ވޭތުވެ ދިޔަ އަހަރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލާއި ޔޫރޮޕާ ލީގުގެ ތަށި އުފުލާލި ޗެލްސީ މިރޭ ކުޅުނު ޔޫއެފާ ސުޕަ ކަޕުގައި ޕެނަލްޓީން ކުރި ހޯދައި ލިވަޕޫލް ތަށި އުފުލާލައިފި އެވެ.
މީގެ އަހަރުތަކެއް ކުރިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި އާދަޔާ ޙިލާފު ގޮތަކަށް ލިވަޕޫލުން މިލާން ބަލިކުރި ދަނޑުގައި މިރޭ ކުޅުނު މެޗުން ޗެލްސީ ގާތުން އެ ޓީމު ޕެނަލްޓީ ޖަހައިގެން މޮޅުވީ ޖެހި ފަސް ޕެނަލްޓީ ވެސް ކާމިޔާބު ކޮށްގެންނެވެ. ޗެލްސީއަށް ޕެނަަލްޓީގައި ނާކާމިޔާބުވީ އެ ޓީމުން އެންމެ ފަހުން ޖެހި ޕެނަލްޓީ އެވެ.
މިރޭގެ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު އިރު ދެ ޓީމު ވެސް މެޗަށް ނުކުތީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. ވޭތުވެ ދިޔަ ސީޒަނުގައި ވެސް ކުޅުނު ގިނަ ކުޅުންތެރިންނާ އެކު ލިވަޕޫލް މިރޭގެ މެޗު ފެށި ނަމަވެސް އެ ޓީމުގެ ފުރަތަމަ އެގާރައިގެ ކީޕަރު އެލިސަން ބެކާ އަނިޔާގެ ސަބަބުން މެޗުގައި ކުޅެފައެއް ނުވެ އެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޗެލްސީ އެވެ. ފުރަތަމަ ހާފުގެ މެދަކާ ހިސާބުގައި ފްރާންސްގެ ފޮވާޑް އޮލިވިއާ ޖިރޫޑް ޗެލްސީއަށް ލީޑު ނަގައިދިން އިރު އެ ޓީމަށް ވަނީ އެ ހާފުގައި ލީޑު ފުޅާ ކުރުމަށް ގިނަ ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ޕެޑްރޯ ފޮނުވާލި ބޯޅައެއް ހުރަސް ދަނޑީގައި ޖެހުނު އިރު އެ ޓީމަށް އަލަށް ގުޅުނު ކްރިސްޓިއަން ޕުލިސިޗް ޖެހި ގޯލެއް ވަނީ އޮފްސައިޑު ވެފަ އެވެ.
ލިވަޕޫލަށް އެ ހާފުގައި ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި އިރު ދެ ވަނަ ހާފަށް އެ ޓީމުން ނުކުތީ ބަދަލަކާ އެކު އެވެ. އެގޮތުން އެ ޓީމަށް މިދިޔަ ދެ ތިން ސީޒަނުގައި ގިނަ ގޯލުތަކެއް ޖަހައިދިން ރޮބާޓޯ ފިރްމީނިއޯ ކުޅެން ނުކުތުމުން އެ ޓީމުގެ އެޓޭކް ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ދިން ބޯޅަ އަކުން ދެވަނަ ހާފުގެ ކުރީ ކޮޅު ސާޑިއޯ މާނޭ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ލިވަޕޫލުން ޖެހި ގޯލާ އެކު ޗެލްސީން ޑިފެންސް ވަރުގަދަކޮށް ހިތްވަރާ އެކު ކުޅުނެވެ. އަދި ފުރިހަމަ ވަގުތު ހަމަވި އިރު ދެ ޓީމަށް ވެސް އެއް ގޯލު ޖެހިފައިވާތީ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ވަނީ ގޯލެއް ޖަހައިފަ އެވެ އެ ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ މާނޭ އެވެ.
މާނޭގެ އިތުރު ހާފުގެ ގޯލަށްފަހު ޗެލްސީން އަނެއްކާވެސް ޓީމު ކުރިއަށް ޖައްސައި ގޯލެއް ޖަހަން މަސައްކަތް ކުރި އެވެ. ނަތީޖާއެއްގެ ގޮތުން އެ ޓީމުން ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ހޯދައިފަ އެވެ. ޗެލްސީގެ ފޯވާޑް ޓެމީ އަބްރަހަމްއަށް ލިވަޕޫލްގެ ކީޕަރު އެޑްރިއަން ކުރި ފައުލަކާ ގުޅިގެން ލިބުނު އެ ޕެނަލްޓީ ގޯލުގެ ތެރެއަށް ފޮނުވާލައި ޕެނަލްޓީއަށް އެ ޓީމު ގެންގޮސްދިނީ ޖޯޖީނިއޯ އެވެ.
އިތުރު ވަގުތު ނިމުނު އިރު ނަތީޖާ ހަމަހަމަ ވެފައި ވުމުން ޖެހި ފުރަތަމަ ޕެނަލްޓީ ލިވަޕޫލްގެ ފިރްމީނިއޯ ފޮނުވާލި އިރު ޗެލްސީން ޖެހި ފުރަތަމަ ޕެނަލްޓީ ފޮނުވާލީ ޖޯޖީނިއޯ އެވެ. އެ ދެ ޕެނަލްޓީ ވެސް ކީޕަރުންނަށް ފަޅި އޮޅުވާލައިގެން ޖެހި އިރު ލިވަޕޫލްގެ ދެވަނަ ޕެނަލްޓީ ފޮނުވާލީ ފެބީނިއޯ އެވެ. ޗެލްސީގެ ދެވަނަ ޕެނަލްޓީ ޖެހީ ރޮސް ބާކްލީ އެވެ. ތިން ވަނަ ޕެނަލްޓީ ޑިވޮކް އޮރިޖީއާއި މޭސަން މައުންޓް ފޮނުވާލި އިރު ހަތަރު ވަނަ ޕެނަލްޓީތައް ފޮނުވާލީ އާނޯލްޑާއި އެމާސަން އެވެ.
ލިވަޕޫލުން ޖެހި ފަހު ޕެނަލްޓީ ފޮނުވާލީ މުހައްމަދު ސަލާހު އެވެ. އެއަށްފަހު ޗެލްސީން ޖެހި ފަސް ވަނަ ޕެނަލްޓީ ޖެހީ އަބްރަހަމް އެވެ. އެ ޕެނަލްޓީ ވަނި ލިވަޕޫލްގެ ކީޕަރު އެޑްރިއަން ހުއްޓުވާފަ އެވެ.