ގުލްފިޝާމް: ހާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ހިތުގެ ރާނީ

އައިމިނަތު ގުލްފިޝާމް (ގުލް)އަކީ އައްޑޫ ރައްޔިތުންނަށް އާ ނަމަކަށް ނުވާނެ އެވެ. ހާއްސަކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނަށް ގުލްއަކީ އާއިލާ މެމްބަރެއް ފަދަ ގާތް މީހެކެވެ. މިއާންޒް އިންޓަނޭޝަލް ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި ގުލްއަކީ އެކުދިންނަށް ވަރަށް ހާއްސަ މުދައްރިސެކެވެ. އެ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ 21 ކުދިން ތިބި އިރު، އެއިން ކޮންމެ ކުއްޖެއްގެ ކަންކަން ވަރަށް ރަނގަޅަށް ގުލް ދަނެ އެވެ. އެއީ އެ މީހުންނަށް މަންމައެއް ފަދަ މީހެކެވެ.

"ސަން ރަށަށް" ސިލްސިލާގެ ދަށުން ޖުލައި މަހުގެ މެދުތެރޭގައި އައްޑޫއަށް ކުރި ދަތުރުގައި ގުލްއާ ބައްދަލުވީ އިރު، އޭނާ ހުރީ ވިހަން ގާތްވެފަ އެވެ. އެކަމަކު އޭރުވެސް އޭނާ ސްކޫލަށް ނުކުމެ، ވަރުބަލިކަމެއް ނެތި އުޅުނީ ދަރިވަރުންގެ ކަންކަމުގަ އެވެ. ވިހަން އެހާ ގާތްވެފައި ހުރި ނަމަވެސް، ގޭގައި މަޑުކޮށްނުލެވި އުޅުނީ އެކުދިންނަށް ދޭ އިސްކަމެއްގެ ބޮޑުކަމުންނެވެ.

“މިދާއިރާއަށް ޝައުގުވެރިކަން އުފެދުނީ އިންޑިއާގެ މައިސޫރުގައި ސައިކޮލޮޖީ ޑިގްރީ ހެދި އިރު، އޭގެ ތެރޭގައި އިން ސްޕެޝަލް އެޑިއުކޭޝަން ނީޑްސްގެ މޮޑިއުލްއެއް. ދެން އޭރު ގެންދިޔަ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބޭ މަރުކަޒަކަށް ވެސް. އެހިސާބުން އަސްލު ޝައުގުވެރިކަން އުފެދިގެން އައީ،” ގުލްގެ މަސައްކަތްތައް ފެށިގެން އައި ގޮތް ހިއްސާކުރި އެވެ.

ޑިގްރީ ނިންމާލާފައި އައިސް، ގުލް މަސައްކަތް ފެށީ އައްޑޫ ޝަރަފުއްދީން ސްކޫލުގެ ސެން ޑިޕާޓްމަންޓު ގައެވެ. ނިމިދިޔަ ސަރުކާރުގައި އައްޑޫ ފެނަކަ ބްރާންޗުގެ ޑެޕިއުޓީ ޑިރެކްޓަރުކަން އޭނާ ކުރެއްވި އެވެ. ސިޔާސީ މަސައްކަތުގައިވެސް އުޅުއްވި އެވެ. ނަމަވެސް ސިޔާސީ މީހެއްގެ ގޮތުގައި އޭނާ ބަލައިގަތުމަށް ރައްޔިތުންނަށް އުނދަގޫވި އެވެ. އެ ވަޒީފާޔަކީ އޭނާ ވެސް އެހާ ކަމު ދިޔަ ވަޒީފާއަކަށް އެންމެ ފަހުން ނުވީ އެވެ.

