އައްޑޫ ސިޓީއަށް އަހަރެމެން ކުރި ދަތުރުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން އަހަރެމެންނަށް އިންތިޒާމުކޮށްދިން ޓުއާގެ ތެރެއިން، އެ ރަށުގައި އޮންނަ (ނަމަވެސް މިހާރު ބޭނުން ނުކުރާ) ސީޕްލޭން ޓާމިނަލް އޮންނަ ދިމާލަށް ދިޔައިމެވެ.
އައްޑޫ ގަން ބަލަހައްޓަނީ އެމްއެންޑީއެފްގެ އިތުރުން، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިންނެވެ. އެއާޕޯޓާއި އަސްކަރިއްޔާއިން ބަލަހައްޓާ ރަށެއް ކަމުން، އެރަށުގެ ބައެއް ތަންތަނަށް ބޭނުންހާ ވަގުތެއްގައި، ހުއްދަ ނެތި ނުދެވެއެވެ.
ބޭނުމެއް ނުކޮށް، ވީރާނާވާން ދޫކޮށްލާފައި އޮތް ސީޕްލޭން ޓާމިނަލްގެ "މޮޅިވެރި" އިމާރާތާއި ވަށައިގެންވާ ދިމާތައް ބަލަމުން ދިޔައިމެވެ. ފައިސާ ނެތުމުން މިތަންތަން "ވާ ވުމަށް" ދޫކޮށްލުން ނޫން އެހެން ގޮތެއް އެއާޕޯޓު ކުންފުންޏަށް ނެތީއެވެ.
ނަމަވެސް މި ހުރިހާ ވާހަކައެއްގެ ތެރެއިން އަހަރެންގެ ކަންފަތުގައި އަޅައިގަތީ އެއާޕޯޓުގެ މުވައްޒަފަކު ދެއްކި އެހެން ވާހަކައެވެ.
"މިތަނުގައި ހުންނާނެ ވަރަށް ކުރީގެ މިސްކިތަކާއި މުސްކުޅި ގަބުރުސްތާނެއްވެސް. ރަސްކަލެއްގެ އަނބިކަނބަލަކާއި އާއިލާ ވަޅުލާފައި ވަނީ އެތަނުގައި. މަހާނަ ގައުތައް އަދިވެސް އެބަހުރި،"
ނަމަވެސް ވަގުތު ނެތުމުން އެތަން ބަލާލަން ނުދެވުނީއެވެ. ވަރަށް ހިތާމަވެރިއެވެ. އެކަމަކުވެސް ވަރަށް ޝައުގުވެރި ވާހަކަތަކެކެވެ.
އެހެންކަމުން ދެން ޖެހުނީ އެ މައުލޫމާތު އެހެން ގޮތަކުން ހޯދާށެވެ. އެތަންތަނުގެ ތާރީޚީ މައުލޫމާތު އަހަރެންނާ ހިއްސާކުރެެއްވީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗު އެނަލިސްޓު މުހައްމަދު ނާޖިހެވެ.
އައްޑޫ ގަމުގެ އާސާރުތަކުގެ ޝައުގުވެރި ވާހަކަތައް
ނާޖިހު ކިޔައިދެއްވި ގޮތުގައި، އެއާޕޯޓުގެ އެ މުވައްޒަފު އެ ދުވަހު ބުނި އެ މިސްކިތަކީ ގަމުގެ ކުރީގެ ހުކުރު މިސްކިތެވެ. ނުވަތަ "މާ މިސްކިތެ"ވެ. އަދި އެއްކަލަ ގަބުރުސްތާނަކީ އެ މިސްކިތާ އިންވެގެން އޮންނަ ގަބުރުސްތާނެވެ.
މާ މިސްކިތަކީ ގަމުގައި ކުރިން ހުރި މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު މިސްކިތެވެ. އަދި މިހާރު ގަމުގައި ހުރި ހަމައެކަނި އިހުގެ މިސްކިތެވެ. ދެން ހުންނަ މިސްކިތަކީ އިނގިރޭސީންގެ ދުވަސްވަރު ޗާޗެއްގެ ގޮތުގައި ބޭނުންކުރި، އަދި މިހާރު މިސްކިތެއްގެ ގޮތުގައި ބޭނުންކުރާ ތަނެވެ.
