މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި މަސައްކަތް ކުރަމުން ދަނިކޮށް، ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވި މުސްތަފާ އަޒުމީގެ ފަންނީ މަސައްކަތްތައް ދައްކުވައިދޭ މައުރަޒެއް ބާއްވަން ނިންމައިފި އެވެ.
އަޒްމީ ނިޔާވި އިރު އޭނާ ހުންނެނީ އެސްޓީއޯގެ އައިޓީ ޑިޕާޓްމެންޓުގެ ހެޑެއްގެ ގޮތުގަ އެވެ. އައިޓީގެ މަސައްކަތުގެ އިތުރުން ލަކުޑިން އެއްޗެހި އުފެއްދުމާއި ޑިޒައިން ކުރުމުގެ މަސައްކަތް އަޒްމީ ކުރެއްވި އެވެ. އޭނާ ނިޔާވީވެސް މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި ލަކުޑީގެ މަސައްކަތް ކުރައްވަމުން ދަނިކޮށެވެ.
ލަކުޑި ބޭނުންކޮށްގެން އަޒްމީ ގިނަ ޑިޒައިންތަކުގެ ތަކެތި އުފައްދަވާފައިވެ އެވެ. އޭނާގެ އުފެއްދުންތަކުގެ ތެރޭގައި، ގޭތެރޭގައި ބޭނުންކުރެވޭނެ ތަށިތަކާއި، ކުޑަ ފޮށިތަކާއި، ރީއްޗަކަށް ބަހައްޓާލެވޭނެ ފަދަ އެތައް ލަކުޑީގެ އުފެއްދުމެއް ހިމެނެ އެވެ.
އަޒްމީ ނިޔާވުމަށް ފަހު އެ ތަކެތި ދައްކާލަން އޭނާގެ އާއިލާއިން ތިބީ ނިންމައިގެން އެވެ. ކަލްޗާ މިނިސްޓްރީގެ އެހީތެރިކަމާ އެކު، އަޒްމީގެ އުފެއްދުންތައް ދައްކާލަން އާއިލާއިން މިހާރު ވަނީ ހާއްސަ މައުރަޒަކަށް ތައްޔާރުވެފަ އެވެ. އެ މައުރަޒު އޮންނާނީ މާދަމާއިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އާޓް ގެލަރީގަ އެވެ.
މައުރަޒު ހުޅުވާފައި ހުންނާނެ ގަޑިތައް:
- އޮގަސްޓް 26: 14:00 އިން 22:00 އަށް
- އޮގަސްޓް 27: 10:00 އިން 22:00 އަށް
- އޮގަސްޓް 28: 10:00 އިން 22:00 އަށް
އަޒްމީ ލަކުޑީގެ މަސައްކަތް ކުރައްވަން ފެއްޓެވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާއާ އެކު މަސައްކަތްކޮށްފައިވާ ފަރާތްތަކުން ބުނާ ގޮތުގައި އޭނާ އަކީ ލަކުޑީގެ މަސައްކަތުގައި ދެވަނައެއް ނެތް ފަދަ ހުނަރުވެރިއެކެވެ. އެ މަސައްކަތުގައި އުޅުއްވުމުގެ ތެރޭގައި ވެއްޓި ލިބުނު އަނިޔާތަކުން ކޯމާއަކަށް ގޮސް، އަޒްމީ ނިޔާވީ މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.