ސިޔާސީ ކަންކަން ދޫކޮށްލައި، އަނެއްކާވެސް ތައުލީމީ ދާއިރާއަށް ގުލް އެނބުރި އައީ ކުރާހިތްވާ ކަމެއް ކުރާށެވެ. ސްކޫލު ޕްރިންސިޕަލުގެ ވަޒީފާ ލިބި، ދަރިވަރުންނަށް ހުރިހާ ވަގުތެއް ހުސްކޮށްލީ އެވެ. އެހިސާބުން ގުލްގެ ހިތަށް އަނެއްކާވެސް ހަގީގީ ހަމަޖެހުން ލިބިއްޖެ އެވެ. އޭނާ ހަމަ އެންމެ ފިޓުވާ މަސައްކަތަކީ މިއީ އެވެ.

މިއާންޒް އިންޓަނޭޝަނަލް، ގުލްގެ ތަފާތު ތަސައްވުރެއް

ގުލްގެ ބެލެނިވެރިކަމުގެ ދަށުން މިއާންޒް އިންޓަނޭޝަނަލް ސްކޫލް ހިންގަމުން އަންނަނީ ތަފާތު ކޮށެވެ. ކްލާސްރޫމްގެ ކިޔެވުން ކުރިއަށް ދާއިރު، ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކީ ކޮބައިކަން ފާހަގަކޮށްލަން ވެސް އުނދަގޫވެ އެވެ. ސަބަބަކީ ތަފާތުކުރުން ނެތް ހަމަހަމަ މާހައުލެއްގައި ހުރިހާ ކުދިން ޝާމިލުކުރުމުގެ ސިޔާސަތެއް ސްކޫލުގައި ގެންގުޅުމެވެ. ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންވެސް ކިޔަވަމުން ދަނީ އެހެން ކުދިންނާއެކު އެއް ކްލާސްރޫމެއްގަ އެވެ. ކުޅިވަރުގެ ހަރަކާތެއް ވިޔަސް، ސްޓޭޖް ހަރަކާތެއް ވިޔަސް، ހާއްސަ އެހީއަށް ބޭނުންވާ ކުދިން ބައިވެރިކުރުމުގައި އެއްވެސް ތަފާތުކަމެއް ނުގެންގުޅެ އެވެ.

“މިތަނުގައި އުޅޭ ހުރިހާ ކުދިން ވެސް އެކުދިންނަށް އިހްތިރާމް ކުރާނެ. ބަލައިގަންނާނެ. އެކުދިންނަށް ވެސް އިހުސާސެއް ނުވާނެ އެއްވެސް ތަފާތު ކަމެއް. ކްލާސްތައްވެސް ތެރަޕީތައްވެސް ދެނީ ހުރިހާ ކުދިންނަށް އެއްކޮށް. ވަރަށް ބޮޑަށް އަޅާލުން ބޭނުންވާ ކުދިންނަށް ހާއްސަ ސެން ޓީޗަރަކު ހުންނާނެ. އެކަމަކު ކްލާސްރޫމް ތެރޭގައި ހުރިހާ ކުދިންވެސް ބައިވެރިވާނެ ހުރިހާ ކަމެއްގައި. އެއްވެސް ކުއްޖަކަށް ފީލް ނުވާނެ ވަކި ތަފާތު ނޫނީ އިތުރު ކަމެއް އެކުއްޖަކަށް ވަކިން ކުރިއަށް ގެންދާ ކަމެއް،” ގުލް ބުންޏެވެ.

