ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ މި އަހަރުގެ ދައުލަތުގެ ބަޖެޓަށް ކަނޑައެޅި ފައިސާ ހުސްވެގެން ނޫން ކަމަށާއި އެ ބަޖެޓުން މިހާތަނަށް ހަރަދު ކުރެވިފައިވަނީ ވެސް އެންމެ 50 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއި ގުޅޭ ގޮތުން އެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅީ މިސަރުކާރުގެ ވައުދުތައް ފުއްދުމަށް ކަމަށެވެ. އަދި މީގެ ކުރިން ފާސް ކޮށްފައިވާ ބަޖެޓްގައި ހުރި ގިނަ ކަންކަމަކީ ނިމިދިޔަ ސަރުކާރުން ހިމަނާފައިވާ ކަންކަން ކަމަށް އެ ބަޖެޓް ދިރާސާ ކުރި ކޮމެޓީގައި ވިދާޅުވެފައިވާނެ ކަމަށް ވެސް އަމީރު ފާހަގަ ކުރެއްވި އެވެ.
"މި ބަޖެޓް މި ހުށަހަޅަނީ އެއްވެސް ހާލެއްގައި 2019 ވަނަ އަހަރަށް ފާސްކުރި ބަޖެޓް ހުސްވެގެނެއް ނޫން. މި ޖުލައި މަހުގެ ނިޔަލަށް ބަޖެޓުން ހަރަދު ކުރެވިފައިވަނީ ފާސްކުރި މިންވަރުގެ 50 އިންސައްތަ،" އަމީރު ވިދާޅުވި އެވެ.
މަޖިލީހުން މި އަހަރަށް ފާސް ކޮށްފައިވާ ބަޖެޓްގެ ޖުމްލަ އަދަދަކީ 30.3 ބިލިއަން ރުފިޔާ އެވެ. އޭގެތެރެއިން މިދިޔަ ޖުލައިމަހުގެ ނިޔަލަށް ބޭނުން ކުރެވިފައިވަނީ 15.1 ބިލިއަން ރުފިޔާ ކަން އަމީރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ކުރާ ހަރަދު ދެ ފުއް ފެންނަ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަފްތާއެކު އެއްފަހަރު ތަފްސީލްތައް ހާމަ ކުރަމުންދާ ކަމަށެވެ.
ސަރުކާރުން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައި މިވަނީ މި އަހަރުގެ މިހާތަނަށް އިތުރަށް ލިބިފައިވާ ފައިސާ ހަރަދު ކުރުމުށް ކަމަށާއި ސަޕްލިމެންޓްރީ ބެޖެޓްގައި ހިމަނާފައިވާނީ ރަހްމަތްތެރި ގައުމު ތަކުގެ ހިލޭ އެހީއާ ޓީބިލް ވިއްކައިގެން ލިބުނު ފައިސާ ކަން އަމީރު ފާހަގަ ކުރެއްވި އެވެ.
"ސަޕްލިމެންޓްރީ ބަޖެޓްގެ އެންމެ މުހިންމު އެއް ބޭނުމަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅު ކުރުމަށް އެކުލަވާލެވުނު ޖަޒީރާ ރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބަޖެޓް ކަނޑައެޅުން،" އަމީރު ވިދާޅުވި އެވެ.
މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓާއެކު މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަދަދު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، ބަޖެޓްގެ ޖުމްލަ ޑެފިސިޓް 4.9 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.