ބްރޯޑްކާސްޓިންގް ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މުހައްމަދު ޝަހީބާއި ނައިބު ރައީސް ފާތިމަތު ޒައިނާ ކޮމިޝަނުން ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓު ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް ވިސްނަވާކަމުގެ އިޝާރާތެއް އެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު ކުރައްވައިފ އެވެ.
ބްރޯޑްކޮމްގެ ރައީސް ޝަހީބާއި ނައިބު ރައީސް ޒައިނާ ވަކިކުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ޖުލައި 24 ވަނަ ދުވަހު އެވެ. އެ މައްސަލަ ކޮމިޓީން ފާސްކޮށް، މަޖިލީހުގެ ރިޔާސަތަށް ފޮނުވާފައިވާތާ މަހެއްހާ ދުވަސް ވެފައި އޮތް ނަމަވެސް މިހާތަނަށް އޮތީ އެ މައްސަލަ މަޖިލީހުގެ އެޖެންޑާ ނުކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ދެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށް، ރިޕޯޓު ފޮނުވާފައި އޮތް ނަމަވެސް އެ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުކުރީ އެކަމުގެ އިޖުރާއަތާ ގުޅޭ ކަންބޮޑުވުމެއް އޮތުމުން، އެކަން އިތުރަށް ބެލުމަށް ކަމަށެވެ.
ނަޝީދު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން ވަކިކުރުމުގެ ކަންކަން ބިނާވެފައި އޮތީ މާ ހަރުދަނާ އިޖުރާއަތުތަކެއްގެ މައްޗަށް ބިނާވެފައި ނޫން ކަމަށެވެ. އެގޮތުން އެކަންކަން ކުރެވެމުން އައީ "ކުއްލި ކުއްލިއަށް" ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިފަހަރު ވީ ގޮތަކީ، 19 ޖޫންގައި އޮތް ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ދެއްވި މައުލޫމާތުތަކާ ގުޅިގެން، އެ މެމްބަރުން ގާނޫނީ ގޮތުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުމުގައި އަމަލުކުރެވިފައިވާ ގޮތް ބަލަން ފާހަގަކުރެވުނީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވައިދު އިސްލާހުކުރަމުން ދިޔަ އިރު އެ ނުކުތާއާ ގުޅޭގޮތުން ކޮމިޓީތަކުގެ މުގައްރިރުންނާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރައްވައި، "ސުޕަ ކޮމިޓީ" ހެދުމަށް އެމަނިކުފާނު ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް މެމްބަރުން އެކަން ބަލައިނުގަންނަކަން އެނގިވަޑައިގަތުމުން އެކަމުން އެއްކިބާވެވަޑައިގަތީ ކަމަށެވެ.
އެހެންކަމުން އެކަމާ ގުޅޭ އިޖުރާއަތެއް ކަނޑައެޅުމުގެ އިސްލާހެއް މަޖިލީހުގެ ގަވައިދަށް ހުށަހެޅި ކަމަށާއި، ގަވައިދު ފާސްވީ އެ އިސްލާހާއެކު ކަމަށް ނަޝީދު ފާހަގަކުރެއްވި އެވެ.
"އެކަމުގެ ތެރެއިން މިކަން ކުރިއަށް ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ބޭނުންތެރި ކަމެއް،" ނަޝީދު ވިދާޅުވި އެވެ.
އެހެންކަމުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބްރޯޑްކޮމްގެ ދެ މެމްބަރުން ވަކިކުރުމަށް ނިންމައި ފޮނުވި ރިޕޯޓު ކުރިއަށް ގެންގޮސް ވޯޓަށް އަހާނީތޯ، ނުވަތަ އެ ރިޕޯޓު އަނބުރާ ކޮމިޓީއަށް ފޮނުވާލާނީތޯ ނިންމަވަން މަޝްވަރާކުރައްވާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެކަމަށް އަޅުގަނޑު ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާކުރާނަން. ކޮށްފައި އެ ރިޕޯޓަށް ގޮތެއް ހެދުމަށް ނިންމާނަން. އިރާދަކުރެއްވިއްޔާ އެ ނިންމުން، ދެން އޮންނަ މަޖިލިސް ބައްދަލުވުމެއްގައި ފާހަގަކުރެވިގެން ދާނެ،" ނަޝީދު ވިދާޅުވި އެވެ.
ޖޫން 19 ވަނަ ދުވަހު އޮތް ބައްދަލުވުމަށް ބްރޯޑްކާސްޓިންގް ކޮމިޝަނުގެ މެމްބަރުން ވަޑައިގެން ވަނީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެމްބަރުން ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފަ އެވެ. ބްރޯޑްކޮމް މެމްބަރުން ވިދާޅުވި ގޮތުގައި އެ މެމްބަރުންނަށް ނުފޫޒު ފޯރުވުމަށް ކުރީގެ ސަރުކާރަށް ނިސްބަތްވާ އޭރުގެ މަޖިލިސް މެމްބަރުން މަސައްކަތްކުރެއްވި އެވެ.
އަދި ކޮމިޝަނުގެ އޭރުގެ ނައިބު ރައީސް އިސްމާއިލް ސޮފްވާން، އޭރުގެ ރައީސް އަބްދުﷲ ޔާމީނުގެ އެދިވަޑައިގަތުމުގެ މަތިން ރާއްޖެޓީވީ ބަންދުކުރުމަށް މަސައްކަތްކުރެއްވިކަމަށް ކޮމިޝަނުގެ ރައީސް ޝަހީބު، ކޮމިޓީގައި ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ހުށަހެޅީ ސޮފްވާނާއި، ކޮމިޝަނުގެ މެމްބަރު ޒައިނާ ވަކިކުރުމަށެވެ. ނަމަވެސް ސޮފްވާން ފަހުން ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފަ އެވެ. އަދި ކޮމިޝަނުގެ މެމްބަރުކަމުގައި ހުންނެވި ހަސަން ނަބާހުވެސް ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވާފައެވެ.
މިނިވަން މުއައްސަސާ ކޮމިޓީގެ ސަބް ކޮމިޓީއެއް އެކުލަވާލައި، ކޮމިޝަނުގެ ވަކިވަކި މެމްބަރުން ހާޒިރުކޮށް ސުވާލުކުރުމަށްފަހު ފަހުން ނިންމީ ކޮޮމިޝަނުގެ ރައީސް ޝަހީބާއި މިހާރުގެ ނައިބު ރައީސާ ޒައިނާ ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށެވެ.
މިހާރު ކޮމިޝަނުގައި ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ގިނަ އަދަދެއްގެ ބޭފުޅުން ވަނީ އެކަމަށް ކުރިމަތިލާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ މި ހަފްތާގައި ވަނީ ކުރިމަތިލީ 36 ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވާފަ އެވެ.