މިކަހަލަ ސިޔާސަތަކާއެކު ސްކޫލެއް ހިންގަމުން އައި ނަމަވެސް، ދިމާވާ ގޮންޖެހުންތައް ވަރަށް ވެސް ބައިވަރެވެ. ކުދިންނަށް ދޭން ޖެހޭ ތެރަޕީތަކާއި، ހާއްސަ ތަމްރީނުތައް އައްޑޫއިން ދެވޭކަށް ނުހުރެ އެވެ. އެންމެ ކުޑަމިނުން ކުއްޖާއަކީ ބަލި ކުއްޖެއްކަން ދެނެގަނެވޭނެ ގޮތެއްވެސް އައްޑޫގައި ނެތެވެ. ބަލި ކުއްޖެއްގެ ހުރި ބައްޔެއް ދެނެގަންނަން ވެސް ބޮޑު ހަރަދުކޮށްފައި މާލެ ގޮސް މަސްދުވަސްވެސް މަޑުކުރަންޖެހޭ ފަހަރު އާދެއެވެ. އެފަދަ ތަނަވަސްކަމެއް ހުރިހާ އާއިލާއަކު ނެތެވެ. އެހެންވުމުގެ ސަބަބުން ބައްޔެއްގެ އަލާމާތްތައް ފެނުނު ނަމަވެސް، އެކުއްޖާއަކީ ބަލި ކުއްޖެއް ކަމުގައި ނިންމުމަށް ހުރަސްތަކެއް މެދުވެރިވެ އެވެ. ގުލް ބޭނުންވަނީ އެ ހާލަތުން އަރައިގަންނާށެވެ.

“ބައެއް ފަހަރު އެކުދިން ގޮވައިގެން އަމިއްލައަށްވެސް އެބަ ދަން ހޮސްޕިޓަލަށް. ގޮސް ކަމާ ގުޅުންހުރި ހުރިހާ ޑޮކްޓަރުންނަށް ދައްކައިގެން ކަލެކްޓިވް ރިޕޯޓެއްވެސް އެބަ ހޯދަން، މާލެ ނުގޮސް މިކަން ކުރެވޭތޯ. އެކަމަކު އެ ވެސް ގަބޫލެއް ނުކުރޭ. އެހެންވެ ބެލެނިވެރިން މި ތިބެނީ ހަމަ ގޮތް ހުސްވެފައި،” ގުލް ބުންޏެވެ.

ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާޅުވުމަށްފަހު ގުލް އެންމެ ފުރަތަމަ ވެސް އެދުނީ ސްކޫލަށް ދާއިމީ ސްޕީޗް ތެރަޕިސްޓެއް ހަމަޖައްސައިދިނުމަށެވެ. ވަރަށް އުނދަގޫ މަސައްކަތްތަކަކަށް ފަހު މިހާރު އެ ސްކޫލުގައި ދާއިމީ ސްޕީޗް ތެރަޕިސްޓެއް ހުރެ އެވެ. އެއީ ސްކޫލު ސްޓާފެއްގެ ގޮތުގައި ހުރި ތެރަޕިސްޓެއް ނަމަވެސް، އައްޑޫގެ އެހެން ސްކޫލުތަކުގައި ކިޔަވާ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެ ތެރަޕިސްޓުގެ އެހީތެރިކަން ދޭ ކަމުގެ ޔަގީންކަން ގުލްދެ އެވެ.

މިފަދަ ސިޔާސަތެއް މި ސްކޫލުގައި ގެންގުޅުމުގެ ނަތީޖާއަކަށް ވަނީ، ސްކޫލު ހުޅުވި ފުރަތަމަ އަހަރުވެސް ގިނަ އަދަދެއްގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިން އެ ސްކޫލްގެ ހިޔާވަހި ކަމަށް އައުމެވެ. އައްޑޫގެ އެހެން ސްކޫލުތަކާ ހިލާފަށް މިއާންޒް އިންޓަނޭޝަނަލް ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ގިނައިން ކިޔަވަ އެވެ. ސަބަބަކީ ބެލެނިވެރިން ގުލްއަށް ކުރާ އިތުބާރެވެ. ބެލެނިވެރިންނާއި ކުދިންގެ މެދުގައި ގުލް ހޯދާފައިވާ ޔަގީންކަމެވެ. ހާއްސަ އެހީއަށް ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް މިއާންޒް އިންޓަނޭޝަނަލް ސްކޫލުގެ ދޮރު ހުންނަނީ އަބަދުވެސް ހުޅުވާލައިފަ އެވެ.

ކުރިއާ ބަލާފައި މިހާރު ބެލެނިވެރިން އަދި އާންމުންވެސް ވަރަށް ބޮޑަށް ހޭލުންތެރިވެއްޖެ ކަމަށް ގުލް ބުނެ އެވެ. ނަމަވެސް ގުލްއަށް އޮތް ހިތާމައަކީ، އަމިއްލަ ދަރިއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށް ގަބޫލުކުރަން ބައެއް ބެލެނިވެރިންނަށް އަދިވެސް އުނދަގޫވާތީ އެވެ. ހާއްސަކޮށް ތަނަވަސް އާއިލާތަކަށް އެކަން ގަބޫލުކުރަން އުނދަގޫކަން އޭނާއަށް ފާހަގަވެ އެވެ. އަދި މަންމައަށް ވުރެ ބައްޕައަށް އެކަން ބަލައިގަންނަން ދަތިވުން ފަދަ ގަބޫލު ކުރުންތައް އެކީ ނައްތާލަން ގުލް ބޭނުންވެ އެވެ. އެއީ އިންސާނިއްޔަތަށް ޓަކައި އޭނާ ނަގާ އިސްނެގުމެކެވެ.

"އެކަކު ވެސް އުންމީދެއް ނުކުރާނެ ބަލި ކުއްޖަކު ލިބިދާނެއެކޭ. އެކަމަކު މިއީ އިމްތިހާނެއް. އަޅުގަނޑު ބުނެލަން އޮތީ ވަރަށް ހާއްސަ މީހުންނަށޭ ހާއްސަ އެހީއަށް ބޭނުންވާ ކުދިން ލިބެނީ،" ގުލް ބުންޏެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއެކު މަސައްކަތްކުރުމަކީ ކެތްތެރިކަން ބޭނުންވާ ކަމެކެވެ. އަހަރެއް ވަންދެން "އޭބީސީ" ކިޔަވައިދިނުމުގެ މަސައްކަތް ކުރަން ޖެހިދާނެ އެވެ. ދަސްކުރުމުގެ ބާރު އެކި ކުދިންގެ ކިބައިގައި ހުންނާނީ އެކި ވަރަށެވެ. އެހެންކަމުން މި ދާއިރާގައި މަސައްކަތް ކުރަން ނުކުންނަ ފަރާތްތަކުން މިއީ ވަޒީފާއަކަށް ވުރެ ބޮޑަށް އިންސާނީ ހިދުމަތެއްގެ ގޮތުގައި ދެކެން ޖެހޭ ކަމަށް ގުލް ބުންޏެވެ.

“ލިބޭ މުސާރައަށް ބަލައިގެން، ވަޒީފާއެއްގެ ގޮތުގައި މިކަމެއް ނުކުރެވޭނެ. މިއީ އިންސާނިއްޔަތަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ކަމުގައި ދެކެން ޖެހޭ،” ގުލް ބުންޏެވެ.

މިއާންޒް އިންޓަނޭޝަނަލް ސްކޫލުން ވަޒީފާ ދެނީ އެފަދަ ޓީޗަރުންނަށެވެ. ވަރަށް ބޮޑަށް ސްކްރީން ކުރެވި، އެ ޔަގީންކަން ގުލްއަށް ލިބުމުން ނޫނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ޒިންމާ ހަވާލުކުރަން ބޭނުމެއް ނުވެ އެވެ.

