ލ. މުންޑޫ، ނޫވިލު، އަލީ ޒިޔަދަމް މަރާލާފައި ވަނިކޮށް އޭނާގެ ފުރާނަނެތް ހަށިގަނޑު މުންޑޫ ސިއްހީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި ދައުވާ ލިބޭ އަހްމަދު ޝަނޫން، ޒިޔަދަމްގެ ގަމީހުގައި ހިފާ، ހަށިގަނޑު ބިންމައްޗަށް ވައްޓާލި ކަމަށް ބުނެ ހެކެވެރިޔަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ހެކިބަސް ދީފިއެވެ.
އުމުރުން 29 އަހަރުގެ ޒިޔަދަމް މަރާލާފައި ވަނީ މާޗް 20، 2015 ދުވަހުގެ ރޭ 10:30 ހާއިރު ތޫނު އެއްޗަކުން ހަމާލާދީ އެވެ. މުންޑޫ ހެލްތް ސެންޓަރުގެ އިންޗާޖު އައިޝަތު ނަޒީމާ ޑޮކްޓަރުންނާ ހަވާލާދީ "ސަން"އަށް އެރޭ ވިދާޅުވެފައިވަނީ ޒިޔަދަމް ސިއްހީ މަރުކަޒަށް ގެނައިއިރު އޮތީ މަރުވެފައި ކަމަށެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަޚަމްތަކެއް ހުރި ކަމަށް ސިއްހީ މަރުކަޒުގެ އިންޗާޖު ނަޒީމާ މީގެ ހަތަރު އަހަރު ކުރިން ވިދާޅުވިއެވެ.
ޒިޔަދަމްގެ މަރާލިކަމަށް ތުހުމަތު ކުރެވެނީ ދެ މީހަކަށެވެ. އެ ދެ މީހުންނަށް ވެސް ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ ކޮށްފައެވެ. ދައުވާ ކުރާ ދެ މިހުންނަކީ ލ. މުންޑޫ، ހީނާވިލާ މުހައްމަދު ޝަނޫން އާއި ހަމައެރަށު ބީޗުވިލާ، އަލީ ސިފާމެވެ. މި މައްސަލައާ ގުޅިގެން ޝަނޫނަށް އިތުރު ދެ ދައުވާ އެއްވެސް ކުރެއެވެ. އެއީ މާރާމާރީ ހިންގި ކަމުގެ ކުށުގެ ދައުވާއާއި ބިރުދެއްކުމުގެ ދައުވާއެވެ. ތުހުމަތު ކުރެވޭ ދެމީހުންވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
މި ދެ މީހުންނަށް ކުރެވޭ ތިން ދައުވާގެ މައްސަލަވެސް މިއަދު ކުރިމިނަލް ކޯޓުގައި ތާވަލް ކުރިއެވެ. ނަމަވެސް ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާގެ އަޑުއެހުމަށް ދިފާއީ ވަކީލް ހާޒިރު ނުވުމުން އަޑުއެހުން ކެންސެލް ކުރިއެވެ. މިއަދު ކުރިއަށް ދިޔައީ ޝަނޫނުގެ މައްޗަށް ކުރެވޭ މާރާމާރީ ހިންގި ކަމުގެ ކުށުގެ ދައުވާއާއި ބިރުދެއްކުމުގެ ދައުވާއެވެ.
ރާތް ކުލައިގެ މާ ޖެހި، ނޫކުލައާއި މަޑު ފެހި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ފައިކުރި ހިމަ ޖިންސެއް ލައިގެން ހުރި ޝަނޫން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރި އިރު، ކޯޓަށް ވަންނަމުން އޭނާގެ ދިގު އިސްތަށިގަނޑު މޫނު މައްޗަށް ވައްޓާލައި ނޫސްވެރިންނަށް އޭނާގެ މޫނު ފޮރުވިއެވެ.
މިއަދު އަޑުއެހުމުގައި އޮތީ ދައުލަތުގެ ފަރާތުން ކުށް ސާބިތުކުުރުމަށް ހުށަހެޅި ސިއްރު ހެކިވެރިންގެ ހެކިބަސް ނެގުމެވެ. އެގޮތުން މިއަދު ހަތަރު ހެކިވެރިޔެއްގެ ހެކިބަސް ނެގިއެވެ.
