ލަންކާ ރާއްޖެ މެޗަށް ސޯޝަލް ސެންޓަރު ފުރާލަދިނުމަށް މަހުލޫފު އެދިއްޖެ

ލަންކާގެ މެޗާ ބެހޭގޮތުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއެކު މިނިސްޓްރީގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން--- ސަން ފޮޓޯ: އަބްދުﷲ އައިމަން

ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތަށް ތައްޔާރުވާ ރާއްޖޭގެ ވޮލީބޯޅަ ގައުމީ ޓީމު، ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މެޗަށް އެ ސެންޓަރު ފުރާލަ ދިނުމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް އެދިވަޑައިގެންފި އެވެ.

މަހުލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ވޮލީ ތާރީހުގައި ބޭރުގެ ގައުމަކާ އެކު އެންމެ ފުރަތަމަ އެކުވެރިކަމުގެ މެޗެއް ކުޅެވޭ ރޭ ކަމަށެވެ.

" ލަންކާ އަތުން މީގެ ކުރިން ރާއްޖެއަށް މޮޅެއް ލިބިފައިނުވާއިރު މިރޭ ސަޕޯޓަރުންގެ ކުރިމަތީގައި ލަންކާ ބަލިކުރުމަކީ އަޅުގަނޑުމެންގެ އުއްމީދު" މަހުލޫފް ވިދާޅުވިއެވެ.

ލަންކާއާ ރާއްޖެއާ ދެމެދު ކުޅޭ މެޗް ފެށެނީ މިރޭ 8:15 ގައެވެ.

އެ މެޗަށް ވ. އަތޮޅުގެ ރައްޔިތުން ހިލޭ މާލެ ގެނެސްދޭގޮތަށްވެސް ޔޫތު މިނިސްޓްރީން ވަނީ އިންތިޒާމްތައް ހަމަޖައްސައިފަ އެވެ. ގައުމީ ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ ވ. އަތޮޅަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

މަހުލޫފް ވިދާޅުވީ ކުރިން ވޮލީއަށް މާބޮޑު އަޅާލުމެއް ރާއްޖޭގައި ދީފައި ނެތް ނަމަވެސް މިހާރު ބޭނުންވަނީ އާ ފެށުމަކުން ފަށަން ކަމަށެވެ.

ލަންކާއާއެކު ކުޅޭ މެޗު ބަލާލުމަށް ރިސޯޓްތަކުގެ މުވައްޒަފުންނަށްވެސް މިހާރު ދައުވަތު އަރުވައިފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

comment ކޮމެންޓް