ޔާމީންގެ މަރު: ވަކީލް މައުމޫންގެ ސުވާލުތަކުން ވީޑިއޯ އެނަލިސިސްޓްގެ އަނގަ ބެދިއްޖެ!

މައުމޫން ހަމީދު --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރަހުމްކޮޑަ ގޮތަށް މަރާލި ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގެ ދައުވާ ލިބޭ ފަރާތްތައް ފެންނަ ސީސީޓީވީ ފްޓޭޖް ތަކުގެ ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރި ފުލުސް އޮފިސަރާ އެ މައްސަލައިގެ ދިފާއީ ވަކީލެއް ކަމަށްވާ މައުމޫން ހަމީދު ގިނަ ސުވާލުތަކެއް ކުރައްވައިފި އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އޭޕްރިލް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރުއެވެ. އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާކޮށްފައިވާ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.

މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ވެސް އޮތީ ދައުލަތުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނެގުމެވެ. އެގޮތުން ދެ ފުލުހެއްގެ ހެކިބަސް މިއަދު ނަގާފައިވާއިރު އޭގެ ތެރެއިން އެކަކީ އެ މައްސަލައިގައި ޝާމިލްވާ މީހުން ފެންނަ ކަމަށް ބުނާ ވޯޑިއޯތަކުގެ އެނަލިސިސް ހެދި ފުލުހެއް ކަމަށްވާ އަހްމަދު އާދަމް މުހައްމަދެވެ.

އެގޮތުން އޭނާ ވަނީ އެ މައްސަލައިގެ ދައުވާ ލިބޭ މީހުން ފެންނަ ކަމަށް ބުނާ ވީޑިއޯތަކުން 45 ހެއްކެއްގެ ތަފްސީލާއި އެކު ވީޑިއޯ އެނަލިސިސް ރިޕޯޓެއް ތައްޔާރު ކޮށްފައެވެ. އަދި އެ ވީޑިއޯތަކުން ފެންނަ މީހުންނަކީ ދައުވާ ލިބޭ މީހުންކަން އެނގެނީ އެކަމަށް ޚާއްސަ ސޮފްޓްވެއާއެއް ކަމަށްވާ އެމްޕެޑް ފައިވް އިން އެކަން ކަށަވަރުވެފައިވާތީ ކަމަށް އަހްމަދު އާދަމް ވިދާޅުވި އެވެ.

ދިފާއީ އެހެން ވަކީލުންގެ ސުވާލުތަކަށްފަހު އިސްމާއިލް ރަޝީދުގެ ވަކީލް މައުމޫން ހަމީދު ވަނީ ގަޑިއެއްހާއިރު ފުލުފުލުގައި ސުވާލުތަކެއް ކޮށްފައެވެ.

ޗެއިން އޮފް ކަސްޓަޑީއާ މެދު ސުވާލުތަކެއް!

އެ މައްސަލައިގެ ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރި އޮފިސަރާއި ހަމައަށް އެ ވީޑިއޯ އައިސްފައިވާ ގޮތުގެ ޗެއިން އޮފް ކަސްޓަޑީ ކިޔައި ދިނުމަށް މައުމޫން ހަމީދު ވަނީ އެދިފައެވެ. އެއަށް ސިދާ ޖަވާބު ދެއްވުމުގެ ބަދަލުގައި އޮފިސަރު ވިދާޅުވީ، ގަވާއިދާ ޚިލާފަށް އަންނަ ވީޑިއޯއެއްގެ އެނަލިސިސް އޭނާ ތައްޔާރު ކޮށްފައި ނުވާނެ ކަމަށާއި އެހެން ކަމުން އެ ވީޑިއޯތައް ވެސް އައިސްފައިވަނީ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެ ރިޕޯޓްގެ ބައެއް މަދު ކަން މައުމޫން ހަމީދު ފާހަގަ ކުރުމާ އެކު އޮފިސަރު ވެސް ރިޕޯޓް ބައްލަވާލެއްވުމަށްފަހު އެކަމަށް ވަނީ އިއުތިރާފް ވެފަ އެވެ.

އަދި އިސްމާއިލް ރަޝީދުގެ ވީޑިއޯ އެނަލަސިސްގައި ދައުވާ ލިބޭ އެހެން ފަރާތެއްގެ ނަން ކަމަށްވާ އަހްމަދު ޒިހާން އިސްމާއިލްގެ ނަން އޮތުމުން އެއީ ލިއުމުގައިވާ ކުށެއް ކަން ފުލުސް އޮފިސަރު ފާހަގަ ކުރެއްވި އެވެ.

ސޮފްޓްވެއާއިން ތައްޔާރު ކުރާ ރިޕޯޓެއް ނެތް!

ވީޑިއޯ އިން ފެންނަ މީހުން ދެނެގަތުމަށް ހާއްސަ ކޮށްފައިވާ އެމްޕެޑް ފައިވް ސޮފްޓްވެއާ އިން ތަހްލީލް ކުރާ ވީޑިއޯއެއްގެ ތަފްސީލީ ރިޕޯޓެއް، ޚާއްސަކޮށް ކޯޓް މަރުހަލާއަށް ހުށަހެޅުމަށް ލިބޭނެ ކަން މައުމޫން ހަމީދު ފާހަގަ ކުރެއްވި އެވެ. އަދި އެ ރިޕޯޓް ކޮބައިތޯ މައުމޫން ހަމީދު ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ފުލުސް އޮފިސަރު ވިދާޅުވީ، ފުލުހުން މިހާތަނަށް އެ ސޮފްޓްވެއާ ބޭނުން ކުރަމުން އައީ ހަމަ އެކަނި މީހުން ދެނެގަތުމަށް ކަމަށާއި ރިޕޯޓް ތައްޔާރު ކުރަނީ ސޮފްޓްވެއާއިން ނޫން ކަމަށެވެ. އަދި އިންވެސްޓިގޭޝަން އޮފިސަރު ބޭނުންވާ ހުރިހާ މައުލޫމާތެއް ފޯރު ކޮށްދީފައިވާނެ ކަން އޮފިސަރު ފާހަގަ ކުރެއްވި އެވެ.

މިއަދުގެ އަޑުއެހުމުގައި މައުމޫން ހަމީދު ވަނީ އެމްޕެޑް ފައިވް ސޮފްޓްވެއާއާ ގުޅޭ މައުލޫމާތު ހިމެނޭ ކަރުދާސްތަކެއް މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިންގެ އިތުރުން ހެކިބަސް ދިން އޮފިސަރައް އަދި ޕީޖީގެ ވަކީލުންނަށް ވެސް ދެއްވާފައެވެ. އެއަށް ފަހު މައުމޫން ހަމީދު ވަނީ ވީޑިއޯ އެނަލަސިސްއާ ގުޅޭ ޓެކްނިކަލް ގިނަ ސުވާލުތަކެއް އޮފިސަރާ ކުރައްވާފައެވެ. ނަމަވެސް އޭނާއަށް އެ ސުވާލުތަކަށް ޖަވާބު ނުދެވި ދައުލަތުގެ ވަކީލުންނަށް ބައްލަވަން ފެށުމާ އެކު ދައުލަތުގެ ވަކީލުން ވަނީ މައުމޫން ހަމީދު އެ ކުރައްވަނީ ކަމާ ނުގުޅޭ ސުވާލުތަކެއް ކަން ފާހަގަ ކުރައްވާފައެވެ.

ނަމަވެސް މައުމޫން ހަމީދު ވިދާޅުވީ، އޭނާ ކުރަމުން ގެންދިޔައީ ވީޑިއޯ އެނަލިސިސް ރިޕޯޓް ތައްޔާރު ކުރުމަށް ބޭނުންކުރި ސޮފްޓްވެއާއާ ގުޅޭ ސުވާލުތަކެއް ކަމަށާއި އެހެންކަމުން އެ ސުވާލުތަކަކީ ކުރެވޭނެ ސުވާލުތަކެއް ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދު ވެސް މައުމޫން ހަމީދުގެ ސުވާލުތައް ނުހުއްޓުވައެވެ.

ސޮފްޓްވެއާ އަދި ވީޑިއޯ އެނަލިސިސް ތައްޔާރު ކުރުމާ ގުޅޭ ޓެކްނިކަލް ސުވާލުތަކަށް ފުލުސް އޮފިސަރަށް ޖަވާބު ނުދެއްވުމުން މައުމޫން ހަމީދު ވަނީ އެކަމާ ގުޅޭ ގޮތުން އަދިވެސް ސުވާލުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ މައުލޫމާތު އެނގިވަޑައިނުގަންނަވާނަމަ އިތުރަށް ސުވާލު ކުރައްވަން ބޭނުންނުވާ ކަމަށް ވިދާޅުވެ ގަޑިއިރެއްހާއިރު ފަހުން ސުވާލުތައް ނިންމަވާލައްވާފައެވެ.

އިތުރު ހެއްކެއްގެ ހެކިބަސް

މިއަދުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ހެކިބަސް ނަގާފައިވަނީ، ޔާމީން ރަޝީދަށް ފާރަލި ކަމަށް ތުހުމަތުކުރާ ހައިޝަމް ދުއްވި ސައިކަލްގެ އެނަލިސިސް ހެދި ފުލުސް އޮފިސަރެވެ. އެގޮތުން އޭނާ ބުނީ ފުލުހުންގެ އައިއޯއެއްގެ އެންގުމަށް ރަތް ކުލައިގެ ޕީސީއެކްސްއެއްގެ ފޮޓޯ ނެގި ކަމަށެވެ. ޓޯޔާޑްގައި އިން އެ ސައިކަލްގައި ކޮންމެވެސް ވަރަކަށް ކޫރުން ހުރި ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

comment ކޮމެންޓް