ޝަރީއަތުގެ މަޖިލީހަށް ވަން އިރު، ޝަނޫން ހުރީ ދިގު އިސްތަށިގަނޑު ހުޅި ޖަހާފައި ވަރަށް ވެސް ހަމަ ޖެހިލާފައެވެ. ޝަރީއަތުގެ މަޖިލީހުގައި ޝަނޫން ވަކާލާތު ކުރީ ވަކީލަކާ ނުލައެވެ. ހެކިވެރިންނާ ސުވާލުތައް އަމާޒު ކުރީ އަމިއްލައެވެ.
ދައުލަތުން ހުށަހެޅި ސިއްރު ހަތަރު ހެކިންގެ ތެރެއިން ބިރުދެއްކި ކަމުގެ ދައުވާއަށް ދެމީހަކު ހެކި ބަސް ދިނެވެ. މާރާމާރީ ކުށުގެ ދައުވާއަށް އެކަކު ހެކި ބަސް ދިނެވެެ. އަނެއް މީހާ ދެ ދައުވާއަށް ވެސް ހެކި ބަސްދިނެެވެ.
"ބިރުދެއްކުމުގެ ދައުވާ ކުރަނީ ޒިޔަދަމްގެ ބައްޕައަށް އިންޒާރު ދިނުމުން"
ޝަރީއަރުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އަބްދުﷲ ރާބިއު ވިދާޅުވީ، ޝަނޫނުގެ މައްޗަށް ބިރުދެއްކި ކަމުގެ ދައުވާކޮށްފައިވަނީ، ޒިޔަދަމް މަރާލި ރޭ 11:00 އެހާކަށްހާއިރު ޝަނޫން، ޒިޔަދަމްގެ ބައްޕަ، ލ. މުންޑޫ ނޫވުލު، މުހައްމަދު ނިޒާރަށް އެރަށު ސިއްހީ މަރުކަރު ތެރޭ އިންޒާރު ދިން މައްސަލައިގައި ކަމަށެވެ.
ހެކިވެރިޔާ ހަތެއް!
ބިރުދެއްކި ކަމުގެ ދައުވާއަށް ހެކިވެރިޔާ ހަތެއްގެ ނަމުގައި ހެކިބަސްދިން ފުރަތަމަ މީހާ ބުނީ، ޒިޔަދަމް މަރާލި ރޭ ޝަނޫން ހެލްތް ސެންޓަރުން ފެނުނު ކަމަށެވެ.
ޝަނޫން ފެނުނީ ކީތް ކުރަނިކޮށްތޯ ދައުލަތުގެ ވަކީލާ ސުވާލު ކުރުމުން ހެކިވެރިޔާ ހަތެއް ބުނީ ޝަނޫނު ސިއްހީ މަރުކަރު ގޯތިތެރެއިން ފެނުނީ "ހިތްހަމަނުޖެހިގެން ހަޅޭ ލަވަނިކޮށް،" ކަމަށެވެ. އޭނާ ބުނީ، ޝަނޫނު އެ ގަޑީ ބުނި އެއްޗެއް ލަފްޒުން ލަފްޒަށް ހަދާނެއް ނެތް ކަމަށެވެ.
"[މިހާރު] ހަދާނެތް ނެތް ސީދާ ހާދިސާ ހިނގި ގޮތް" ހެކިވެރިޔާ ހަތެއް ބުންޏެވެ.
ނިޒާރަށް އިންޒާރު ދިން އަޑުއެހިންތޯ ދައުލަތުގެ ވަކީލު ރާބިއު ސުވާލު ކުރުމުން ހެކިވެރުޔާ ބުނީ "އާދެ، އަޑުއެހިން" ކަމަށެވެ. ނަމެވެސް ޒިޔަދަމްގެ ބައްޕައާ ދިމާލަށް ޝަނޫން ބުނި އެއްޗެއް ބަހުން ބަހަށް ހަދާނެއް ނެތް ކަމަށާއި ނަމަވެސް "ތިމަންނައަކީ ކިންގޭ" ނިޒާރާ ދިމާލަށް ޝަނޫން ބުނި އަޑު އެހި ކަމަށް ހެކިވެރިޔާ ހަތެއް ބުންޏެވެ.
