އަޒްމީ: ގެއްލިގެން ދިޔަ ބޮޑު ހުނަރުވެރިއެއް!

މުސްތަފާ އަޒްމީ

މާފަންނުގައި އަލަށް ހުޅުވި މުހައްމަދު ޖަމީލް ދީދީ މިސްކިތުގައި މަސައްކަތް ކުރަމުން ދަނިކޮށް، ވެއްޓި ލިބުނު އަނިޔާތަކުގެ ސަބަބުން ނިޔާވި މުސްތަފާ އަޒުމީ ގިނަ މީހުންނަށް އެނގިފައި ވަނީ އައިޓީ ދާއިރާގެ ހުނަރުވެރިއެއްގެ ގޮތުގައެވެ. ނަމަވެސް، އޭނާގެ ފޮރުވިފައިވާ އެހެން ބޮޑު ހުނަރެއް އެބަ އޮތެވެ.

އަޒްމީއަކީ ލަކުޑީގެ މަސައްކަތުގައި އަރާ ހުރި މާވަޑިއެކެވެ. އެކި ބާވަތް ބާވަތުގެ ލަކުޑިން އެކި ޑިޒައިންތަކުގެ ހިތްގައިމު ތަކެތި އޭނާ އުފެއްދެވިއެވެ. އެއީ އޭނާ ހުސްވަގުތުގައި ގަޔާ ވެގެން ކުރެއްވި މަސައްކަތެކެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޭނާގެ "ހޮބީ" އަކީ ލަކުޑިން އެކި ތަކެތި ތައްޔާރުކުރެއްވުމެވެ.

އަޒްމީގެ އުފެއްދުމެއް: އޭނާގެ އުފެއްދުންތަކުގެ ތެރޭގައި ރީއްޗަކަށް ބަހައްޓާ އާޓްވޯކް ހިމެނޭ --- ފޮޓޯ/ އަޒްމީގެ އިންސްޓަގްރާމް

"ވުޑްވޯކް ދާއިރާގައި މަސައްކަތް ކުރާ ރައްޓެހިންތަކަކާ ދިމާވެގެން އެކަމަށް ޝައުގުވެރިވެގެން އެކަން ކުރަން ފެށީ. އެމީހުންގެ ވޯކްޝޮޕެއް އިންނާނެ. އެމީހުންނާ އެކު މަޑު މަޑުން އޭގެ ތެރެއަށް ވަދެގެން މަސައްކަތް ކުރަމުން ކުރިއަށް ދިޔައީ،" އަޒްމީއަށް ލަކުޑި މަސައްކަތުގެ ދާއިރާގެ ތެރެއަށް ވަދުވުނު ގޮތް ކިޔައިދެމުން އޭނާގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ނަޒްމީ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އަޒްމީއަކީ ކަންތައްތައް އަވަހަށް ދަސްކުރި މީހެކެވެ. އަދި ކަމެއް ދަސްކުރާ ނަމަ ވަރަށް ގަޔާވެގެން އެކަމެއް ދަސްކުރި މީހެކެވެ.

"އަޒްމީއަކީ ކޮންމެ ހުނަރެއް ދަސްކުރި ކަމުގައި ވިޔަސް ވަރަށް ކީންކޮށް ވަރަށް ގަޔާވެގެން ލާން ކުރި [ދަސްކުރި] މީހެއް،" އޭނާ ކިޔައިދިނެވެ.

އަޒްމީގެ އުފެއްދުމެއް: އޭނާގެ އުފެއްދުންތަކުގެ ތެރޭގައި ރީއްޗަކަށް ބަހައްޓާ އާޓްވޯކް ހިމެނޭ --- ފޮޓޯ/ އަޒްމީގެ އިންސްޓަގްރާމް

އަޒްމީ ލަކުޑި މަސައްކަތުގެ ތެރެއަށް ވަނީ 2016 ވަނަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގަ އެވެ. އޭރުވެސް އައިޓީ ދާއިރާގެ މަސައްކަތުގައި އުޅެމުން އައި އަޒްމީ އޭނާ އަލަށް ފެއްޓެވި މަސައްކަތުގައި އެންމެ އުސްމިނާ ހަމައަށް ދަތުރު ކުރީ ހަލުވިކަމާ އެކުއެވެ.

ލަކުޑިން އުފެއްދި އުފެއްދުންތައް އިންސްޓަގްރާމް އެކައުންޓެއް މެދުވެރިކޮށް އަޒްމީ ގެންދިޔައީ އެތައް ސަތޭކަ ފޮލޯވަރުންނަށް ގަވާއިދުން ދައްކަމުންނެވެ. އޭނާގެ އުފެއްދުންތަކުގެ ތެރޭގައި، ގޭތެރޭގައި ބޭނުންކުރެވޭނެ ތަށިތަކާއި، ކުޑަ ފޮށިތަކާއި، ރީއްޗަކަށް ބަހައްޓާލެވޭނެ ފަދަ އެތައް އާޓްވޯކް ހިމެނެއެވެ.

ބައެއް އުފެއްދުންތައް ވިއްކުމުގެ އިތުރުން އޭނާ އިންސްޓަގްރާމް އެކައުންޓު މެދުވެރިކޮށް "ގިވް އަވޭ"ގެ ގޮތުގައި ހިލޭ ވެސް ބައްސަވަމުން ގެންދިޔައެވެ. އަދި އެކުވެރިންނާއި، އެކުގައި މަސައްކަތް ކުރެއްވި މީސްމީހުންނަށް އެ ތަކެތި ހަދިޔާވެސް ކުރައްވާ އުޅުއްވިއެވެ.

އަޒްމީގެ އުފެއްދުމެއް: ގޭތެރޭގައި ބޭނުން ކުރެވޭ ފަދަ ތަށިތައް އޭނާ އުފެއްދި --- ފޮޓޯ/ އަޒްމީގެ އިންސްޓަގްރާމް

"އެކި ބާވަތް ބާވަތުގެ ލަަކުޑި ބޭނުންކޮށްގެން ވަރަށް ގިނަ ފާޑުފާޑުގެ އެއްޗެހި އޭނަ ހެދި. އަޅުގަނޑުމެން މީސް މީހުންނަށް ހަދިޔާގެ ގޮތުގައި ދީވެސް ހެދި. އޭނަގެ ހުންނަ ސްކިލްއެއް އެއީ ހަމަ،" އަޒްމީއާ އެކު އެސްޓީއޯގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އެކުންފުނީގެ ކުރީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވިއެވެ.

އަޒްމީ ނިޔާވި ހާދިސާ ހިނގި އިރު އޭނާ ގެންދިޔައީ އެކުވެރިންތަކަކާ އެކު މުހައްމަދު ޖަމީލް ދީދީ މިސްކިތުގެ ލަކުޑީގެ މަސައްކަތް ކުރައްވަމުންއެވެ. އަސްލު އެ މިސްކިތުގެ ލަކުޑީގެ މަސައްކަތް ކުރަން ހަވާލު އޮތީ އަޒްމީގެ ރަހުމަތްތެރިއަކާއެވެ.

ޖަމީލް ދީދީ މިސްކިތުން ފެންނަ އެހެރަ ލަކުޑީގެ މަސައްކަތްތަކުގެ ބޮޑު ހިއްސާއެއް އަޒްމީ އަދާ ކުރެއްވި އެވެ. އެ މިސްކިތުގެ މިހުރާބު ހެދުމުގައި އެންމެ އިސް ދައުރެއް އަދާ ކުރެއްވީ ހުދު އޭނާ އެވެ. މިސްކިތް ހެދުމަށް ހަރަދު ކުރި ފަރާތުން ވެސް އޭނާގެ މަސައްކަތަށް ތައުރީފު ކުރެއެވެ.

ޖަމީލް ދީދީ މިސްކިތުގެ މިހުރާބު: އެތަން ހެދުމުގައި އަޒްމީގެ ހިއްސާ ބޮޑު -- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

"އޭނައަކީ ފަންނުވެރިއެއް. އަހަރެންގެ ދެ ލޮލުން ދެކުނިން އޭނަ މިސްކިތުގައި ކުރި މަސައްކަތް،" ޖަމީލް ދީދީ މިސްކިތް އެޅުމަށް ހަރަދު ކުރި ކުންފުނީގެ އޮފިޝަލަކު ބުންޏެވެ.

އަޒްމީ މަސައްކަތް ކުރެއްވި ދެ ދާއިރާއަކީވެސް ބުރަ، ކަވި މަސައްކަތްތަކެއް ކުރަން ޖެހޭ ދެ ދާއިރާއެކެވެ. އެ ދެ ދާއިރާގައި ވެސް އޭނާ ތަފާތު ދެއްކެވި އެވެ. އެކަން ސާބިތުވަނީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑައިރެކްޓަރެއް ކަމަށްވާ އާދަމް އާޒިމްގެ ބަހުން އެވެ.

އާޒިމް ފާހަގަކުރެއްވީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވަން މީގެ ކުރިން އެސްޓީއޯ އިން ކުރިއަށް ގެންދިޔަ މަޝްރޫއުގައި އަޒްމީގެ ހިއްސާ ބޮޑުކަމެވެ. އެކަން ކާމިޔާބު ކުރެއްވުމުގައި އަޒްމީ ލެއްވި ގަދަ ހިތްވަރެވެ.

ޖަމީލް ދީދީ މިސްކިތުގައި އަޒްމީ ކޮށްފައިވާ ބައެއް ލަކުޑީގެ މަސައްކަތް--- ސަން ފޮޓޯ/ ނަޖާހު މަސްއޫދު

އެ މަޝްރޫއަށް ބޭނުންވާ ސޮފްޓްވެއާ ގަތް ނަމަ އެސްޓީއޯއަށް 80 މިލިއަން ޑޮލަރު ހަރަދު ކުރަން ޖެހުނީސް ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ކިޔައިދެއްވި ގޮތުގައި އެ ހަރަދު ނުކޮށް އެސްޓީއޯ ސަލާމަތްވީ، އަޒްމީ އިސްކޮށް ހުރި އެ ކުންފުނީގެ އައިޓީ ޑިޕާޓްމެންޓުން އެންމެ 20 ދުވަހުގެ ތެރޭގައި މަޝްރޫއަށް ބޭނުންވާ ސޮފްޓްވެއާއެއް އުފައްދައި ނިންމުމުންނެވެ.

އަޒްމީއަކީ އެސްޓީއޯއަށް ގެއްލިގެން ދިޔަ އަގުހުރި މުވައްޒަފެއް އެކަންޏެއް ނޫނެވެ. އަޒްމީ މި ދުނިޔެއާ އަލްވަދާއު ކިޔައިގެން އެދިޔައީ، ލަކުޑީގެ ރީތި މަސައްކަތްތަކެއް ދޫކޮށްފަ އެވެ. އެ މަސައްކަތްތައް ދެން އިތުރަށް ނުފެނުމަކީ ފަޅުކަމަކަށް ވާނެ އެވެ.

comment ކޮމެންޓް