަކަތަކުގައި ބާގިރީ އާއެކު ބައިވެރިވާ އީރާނުގެ ވަފުދުގެ ބޭފުޅުން އިއްޔެ ދައުހާއަށް ވަނީ ވަޑައިގެންފައެވެ.
މި ވާހަކަތަކުގައި ބައިވެރިވާކަން އެމެރިކާގެ ޚާރިޖީ ވުޒާރާއިންވެސްވަނީ ކަށަވަރުކޮށްދީފައެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާ ބުނާގޮތުން ދައުހާގައި ބާއްވާ ވާހަކަތަކުގައި އެމެރިކާގެ ފަރާތުން ބައިވެރިވާނީ މީގެކުރިން ވިއެނާގައި ބޭއްވި ވާހަކަތަކުގައި އެމެރިކާ ތަމްސީލުކުރި ވަފުދުގެ ބޭފުޅުންނެވެ.
އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުމުގެ ވާހަކަތަކަކީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި 2018 ވަނަ އަހަރު އީރާނުގެ ނިއުކްލިޔާ އެއްބަސްވުމުން އެމެރިކާ އެކަހެރިގޮތެއްގައި ވަކިވުމާއެކު އެއެއްބަސްވުމަށް އަމަލުކުރަން އީރާން ދެކޮޅު ހެދުމުން އަލުން އެ އެއްބަސްވުން ދިރުވުމަށްޓަކައި އީރާނާއި އެމެރިކާއާ ދެމެދު ދެކެވޭ ވާހަކަތަކެކެވެ.
މި ވާހަކަތައް ބިނާވެފައިވަނީ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމަށާއި އީރާނުންވެސް އެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކުރުމުގެ މައްޗަށެވެ. އެމެރިކާ އަލުން ނިއުކްލިޔާ އެއްބަސްވުމަށް ރުޖޫއަވުމަށް ނިންމެވީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންއެވެ.
ބައިޑެން މިގޮތަށް ނިންމެވުމާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދު 2021 ވަނައަހަރުގެ ކުރީކޮޅު ވަނީ މިކަމާބެހޭ ވާހަކަތައް އީރާނާއެކު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ފަށާފައެވެ. މިވާހަކަތަކުގައި މެދުވެރިއެއްގެ ބައި އަދާކުރަނީ ޔޫރަޕްގެ އިއްތިޙާދެވެ. އީރާންވަނީ އެމެރިކާއާ ސީދާގޮތެއްގައި ވާހަކަ ދެއްކުމަށް ދެކޮޅު ހަދާފައެވެ. އެއީ އެމެރިކާއިން އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީއެވެ.
ނިއުކްލިޔާ ވާހަކަތަކުގެ އަމާޒަކީ އެމެރިކާ އަލުން ނިއުކްލިޔާ އެއްބަސްވުމަށް އެނބުރި އިއާދަވުމާ އަދި އީރާނުންވެސް އެއެއްބަސްވުމުގައިވާ ގޮތަށް އަމަލުކުރުމެވެ. އީރާން ބުނާގޮތުން މި އަމާޒު ހާސިލު ކުރެވޭނީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އެއްކޮށް ނައްތާލުމުންނެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން އެމެރިކާ ވަނީ އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. ނަމަވެސް އަދިވެސް އީރާނުން ދެކަމެއް ޝަރުތުކުރެއެވެ. އެއީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ލަޝްކަރަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ނިންމާފައިވާ ނިންމުން ބަދަލުކުރުމާ އަދި މީގެފަހުން ނިއުކްލިޔާ އެއްބަސްވުމުން ވަކިނުވާނެކަމުގެ ގެރެންޓީ އެމެރިކާ ދިނުމެވެ.
މިހާރު ހައްލު ނުކުރެވި އޮތީ މިދެމައްސަލައެވެ. މިދެ މައްސަލަ ހައްލުކުރާނެކަމުގެ އުންމީދު އެމެރިކާ ނުދިނުމުން މިދިޔަ މާޗްމަހު ނިއުކްލިޔާ ވާހަކަތައްވަނީ ހުއްޓިފައެވެ. މިއާއެކު ނިއުކްލިޔާ ވާހަކަތަކަށް އީރާން ގެންދިޔުމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ކުރި މަސައްކަތްވެސްވަނީ ނާކާމިޔާބުވެފައެވެ.
ނަމަވެސް މިހަފްތާގެ ކުރީކޮޅު ޔޫރަޕްގެ އިއްތިޙާދުގެ ޚާރިޖީ ކަންކަމާބެހޭ ވެރިޔާ ޖޯޒެޕް ބޮރެލް އީރާނަށް ވަޑައިގެން ދެއްކެވި ވާހަކަތަކަށްފަހު އީރާންވަނީ ނިއުކްލިޔާ ވާހަކަތައް އަލުން ފެށުމަށް އެއްބަސްވެފައެވެ. އީރާން މިކަމަށް އެއްބަސްވި ސަބަބެއް އެގައުމުން ހާމައެއް ނުކުރެއެވެ.