އެދުވަހުގެ ހާދިސާ މާ ބޮޑަކަށް ހަދާނެތް ކަމަށް ހެކިވެރިޔާ ހަތެއް ބުނުމުން، މައްސަަލައާ ގުޅިގެން ފުލުހުންނަށް ދިން ބަޔާނަކީ ތެދު ބަޔާނެއްތޯ ދައުލަތުގެ ވަކީލު ތަކުރާރުކޮށް ހެކިވެރިޔާ ކިބައިން އެއްސެވިއެވެ. އަދި ކޮންމެ ފަހަރަކުވެސް ހެކިވެރިޔާ ބުނެފައިވަނީ ފުލުހުންނަށް ދީފައިވަނީ ތެދު ބަޔާނެއް ކަމަށެވެ.
ފުރަތަމަ ހެކިވެރިޔާ ހެކި ބަސް ދިނުމުން ޝަނޫނަށް ހެއްކާ ގުޅޭ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ދިނެއެވެ. ކޮޅަށް ތެދުވެ ޝަނޫނުން ބުނީ، ހެކިވެރިޔާ ދެއްކި ވާހަކަ ސާފު ނުވާ ކަމަށާއި ސިއްރުން އެކި ބަސް ދިން އިރު، އަޑު އައީ ކެނޑިކެނޑީގެން ވަރަށް ލަހުން ކަމަށެވެ.
"ސާފެއް ނޫން ހެކިވެރިޔާ ދެއްކި ވާހަކަ. ހަމައެކަނި ސާފުވީ، ހާދާނެއް ނެތްކަން ބުނުމާއި ތިމަންނައަކީ ކިންގެކޭ ބުނި ކަން އަކަނި،" އިސްކޮޅުން ކުރު، ހިކި ކޮށް ހުރި ޝަނޫނުން އޭނާގެ ދިފާއުގައި ހެކިވެރިޔާއާ ސުވާލުކުރުމަށް ފުރުސަތ ދިނުމުން ބުންޏެވެ.
"ބިރު ދެއްކުމުގެ އުސޫލުން އަހަރެން ނިޒާރުބެއާ ދިމާލަށް ބުނި އެއްޗެއް އަޑުއެހިންތަ، އަދި ބުނީ ކީކޭ،" ޝަނޫނުން ހެކިވެރިޔާ ކިބައިން ސުވާލު ކުރިއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ، "ނިޒާރުުބެއާ ދިމާލަށް ޝަނޫނުން ބުނީ،[ނިޒާރުގެ] ލޮލަށް ކޮންމެވެސް ކަމެއް ކުރާނެމޭ. އަދި ތިމަންނައަކީމީ ކިންގޭ،" ކަމަށެވެ.
ނިޒާރަށް އިންޒާރުދިން ރޭ ޝަނޫން ހުރީ ކޯއްޗެއް ލައިގެންތޯއާއި ބޯލުގެ އިސްތަށީގަނޑު ހުރީ ދިގުކޮށްތޯ ޝަނޫނު އެހިއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ، ޝަނޫނުން ލައިގެން ހުރި އެއްޗެއް މިހާރު ހަދާނެއް ނެތް ކަމަށާއި ނަމަވެސް ބޯ ހުރީ ދިގުކޮށް ކަމަށެވެ.
އެއާއެކު ހެކިވެރިޔާ ހަަދާނެއް ނެތުމުން ކުރާނެ އިތުރު ސުވާލެއް ނެތް ކަމަށް ބުނެ ޝަނޫނުން ހެކިވެރިޔާ ހަތަކާ ސުވާލު ކުރުން ނިންމާލިއެވެ.
ހެކިވެރިޔާ ފަހެއް!
ހެކިވެރިޔާގެ ހަތެއްގެ ހެކިބަސް ނެގުމަށްފަހު، ދެން ޝަރީއަތް ފެށީ ބައި ގަޑިއެއްހާއިރު ހުސް ވަގުތުކޮޅަކަށް ފަހުއެވެ. ހުސްވަގުތައް ފަހު، ބާކީ ތިބި ތިން ހެކީންގެ ހެކިބަސްވެސް އެކީ އެކަށްޗަކަށް ނެގިއެވެ.
