އެޑިޓަރުގެ ބަސް: އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ގޭޓްވޭއަކަށް އައްޑޫ ހަދަން ޖެހޭ

އައްޑޫގެ ގަން އިންޓަނޭޝަނަލް އެއާޕޯޓް: އައްޑޫ ތަރައްގީ ކުރަން މި ސަރަހަައްދަކީ ދެކުނުގެ ގޭޓްވޭއަކަށް ވާން ޖެހޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީ އަކީ ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ އެހެން އަތޮޅުތަކާ ތަފާތު ސިޓީ އެކެވެ. ގްރޭޓާ މާލޭ ސަރަަހައްދުގައި ދިރިއުޅޭ މީހުން ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅަކީ ނޫނީ ސިޓީއަކީ އައްޑޫ ސިޓީ އެވެ. ހަމަ އެއާ އެކު، މާލެ ފިޔަވައި އެންމެ ތައުލީ މީހުން ގިނަ ސިޓީ އަކީ ވެސް އައްޑޫ ސިޓީ އެވެ.

އިނގިރޭސިން އައްޑޫ ސިޓީން ފޭބުމަށް ފަހު، އަދި އެ މަރުހަލާގައި ހިނގައި ދިޔަ ކަންތައްތަކާ ގުޅިގެން އޭގެ ފަހުން އައި ސަރުކާރުތަކުން އައްޑޫ ސިޓީ އޮތީ ފާޑަކަށް "އެކަހެރިކޮށްފައި" ކަމަށް ދެންނެވިދާނެ އެވެ. ސަންގެ ޓީމަކުން ދާދިފަހުން އައްޑޫ ސިޓީ އަށް ކުރި ދަތުރުގައި ފާހަގަވި ކަމަކީ، ވޭތުވެ ދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި ވެސް އެ ސީޓީ އަށް ތަރައްގީގެ ގޮތުން މާ ބޮޑު ކުރިއެރުމެއް ނާންނަ ކަމެވެ. އިގްތިސާދީ ވަސީލަތްތައް ކުރި ނާރާ ކަމެވެ. ފަރުދީ ފެންވަރުގައި ވަޒީފާތައް އުފެދޭލެއް މަދުކަމެވެ. އެއީ ފަހަރުގައި ކުރިއަށް ދިއުމުގެ އޮއިވަރާ އެކު އައްޑޫގެ މުއްސަނދިން ކެޕިޓަލް ސިޓީ، މާލެ އަށް ހިޖުރަކޮށް، "އެކޮޅު ދޫކޮށްލުން" އެއް ސަބަބަކަށް ވެދާނެ އެވެ. އަނެއް ސަބަބަކީ މާޒީގައި ކަން ހިނގާފައިވާ ގޮތުން ސަރުކާރުތަކުން އަދި ވެސް ބިރު ގަނެ، ފުރުސަތު ދިނުމަށް، ފަހަތަށް ޖެހެވެނީ ކަމަށް ވެދާނެ އެވެ.

ބިމާއި އިންސާނީ ވަސީލަތުގެ ގޮތުން އައްޑޫ ސިޓީއަކީ އެގޮތަށް ބާއްވަން ޖެހޭ އަތޮޅެއް ނޫނެވެ. އެ އަތޮޅަށް އިގްތިސާދީ ގޮތުން ދިރުން ގެންނަން ޖެހެ އެވެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމަ ގޮތުގައި ބޭނުންކޮށް، އެންމެ ދެ ކުނުގެ ހަތަރު އަތޮޅުގެ ގޭޓްވޭއަކީ އައްޑޫ ކަމަށް ހަދަން ޖެހެ އެވެ. އޭރުން ހުވަދޫގައި ހުރި ރީތި ރަށްތަކާ އެކު މުޅި ދެކުނަކީ އެއްކޮށް ވިއްކޭ މަންޒިލެއްގެ ގޮތުގައި ހެދިދާނެ އެވެ. އޭރުން މުޅި ސަރަހައްދަށް ކުރިއެރުން އަންނާނެ ކަމަށް ބެލެވެ އެވެ. ހަމަ އެއާ އެކު އައްޑޫގައި ސިޓީ ހޮޓާތަކާއި ގެސްޓްހައުސްތައް ގާއިމު ކުރެވި، އިގްތިސާދީ ގޮތުން އައްޑޫ ސިޓީ އިތުރު ހަރުފަތަކަށް ދަތުރު ކުރުމަށް މަގުފަހިވާނެ އެވެ.

އެކަމަކު އެ ސީޓީގެ ބައެއް މީހުންގެ ކަންބޮޑުވުމަކީ ކެބިނެޓްގައި އެ ލަފަޔާއި މަޝްވަރާ ދޭނެ ބޭފުޅަކު ނޫނީ ބަޔަކު ނެތުމެވެ. އެއާ ހިލާފަށް ކެބިނެޓްގައި ހުވަދު އަށް ނިސްބަތްވާ ހަތަރު ފަސް ބޭފުޅުން ތިއްބެވުމާ އެކު ދެކުނުގެ ގޭޓް ވޭއަކަށް ހުވަދޫ ހެދުމަށް ބަޔަކަށް ހީވެ، އެ މަގަށް މަސައްކަތް ކުރެވޭ ނަމަ އެ ވާނީ ފަހަތަށް އެޅޭ ފިޔަވަޅަކަށެވެ.

ޖޯގުރަފީ ގޮތުން ރާއްޖެ އޮތް ގޮތުން ވެސް ޒޯނަލް ކޮންސެޕްޓް ނުގެންގުޅި ރާއްޖެ ކުރިއަކަށް ނުގެންދެވޭނެ އެވެ. އެ ގޮތުން މުޅި ހުވަދު އާއި އައްޑޫ ސިޓީ ގުޅުވާލެވިއްޖެ ނަމަ އެވާނީ، މާލެ އަށް މީހުން ތޮއްޖެއްސުމުގެ ބަދަލުގައި އެ ޒޯން ތަރައްގީ ކުރުމަށް އެޅޭ ފިވަކަަށް ވެސްމެެ އެވެ. އެކަން ކުރެވޭނީ ޕޮލީސީގެ ތެރެއިން އެކަމަށް ޖާގަ ދީގެންނެވެ. އުންމީދު ކުރަނީ އެކަމަށް އަލި ވިލޭނެ ކަމަށެވެ. "އަޅުވެތި ކުރުމުގެ" ސަގާފަތަކީ ބޯދާ ހިޔާލެކެވެ. އެކަން ނެތިކޮށްލަން ޖެހެ އެވެ.

comment ކޮމެންޓް