ރަސްމީ ލިޔުންތަކުގައި ދާއިރާގެ ހުރިހާ ރަށެއްގެ ނަން ހިމަނަން އިސްލާހެއް

ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް -- ފޮޓޯ/ މަޖިލިސް

ސަރުކާރުގެ ރަސްމީ ލިޔުންތަކުގައި މަޖިލީހުގެ ދާއިރާތައް ލިޔާއިރު، އެ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއްގެ ނަންތައް ހިމަނަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމެވެ.

މެމްބަރު އިސްލާހު ހުށަހަޅުއްވައިފައި ވަނީ އިންތިހާބީ ދާއިރާތައް ކަނޑައެޅުމަށްފަހު، ރަސްމީ ލިޔުންތަކުގައި ދާއިރާގެ ނަން ލިޔާއިރު އެ ދާއިރާއެއްގައި ހިމެނޭ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނަން ހިމެނޭ ގޮތަށް ލިޔުމަށެވެ.

އަދި އިންތިހާބީ ދާއިރާގެ ނަން ލިޔެވިފައި އޮންނަން ވާނީ އާބާދީގެ ތަރުތީބުން، އެންމެ އާބާދީ ބޮޑު ރަށުގެ ނަން އެންމެ ކުރިއަށް އޮންނަ ގޮތަށް، އާބާދީގެ ބޮޑު މިނުގެ ތަރުތީބުން ކަމަށް ބިލުގައިވެ އެވެ. އަދި އެންމެ އާބާދީ ބޮޑު ރަށް ފިޔަވައި، އެހެން ރަށްތައް އޮންނަން ވާނީ ބްރެކެޓެއްގެ ތެރޭގައި ކަމަށް ވެސް އިސްލާހުގައިވެ އެވެ.

ބިލުގައިވާ ގޮތުން، ރަސްމީ ލިޔުންތަކުގައި ދާއިރާގައި ހިމެނޭ ހުރިހާ ރަށެއްގެ ނަން ބޭނުންކުރި ނަމަވެސް، ކިޔުމުގައި ނިސްބަތްކުރާނީ ކޮންމެ ދާއިރާއެއްގައި ވެސް، އެ ދާއިރާގެ ނަމުގެ ކުރިއަށް އޮންނަ އެންމެ އާބާދީ ބޮޑު ރަށެވެ.

މި އިސްލާހަށް އަމަލުކުރަން ފަށާނީ އިސްލާހު ފާސްވެ، ތަސްދީގްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ސަލީމް ހުށަހެޅުއްވި ބިލުގައި ބުނެފައި ވެއެވެ.

މެމްބަރު އިސްލާހު ހުށަހަޅުއްވަމުން ވިދާޅުވީ، ރާއްޖެއަކީ ޖަޒީރާ ގައުމަކަށް ވެފައި، އަތޮޅުތަކަކަށް ބެހި، މީހުން އުޅޭ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމަކަށް ވުމުން މީހުން ދިރިއުޅޭ ކޮންމެ ރަށަކީ ވެސް ސިޔާސީ ގޮތުން އޭގެ ޒާތުގައި ސަމާލުކަން ދޭން ޖެހޭނެ ރަށެއް ކަމަށެވެ.

ދާއިރާގެ ނަން އެންމެ އާބާދީ ބޮޑު ރަށަށް ނިސްބަތްވާ ގޮތަށް މިހާރު އޮންނާތީ، އެ ދާއިރާއެއްގައި ހިމެނޭ އިތުރު ރަށްތަކަކީ ކޮބައިކަން ރަސްމީ ލިޔުންތަކުން އެނގެން ނޯންނަކަން މެމްބަރު ފާހަގަ ކުރެއްވި އެވެ.

ދާއިރާތަކަށް މިހާރު ނަން ދެވިފައިވާ ގޮތުން ރާއްޖޭގެ އެތައް ރަށެއްގެ މަންޒަރު ގެއްލި، އެ ރަށްތައް ފެންނާނެ ގޮތެއް ވެސް ނެތް ކަމަށާއި، މިއީ އާބާދީ ކުދި ރަށްތަކަށް ވެވޭ ބޮޑު ބޭއިންސާފެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

މިއަދު ހުށަހެޅި އިސްލާހުގައިވާ ގޮތަށް އަމަލު ކުރާނަމަ، އާބާދީ ކުދި ރަށްތަކަށް ދެވޭ ސަމާލުކަން އިތުރުވެގެންދާނެ ކަމަށް ފެންނަ ކަމަށާއި، އެހެންކަމުން މިއީ ކޮންމެހެން ވެސް މުހިންމު އިސްލާހެއް ކަމަށް މެމްބަރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.

comment ކޮމެންޓް