ބިރުދެއްކި ކަމުގެ ދައުވާ އަށް ހެކިވެރިޔާ ފަހެއްގެ ނަމުގައި ހެކި ބަސް ދިން ދެވަނަ މިހާ ބުނީ، ޝަނޫން މުންޑޫ ސިއްހީ މަރުކަޒަށް އެރޭ އައީ އޭނާ އެތާ ހުއްޓާ ކަމަށެވެ. ދައުލަތުގެ ވަކީލު މައްސަލައާ ގުޅޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ފަހެއް ބުނީ، ޝަނޫން ވަރަށް ރުޅި އައިސްގެން ހުރެ ޒިޔަދަމްގެ ބައްޕަ ނިޒާރާ ޒުވާބުކުރަނިކޮށް ފެނުނު ކަމަށެވެ.
ހެކިވެރިޔާ ފަަހަކާ ޝަނޫން ސުވާލު ކުރުމަށް ފުރުސަތު ދިނުމުން މިކަން ހިނގީ ކޮންތާކުތޯއާއި ހެކިވެރިޔާ އޭރު ހުރީ ކިހާ ހިސާބެެއްގައިތޯ ޝަނޫން އެހިއެވެ. ޖަވާބުގައި ހެކިވެރިޔާ ބުނީ، މިކަން ހިނގީ ސިއްހީ މަރުކަޒު ބިތްދޮށުގައި ކަމަށާއި އޭނާ ހުރީ އަޑު އިވޭ ހިސާބުގައި ކަމަށެވެ. އެއާއެކު ފޫޓުން ބަލާއިރު އެއީ ކިހާ ހިސާބެއްތޯ ޝަނޫން އެހިއެވެ. މައްސަލަ ބަލާ ފަނޑިޔާރު މުހައްމަދު ސަމީރު ވިދާޅުވީ، އެއީ ސިއްރު ހެކިވެރިޔާގެ ސިއްރުކަން ގެއްލޭފަދަ ސުވާލެއް ކަމަށާއި އެ ސުވާލު ނުކުރެވޭނެ ކަމަށެވެ.
ޝަނޫން ނިޒާރާ ދިމާލަށް ބުނީ ކީކޭތޯ އެނާ ހެކިވެރިޔާ ކައިރިން އެހިއެވެ. ޖަވަބުގައި ހެކިވެރިޔާ ފަހެއް ބުނީ ނިޒާރާ ދިމާލަށް ބުނީ "ކޯއްޗެއްހޭ ތިބަލަނީ، ލޮލަށް އިިނގިލި ޖަހާފާނަމޭ. މިއީ މިރަށު ދާދާއޭ،" ކަމަށެވެ. އެއާއެކު ޝަނޫން ހެކިވެރިޔާ ފަަހަކާ ސުވާލުކުރުން ނިންމާލިއެވެ.
"މާރާމާރީގެ ދައުވާ ކުރަނީ ޒިޔަދަމްގެ ހަށިގަނޑު އުފުލި މީހާއަށް ހަމަލާ ދިނުމުން"
ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނެގުމަށްފަހު، ތިންވެރިޔާގެ ހެކިބަސް ނަގަނީ ބިރުދެއްކުމުގެ ދައުވާއާއި މާރާމާރީގެ ކުށުގެ ދައުވާ ސާބިތު ކުރަން ކަމަށް ދައުލަތުގެ ވަކީލު ރާބިއު ވިދާޅުވިއެވެ. ރާބިއު ވިދާޅުވީ، މާރާމާރީ ކުށުގެ ދައުވާ ޝަނޫނުގެ މައްޗަށް ކުރަނީ، ޒިޔަދަމް މަރާލި ރޭ ޒިޔަދަމްއަށް ހަމާލާދިނުމަށްފަހު، އޭނާގެ ފުރާނާ ނެތް ހަށިގަނޑު އެރަށު ސިއްހީ މަރުކަޒަ ގެންދިޔަ މަގުމަތީ، އެނާގެ ހަށިގަނޑު ގެންދިޔަ މުހައްމަދު ޝީފާޒަށް ހަމަލާ ދިން މައްސަލައިގައި ކަމަށެވެ. އަދި އޭނާ އަށް ހަމަލާ ދިނުމުން ޒިޔަދަމްގެ ހަށިގަނޑު ބިންމައްޗަށް ވެއްޓުނު ކަމަށް ދައުލުަތުގެ ވަކީލު ރަފީއު ވިދާޅުވިއެވެ.
ހެކިވެރިޔާ ހަޔެއް އަދި ހެކިވެރިޔާ ފަހެއް!
ބިރުދެއްކި ކަމުގެ ދައުވާއަށް ތިންވަނަ ހެކިބަސް ދިން މީހާ ހެކިބަސް ދިނީ ސިއްރު ހެކި ހަޔެއްގެ ނަމުގައެވެ. އަދި މާރާމާރީގެ ދައުވާއަށް ސިއްރު ހެކި ފަހެއްގެ ނަމުގައި އޭނާ ހެކިބަސް ދިނެއެވެ.
މާރާމާރީގެ ދައުވާއަށް ހެކިބަސް ދެމުން ހެކިވެރިޔާ ފަހެއް ބުނީ، ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަގުމަތީ ޒިޔަދަމްގެ ހަށިގަނޑު އޭނާ އަށް ފެނުނު ކަމަށެވެ. ޒިޔަދަމްގެ ހަށިގަނޑު ގެންދިޔަ މުހައްމަދު ޝީފާޒަށް ހަމަލާދިންތައް ފެނުނު ކަމަށް ހެކިވެރިޔާ ފަހެއް ބުންޏެވެ. އަދި އެ ވަގުތު ޝަނޫން ޒިޔަދަމްގެ ހަށިގަނޑުގައި ޖަހާ އޭނާގެ ފުރާނަ ނެތް ހަށިގަނޑު ވެސް ބިންމައްޗަށް ވައްޓާލި މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ފަހެއް ބުންޏެވެ.
"[ޝަނޫނުން] ޝީފާޒު މޭ މަތީގައި ޖަހާފައި ކޮއްޕާލީ،" ހެކިވެރިޔާ ފަހެއް ބުންޏެވެ. "ޒިޔަދަމްގެ [ގަމީހުގައި ހިފާ އޭނާގެ ހަށިގަނޑު] ވައްޓާލީ،"
ޝަނޫނަށް ސުވާލު ކުރުމަށް ފުރުސަތު ދިނުމުން އެ މަގަކީ އަދިރި މަގެއްތޯ ސުވާލު ކުރިއެވެ. ހެކިވެރިޔާ ފަހެއް ބުނީ، އޭރު އެ މަގުގައި ހުރީ ފަނޑު އައްޔެއް ކަމަށާއި ނަމެވެސް އެތާ ހިނގި ކަންތައް އޭނާ އަށް ފެނުނު ކަމަށެވެ.
އެވަގުތު ޝަނޫނު އެއްވެސް ވާހަކަ އެއް ދެއްކި އަޑު އެހިތޯ ޝަނޫން ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ، "ޝަނޫން ބުނި ބަޔަކު ކޮށްފަ އިން ކަމެކޭ[ޒިޔަދަމް މަރާލުން]." އެގޮތަށް ބުނި އަޑު އެހި ކަމަށެވެ.
ޝަނޫން ފަހު ސުވާލަކަށް ކުރީ ހެކިވެރިޔާ ފަހަކާ އެއްވެސް ޒާތީ ކަމެއް އަދި ހަސަދައެއް ޝަނޫންއާ މެދު އޮވޭތޯ ސުވާލުކުރިއެވެ. ޖަވާބުގައި އެފަދަ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހެކިވެރިޔާ ފަހެއް ބުންޏެވެ.
ތިން ވަނަ އަށް ހެކި ބަސް ދިން މިހާ ބިރުދެއްކުމުގެ ދައުވާއަށް ހެކި ބަސް ދިނެއެވެ. ސިއްހީ މަރުކަޒުން ޝަނޫން ފެނުނު ކަމަށާއި އޭރު ނިޒާރަށް ޝަނޫން އިންޒާރު ދިން އިރު، ނިޒާރު ހުރީ ސިއްހީ މަރުކަޒުގެ ހުޅަނގު ފަރާތު ކަމަށެވެ. އަދި އެރޭ ރުޅިއަސްގެން ނިޒާރާ ޒުވާބު ކުރި އިރު ޝަނޫން ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވެސް ހެކިވެރިޔާ ހަޔެއްގެ ނަމުގައި ހެކިބަސް ދެމުން އޭނާ ބުންޏެވެ.
