އިންޒާރު! އައްޑޫ ލިންކް ރޯޑް ނުރައްކާ، ދުއްވަން ހެޔޮނުވާނެ

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަހަރެން ސައިކަލު ލައިޓް ވެސް ނުޖައްސާ ރޭގަނޑު ލިންކު ރޯޑުގައި ދުއްވާލަން ސަތޭކައިގައި،" ހިތަދޫގެ ނަން މަޝްހޫރު ކެފޭއެއްގައި ކޮފީއެއް ބޯލަން އިން އެ ރަށުގެ ޒުވާނަކު ނިކަން ފޮނިކަނޑަމުން ބުނެލި އެވެ.

އައްޑޫގެ ހުޅަނގު ބިތުގެ އަވަށްތައް ގުޅުވައިދޭ 16 ކިލޯމީޓަރުގެ ހައިވޭ، ނޫނީ ލިންކު ރޯޑުގެ "ބިރުވެރިކަން" ހުރި މިންވަރު ޒުވާނާގެ ވާހަކައިން އެކަނިވެސް "ގެޓް" ވެއްޖެ އެވެ. އައްޑޫ ލިންކް ރޯޑް މަޝްހޫރުވެފައި އޮންނަނީ މަރުގެ މަގެއްގެ ގޮތުގަ އެވެ. އެ މަގު ހުޅުވީއްސުރެ، އެ މަގުގެ އެކްސިޑެންޓްތަކުގައި އެތައް ބަޔަކު މަރުވެ ހިނގައްޖެ އެވެ. އެކްސިޑެންޓްތައް މަދެއް ނުކުރެވެ އެވެ. އެ މަގުގެ ބިރުވެރިކަން އަމާންކަމާއި ރައްކާތެރި ކަމަށް ބަދަލު ކުރެވޭ ގޮތެއް ނުވެ އެވެ. މިފަހުން މި އަތޮޅަށް ކުރި ދަތުރުގައި އަހަންނަށް ވެސް، އެ މަގުވީ ވީ ބިރުވެރި ތަޖުރިބާއަކަށެވެ.

ދުއްވަން ހެޔޮވާ ވަރެއް ނޫން!

އެތަން މިތަނުން ހެލްމެޓު އެއްކޮށްގެން މި ސިޓީގެ ހިތަދޫއިން ފޭދޫއަށް ދާން ނުކުތީ ރަށު ތެރެ ބަލާލައި މީސް މީހުންނާ އަނގަ ތަޅާލުމަށެވެ. ސައިކަލުގައި ކުރި އެ ދަތުރުގައި ފާހަގަ ކުރެވުނީ 60 ކިލޯމީޓަރު ބާރު މިނުގައި އުޅަނދު ދުއްވަން ހުއްދަ ލިބިފައި އޮންނަ ހައިވޭއެއް ބަލަހައްޓަން ޖެހޭ މިންވަރާ ގާތަށް ވެސް ބެލެހެއްޓިފައި ނެތް ކަމެވެ. ލިންކް ރޯޑްގެ ކޮންމެ ދިމާލަކުން ފެންނަނީ ބޮޑެތި އިހުމާލުތަކެވެ. މިއީ އައްޑުއަށް ވެފައި އޮތް އިހުމާލުގެ އަދި ކުޑަމިންވަރެކެވެ.