މާ މިސްކިތާ އިންވެގެން އޮންނަނީ ވަރަށް އާސާރީ ގަބުރުސްތާނެއް ކަމަށް ނާޖިހު ވިދާޅުވިއެވެ.
"އެ ގަބުރުސްތާނުގައި ދިވެސް އަކުރު ގައު އެބަހުރި،" ނާޖިހު ވިދާޅުވިއެވެ.
އެތަނުގައި ފަސްދާނުލެވިފައިވާ ބައެއް ބޭބޭފުޅުންގެ ތެރޭގައި 1700 އިން 1701 އަށް ރާއްޖޭގައި ރަސްކަން ކުރެއްވި އިސްދޫ ދަރިކޮޅުގެ އައްސުލްތާން އަލީ ޝާހު ބަންދަރު ސިރީ ކުލަރަންމުތް މަހާރަދުން (ހަތްވަނަ އަލީ ރަސްގެފާނު) ކައިވެނި ބައްލަވައިގެންނެވި ސ. ގަމު އެދުރު މުހައްމަދު ފަނޑިއްތަކުރުފާނުގެ ކަނބޯވަތި އާއިޝާ ކަނބާފާނު ހިމެނެއެވެ. އެ ކަނބާފާނުގެ މަހާނަގައު އެތަނުގައި އަދިވެސް އެބަ ހުރި ކަމަށް ވެއެވެ.
އަދި އިސްދޫ އަލީ ރަސްގެފާނުގެ ދަރިކަލުން، އައްސުލްތާން ހަސަން (ދިހަވަނަ)ގެ ދަރިކޮޅުގެ ބޭބޭފުޅުންގެ މަހާނަގައުތައްވެސް އެތަނުގައި ހުންނަކަމަށް ނާޖިހު ވިދާޅުވެއެވެ.
މި މިސްކިތާއި ގަބުރުސްތާނުގެ އިތުރުން، އެއަށް ވުރެ މާ ކުރީގެ ލޭންޑްމާކެއް ގަމުގައި ހުއްޓެވެ. އެއީ ބުދުދީނުގެ ޒަމާނުގައި ހުރި ސްޓޫޕާއެކެވެ. ފަހުން އެއީ ގާފުންޏެކެވެ--ރާއްޖެ އިސްލާމް ވުމަށްފަހު ބުދު ދީނުގެ ހުރިހާ ބިނާތައް ތަޅާލިއެވެ.
އެ ގާފުންޏަށް ކިޔައި އުޅުނީ "އުސްތުނބާ"އެވެ.
"އިނގިރޭސީން އައުމުގެ ކުރިން އެތަން ހުރި. ރަންވޭ ހަދަންވެގެން އެތަން ދުއްވާލީ. އެ ފަސްފުންޏެއް މިހާރަކު ނެތް،" ނާޖިހު ވިދާޅުވިއެވެ.
އާރުއޭއެފްގެ ތަރިކަ
ގަން ފަޅުކޮށް، ގަމުގެ ރައްޔިތުން ފޭދޫއަށް ބަދަލުކުރީ އިނގިރޭސި ރޯޔަލް އެއާފޯސްގެ ބޭސް އެތަނުގައި އެޅުމަށެވެ. ރާއްޖޭގެ "މޮޑާން ހިސްޓްރީ"ގައި އެންމެ ފާހަގަކޮށްލެވޭ އަދި ތަފާތު އިމާރާތްތަކަކީ އިނގިރޭސީން ގަމުގައި އެޅި ތަންތަނެވެ. އެ ތަންތަން ބައިވަރެވެ!
ގަމުގެ އެކި ދިމަދިމާލުގައި އިނގިރޭސީން ދިރިއުޅެން އޭރު ހަދާފައިވާ އެކޮމޮޑޭޝަން އިމާރާތްތަކާއި މެސް ހޯލްތަކުގެ ގޮތުގައި ބޭނުންކުރި ތަންތަން އަދިވެސް އެބަ ހުއްޓެވެ. އޭގެ ތެރެއިން ބައެއް ތަންތަން އަދިވެސް ދަނީ ބޭނުންކުރަމުންނެވެ. ގަމުގެ އީކުއޭޓާ ވިލެޖު ރިސޯޓުގެ ވެބްސައިޓުގައި ބުނާ ގޮތުގައި، އެ ރިސޯޓުވެސް ހަދާފައިވަނީ އާރުއޭއެފް ސާޖަންޓުންގެ މެސް ހުރި ތަނުގައެވެ. އަދި އޭރުގެ އިމާރާތްތައް މަރާމާތުކޮށް، ރިސޯޓުގެ ބައެއް ތަންތަނުގެ ގޮތުގައި ބޭނުންވެސް ކުރެއެވެ.
