ފަޔަރ އެންޑް އައިސް (25)

ފަޔަރ އެންޑް އައިސް

އާޔާ އޭނަ ލައިގެން ހުރި އޮފީސްހެދުން ބަދަލުކޮށްލާފައި ރީތިހެދުމެއް ލައިގެން ހެދުމާއި ގުޅޭގޮތުން މެގެންޓާކުލައިގެ ބުރުގާއެއް އެޅިއެވެ. ލިޕްގްލޮސްއަކުން ތުންފަތުގައި ޖައްސާލުން ފިޔަވާ އިތުރު މޭކަޕެއްނެތަސް އޭނަގެ މޫނު ފުރިހަމައެވެ. އާޔާ ނުކުމެގެން ހިނގައިގަންނަން އުޅުނުތަނާ ބެލްކަނީގެ ދޮރަށް ގަދަ އައްޔެއް އެޅުނެވެ. ވިދުވަރުގެ އަލިކަމަށް ހީކޮށްފައި ބެލްކަންޏަށް ނުކުތީ ޔަގީންކޮށްލާށެވެ. ފެނުނު މަންޒަރަކުން އާޔާގެ ރޫހުވެސް ރޫރޫ އަޅައިގަތެވެ. ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތް އަޑު ގޭގެ ހިމޭންކަން މުގުރާލައިފިއެވެ. ބިރުން ހިތް ހަލާކުވާފަދަ ގޮތަކަށް ހުރި ސޫރައެކެވެ. ކަޅު އެންދެރިގަނޑެއްހެން ހުރި އެ ދިގު ރުކެއްވަރު މީހާގެ ދެލޮލުން ރަތްކުލައިގެ ހުޅުތައް ދޫތަކެއް ފަދައިން އެކިފަރާތްފަރާތަށް ނެރޭއިރު ބޮލުގައި ހުރި ދެދަޅު ދިމާލަށް އެހެރީ ފެންނާށެވެ.

"އާޔާ އަހަރެން މިއައީ ވާހަކައެއް ބުނަން. އާރްޔާ މަރައިލި ކަމަށް އެ ފެނުނު ހާދިސާއަކީ ހަގީގަތެއް ނޫން......އިންސާނެއްގެ ސިފަ ޖެހިގެން ޝައިތާނެއް ހުރެދާނެ. އަދި އިންސާނެއްގެ ގައި ތެރެއަށްވެސް ވަދެދާނެ. މިކަމުގައި އާރިޒްގެ ކުށެއް ނުވޭ...................." އެމީހާ ވާހަކަދައްކާއިރު ހީވަނީ ގުގުމައިގެން ދާހެންނެވެ. ބަރުބަރު އަޑެކެވެ. އެ އަޑު އިވުނު މީހެއްގެ ގައިންވެސް ހީބިހި ނަގާވަރުވިއެވެ. އެ ޝައިތާންގެ ބަސްކޮޅާއެކު ބަލަބަލާ ހުއްޓާ ދުންކޮޅަކަށްވެ ލޯމަތިންގެއްލުނެވެ. ޖިންނި ޝައިތާނުން ދެކެ އިންތިހާއަށް ބިރުގަންނަ ކުއްޖާއަށް އެކަމުން ލިބުނީ ޝޮކެކެވެ.

އާޔާ ހޭކަނޑާލާފައި ދުއްވައިގަތްތަނާ މީހެއްގެ ގައިގާ އަޅައިގަތެވެ. އާޔާ ވިއްސައިގެން ނުދިޔައީ އެމީހަކު ހުޝިޔާރުކަމާއިއެކު ހިފެހެއްޓީމައެވެ. ކުރިމަތީގައި ހުރި އާރިޒް ފެނުމާއެކު ގެންފައިވާ ބިރު ފިލަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. އާރިޒްގެ އަތުގެ ހިމާޔަތް ލިބުމުން ޝައިތާނުން ދެކެ ގަންނަ ބިރު ހަދާންނެތިއްޖެއެވެ. ދެމީހުންނަށް އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެން އިރުކޮޅަކު ތިބެވުނުއިރު ހިތުގެ ވިންދުވެސް ހަމައެއް ލަމައެއްނެތި ތެޅެންފެށިއެވެ.

"ސޮރީ...." އާރިޒް ހިތް ހަމަޔަކަށް އަޅުވާފައި ދުރަށް ޖެހުނެވެ.

އާޔާއަކީ ބޮޑުބޭބެގެ ދަރިއެއްކަން އެނގުނަސް އެދެމީހުންގެ ދޭތެރޭ ލެވިފައިވާ ފާރު ކުރިއަށް ވުރެ ބޯކަމުގައި އާރިޒްދެކުނެވެ. އާޔާއަކީ ދުވަހަކު މިލްކުވުމެއް ނެތް އަންހެންކުއްޖެކެވެ. އަމިއްލަ ބަދުނަސީބާއިމެދު ހިތާމަކޮށްފައި އޭނަ މިހިރީ އާޔާއަކީ މާޒީގެ ސަފުހާއެއްކަމަށް ނިންމާފައެވެ.

އާޔާއަށް އެލޮލާއި ހަތަރުކަޅި ހަމަކުރެވުނުއިރު އެލޮލުން ފެނުނު އަސަރާއި ބަލައިލިގޮތް އާޔާގެ ހިތަށް ލޮޅުމެއް ގެނުވިއެވެ. އެހިނދުކޮޅު ދުވަހަކުވެސް ހިތަކުން ނުފިލާނެއެވެ. ދެމީހުންގެ ހިތުގައި އެއް އިހުސާސެއް ލައްވާފައިވާފަދައެވެ.

އާޔާ އިތުރު އެއްޗެކޭ ބުނުމެއްނެތި ނިކުމެގެންގޮސް ސިޓިންރޫމާއި އަރާހަމަވިއެވެ. އޭރު މާމަ ކޮންމެވެސް މީހެއްގެ ގައިގާ ބައްދާލައިގެން ހުރެ ރޮނީއެވެ. މާމައަށް އެހާވަރުން ޚާއްސަމިވީ ކާކުކަން ދެނެގަންނަން ކައިރިއަށް ޖެހިލުމުން ސިހޭގޮތްވިއެވެ. ބައްޕައާއި ތަފާތެއް ނެތް މީހެކެވެ. ބައްޕަގެ މޫނަށް ބަލާލާފައި އެމީހަކަށް ބަލައިލުމާއެކު މިއީ ބޮޑުބޭބެ ޖާސިމްކަން ދެނެގަންނާކަށް ސިކުންތުކޮޅެއްވެސް ނުނެގިއެވެ.

"ހީޒް އެލައިވް؟ " އާޔާއަށް އަހާލެވުނެވެ.

ފުރުގާން އޭނަގެ ދަރިފުޅު އާޔާ ބޮޑުބޭބެ ޖާސިމްއަށް ތައާރަފުކޮށްދިނެވެ.

"އިޓްސް އެ ލޯންގް ސްޓޯރީ ދަރިފުޅާ. އަންކަލް ޖާސިމް ބެ މިހިރީ ދުނިޔޭގައި. މި އާއިލާއަށް މިހާ ބޮޑުއުފަލެއް ނުލިބޭނެ. މާމަ އަބަދުވެސް ބުނަމުން އައީ މޫދުން ނެގީ އެހެން މީހެއްކަމަށާއި މާމަގެ ޖިމީ މަރުނުވާކަމަށް. މަންމައަކަށް ހީވާނީ ރަގަޅަށޭ ބުނެއެއްނު.................." ފުރުގާންގެ މޫނުމަތިންވެސް ފެންނަނީ މިއިން ޒަމާނެއްގައިވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ. ޖާސިމް އާޔާއާއި ސިއެނާއާއި ސަމާސާކޮށް ވާހަކަދެއްކީ ނިކަން ލޯބިންނެވެ. ފުރުގާންގެ ދަރިފުޅު އާރްޔާ މަރުވެފައިވާ ވާހަކަ ޖާސިމްގާތު އެކަކުވެސް ނުބުނެއެވެ. ޖާސިމްއަށް ލިބިފައިވާ އުފާތައް ފަނޑުކޮށްލަން އެކަކުވެސް ނޭދެނީއެވެ.

"ހެލޯ ޑޮކްޓަރ އާޔާ....." ދަންނަ އަޑެއް އިވުމުން އާޔާ އެނބުރި ބަލައިލިއިރު ފަހަތުގައި ހެވިފައި ހުރީ އާރިކްއެވެ. އާރިކްއާއި އާރިޒް މިފަދަ އާއިލީ އުފާވެރި ވަގުތުކޮޅެއް ފަނޑުކޮށްލަން އައީ ކީއްކުރަންހެއްޔެވެ؟ " އަހަރެން ވަރަށް އަޖައިބުވެއްޖެ ދެމީހުން ކަޒިންކަން އެނގުނީމަ. ޝޮކިން ދޯ..އެކަކުވެސް އެވާހަކަ ނުބުނޭ ދޯ. މި ބޭޑް ނިއުސް ބްރޭކް ކުރާނެ މީހަކީ މަ ކަން ނޭގޭ. އޮފިޝަލީ އަމް ޔޯ ކަޒިން....... އަހަންނަކީ ޖާސިމް މަހުމޫދު ސުލްތާންގެ ދޮށީ ދަރި ޑޮކްޓަރ އާރިކް......"

އާޔާ އަނގަ ހުޅުވުނުގޮތަށް ދެލޯ ތަންމިނަށް ހުޅުވާލައިގެން ބަލަން ހުރިގޮތުން އާރިކް ހިނި އައެވެ.

"ކްލޯޒް ޔޯ މައުތް. މެއްސެއް ވަދެފާނެ ތި ބޮޑު ބޮޑު އަނގަޔަށް..." އާރިކް ބުނެލިއެވެ. "މީހާކުޑަޔަސް ބޮޑު އަނގައެކޭ ދެއްވާފައިވަނީ......."

އާޔާގެ މޫނު ޓޮމާޓޯއެއްހާ ރަތްވިއެވެ. ހުރިހާ އެންމެން ތެރޭ ވެސް މި އަނގަގަދަ އާރިކް އޭނައާއި ދިމާކުރީ ކީކޭ ހިތަށް އަރާފައި ހެއްޔެވެ؟ މީހަކު ލަދުން ހަލާކުނުވާވަރެއް ނޫނެވެ. ގަތް ލަދު ފޮރުވަން ހީގަނެފައި އާޔާ ސަލާމް ކޮށްލަން އަތްދިއްކޮށްލިއެވެ.

"ވެލްކަމް ޓު އަވާ ފެމިލީ ޑޮކްޓަރ އާރިކް...."

"އާރިކްބެ ދެން ތިވަރު ނުކޮށްބަލަ.....ދޮންތީ..އަސްލުވެސް ޖާސިމް އަންކަލް ގެ ޓްވިންސްއިން ތިބޭކަމާއި އެއީ އާރިކް އަދި އާރިޒްކަން މިއެނގުނީ ކިރިޔާ........." ސިއެނާ އާޔާގެ އަތުގައި ހިފާލަމުން ހިނިތުންވެލިއެވެ.

"ނޯ ނޯ ނޯ...." އާޔާއަށް ހިތާހިތުން ކިޔައިލެވުނެވެ.

އެންމެން މިހާ އުފަލުން ތިބި ވަގުތެއްގައި އޭނަ ޖާސިމްގެ ހިތް ކުޑަވާގޮތަށް އާރިޒްގެ ވާހަކަ ދައްކާހާ އަމިއްލަ އެދުން ބޮޑެއް ނުވިއެވެ. ކެތްތެރިވެލާފައި އޭނަ ހީލަމުން ޖާސިމް އާއި ސަލާމްކޮށްލިއެވެ. އިހުތިރާމްއާއި ލޯބި އެކުލެވޭފަދަ ބަސްތަކެއް ދެމީހުންނަށް ބައްދަލުކުރެވުނެވެ. އާޔާ އާރިކްއަށްވެސް މަރުހަބާކިއެވެ. މިކަމުގައި އާރިކްގެ ކުށެއް ނުވޭތާއެވެ. ކުށްވެރިއަކީ އާރިޒްއެވެ. ނަމަވެސް އޭނައާއިދިމާވި ޝައިތާނާ ބުނި ގޮތުން ވިއްޔާ ލޮލަށް ދައްކާލީ އެހެން މަންޒަރެކެވެ. އެބުނި ބަހުގެ މާނައެއް އަދިވެސް އޭނައަށް ނޭގެއެވެ. މިއީ ހަމަ ގާތިލެއް ހެއްޔެވެ؟ މިހިރަ މަޑުމައިތިރިކަމާއި ރީތިކަމުގެ ނިވަލުފައި ފިލާ ހުރި އެނުބައި ޝައިތާނާ ހެއްޔެވެ؟ކޮންމެފަދަ މީހެއްކަމުގައި ވިޔަސް ހިތުގައި ނަފްރަތު އުފައްދަން ކުރާ މަސައްކަތަށް ހުރަސް އަޅަނީ ހިތުގެ ކަނުގައި އަބަދަށްޓަކާ އެވާ ފުން ލޯތްބެވެ. އަމިއްލަ ހިތަށްވެސް އެކަން ސިއްރުކުރަން އާޔާ މަސައްކަތްކުރި ކަމުގައިވިޔަސް އެކަން ކާމިޔާބެއް ނުވެއެވެ.

އެންމެން އެންމެނަށް ތައާރަފުވުމަށްފަހު ކެއުމަށް އިންސާފު ކުރެވެމުން ދިޔައިރު ޖާސިމްގެ ލާނެތްކަން އެންމެނަށް އެނގުނެވެ. އާރިކްފަދައެވެ. އޭނަ ނެތި ވީ ދުވަސްތަކުގައި ހިނގި ކަންތައް ފިލިން ފިލިއަށް ކިޔައިދޭން އެދުނެވެ. އެވަރުންވެސް ޖާސިމްގެ ފަރާތުން އޭނަގެ މާޒީ އެނގޭވަރެއް ނުވިއެވެ. ކުދިންނަށް ލިބިދާނެ ޝޮކަކަށްޓަކާ އޭނައާއި ޒަންދު ޕަރީގެ ހާދިސާ އަދި ފާޅުކުރާ ވަގުތު ނުޖެހޭކަމުގައި ހަރު މީހުން ދެކުނީއެވެ.


***

ބަލްސަމް ރުޅިއައިސްގެން ރޫރޫއަޅާގޮތްވި ނަމަވެސް ހިތުގައި ފުރުގާންއަށްޓަކާ ވާ ލޯބީގެ ސަބަބުން ފާޅުގައި ޒުވާބަކަށް ދާކަށް ނުކެރުނެވެ. މިކައިވެނީގައި އެއް އިރެއްގައި ރެދުލާފައިވާއިރު ދެވަނަފަހަރަށް ކުނިޖެހުމުގެ ފުރުސަތެއް ދޭކަށް އޭނަ ނެތެވެ.

"އޯކޭ އައިމް ސޮރީ އެބައުޓް ދިސް. އަހަރެންގެ ދެވަނަ އަންބަކާއި ތިންދަރިން ތިބި ވާހަކަ ނުބުނީ މަސްލަހަތު ގެއްލެން ބޭނުންނުވާތީ. ރައިނާ ޒައިރާ އަދި ރަނީންއަކީވެސް އަހަރެންގެ ދަރިން........" ފުރުގާންގެ ފޯނުގައި ހުރި ގެލެރީ ދައްކާލިއިރު ކޮންމެވެސް ވަރެއްގެ ކުށްވެރި އިހުސާސްތަކެއް ކުރެވުނެވެ. ތިން އަންހެންކުދިންވެސް އެހާ ރީއްޗެވެ. ކުއްޖަކަށް ދޫކުރާނެ ކުއްޖަކު ނެތެވެ.

"އެކަމަކު ކީއްވެތަ؟ ކޮންކަމެއް އުނިވެގެން..މިހެން ހަދަން ހެޔޮވާނީ ކިހިނެއް. މިވަރަށް ވަފާތެރި އަންބެއް ފުރުގާންއަކަށް ނުލިބޭނެ. ...." ބަލްސަމްގެ އަޅި ދެލޮލުގައި ބޮޑެތި ކަރުނަ ގަނޑެވެ.

"ބެލްސް އަށް ނޭގިވިޔަސް ޚިދުމަތްތައް ފުރިހަމަކޮށް ނުދެވުނު................." ފުރުގާން ކޮޅަށް ތެދުވެއްޖެއެވެ. " އަހަންނަށްވެސް ދެން އަބަދަކު މަލާއިކަތެއްހެން ނުހުރެވޭނެ ދޯ........................."

"ވަޓް؟ "ބަލްސަމްއަކަށް ނޭގުނެވެ.

"އެވާހަކަ ފަހުން ދައްކަމާ....."

ބަލްސަމްގެ މޭގައި ރިއްސައިލިއެވެ. އޭނައާއި ބެހޭގޮތުން ފުރުގާން އެބުނި އެއްޗެއްގެ މާނަ ވިސްނަ ވިސްނާ ނޭގުނެވެ. އެހެން އަންހެނަކު ފުރުގާނަށް ތިން އަންހެންދަރިން ވިހޭކަން އެނގުމުން އޭނަގެ ހިތަށް ކޮށްފައިވާ ފުން އަސަރުތައް ހަސަދަވެރިކަމުގެ ސިފަ ޚިޔާރުކޮށްފިއެވެ. އާރްޔާ މަރުވުމުން ފުރުގާންއަށް އެހާ ބޮޑުވަރު ނުވީ ދަރި ފަތްޗެއް އޮތީމައެވެ. އާޔާއަށް ކަމެއްވިނަމަ އޭނަ މޮޔަވާނެއެވެ. ބަލްސަމް ކަރުނަތައް ހުއްޓަން ކުރި މަސައްކަތް ވީ ބޭކާރެވެ.

***

އާޔާ ކޮޓަރިއަށް ވަދެފައި އެންމެ ކުރިން ވުޟޫކޮށްލައިގެން މުސައްލަމަތީ އިށީނެވެ.މި ބޮޑެތި އިމްތިހާނުތަކުގެ ސަބަބުން ހިތް މަރުވިޔަނުދީ ކިރިޔާވެސް ދިރުމާއި އުއްމީދު ގެނުވަނީ ހެއްދެވިފަރާތަށް އޮތް އިތުބާރެވެ. އެގުޅުން ނެތްނަމަ އޭނަ މޮޔަވެދާނެއެވެ.

އެންމެ ފުރަތަމަ ކައިވެނި ކުރީ އަޒިކިއަލް ކިޔާ ޒުވާނަކާއެވެ. އެއްބަފާ ބޭބެކަން އެނގުމުގެ ކުރިންވެސް އެދެމެދުގައި ގުޅުމެއް ނެތެވެ. އަޒިކިއަލް ބަދަލު ހިފަންވެގެން ކުރި ކަމެއްކަން އެނގުމުން އާޔާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ.

ދެން ހުރީ އާރިޒްއެވެ. އޭނަވެސް މިވީ ދެބެންގެ ދެދަރި ޒުވާނަކަށެވެ. ނަމަވެސް މަހުރަމެއް ނޫނެވެ. ވީއިރު ކައިވެނި ކުރެވިދާނެއެވެ. ނަމަވެސް އޭނަވަނީ އާރިޒް އޭނަގެ ދިރިއުޅުމުން އަބަދަށްޓަކާ ދުރަށް ފޮނުވައިލާފައެވެ. ނަމާދުކޮށް ނިމިގެން އޭނަ ދެއަތް އުފުލާލައިގެން އިނދެ ދުޢާކޮށް އެދުނީ ހިތަށް ތަސައްލީ ދެއްވުމަށެވެ. ލިބެމުންދާ ހިތާމަތަކުން ސަލާމަތްކޮށްދެއްވުމަށެވެ.

އާޔާ ނަމާދުން ނިމިގެން ދޮޅިރީތިކޮށް ފަތްޖެހިއެވެ.

"އަހަރެންގެ ބަދުނަސީބާއި ހިތާމަތަކަކީ އަމިއްލައަށް ހޯދައިގަތް އެއްޗެއް. އަޅުކަންތައްތަކާއި ދުރަށް ދެވުނީ. ދުޢާކޮށްލީމަ މައި ހާޓް އިޒް ފައިނަލީ އެޓް ޕީސް. އިރާދަކުރެއްވިއްޔާ ހިތަށް ހަމަޖެހުން ލިބިއްޖެ. އަސްލުވެސް އެންމެ ހިތަށް ހަމަޖެހުން ލިބޭކަމަކީ ގިނަގިނައިން ހެއްދެވި ފަރާތްމަތިން ހަދުމަކުރުން. ގިނަގިނައިން ޒިކުރުކުރުން........" އާޔާ ހިނިތުންވެލިއެވެ.


***

ނޫރިއާގެ އެނދުގެ މަގަތުގައި ޖާސިމް އިށީދެލައިގެން އިންއިރު އޭނަގެ އަތުގައި ހުރީ މޭވާތަށްޓެކެވެ. ޑްރެގަންފުރުޓްގައި ހުންނަ ކުލައަކީ ޒަންދުގެ ފެވެރިޓްކުލައޭ ޖާސިމް ހިތަށް އެރިއެވެ. މަންމައާއި ފުރުގާން މިއަދު އޭނަ ގެނެސް ދެއްކި ވާހަކައިން ޖާސިމްގެ ހިތަށް ބިރުވެރިކަން ވަނަސް އޭނަ ހުރީ ބޭރުފުށުން ހީލަ ހީލައެވެ. އަބަދު އުފާވެރިކޮށް ފެންނަ ޒުވާނާގެ މިޒާޖު އަދިވެސް ބަދަލެއްނުވެއެވެ.

"ޔަޕް މަންމާ އަޅުގަނޑު ތިކަމާ ގަބޫލު. ޖިންނިންނާއި އިންސާނުން އެކީގައި އުޅެން ދީން ހުއްދަނުކުރޭ. ޒަންދުއާއިއެކު އާރިކްއެވަނީ އެމީހުންގެ ދުނިޔޭގައި. އަޅުގަނޑަށް އާރިޒްލިބުނީ. އާރިޒްގެ ގެ ހަށިގަނޑުގާ ޖިންނިންގެ ކަމެއްނެތްކަން ނަސީބު. ވީމަ އަޅުގަނޑު އިރާދަކުރެއްވިއްޔާ މަންމަ ދޫކޮށްފައެއްނުދާނަން. އުމުރުގެ ބޮޑުބައި ހޭދަވީ ލޯބިވާ މީހުންނާއި ވަކިން. ފިލާވަޅެއް ލިބުނީ. އަބަދަށް މަންމައާއިއެކު ވާނީ....." ޖާސިމް އޭނަގެ މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. ނޫރިއާގެ ލޯ ތެމުނީ އުފަލުގެ ކަރުނުންނެވެ.

"ޝުކުރިއްޔާ މަންމަގެ ލޯބިދާ ދަރިފުޅާ...."

"މަންމާ މިހާރު މިހިރަ ކުއްޖާ ހުންނާނީ ނިކަން ޖޭވެފަ މަންމަ ބޮޑަށް އަޅުގަނޑުދެކެ ލޯބިވާތީ." ޖާސިމް ފުރުގާންއާއި ދިމާލަށް އެއް ލޯ މަރައިލިއެވެ.

"އެހެންނުވާނީ. އަހަންނަށް އަދިވެސް ތިއީ އަހަރެންގެ ކޮއްކޮކަމަށް ޔަގީނެއްނުވޭ. ކިހިނެއް އެނގެނީ ޖިމީ ކާލާފައި އެސިފަ ޖެހިގެން ހުރި ފުރޭތައެއް ނޫންކަމެއް............" ފުރުގާން ސީރިއަސްވެލިއެވެ. "އަދިވެސް ކިޔާނުދެމެއްނު އެމީހުންގެ ދުނިޔޭގެ ވާހަކަތައް..."

"ނަތިން މަޗް. އައި ވޯޒް ޑިޕްރެސްޑް. ޕްރިޒްނާއަކަށް ކޮން ސްޓޯރީސްތަކެއް އޮންނާނީ. ހަތަރު ފާރަށް ބަލަން އޮވެ ފާޑަކަށް ބޯ ގޮވީ. އެނީވޭސް ބްރަދާ ޝްރިންކަކަށް ވިކަމީ މަގޭ ނަސީބު......." ޖާސިމް ހިނިގަނޑެއް ޖަހައިލިއެވެ. "އެކަމަކު އަހަންނަށް ސަޅި ކަމެއް ދަސްވި. ޖިންނިންގެ އެ ގަބީލާގެ މީހުންގެ ބަހުރުވަ ދަސްކުރިން......"

"ދަރިފުޅުމެން ހަޔާތުން އެބާބު ފޮހެލާ. މި މާތް ދީނުގައި ހުއްދަކަމެއްވެސް ނޫނެއްނު ދޯ. އިންސާނުންނާއި ގުޅިގެން ދަރިފަސްކޮޅު އާލާކުރަންވީ......." ނޫރިއާގެ ވާހަކަ ހުރިގޮތުން ޖާސިމްއަށް އެއްކަމެއް ޔަގީންވިއެވެ. މަންމަ އޭނައަށްޓަކާ ހަޔާތުގެ ބައިވެރިއެއް ނުހޯދާނެ ގޮތަކީ ނެތްގޮތެކެވެ. ޒަންދުއާއި އޭނަގެ ގުޅުން ކަނޑާލުމަކީ އޭނައަށް ކުރެވޭނެކަމެއް ނޫނެވެ. އެއީ އޭނަގެ ލޯތްބެވެ. އަންހެނުންނެވެ. ދަރިންގެ މަންމައެވެ. ޒަންދުއާއި އޭނަވެސް މަސްލަހަތަށް ބަލާފައި ގުޅުން ކުރިއަށް ގެންދަން ނިންމީ ލޯތަކަށް ސިއްރުންނެވެ. ޒަންދުއާއި އެކު އާރިކްވެސް ގެންދިޔަ ނަމަވެސް ޒަންދު އަދި އާރިކް ކޮންމެ ރެއެއްގަައި ދުނިޔެއަށް ފައިބައެވެ. ޖާސިމް އަދި އާރިޒްއާއިއެކު ވަގުތުތައް ހޭދަކުރެއެވެ. އެއީ އެންމެނަށްވެސް ސިއްރުކުރެވިފައިވާ ބާބެކެވެ.


***

ހަނދުވަރު ނިކަން ރީތި ރެއެކެވެ. ޖަނާހުއާއި އާރިޒް މަސްފިހެން ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން ތިއްބާ ގަސްތަކުގެ ތެރެއިން ނިކުމެގެން އައީ އާރިކްއެވެ. އާރިކް ދެޒުވާނުންގެ ގައިގާ ބައްދާލިއެވެ.

"ވަރަށް މިސްވެއޭ...."