ލިންކު ރޯޑު ހިތަދޫ ކޮޅުން: މި މައީ ވަރަށް ނުރައްކާތެރި މަގެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުގެ ބައެއް ތަންތަނުގައި އަޑި ގުޑަންތަކެއް ހެދިފައި ހުރި އިރު އަނެއްބައި ހިސާބުތަކުގައި ތާރުގަނޑުގެ މައްޗަށް ވިނަގަނޑު އަރައި މަގުމައްޗަށް ވެލިވެސް އަރާފައި ހުއްޓެވެ. އަދި މަގުގެ ދެ އަރިމަތިން ތާރުގަނޑު އޮންނަނީ އެއްވަރުކޮށްފައެއް ވެސް ނޫނެވެ. އެއްބައި ތަންތަން އުފުލިފައި އޮތް އިރު އެކަހަލަ ތަނަކަށް އެރިއްޖެ ނަމަ، ހަމަޔަގީނުން ވެސް ސައިކަލު ކަހާލާފައި ވެއްޓޭނެ އެވެ. އަހަންނާ އެކީ ކަހަލަ ގޮތަކަށް މަގުގެ އެއްކައިރިން ދުއްވާފައި ދިޔަ ދެ ރަހުމަތްތެރިން މިކަހަލަ އުސްގަނޑަކަށް އެރިގެން ސައިކަލުން ކަހާލާފައި ވެއްޓި އަނިޔާވި އެވެ. އެދެ މީހުންނަށް ސީރިއަސް އަނިޔާތަކެއް ނުވެ ސަލާމަތްވީ ކިރިޔާ އެވެ. ނަސީބު ރަނގަޅީ އެވެ.

ރަށް ގިރުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި މޫދު އޮތީ މަގާ ހައެއްކަ ފޫޓަށް ކައިރިއަށް ޖެހިފަ އެވެ. ބައެއް ދިމާތަކުގައި މަގުގެ އިން ވަކި ކުރަން ދަނގަނޑު ޖަހާފައިވެސް ނުހުރެ އެވެ. އެކަހަލަ ސަރަހައްދެއްގައި އެކްސިޑެންޓެއް ވެއްޖެ ނަމަ ވެހިކަލް ނުވަތަ ދުއްވާ މީހާ މޫދަށް ވެއްޓުމުގެ ފުރުސަތު ވަރަށް ބޮޑު ވާނެ އެވެ.

ޖުލައި 18، 2019: އައްޑުއަށް ބޯކޮއް ވާރޭވެހި ހިތަދޫ ކޮޅުން ލިންކު ރޯޑު ފެންބޮޑުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތަދޫ ނިމޭ ހިސާބުގައި ކޯސްވޭއިން ގުޅާލާފައިވާ އަބޫހެރަ އާއި ރުއްޖެހެރައަށް އަރާލުމުން ފެނުނީ އެ ރަށްރަށުގެ ހަނި ދިމަދިމާލުން މަގަށް އުދަ އަރާފައި އޮތް މަންޒަރެވެ. އޭގެ އިތުރުން މަރަދޫ ކޮޅުންވެސް މަގަށް އުދައަރާފައިވެ އެވެ. އުދައާ އެކު ތާރުގަނޑުގެ މައްޗަށް އޮތީ ވެއްޔާއި ފެނާއި ގާ އަރާފައި އެވެ. އެއީ ދުއްވާ އެއްޗެއްސަށް ހުރި ނުރައްކަލެކެވެ. އެކަން ހުއްޓުވުމަށް އެކަހަލަ ދިމަދިމާލުމުގައި ބޮޑު ހިލަ ޖައްސާފައެއްވެސް ނެތެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނި ގޮތުގައި ރަށް ގިރުމާއި އުދަ އެރުމަށް ދާއިމީ ހައްލެއް ހޯދުމަށް، ޖަޕާނު ސަރުކާރުގެ އެހީގައި މިހާރު އުދަ އަރާ ސަރަހައްދުގެ ސާވޭ ކުރަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިންކު ރޯޑަކީ މާލެ-ހުޅުމާލޭ ހައިވޭ އާއި ލާމު ލިންކު ރޯޑާ އަޅާ ބަލާ އިރު މާކަ ފުޅާ މަގެއް ނޫނެވެ. އެ މަގުގައި ޖެހި ޖެހިގެން ދެ ސައިކަލު އެއް ވަރެއްގައި ދުއްވާފައި ދާއިރު ކާރަކަށް މަގުން ދެވޭނީ ހަމަ ކިރިޔާ އެވެ. އެކަމަކުވެސް ސައިކަލާއި ކާރުތައް އެ މަގުގައި ދުއްވަނީ މަޑަކުން ނޫނެވެ.