ހެކިވެރިޔާ ހަތަރެއް!
މިއަދު ޝަރީއަތުގެ އަޑުއެހުމުގައި އެންމެ ފަހުން ހެކި ބަސް ނެގީ ސިއްރު ހެކި ހަތަރެކެވެ. އޭނާ ހެކި ބަސް ދިނީ މާރާމާރީ ކުށުގެ ދައުވާ ސާބިތު ކުރުމަށެވެ.
ހެކިވެރިޔާ ހަތަރެއް ބުނީ، ޒިޔަދަމްގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަ މަގުތަމަތީ މުހައްމަދު ޝީފާޒު ގައިގައި ޖެހި މަންޒަރު އޭނާ އަށް ފުނުނު ކަމަށެވެ.
ޝަނޫން ޝީފާޒުގައިގައި ޖެހީ ކޮންތާކުތޯއާއި ޖެހީ ކިހިނެތްތޯ ޝީފާޒު ހެކިވެރިޔާ ހަތަރެއްގެ ކިބައިން އެހިއެވެ. ޖަވާބުގައި ހެކިވެރިޔާ ހަތަަރެއް ބުނީ ޝަނޫން ޝިފާޒު ގައިގައި ޖެހީ މޭމަަތީގައި އޭނަގެ އަތުން ކަމަށެވެ. ޖެހީ ދުވެފައި އައިސަތޯ ނުވަތަ ހިނގާފައިތޯ އަދި ޝަނޫން ހުރީ އިސްތަށީގަނޑު ދިގުކޮށްތޯ ޝަނޫން ސުވާލު ކުރިއެވެ.
"ޖެހީ ދުވެފަ އައިސަ ކަމެއް، ހިނގާފައި ކަމެއް [ބުނާކަށް] ނޭނގެ" ހެކިވެރިޔާ ހަތަރެއް ބުންޏެވެ. "ޝަނޫން ހުރީ ބޯ ދިގުކޮށް"
ޒަތީ ހަސަދައެއް އޮތްތޯ ޝަނޫނުން ހެކިވެރިޔާ ހަތަރެއް ކައިރީ އެހިއެވެ. "[ޒާތީ ހަސަދައެއް]ނެތޭ ދަރިޔާ" ހެކިވެރިޔާ ބުންޏެވެ. އެއެކު ވަރަށް ބާރަށް އަނެއްކާވެސް ތަކުރާރުކޮށް ޝަނޫން އެސުވާލު ކުރިއެވެ. ހެކިވެރިޔާ ބުނީ އެފަދަ ކަމެއް ނޯންނާނެ ކަމަށެވެ.
ހަތަރުވަނަ އަށް ނެގި ހެއްކާއެކު މިއަދުގެ ދެ ދައުވާއަށް މިއަދަށް ނަގަން ހުރި ހެކިބަސް ނަގައި ނިންމާލިއެެވެ.
ދައުލަތުގެ ވަކީލު ބުނީ، މި ދެ ދައުވާއަަށް ވަކިން ނަގަން ޖެހޭ ސިއްރު ހެކިތައް ނިމުނީ ކަމަށާއި ނަމަވެސް ގަސްތުގައި މީހަކު މެރި ކަމުގެ ދައުވާ އަށް ނަގާ ސިއްރު ހެކިތަކުގެ ތެރޭގައި މި ދެ ދައުވާ އަށް ވެސް ބޭނުން ކުރާ ހެކިތައް ހިމެނޭ ކަމަށެވެ.
ގަތްގަނޑަކަށް ތިން ގަޑިއިރަށް ދިގު ދެމިގެން ދިޔަ އެ ޝަރީއަތުގެ އަޑުއެހުން ނިންމަވާލަމުން ފަނޑިޔާރު ސަމީރު ވިދާޅުވީ، ދެން ދެ ދައުވާގެ އަޑުއެހުމެއް ބާއްވާނީ އަންނަ މަހު 12 ވަނަ ދުވަހު ކަމަށެވެ.