އައްޑޫ ލިންކު ރޯޑުގައި ފަސް އަހަރު ތެރޭ އަށް މަރު

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓްގައި ސައިކަލުން ކަހާލައިގެން މީހަކު ވެއްޓިފައި: އޭނާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ވަނީ މަރުވެފައި --- ފޮޓޯ: ސޯސަލް މީޑިއާ

އައްޑޫ ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުތަކުގައި ފަސް އަހަރު ތެރޭގައި އަށް މީހުން މަރުވެފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އައްޑޫ ސިޓީގެ ހުޅަނގު ބިތުގެ އަވަށްތައް ގުޅުވައިދޭ 16 ކިލޯމީޓަރުގެ ހައިވޭ، އައްޑޫ ލިންކު ރޯޑަކީ ނުރައްކާތެރިކަމަށް މަޝްހޫރު މަގެކެވެ. ދެހާސްއެއް ވަނަ އަހަރު އެ މަގު ހުޅުވި ފަހުން މި ފާއިތުވި މުއްދަތުގެ ތެރޭގައި އެ މަގުގައި ހިނގި އެކްސިޑެންޓުތަކުގައި ވަނީ އެތައް ފުރާނައެއް ގެއްލިފަ އެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން 2015،2016،2017،2018 އަދި މި އަހަރުގެ މިހާތަނަށް، މި ލިންކު ރޯޑުގައި ޖުމްލަ 48 އެކްސިޑެންޓު ހިނގާފައިވެ އެވެ. މި އަހަރުތަކުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓު ހިނގާފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ 13 އެކްސިޑެންޓެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރު އަދި މި އަހަރުގެ މިހާތަނަށް ލިންކު ރޯޑުގައި ހިނގި އެކްސިޑެންޓުތަކުގައި ޖުމްލަ އަށް މީހުން މަރުވެފައިވެ އެވެ. އެކްސިޑެންޓުތަކުގައި އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު ތިން މީހުން މަރުވެފައިވެ އެވެ.

https://sun.mv/122231

ފުލުހުން ބުނީ ލިންކު ރޯޑުގައި ހިނގާފައި އެކްސިޑެންޓުތައް ވަކީން ރެކޯޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި މި ތަފާސްހިސާބުތައް ނަގާފައި ވަނީ މައްސަލަތަކުގެ ތަފްސީލު ކިޔައިގެން ކަމަށެވެ. އެހެންކަމުން، މި ތަފާސްހިސާބުތަކުން ދައްކާ އަދަދަށް ވުރެ ގިނައިން އެކްސިޑެންޓު ހިނގައި މީހުން މަރުވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ސިޓީގެ ހުޅަނގު ބިތް ގުޅުވައިދޭ ލިންކު ރޯޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުންގެ ޑިވިޝަން ކޮމާންޑަރު ފޯ ސައުތު ޕޮލިސް ޑިވިޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު ރަޝްވާން ވިދާޅުވީ، އައްޑޫ ސިޓީގައި ގިނަ އަދަދަކަށް އެކްސިޑެންޓް ހިނގަނީ މާލެ ފިޔަވާ އެންމެ ގިނަ އަދަދަކަށް ދުއްވާ އެއްޗެތި ދުއްވާ ސިޓީއަކީ އައްޑޫ ސިޓީއަށް ވުމުންކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ދުއްވާ އެއްޗެތި ގިނަވީ ނަމަވެސް އާދަޔާ ޚިލާފަށް އެކްސިޑެންޓް ގިނަކަމަކަށް ފާހަގައެއް ނުކުރެވޭ. އާއްމުކޮށް ހިނގާފައި ހުންނަނީ ވަރަށް ކުދި އެކްސިޑެންޓް." އޭނާ ވިދާޅުވި އެވެ.

"ސަން"އިން އައްޑޫ ސިޓީއަށް ކުރި ދަތުރުގައި ވަނީ އައްޑޫ ލިންކު ރޯޑުގެ ސަލާމަތީ ކަންކަން ހުރީ އެކަށީގެން ނުވާ މިންވަރުގައިކަން ފާހަގަކުރެވިފަ އެވެ.

ލިންކު ރޯޑުގެ ތާރުގަނޑު ދެ އަރިމަތިން ނިމޭ ހިސާބުގައި އޮންނަނީ ދެވަރުކޮށެވެ. މަގު ބެލެހެއްޓިފައި ނެތުމުން މަގުމައްޗަށް ވަނީ ވިނަ އަރާފަ އެވެ. އަދި މަގުގެ ބައެއް ސަރަހައްދުތަކުގައި އަޑިގުޑަންތައްވެސް ހުރެ އެވެ. މީހުން ނޫޅޭ ސަރަހައްދުތަކުގެ ހަނި ދިމަ ދިމާލުގައި ރަށް ގިރަމުންދާއިރު، އެ ސަރަހައްދުތަކަށް އުދަވެސް އަރަ އެވެ.

އައްޑޫ ސިޓީގެ ހުޅަނގު ބިތް ގުޅުވައިދޭ ލިންކު ރޯޑު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިންކު ރޯޑުގައި ދުވެލި މަޑު ކުރަން އެކަށީގެންވާ ވަރަށް ސްޕީޑު ބްރޭކަރުތައް ނުހުރެ އެވެ. މަގުގެ އަށް ވަރަކަށް ކިލޯމީޓަރުގެ ސަރަހައްދެއްގައި ހުންނަނީ ބޮކި ހަރުނުކޮށެވެ. ރޭގަނޑު ދުއްވަން ޖެހެނީ ކަނު އަނދިރީގަ އެވެ. ބައެއް ހިސާބުތަކުގައި މަގުގެ ދެ ފަޅި ވަކިކުރަން، ރޮގު ކުރަހާފައެއް ނުހުރެ އެވެ. ބެންޑްތަކުގައި ތީރުތަކެއް ޖަހާފައެއް ނުހުރެ އެވެ. ރޭގަނޑު ކަނު އަނދިރީގައި ދުއްވަން ޖެހޭ އިރު، މަގުގެ ދެ އަރިމަތި ފާހަގަކޮށް އެނގޭނެ ފަދަ ގޮތެއް ވެސް އެމަގުގައި ނުހުރެ އެވެ. މަގުގައި ދުއްވަން ޖެހޭ ބާރުމިން ބުނެދޭ ނިޝާންތައް ވެސް ހުރީ ޖަންގަލި ބޯވެ، ގަސްތަކާ ނިވާވެފަ އެވެ.

comment ކޮމެންޓް