ލިންކު ރޯޑުގައި ސްޕީޑު ލިމިޓުގެ ބޭރުން ދުއްވާއިރު ވެހިކަލްތައް ދުއްވަނީ ގާނޫނީ އިމުގެ ތެރެއިންތޯ ބެލޭނެ ގޮތެއް ނޯވެ އެވެ. މާލޭ-ހުޅުމާލޭ ހައިވޭ ގޮތަށް ފުލުހުންގެ ޗެކްޕޮއިންޓުތައް ޖަހާފައި ހުންނަތަނެއް ނުފެނެ އެވެ. އެކްސިޑެންޓުތައް ނިސްބަތުން ގިނަ އިރު ކެމެރާ ހަރުކުރަން އުޅޭ ކަމުގެ ނިޝާނެއްވެސް އެއްވެސް ކަމާ ބެހޭ ފަރާތަކުން ނުލިބެ އެވެ. ދުވެލި މަޑު ކުރަން ގިނަ ސްޕީޑް ބްރޭކަރުތަކެއް ނުފެނެ އެވެ. އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާ ބެންޑުތަކުގައި ދުވެލި މަޑުކުރަން މަޖުބޫރުވާނޭ ގޮތްތަކެއް އިންތިޒާމުކޮށްފައެއް ނެތެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަގުގައި އަލިކަމެއް ނެތް

ފޭދޫ އާއި މަރަދޫފޭދޫ އަދި މަަރަދޫ ބަލާލުމަށްފަހު އިރު އޮއްސުމުން، މިސްރާބު ޖެހީ އެނބުރި ހިތަދޫއާ ދިމާލަށެވެ. ރޭގަނޑު ލިންކު ރޯޑުގައި ކުރެވޭނީ މުޅިން ތަފާތު ތަޖުރިބާއެއް ކަމެއް އޭރަކު ނޭނގެ އެވެ.

މަރަދޫއިން ފައިބައިގެން ހަންކެޑެއާ ހިސާބަށް ދެވުމުން އެނގުނީ ދުއްވަން ޖެހެނީ ކަނު އަނދިރީގައި ކަމެވެ. މަރަދޫއިން ފެށިގެން ހިތަދޫގެ މީހުން ދިރިނޫޅޭ ހިސާބާ ޖެހެންދެން މަގުގައި އެއްވެސް ވަރަކަށް ލައިޓު ހަރުކޮށްފައި ނެތީ އެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޑް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަޅު ހިސާބުތަކުން ދުއްވަމުން ދިޔަ އިރު، ވިސިބިލިޓީ ހުރީ ހަމައެކަނި ސައިކަލުގެ ކުރިމަތީ ބޮކީގެ އަލި ފޯރާ ހިސާބަށެވެ. އެއަށް ވުރެ ދުރުގައި މަގުމަތީގައި ގަލެއް އޮތަސް، މަގުމައްޗަށް ގަހެއް ވެއްޓިފައި އޮތަސް ނޭނގޭ ވަރުވެ އެވެ. މަގުގައި ރޭގަނޑު ސައިކަލުގައި ދުއްވަން ހެޔޮވާވަރެއް ނޫނެވެ.

"މަގެއްގައި ލައިޓު ނުޖަހައި އޮވެގެން ނުވާނެ ދެއްތޯ،" ލައިޓު ނެތް ސަބަބާ ބެހޭގޮތުން ސުވާލު ކުރުމުން އައްޑޫ ސިޓީ ކައުންސިލުގެ ފޭދޫ މެމްބަރު އަލީ ފަހުމީ އަހުމަދު ދެއްވީ މި ޖަވާބެވެ. ފަހުމީ ވިދާޅުވީ، ލިންކު ރޯޑުގައި ލައިޓު ހަރު ކުރަން ސަރުކާރުން އެއްބަސްވެފައިވާ ކަމަށެވެ. އެކަމަކު، އަދި މިހާތަނަށް ސަރުކާރުން އެފަދަ ޕްރޮޖެކްޓެއް އިއުލާނުކޮށްފައެއް ނެތެވެ.

