މުންޑޫގައި ހިންގި މާރާމާރީއެއްގައި މީހަކު މަރާލައިފި

ލ. މުންޑޫގައި ހިންގި މާރާމާރީއެއްގައި މީހަކު މިރޭ މަރާލައިފި އެވެ.

މުންޑޫގައި ހިންގި މާރާމާރީގައި ލިބުނު ފުން ޒަހަމްތަކާ ގުޅިގެން މަރުވީ އެ ރަށު ނޫވިލު، އަލީ ޒިޔަދަމް، 29، އެވެ. މަރުވި ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ މުންޑޫ ހެލްތް ސެންޓަރުގަ އެވެ.

މުންޑޫ ހެލްތް ސެންޓަރުގެ އިންޗާޖު އައިޝަތު ނަޒީމާ ޑޮކްޓަރުންނާ ހަވާލާދީ "ސަން"އަށް މިރޭ ވިދާޅުވީ އެ ޒުވާނާ އެ ސެންޓަރަކަށް ގެނައިއިރު އޮތީ މަރުވެފައި ކަމަށެވެ. އޭނާގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވުމުން ފުން ޒަހަމްތަކެއް ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ރަށުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި އެ ރަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެމައްސަލަ އާއި ގުޅިގެން ތުހުމަތު ކުރެވޭ އިތުރު މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި މިރޭގެ ހާދިސާގައި މަރުވެފައިވާ ޒިޔަދަމް އަކީ ވައްކަމާ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު