އައްޑޫ، ހިތަދޫ ކޮށިދޮރަގޭގައި ހުރި ހަނި ސިޑިއަކުން މައްޗަށް އަހަރެމެންގެ ކްރޫ އެރީ އެއްވެސް ހާލެއްގައި މާކަބޮޑު އެއްޗެއް މިތަނުގައި ހުންނާނޭ ކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. މިއީ ދާރުލްއާސާރެކޭ ބުނާތީ އެތަން ހަމަ ބަލައިލަން އައީ އެވެ. މާބޮޑު ޝައުގުވެރިކަމެއް ނެތެވެ.
މާލޭގައި ހުންނަ ދާރުލްއާސާރަށް ވެސް މީގެ ކުރިން އެތަށް ފަހަރެއްގެ މަތީން ޒިޔާރަތް ކުރެވިފައިވީ ނަމަވެސް، އެއީ އެހާ ޝައުގުވެރި ތަނަކަށް ނުވި އެވެ. އެހެނަސް، އައްޑޫއިން މި ފެނުނު ކުޑަ އެކަމަކު ރަންގަނޑެއްފަދަ ދާރުލްއާސާރަކީ ހަމަ މީހަކު އަޖައިބުވާހާ ފުރިހަމަ ތަނެކެވެ. އަގުނުކުރެވޭޭ ފަދަ ބޮޑު އަދި ބުރަ މަސައްކަތެކެވެ.
ކޮށިދޮރަގޭގެ މަތީ ފަންގިފިލާއެއްގައި އާސާރީ ތަކެތި އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތް އިބްރާހިމް ފިރާގު ކުރަމުން އަންނަތާ މިހާރު ގާތްގަނޑަކަށް 28 އަހަރު ވެދާނެ އެވެ.

ސ. ހިތަދޫ ކޮށިދޮރަގޭ އިބްރާހިމް ފިރާގު.
ފިރާގު އެންމެ ފުރަތަމަ މިކަން ފެށީ ވަރަށް ކުޑަ އިރު ގޭތެރޭގައި އޭނާގެ ކާފަމެން ބޭނުންކޮށްއުޅުނު ތާރީހީ ތަކެތި އެއްކުރުމުގެ ތެރެއިން އެވެ. އެ އެއްޗެހި އުކާނުލާ ރައްކާކުރަން ފެށި މަސައްކަތް ބޮޑުވެ، ފުޅާވެގެންދިޔައީ ގާތް ރަހުމަތްތެރިންނާއި ދަންނަ އެކި މީހުން މެދުވެރިކޮށް މިފަދަ ތަފާތު އާސާރީ ތަކެތި ހޯދައި، ގަނެ، ހޮވައިގެން އެވެ.
ގާތްގަނޑަކަށް 400 އެއްހާ އަކަފޫޓޫގެ ހަތަރެސްކަން ކޮޓަރިއެއްގައި ހާހުން ގުނާލެވޭ އާސާރީތަކެތި ރައްކާކޮށް ބަލަހައްޓަމުން އަންނައިރު މިއިން އެއްޗެއް ބަލާނުލާ، އަތްނުލާ ފިރާގަށް ރޭގަނޑުގެ ނިދިވެސް ފުރިހަމައެއް ނުވެ އެވެ.
ދިވެހީންގެ އާދަކާދައާއި، ތާރީހާއި އަދި ހާއްސަކޮށް އައްޑޫގެ އެކި ތާރީހީ ކަންކަންވެސް ވަރަށް ފުރިހަމައަށް މި ދާރުލްއާސާރުން ފެންނަން ހުންނަ އިރު، މިތަނަކީ އާންމުކޮށް މީހުންނަށް ބަލަން އާދެވޭ ތަނެއް ނޫނެވެ.

