ޕްލެނެޓް އޮފް ދަ އޭޕްސްގައި ޝިމްހާގު ޕޯސްޓަރެއް

މަގުބޫލު އަދި ބޮޑެތި ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ޕްލެނެޓް އޮފް ދަ އޭޕްސް"ގެ އެންމެ ފަހުގެ ފިލްމުގެ އޮފިޝަލް ޕޯސްޓަރު، ދިވެހި އާޓިސްޓެއް ތައްޔާރުކޮށްފިއެވެ.

ޓްވެންޓިއެތު ސެންޗުރީ ފޮކްސްގެ މަގުބޫލު ޕްލެނެޓް އޮފް ދަ އޭޕްސް ފްރެންޗައިޒްއަކީ 1960ގެ އަހަރުތަކުގެ ތެރޭގައި ފުރަތަމަ ރިލީޒްކުރި ފްރެންޗައިޒެކެވެ. އެއަށް ފަހު އެއަށް ލިބެމުން އައި މަގުބޫލުކަން ވަނީ ދުވަހެއް ދުވަހަކަށް އިތުރުވެފައެވެ. އަދި, އެއާއެކު 2001 ވަނަ އަހަރުގައި ފިލްމު ފްރެންޗައިޒް ވަނީ އަލުން ރިބޫޓްކޮށްފައެވެ.

މި ފްރެންޗައިޒްއަށް ވެސް މަގުބޫލުކަމެއް ލިބެމުން އަންނައިރު މި ހަފުތާ ބަންދުގައި ވަނީ ފްރެންޗައިޒްގެ ހަތަރުވަނަ ފިލްމު ވެސް ދައްކަން ފަށާފައެވެ. އެއާ އެކު ޕްރޮޑަކްޝަން ކުންފުނިން އަންނަނީ ފިލްމުގެ ތަފާތު އެކި އޮފިޝަލް އާޓްވޯކުތައް ޕްރޮޑަކްޝަންގެ އޮފިޝަލް ޕޭޖުގައި އާންމުކުރަމުންނެވެ.

އެއިން އެއް ޕޯސްޓަރަކީ ދިވެހީންނަށް މިހާރު އާންމު ނަމެއް ތައްޔާރު ކޮށްފައިވާ އާޓްވޯކް ޕޯސްޓަރެކެވެ. މި ޕޯސްޓަރު ތައްޔާރުކޮށްފައިވަނީ މަޝްހޫރު އާޓިސްޓު އަލީ ޝިމްހާގެވެ.

ޕްލެނެޓް އޮފް ދަ އޭޕްސް ފްރެންޗައިޒް އަށް ރަސްމީ ޕޯސްޓަރެއް ތައްޔާރުކުރުމަށް ޝިމްހާގަށް ފުރުސަތު ލިބިގެން ދިޔައީ "ޕޯސްޓާ ޕޯސީ" ނަމަކަށް ކިޔާ ޖަމިއްޔާއެއްގެ އެހީއާ އެކުގައެވެ. ޕޯސްޓާ ޕޯސީއަކީ ބައިނަލްއަގުވާމީ އާޓް ކަލެކްޓިވް ޖަމިއްޔާއެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އާޓިސްޓުން އެއް ނެޓުވޯކަކުން ގުޅުވާލައި ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް މި ޖަމިއްޔާއިން މަސައްކަތް ކުރެއެވެ.

މި ފުރުސަތާއެކު ޝިމްހާގު ތައްޔާރުކުރި ޕޯސްޓަރު ވަނީ ޓުވެންޓިއެތު ސެންޗުއަރީ ފޮކްސްއިން ބޭނުންކޮށްފައެވެ. އަދި, ހަތަރުވަނަ ފިލްމުގެ ތީމު މި ޕޯސްޓަރުން ރީތިކޮށް ފެނިގެން ދެއެވެ.

ޝިމްހާގު އެންމެ ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައިސްފައިވަނީ އެމެރިކާގެ ކުރީގެ މަގުބޫލު ލަވަކިޔުންތެރިޔެއް ކަމަށްވާ އެރަން ކާޓާ، އޭނާގެ އާޓްވޯކެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި އެރަން ގޮވައިގެން ޝިމްހާގު އެންމެ ފަހުން އެމެރިކާ ކޯޓަށް ގޮސް އެ މައްސަލަ ވަނީ ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް