އައްޑޫގައި އަޅާ ޕޮލިސް އެކަޑެމީގެ ވާހަކަ 2012 ވަނަ އަހަރުން ފެށިގެން އަޑުއިވެ އެވެ. މިތަނުގެ ވާހަކަ އެކި މީހުން ދައްކަނީ އެކި ގޮތަށެވެ. އައްޑޫގައި ޕޮލިސް އެކަޑެމީގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ބިންގާ އަޅައި، ފާރުތައްވެސް ކޮންމެވެސް ވަރަކަށް ހިއްލާލާފައި ހުއްޓައި ނިމިދިޔަ ވެރިކަމުގެ ވަކި ހިސާބަކުން އެތަނުގެ މަސައްކަތް ހުއްޓުވާލީ އެވެ. އެތަން އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ވެސް އިންޑިއާގެ ކުންފުންޏަކުންނެވެ.
ޕޮލިސް އެކެޑެމީއެކޭ ބުނުމުން އެއީ މާސިންގާ ރަށެއްވަރުގެ ބޮޑުތަނެކޭ މީހަކު ހިތަކަށް ނާރާނެ އެވެ. އެކަމަކު އެއީ އައްޑޫގެ ބައެއް މީހުން ބުނާގޮތުން ރަށެއް ވަރު ވާ ބޮޑު ސަރަހައްދެއްގައި ވަރުގަދަ ފެންވަރުގައި ބިނާކުރަމުންދާ އިމާރާތްތަކެކެވެ. އިންޑިއާ ސަރުކާރުގެ އެހީގައި އަޅާ އެ ބޮޑު އެކެޑަމީއަށް 18 މިލިއަން ރުފިޔާގެ ބަޖެޓެއް އިންޑިއާއިން ވަނީ ހަމަޖައްސާފަ އެވެ. މި އެކެޑެމީ އިމާރާތް ކުރަނީ ލިންކް ރޯޑްގައި ހުންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އޮފީހާއި ކުނިކޮށްޓާ ދޭތެރޭ އޮތް ބޮޑު އެއް ކިލޯމީޓަރުގެ ސަރަހައްދުގަ އެވެ.
އައްޑޫގައި އަޅާ ޕޮލިސް އެކެޑަމީއާ ބެހޭ ގޮތުން އައްޑޫ މީހުން ދައްކާ ވާހަކަތަކެއްވެސް އެބަ ހުއްޓެވެ. އެ ސިޓީއިން ވާހަކަ ދައްކާލި ބައެއް މީހުން ބުނީ، އެތަނަކީ ޕޮލިސް ޓްރެއިނިންގެ އިތުރުން އިތުރު ބޭނުންތަކަކަށްވެސް ހަދާ ތަނެއް ކަމެވެ. އައްޑޫ މީހުންނަށްވެސް މި ޕޮލިސް އެކެޑަމީއާ ބެހޭ މާ ބޮޑު މައުލޫމާތެއް އެނގޭ ކަމަކަށް ނުވެ އެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމް ކުރަމުންދާ ޕޮލިސް އެކަޑެމީގެ ބައެއް --- ސަންފޮޓޯ/ ފަޔާޒު މޫސާ
"މިއޮތީ ތިބުނާ ޕޮލިސް އެކެޑަމީ. އެތަނުގައި މަސައްކަތް ކުރާނީ އިންޑިއާ މީހުން. މަސައްކަތް ކުރުމުގެ ފުރުސަތެއް ދިވެހިންނަކަށް ނުދޭނެ. ދޭތެރެއަކުން ކޮންޓްރެކްޓަށް ބަންގްލަދޭޝް މީހުން ގެންގޮސްގެން މަސައްކަތް ކޮށްލާނެ. އެކަމަކު އައްޑޫ މީހަކަށް ނުލިބޭ އެފުރުސަތެއް،" ރުއްޖެހެރައާއި އަބޫހެރަ ސަރަހައްދުން ދުއްވާފައި ހިތަދޫއަށް ކާރުގައި ދިޔަ ދަތުރުގައި، ކާރުގެ ޑްރައިވަރު ވާތްފަރާތަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
އައްޑޫގައި އަޅާ ޕޮލިސް އެކެޑަމީއަކީ އިންޑިއާގެ މިލިޓަރީ ބޭސްއެއްވެސް އެތަނުގައި ހިމެނޭ ގޮތަށް އަޅާ ތަނެއް ކަމަށް ވާހަކަ ދެކެވެ އެވެ. ފަހަރުގައި ޕޮލިސް އެކެޑަމީގެ އަސްލު މަގުސަދު ނޭންގޭތީ އެއީ، ތުންތުން މަތިން ދައްކާ ވާހަކައަކަށް ވުމަކީވެސް ގާތް ކަމަކެކެވެ.
އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ޕޮލިސް އެކަޑެމީއާ ބެހޭގޮތުން އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) "ސަން"އާ ހިއްސާކުރެއްވި މައުލޫމާތުތަކުން އެނގުނީ އެތަނުގައި ކުރިއަށް ދާނީ ހަމައެކަނި ޕޮލިސް ޓްރެއިނިން ނޫން ކަމެވެ. އޭގެ ބަދަލުގައި ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ޓެރެއިން ކުރުމާއި ލޯ ސުކޫލެއްވެސް އެތަނުގައި ހިންގުމުގެ ބޮޑު ތަސައްވުރެއް އޮތީ އެކުލަވާލައިފަ އެވެ.
"އެތަން މިޙާރު ޕޮލިސް އެކެޑަމީއަކަށްވުރެ ބޮޑަށް ސަރުކާރުންވެސް އެ މަސައްކަތް ކުރައްވަނީ އަނެއްހެން ޔުނިވަސިޓީ ކޮލެޖެއް ގޮތަށް ހިންގަން. ސެކިއުރިޓީ ސާވިސަސްތަކަށް ހާއްސަކޮށްގެން. މިސާލަކަށް ކަސްޓަމްސް އިމިގްރޭޝަން އަދި އެއާޕޮޓް ސެކިއުރިޓީ ފަދަ ފަރާތްތައް ތަމްރީން ކުރުމާ އެކު ލޯ ފެކަލްޓީއަކާވެސް އެއްކޮށް އެތަން އަޅަނީ." އައްޑޫ ސިޓީގެ މޭޔަރު ސޯބެ ވިދާޅުވި އެވެ.
އެތަން ވާނީ ފުލުހުންގެ ދަށުން ހިންގާ ތަނަކަށް ކަމަށް ސޯބެ ވިދާޅުވި އެވެ. ސޯބެ ދެއްވާ ޔަގީން ކަމެއްވެސް އޮތެވެ. އެތާކު އިންޑިއާ މީހުންނެއް ނުތިބޭނެ ކަމުގެ ޔަގީންކަމެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމް ކުރަމުންދާ ޕޮލިސް އެކަޑެމީގެ ބައެއް --- ސަންފޮޓޯ/ ފަޔާޒު މޫސާ
"ބައެއް ބޭފުޅުން ވިސްނަވަނީ އިންޑިއާގެ މިލިޓަރީ ބޭސްއެއް ކަމަށް. އެކަމަކު އެގޮތަކަށް ނޫން،" ސޯބެ ވިދާޅުވި އެވެ.
އައްޑޫގެ ޕޮލިސް އެކަޑެމީ ވަރުގަދައަށް ހަދާ ސަބަބެއް ކަމަށް ސޯބެ ވިދާޅުވަނީ ޕޮލިސް އެކަޑެމީ ހަދަން ސާވޭއަކަށް އިންޑިއާ މީހުން އައިސް ތިބިއިރު އެދިމާލަށް ވަރަށް ބޮޑަށް އުދަ އެރުމެވެ. އެހެންވެ، އެތަން ހަދަނީ އުދައަރާ ސުވަސްވަރުވެސް ގެއްލުން ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް ސޯބެ ވިދާޅުވި އެވެ.

އައްޑޫގައި އިންޑިއާ އިން ގާއިމް ކުރަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރަށެއްވަރު ވާ އެ ބޮޑު ޕޮލިސް އެކަޑެމީގައި ސޯބެ އެ ވިދާޅުވާ ޓްރެއިނިންގްތައް ދޭނަމަ އެއީ އައްޑޫގެ ކުރިއެރުމަށާއި މުޅި ރާއްޖެއަށްވެސް ލިބިގެންދާނެ ކުރި އެރުމެކެވެ. ސެކިއުރިޓީ އެންފޯސްމެންޓް މަސައްކަތުގައި އެޅޭ މީހުން ރާއްޖޭގައި އުޅެނީ މާބޮޑު ތަމްރީނެއް ލިބިގެނެއް ނޫނެވެ. އެ ތަމްރީނުތައް ރާއްޖޭގައި ހިންގުން މުހިންމެވެ. އަދި އެކަމަށް ޝައުގުވެރިވާ މީހުންނަށް މާލޭގެ ތޮއްޖެހިފައިވާ މާހައުލުގައި ނޫޅެ އައްޑޫގެ ހިތްގައިމު މާހައުލުން ކިޔަވާލަން ފުރުސަތު ލިބިގެން ދިއުމަކީ ހަގީގަތުގައިވެސް ހުޅުވާނެ އާ ފުރުސަތަކަށްވާނެ އެވެ.
އެކަމަކު، އެތަނާ ގުޅިގެން އުފެދިފައިވާ ޝައްކުތައް ސާފުވާން ޖެހެ އެވެ. އެހެން ނޫން ނަމަ، އެތަނާ މެދު ދެކެވޭ ޔޯލަ ވާހަކަތައް ގިނަވާނެ އެވެ. އަބަދުވެސް ތަރައްގީއަށް ފެންބޮވައިގެންފައިވާ އައްޑޫއަށް މިއީ ގެނެސްދޭ އާ އުންމީދެކެވެ. މިއީ އައްޑޫގެ ތަރައްގީގެ ސޮފްހާގައި ލިޔަން ޖެހޭ މަޝްރޫއެކެވެ.