ނަމަވެސް އީރާނުގެ ކުރީގެ ޑިޕޮލޮމޭޓުންނާއި އެގައުމުގެ ސަރުކާރުތަކުގައި ކުރިން އިސްކޮށް އުޅުއްވި ތަޖުރިބާކާރުން ވިދާޅުވާގޮތުގައި ނިއުކްލިޔާ ވާހަކަތައް އަލުން ފަށަން އީރާން އެއްބަސްވީ މިހާތަނަށް ހައްލުނުވެ އޮތް ދެމައްސަލަ ހައްލު ކުރުމުގައި ދޫ ދޭނެކަމުގެ ޔަގީންކަން ޔޫރަޕްގެ މަންދޫބު ޖޯޒެޕް ބޮރެލް މެދުވެރިކޮށް އެމެރިކާ އީރާނަށް ދިނުމުންނެވެ.
ވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވިއްޖެނަމަ ޔޫރޭނިޔަމް ފައްކާކުރުންފަދަ ނިއުކްލިޔާ ހަތިޔާރު އުފެއްދުމާ ގުޅޭ ހުރިހާ ހަރަކާތްތަކުން އީރާން ދުރަށްދާނެއެވެ. ނަމަވެސް މަދަނީ ބޭނުންތަކަށް ނިއުކްލިޔާ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ކަންކަން އީރާނަށް ކުރިޔަށް ގެންދެވޭނެއެވެ. އޭގެބަދަލުގައި އީރާނާ ދެކޮޅަށް އަޅާފައިވާ ބައިލައްކައެއްހާ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން އުވާލާނެއެވެ.
މިކަމުގެ ސަބަބުން އީރާނުގެ އިގްތިސާދު ވަރަށް ބޮޑަށް ރަނގަނޅުވެ އިގްތިސާދީ ގޮތުން އީރާން ބާރުގަދަވެގެން ދާނެއެވެ. އަދި އައު ޓެކްނޮލޮޖީތައް ތަރައްގީކޮށް މިހާރަށްވުރެ ބާރާއި ނުފޫޒުގަދަ ގައުމަކަށް ވުމުގެ ފުރުސަތު އީރާނަށް ތަނަވަސް ވެގެންދާނެއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމުގެ ފުރުސަތު އީރާނަށް ލިބުމަކީ އީރާނުގެ ދުޝްމަނުންކަމަށްވާ އެމެރިކާއާއި އިސްރާއީލު ވަރަށް ކަންބޮޑުވާކަމެކެވެ. ނަމަވެސް މިފުރުސަތު ނުދީފިނަމަ އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދާނެކަމުގެ ބިރު އެދެގައުމުން އިހުސާސް ކުރެއެވެ. އެއީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އީރާނަށް ލިބޭ އިގްތިސާދީ އަދި ވިޔަފާރީގެ ފައިދާއާއި ތަނަވަސްކަމަށްވުރެ އެމެރިކާއަށާއި އިސްރާއީލު މާ ކަންބޮޑުވާކަމެކެވެ. އެއީ އިސްރާއީލު ފިޔަވައި އިތުުރު ނިއުކްލިޔާ ބާރެއް މެދުއިރުމަތީގައި އުފެދޭތީއެވެ. މިއީ އެމެރިކާއާޢި އިސްރާއީލަށް ހަޖަމުކުރަން ދަތިކަމެކެވެ.
އެހެންކަމުން އެމެރިކާގެ މަގްސަދަކީ ދެގެއްލުމުގެ ތެރެއިން ކުޑަ ގެއްލުން (އީރާނާއެކު އެއްބަސްވުމަކަށް އައުން) އިޚްތިޔާރު ކުރުންކަމަށްވަނީ ބެލެވިފައެވެ. އީރާން ދެކޭގޮތުގައި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން މަދަނީ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީއާއި ފަޒާގެ ޓެކްނޮލޮޖީއާއި ކޮންވެންޝަނަލް ހަތިޔާރުގެ ޓެކްނޮލޮޖީގައި މިހާރަށް ވުރެ އެތައް ގުނައެއް ބާރަށް ކުރިއަށް ދިޔުމުގެ ފުުރުސަތު އެގައުމަށް ލިބިގެންދާނެއެވެ. އަދި އީރާން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްވެސް ފަސޭހަ ވެގެންދާނެެއެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާން އިނދަނުޖެހުނު ނަމަވެސް އެކަމުގެ ސަބަބުން އީރާނުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކާއެކުވެސް ޓެކްނޮލޮޖީގެ ދާއިރާތަކާއި ސިނާއީ އުފެއްދުންތެރިކަމުގައި އީރާންވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަމިއްލަ ނަފްސަށް ބަރޯސާވެގެން ހޯދާފައެވެ.