“ބޭނުންވަނީ ކުދިންނަށް ވަކި ހާއްސަ ސްކޫލެއް”

މިހާރު މިއާންޒް އިންޓަނޭޝަނަލް ސްކޫލް ހުންނަ ބިމުގައި އިތުރު އިމާރާތެއްގެ މަސައްކަތް ކުރަމުން އެބަ ދެއެވެ. އެ އިމާރާތުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކި ކަހަލަ ތެރަޕީ ދެވޭނެ ސެންސަރީ ރޫމެއް ހުންނާނެ އެވެ. މިއީ މިވަގުތަށް ގުލް އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތް ނަމަވެސް ގުލްގެ ހުވަފެނަކީ މިކުދިންނަށް ހާއްސަ ސްކޫލެއް އައްޑޫގައި ހުޅުވިގެން ދިއުމެވެ.

މި ހުވަފެން ހަގީގަތަކަށް ހެދުމަށް ގުލް ވަނީ ސްކޫލެއްގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް މިދިޔަ ސަރުކާރުގައި ހުށަހަޅައިފަ އެވެ. އަދި އައްޑޫގެ ފުދުންތެރި ވިޔަފާރިވެރިންގެ ފަރާތުން ވެސް އެހީތެރިކަން ހޯދަން މަސައްކަތްކޮށް، ސްކޫލު އިމާރާތްކުރާނެ ބިމެއް ފައިނަލް ކުރާ ހިސާބަށް ދިޔަ އެވެ.

"ނަމަވެސް އެކަން ނުވެގެން ދިޔައީ. ގިނަ ބޭފުޅުންގެ ހުންނަނީ ވިޔަފާރި ވިސްނުމެއް. ފައިދާއެއް އެބަ ވާން ޖެހޭ. އަޅުގަނޑުގެ ކިބައިގައި އެވަރުގެ ތަނަވަސްކަމެއް ހުރި ނަމަ އަމިއްލައަށްވެސް އެކަން ކުރީސް،" ގުލް ބުންޏެވެ.

ނަމަވެެސް ވިޔަފާރި އުސޫލުން މިކަން ކުރުމަކީ ގުލް ކުރާނެ ކަމެއް ނޫނެވެ. އެކުދިންނާއި ކުދިންގެ ބެލެނިވެރިން އުޅޭ ދަތި ހާލު އެންމެ ރަނގަޅަށް ފެނި، އެކަން އެނގޭ މީހަކަށް ވާނީ ހުދު ގުލް އެވެ. އެހެންކަމުން އެކުދިންގެ އަތުން ބޮޑު އަގު ނަގައިގެން ސްކޫލެއް ހިންގުން، އެއީ އޭނާ ހިތުވެސް ލާނެ ކަމެއް ނޫނެވެ. ގުލް ބޭނުންވަނީ އެފަދަ ކުދިންނަށް ވީހާވެސް ކުޑަ އަގެއްގައި، ނުވަތަ ވާނަމަ ހިލޭ ވެސް އެ ހިދުމަތްތައް ފޯރުކޮށްދޭށެވެ.

2،000 ރުފިޔާއަކުން ނުވާނެ!

މިހާރު ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދޭ 2،000 ރުފިޔާގެ އިނާޔަތަކީ އެއްވެސް ކަމެއް ކުރެވޭ ވަރުގެ އެއްޗެއް ނޫން ކަމަށް ގުލް ގަބޫލު ކުރެ އެވެ. އެކުދިންނަށް ދޭންޖެހޭ ތެރަޕީތަކާއި، މާލެ އަށް ކުރަންޖެހޭ ދަތުރުތަކަށް ހަރަދު ކުރަން ޖެހެނީ ބެލެނިވެރިންގެ ޖީބުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. މަޖިލީހަށް ހުށަހެޅި އިނާޔަތް ބޮޑުކުރާ ބިލު ބޭރުކޮށްލީ ގުލް ފެންކަޅި ކުރުވައިފަ އެވެ.

"ވަރަށް ގިނަ ބެލެނިވެރިންނަށް އުންމީދެއް ލިބިގެން ދިޔަ ބިލް ހުށަހެޅުމުން. އެ އުންމީދު ފުނޑުފުނޑު ވެގެން ދިޔައީ އެދުވަހު. ވަރަށް ދެރަވި އެދުވަހު،" ގުލް ބުންޏެވެ.