ހިތަދޫ ކޮށިދަރިގޭ އިބްރާހިމް ފިރާގުގެ ކަލެކްޝަން -- ސަން ފޮޓޯ/ މުސްތަފާ މުހައްމަދު
"އަޅުގަނޑު ބޭނުންވަނީ ރެޖިސްޓާ ކޮށްގެން ރަސްމީކޮށް މިތަން ހުޅުވައިން މީހުންނަށް ދައްކާލަން. އެކަމަކު މިހާރުވެސް ބަޔަކު ބޭނުންވެއްޖެ ނަމަ އެ ފުރުސަތު އަޅުގަނޑު ދެން. އެއީ ހިލޭސާބަހަށް. ހާއްސަކޮށް ސްކޫލު ކުދިންގެ ބޭނުމަަކަށް ނަމަ ހުކުރު ދުވަސް ނޫން ވިޔަސް ހުޅުވާލަދެން،" ފިރާގު ބުންޏެވެ.
ފިރާގުގެ ހަ ކުދިން ތިބިއިރު އޭނާ އުންމީދުކުރަނީ އޭނާގެ ދަރީންކުރެ ކޮންމެވެސް އެއްކުއްޖަކު މިކަމަށް ޝައުގުވެރިވެ، ކޮށިދޮރަ ދާރުލްއާސާރު ކުރިއަށް ގެންގޮސްދޭނެ ކަމަށެވެ.
މިތަނުގައި ބެހެއްޓިފައިވާ ތަކެތީގެ ތެރޭގައި އިނިގިރޭސިން ގަމުގައި ތިބިދުވަސްވަރު ބޭނުންކުރި ބައެއް ސަމާނުތައްވެސް އެބަ ހުއްޓެވެ. އަދި އައްޑޫގެ ބައެއް ތާރީހީ މުހިންމު ބޭބޭފުޅުންގެ ފޮޓޯތަކާއި، ސަހުއްސިއްޔަތުންގެ ފޮޓޯތައް ވެސް ފްރޭމްކޮށްފައި ބަހައްޓާފައި ހުރެ އެެވެ.

ހިތަދޫ ކޮށިދަރިގޭ އިބްރާހިމް ފިރާގުގެ ކަލެކްޝަން -- ސަން ފޮޓޯ/ މުސްތަފާ މުހައްމަދު
މި ހުރިހާ ތަކެތީގެ ތެރެއިން އެންމެ ހާއްސައީ ކޮންއެއްޗެއްތޯ އަހާލުން އެ ސުވާލަށް ޖަވާބު ދިނުން ފިރާގަށް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އޭނާ ފާހަގަކޮށްލީ މީގެ 400 އެއްހާ އަހަރުކުރިން ބޭނުންކޮށްފައިވާ އިހު ޒަމާނުގެ ސިއްކަތަކާއި، ކުރީ ޒަމާނުގެ ވަކަރު ފޮށިތަކެކެވެ.
ފިރާގު ބުނި ގޮތުގައި އެކި ދުވަސްވަރު މަތީން ސަރުކާރުގެ އެކި މިނިސްޓަރުންނާއި އިސް ވެރީން އޭނާގެ މި ކުޑަ ދާރުލްއާސާރަށް ވަނީ ޒިޔާރަތްކޮށްފަ އެވެ. ބައެއް ފަހަރު މިފަދަ ފަރާތްތައް މިތަނުގެ އެކި ފޮޓޯތައް ނަންގަވައި، މިތަނުގެ ހިދުމަތް އިތުރަށް ކުރިއަށް ގެންދިއުމުގެ ޝައުގުވެސް ފާޅުކުރާ ކަމަށް ފިރާގު ބުންޏެވެ.

ހިތަދޫ ކޮށިދަރިގޭ އިބްރާހިމް ފިރާގުގެ ކަލެކްޝަން -- ސަން ފޮޓޯ/ މުސްތަފާ މުހައްމަދު
ނަމަވެސް އަދި އަދަށްވެސް ސަރުކާރުން މިތަނަށް ވަކި ހާއްސަ ޝައުގުވެރިކަމެއް ފާޅުކޮށްފައި ނުވާތީ އޭނާ އެ ހުރީ އެ މާޔޫސްކަމުގަ އެވެ. އެ ހަޒާނާ އެތައް ޖީލްތަކަކަށް ގެންގޮސްދޭން ފިރާގަށް އެހީ ބޭނުންވެ އެވެ. އެކަމަކު އަދި އެކަމަށް އަލިމަގެއް ނުފެނެ އެވެ.
ކޮށިދޮރަގޭގެ ފަންގިފިލާއެއްގައި އައްޑޫގެ އެތައް ޖީލެއްގެ ހަނދާންތައް ފޮރުވާފައި ހުރި ނަމަވެސް، އެހެން ހަރުފަތަކަށް އެ މަސައްކަތް ގެންދަން ސަރުކާރުން ފުރުސަތު ދީފިނަމަ ފިރާގު ހުރީ އެ މަސައްކަތުގައި ކުރިއަށްދާށެވެ. މިއީ އައްޑޫގެ ބޮޑު ހަޒާނާއެކެވެ. މި ހަޒާނާ ގެއްލި ނުދާނެ ގޮތަށް އަބަދަށް ރައްކާތެރި ކުރަންޖެހެ އެވެ.