ގަމުގައި ހުންނަ އެސްޓްރާ ސިނަމާއަކީ އާރުއޭއެފްގެ މީހުން ފިލްމު ބެލުމަށް ހެދި ތަނެކެވެ. މިހާރު އެތަނަކީ ބޭނުން ނުކުރާ ތަނެއް ނަމަވެސް، އެ ތަން ހުރީ އެ ޒަމާނުގައިވެސް ހުރި ގޮތަށެވެ. އާރުއޭއެފް މީހުންގެ ޚާއްސަ ރިޔޫނިއަނެއް ބޭއްވުމަށްޓަކައި، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިން އެތަން މަރާމާތުކޮށް، ތައްޔާރުކޮށްދިނެވެ.
އެސްޓްރާ ސިނަމާގެ އިމާރާތަށް ވަނީމެވެ. އިނގިރޭސީން އެތަނުގައި ބެހެއްޓި އެގްޒޯސްޓް ފަންކަލާއި ރަނގަބީލު ހަމަ އެ ދުވަހުވެސް މަސައްކަތްކުރި ހައިބަތުގައި މިއަދުވެސް މަސައްކަތްކުރެއެވެ. އެސްޓްރާގެ އެތެރެ މިހާރު ހުރީ ކުޑަވަރެއްގެ ފޮޓޯ މައުރަޒެއްގެ ގޮތުގައެވެ. އެތަނުގެ އެތެރޭގެ ފާރުތަކުގައި ހިއްޕާފައި ހުރީ އާރުއޭއެފް މީހުން ނަގާފައި ހުރި ފޮޓޯތަކާއި، އެމީހުންގެ ޔުނިފޯމުތަކާއި އާރުއޭއެފް ގޭންގައި މަސައްކަތްކުރި ދިވެހީންނަށް ދޫކުރި ޕާމިޓް ކާޑުތައް ފަދަ ތަކެއްޗެވެ. ތާރީޚީ، މުހިންމު ތަރިކައެވެ.
ގަން އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަށް އަރާލުމާއި، އެއާޕޯޓުގެ ބައެއް އޮޕަރޭޝަނަލް ބިލްޑިންގްތަކަށް ވަދެ ބަލާލުމުގެ ފުރުސަތު ލިބުނެވެ. އެއާޕޯޓުގެ "ބިންގަލަކީ"ވެސް އާރުއޭއެފް މީހުން ބިނާކުރި އަސްކަރީ ވައިގެ މަރުކަޒެވެ.
ގަން ތެރޭގައި ދުއްވަމުން ދިޔަ އިރު އާރުއޭއެފްގެ މީހުން ހަދާފައި ހުރި ބައެއް ބިނާތަކާއި މެމޯރިއަލްތައްވެސް ފެނުނެވެ--ވަރަށް ނަލައެވެ.
"މިތަނުގައި ހުރި ބައެއް އާލާތްތަކަކީ އިނގިރޭސީން ބެހެއްޓި އެއްޗެހި،" އެއާޕޯޓުގެ މެއިންޓެނަންސް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށް އިޝާރާތްކޮށް، އަހަރެމެންނަށް ގަން ދައްކާލަން އުޅުނު އެއާޕޯޓުގެ މުވައްޒަފަކު ބުންޏެވެ.
އެހެން ނަމަވެސް ހަމަ މި ރަށުން ހިތާމަވެރި މަންޒަރުތަކެއްވެސް ފެނުނެވެ. އިނގިރޭސީން އަޅާފައި ހުރި ބައެއް އިމާރާތްތައް ވީރާނާވާން ދޫކޮށްލާފައި އެބަ ހުއްޓެވެ. ބައެއް އިމާރާތްތަކުގެ ޝީޓާއި ސީލިންގް ވެއްޓިފައި ހުރި މަންޒަރު ފެނުނެވެ. ފުރާޅުގެ ޓިނުގަނޑު ނެއްޓި، އިމާރާތުން އެލިފައި ހުއްޓެވެ.
