ފޯ ނޭޝަންސް ޓޯނަމެންޓް: ދެވަނަ މެޗުގައި އިންޑޮނެޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ 15 އަހަރުން ދަށުގެ ޒުވާން ގައުމީ ޓީމު ---ފޮޓޯ// އެފްއޭއެމް

ގަތަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ 16 އަހަރުން ދަށުގެ "އިންޓަނޭޝަނަލް ފޯ ނޭޝަންސް ޓޯނަމެންޓު" ގައި ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު ދެވަނަ މެޗުން އިންޑޮނޭޝިއާ އަތުން ބަލިވެއްޖެ އެވެ.

މިފަހަރުގެ 16 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގެ ބަދަލުގައި ގަތަރުގައި ކުރިއަށްދާ ފޯ ނޭޝަންސް ފްރެންޑްލީ މުބާރާތުގައި ރާއްޖެއިން ވާދަކުރަމުންދާއިރު، އިއްޔެ ކުޅުނު ދެވަނަ މެޗުން ރާއްޖެ އިންޑޮނޭޝިއާ އަތުން ބަލިވީ 0-4 ގެ ނަތީޖާއަކުންނެވެ.

އެ މުބާރާތުގައި ވާދަކުރަނީ މުބާރާތް ބާއްވާ ގައުމު ގަތަރާއި އިންޑޮނޭޝިއާ އަދި ރާއްޖެއާއި ޖޯޑަންއެވެ. ރާއްޖެ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ޖޯޑަންއާ ވާދަކޮށް ރާއްޖޭގެ ޓީމު ބަލިވީ 0-9 ގެ ބޮޑު ތަފާތަކުންނެވެ.

އިއްޔެ ކުޅުނު މެޗުން އިންޑޮނޭޝިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވި ނަމަވެސް ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން އެ މެޗުގައި ވަނީ ޖުމްލަކޮށް ރަނގަޅު ކުޅުމެއް ފެނިފަ އެވެ. އަދި ފުރަތަމަ މެޗަށް ވުރެން މި މެޗުގައި ޓީމުގެ ކުޅުމަށް ކުރިއެރުންތަކެއް ލިބުނު ކަން ވެސް ޓީމުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ ފާހަގަ ކޮށްފަ އެވެ.

ރާއްޖޭގެ ޒުވާން ގައުމީ ޓީމަށް ނިޒާމްބެ އިރުޝާދު ދެނީ --- ފޮޓޯ// އެފްއޭއެމް

ޒުވާން ޓީމުގެ ކޯޗަކަށް ނިޒާމްބެ ހަމަޖެއްސީ ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ރަނގަޅު ފުޓްބޯޅަ ޓީމެއް ތައްޔާރުކުރުމުގެ ގޮތުންނެވެ.

ޒުވާން ޓީމަށް މީގެ ކުރިން އިރުޝާދު ދެމުން އައީ އިބްރާހިމް ހަލީމް (ޖަޑާ) އެވެ. އޭނާގެ ކޯޗު ކަމުގައި މިދިޔަ ޑިސެމްބަރު މަހު ތައިލެންޑުގައި އޮތް ޔުއެފާ އެސިސްޓް މުބާރާތުގައި ރާއްޖެ ވަނީ ތަފާތު ބޮޑު ނަތީޖާތަކަކުން ސައިޕްރަސް، ބަންގްލަދޭޝް އަދި ތައިލެންޑް އަތުން ބަލިވެފަ އެވެ.

އެއަށްފަހު މިއަހަރު ރާއްޖޭގެ އައްޑޫ ސިޓީގައި ބޭއްވި ޔޫއެފާ އެސިސްޓް މުބާރާތުގައި ކުޅުނު ތިން މެޗުން ވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ.

ޖަޑާ ގެ ބަދަލުގައި މިފަހަރު ޓީމާއެކު ގޮސްފައިވާ ތަޖުރިބާކާރު ނިޒާމްބެ ބުނެފައި ވަނީ މިފަދަ ތަޖުރިބާތަކާއެކު ވިސްނުން ހުރީ ރާއްޖޭގައި 2023 ވަނަ އަހަރު ބާއްވާ އައިއޯއައިޖީއަށް ވަރުގަދަ ޓީމެއް ނެރުމަށް ކަމަށެވެ.

comment ކޮމެންޓް