ނަމަވެސް އިނާޔަތުގެ ނާޖާއިޒް ފައިދާ ހޯދާ މީހުން ވެސް އުޅޭކަން ގުލް ގަބޫލުކުރެ އެވެ. ހާއްސަ އެހީއަށް ބޭނުންވާ ދަފްތަރުގައި ޖައްސައިގެން، ކޮންމެހެން އިނާޔަތް ލިބެން ނުޖެހޭ އެތައް ބަޔަކު އިނާޔަތް ނަގަމުން އަންނަކަން ގުލްފިޝާމް ފާހަގަކުރި އެވެ.

އަންހެނުން ބާރުވެރިކުރުވަން އެންމެ ކުރީގައި ގުލް

ގުލްގެ އެހީ އޮތީ ހަމައެކަނި ހާއްސައެހީއަށް ބޭނުންވާ ކުދިންނަކަށް ނޫނެވެ. އެކަމަކު ސިޔާސީ މަގާމުތަކާއި ތަރައްގީގެ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން ކުޑަވެފައި އޮތް އޮތުމަށް ނިމެއް ގެންނަން އޭނާ ވަނީ މަސައްކަތް ފަށައިފަ އެވެ. އޭނާ މިހާރު ވަނީ އެފަދަ ފުރުސަތުތައް އަންހެނުންނަށް ހޯދައިދިނުމަށް "އަންހެނުންގެ އަޑު"ގެ ނަމުގައި ހަރަކާތެއް ފަށައިފަ އެވެ.

"ދެން އަންނަ ކޮންމެ އިންތިހާބަކަށް، ކައުންސިލް އިންތިހާބު ވިޔަސް، އަދި މަޖިލިސް އިންތިހާބު ވިޔަސް، އައްޑޫއިން ކޮންމެ ދާއިރާ އަކަށް އަންހެނަކު ނެރޭނެ މި ހަރަކާތުން،" ގުލްގެ އަމާޒު ކިޔައިދެއްވި އެވެ.

ކާމިޔާބުވުމަކީ އަދި މުޅިން އެހެން ކަމެކެވެ. ނަމަވެސް އަންހެނުންނަށް ފުރުސަތުތަކެއް ހޯދައިދީ، ކުރިއަށް ދާނެ މަގެއް ގުލް މިވަނީ ކޮށައިދޭން ފަށައިފަ އެވެ.

އައްޑޫގައި ލިބެންޖެހޭ ހިދުމަތްތައް ނުލިބި ފުރުސަތުތައް މަދުވި ނަމަވެސް އައްޑޫ ދޫކޮށް، ގިނަ ފުރުސަތުތަކެއް ހޯދުމަށް މާލެ ދާކަށް ވެސް ގުލް ބޭނުމެއް ނޫނެވެ. ގުލްއަކީ އައްޑޫއަށް އުފަން، ފަހުރުވެރި އައްޑޫ ދަރިއެކެވެ. ބޭނުންވަނީ އަމިއްލަ ރަށުގެ ކަންކަން ފުރަތަމަ ރަނގަޅުކޮށްދީ، ރަށުގެ ކުރިއެރުމަށް ހިދުމަތް ކޮށްދޭށެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި، އެކުދިންގެ އާއިލާތަކުގެ އިތުރުން އައްޑޫ އަންހެނުންގެ އަތުގައި ހިފައިގެން ގުލް އަބަދުވެސް ހުންނާނެ އެވެ.

---

އެޑިޓަރުގެ ނޯޓް: ގުލްފިޝާމްއަށް މިހާރު ވަނީ ދަރިއަކު ލިބިފަ އެވެ. ސަންގެ ފަރާތުން ގުލްފިޝާމްއާއި އާއިލާއަށް ވަރަށްވެސް މަރުހަބާއެވެ.

comment ކޮމެންޓް