"ގަން ބަލަހައްޓާ ޔުނިޓުން މި ރަށް ބެލެހެއްޓި އިރު ވަރަށް ފުރިހަމަކޮށް އޮންނާނީ. މިކަހަލަ އެއްވެސް ކަމެއް އޭރު ނުފެންނާނެ. އެއާޕޯޓު ކުންފުންޏަށް މި ރަށް އެންމެ ފުރިހަމަކޮށް ނުބެލެހެއްޓޭ،" އެއާޕޯޓުގެ މުވައްޒަފު ކިޔައިދިނެވެ.
ގަން ބަލަހައްޓާ ޔުނިޓަކީ ކުރިން އޮތް އައްޑޫ ޑިވެލޮޕްމެންޓް އޮތޯރިޓީ (އޭޑީއޭ)ގެ ޔުނިޓެކެވެ. ކުރީ، އެ ޔުނިޓުގެ ނަމުންވެސް ސިފަކޮށްދޭ މަސައްކަތެވެ--ގަން ބެލެހެއްޓުމެވެ. އޭރު 700 އެއްހާ މުވައްޒަފުން ގަން ބެލެހެއްޓުމުގައި އުޅުނެވެ. ނަމަވެސް ފަހުން އޭޑީއޭ އުވާލުމާއެކު އެކަންވެސް ނިމުމަކަށް އައީއެވެ.
"އެއާޕޯޓު ކުންފުނީގައި މިހާރު ތިބީ 200 އެއްހާ މުވައްޒަފުން. އެއާޕޯޓު ހިންގަނީ ދަރަނިވެރިވެގެން. ދެން ކިހިނެއް މި އިމާރާތްތައް މެއިންޓެއިންކުރާނީ؟" ޓުއާ ދިން މުވައްޒަފު ބުންޏެވެ.
ހެރިޓޭޖު ހިމާޔަތްކުރަން ޖެހިފައި
އަބަދުވެސް ދައްކާ ވާހަކައަކީ އަދި ފެންނަ މަންޒަރަކީ ހުރިހާ ކަމެއް މާލެ ސަރަހައްދުގައި އޮންނަ ކަމެވެ. ބްރިޖާއި ބޮޑު ބަނދަރާއި ޔުނިވާސިޓީތަކާއި އޮފީސްތައް މާލެއަށެވެ. މާލެ ފުރި ތޮއްޖެހި، އާބާދުކުރުމަށް ހުޅުމާލެ ހިއްކައި، ދެވަނަ ހުޅުމާލެއެއްވެސް ޖެހިގެން ހެދީއެވެ.
ހުޅުމާލެ ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހުޅުމާލެއާ ޖެހިގެން ކަހަލަ ގޮތަކަށް އޮތް ފަރުކޮޅުފުށިވެސް ހިއްކި ބިމާ އެއްކޮށްލިއެވެ. ޕްލޭން ހެދުނީ "ހެރިޓޭޖް އައިލެންޑް"ގެ ގޮތުގައި، ކުރިން ރިސޯޓު ހިންގި ފަރުކޮޅުފުށި ބާއްވާށެވެ.
އެހެން ނަމަވެސް ހެރިޓޭޖު އައިލެންޑެއްގެ ލަގަބު އެ ރަށަށް ދިނަސް، ހެރިޓޭޖުން ފުރިގެންވާ ހަގީގީ ހެރިޓޭޖު އައިލެންޑަކީ އައްޑޫ ގަން ނޫންހެއްޔެވެ؟
ގަދީމީ ތާރީޚާއި "މޮޑާން ހިސްޓްރީ"ގެ އެތައް ވާހަކައެއް ކިޔައިދޭ ބިނާތަކާއި ތަރިކަތަކާއި ރަމްޒުތަކެއް ގަމުގައި ހުރި އިރު، އެތަންތަނުގެ ވާހަކަތައް ފަތުރުވެރީންނާއި ދަތުރުވެރީންނަށް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށެއް ނުދެވެއެވެ.
އައްޑޫ ގަމަކީ އައްޑޫގެ "އެއާޕޯޓު އައިލެންޑް"ގެ އިތުރުން "ހެރިޓޭޖް އައިލެންޑް"އަށް ހެދުމާމެދު ދެކެނީ ކިހިނެއްތޯއެވެ؟