"ލިންކު ރޯޑުގެ މީހުން ނޫޅޭ ސަރަހައްދުގައި ލައިޓު ޖެހުމަށް ސަރުކާރުގައި ދަންނަވައިގެން އެކަން ކުރިއަށް ގެންދާ ގޮތަށް ސަރުކާރުން އެއްބަސްވެފައި އެބަ އޮތް. ބޮޑު ޕްރޮޖެކްޓަކަށް ވާނެ،" ފަހުމީ ވިދާޅުވިއެވެ.

ލިންކު ރޯޑުގައި މީގެ ކުރިން ހިނގި އެކްސިޑެންޓެއް -- ފޮޓޯ/ ސޯޝަލް މީޑިއާ

ލިންކު ރޯޑުގައި ލައިޓު ހަރުނުކޮށް ހުންނަ ސަރަހައްދުގެ ދިގުމިނުގައި އަށް ވަރަކަށް ކިލޯމީޓަރު ހުންނާނެ ކަމަށް ލަފާވެ އެވެ. އެހެންކަމުން، ލައިޓު ހަރުކުރުމަށް ބޮޑު ހަރަދެއް ދާނެ ކަމަށް ފަހުމީ ގަބޫލުކުރައްވަ އެވެ.

ލިންކް ރޯޑްގައި އަލިކަމެއް ނެތީ އެކަންޏެއް ނޫނެވެ. މަގުގައި ސަލާމަތީ ގޮތުން ހުންނަން ޖެހޭ ޓްރެފިކް ނިޝާންތައް ވެސް އެމަގުގައި ނެތެވެ. މަގުގެ ދެ ފަޅި ވަކިކުރަން، ރޮގު ކުރަހާފައެއް ނުހުރެ އެވެ. ބެންޑްތަކުގައި ތީރުތަކެއް ޖަހާފައެއް ނުހުރެ އެވެ. ރޭގަނޑު ކަނު އަނދިރީގައި ދުއްވަން ޖެހޭ އިރު، މަގުގެ ދެ އަރިމަތި ފާހަގަކޮށް އެނގޭނެ ފަދަ ގޮތެއް ވެސް އެމަގުގައި ނެތެވެ. މަގުގައި ދުއްވަން ޖެހޭ ބާރުމިން ބުނެދޭ ނިޝާންތައް ވެސް ހުރީ ޖަންގަލި ބޯވެ، ގަސްތަކާ ނިވާވެފަ އެވެ.

މިއީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު ސަރަހައްދުގެ މައި މަގު އޮތް ހާލެވެ. މާލެ އާއި ހުޅުމާލެ ބްރިޖަކުން ގުޅުވާލައި، ހައިވޭ އާއި މާލެ ވަށައިގެން ރިންގު ރޯޑު ހަދަން 100 މިލިއަނުން ހަރަދުކުރަމުން ދިޔަ އިރުވެސް އައްޑޫ ލިންކު ރޯޑު އޮތީ މި ހާލުގަ އެވެ. އެ މަގުގެ އެކްސިޑެންޑްތައް ހިނގަނީ ހިނގަން ވެގެން އެވެ. އަދިވެސް އޮތީ މި ހާލުގަ އެވެ. އެކަމަކު، އައްޑޫ ލިންކު ރޯޑާ މެދު މާ ބޮޑު ސަމާލުކަމެއް ސަރުކާރުތަކުން ދޭ ތަނެއް ފެނިފައެއް ނެތެވެ. މިއީ އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރު ހެއްޔެވެ؟

comment ކޮމެންޓް