"ކީއްކުރާނީ. ފެމިލީގެ ޑިޒިޝަނަށް އަހަރެމެން އެއްބާރުލުން ދޭންޖެހޭނެ. އެކަމަކު މިއަންނަނީނު މަޖާގަނޑުގައި ބައިވެރިވާން. އެނީވޭސް ދެން އިންސާނުންނަކަށް އަހަރެން ނުފެންނާނެ. ފެންނަން ބޭނުން މީހަކަށް ނޫނީ. ޑޮކްޓަރ އާރިކްއިޒް ގޯން...." އާރިކް ބުނެލިއެވެ."އެއްކަލަ ފިނޑި ގްރޫޕް މިގެއަށް އެބަވަދޭ ދަގަނޑާއި ވަޅިއާއި ހަތިޔާރު ހިފައިގެން..ހެހެ.."

"ކިހިނެއް އެނގުނީ.." ޖަނާހު ވަށައިގެން ހޯދާލިއެވެ.

"ޖަނާ. އަހަންނަށް ޖަނާމެންނަށް ލިބިފައި ނުވާ ބާރު ލިބިފައިވާކަން ހަނދާން ނައްތާނުލައްޗޭ...." އާރިކް ޖަނާހުގެ ކުރިމަތީގައި ހުރެފައި ކުއްލިއަކަށް ދުންގަނޑަކަށްވެ ލޯމަތިން ގެއްލުނެވެ. ޖަނާހު އޭނަގެ ރޫހާނީ އެކުވެރިންނާއިމެދު ފަޚުރުވެރިވިއެވެ.ކޮންމެ ކޮންމެ މީހަކަށް މިކަހަލަ ނަސީބެއްވެސް ނުލިބޭނެއެވެ. ޖަނާހު ލޮނުމިރުސްލާފައި ހުރި މަސްތައް އުލުގައި ޖަހަން ފެށިތަނާ ކުއްލިއަކަށް ފަހަދުއާއި އޭނަގެ ގޭންގު އެތަނަށް ވަދެގަތްތަން ފެނުމުން ޖަނާހު ނިކަން ހަމަޖެހިލާފައި އަމާންކަމުގެ ނިޝާން ދައްކައިލިއެވެ. ފަހަދުމެންނަށް އެންމެ ރަގަޅުވާނީ އެމީހުންނާއި ދުރުން އުޅުމުން ކަމަށާއި ލިބިދާނެ ގެއްލުމަކަށް ޖަނާހު ޒިންމަ ނުވާނެކަމުގައި ރީތިކޮށް ވިސްނައިދިނުމުން އަދި ފަހަދު އަރައިގަތީ އަމަށަކު ރުޅިއެއްނޫނެވެ. އޭނަ ލޮލުން އިޝާރާތްކޮށްލުމާއެކު ދިހަމީހުން އެއްކޮށް ތޫނު ހަތިޔާރާއެކު އާރިޒްމެން ކޮށައިލުމުގެ ނިޔަތުގައި އަރައިގަތެވެ. އެއާއެކު ހަނދުވަރުގެ އަލިކަން ކުއްލިއަކަށް ކެނޑި ކަޅުފޮރި ރެއަކަށް އެހިސާބު ބަދަލުވެ އަލިފާންގަނޑުތައް ނިވުނެވެ. ލޮލުގެ ހެކަވެސް އެނގެނީއެއް ނޫނެވެ. އެހާލުގައި ތިއްބާ އަނިދރީގެ ތެރެއިން އެ ދިހަމީހުންނާއި ދިމާކޮށްލީ ބާރުގަދަ އެންމެ މަޚުލޫގެކެވެ. އޭނަގެ ގާތުގައި ދެންމެ ވިހޭ ކުއްޖާފަދައިން އެއްވެސް އާރެއްބާރެއްނެތި އޭނަ ބޭނުންގޮތެއް ހަދައިލެވުނެވެ. ހަނދުން ވިލާގަނޑު ކެހިލިއިރި ދިހަމީހުން ތިބީ މަގުމައްޗަށް ގުޅައަކަށް ޖަހާފައެވެ. ބޮޑެތި ޒަޚަމްތަކާއެކުގައެވެ. އިރުކޮޅެއް ނުވަނީސް އެތަނަށް މީޙުން އެއްވެ އެމްބިއުލެންސްއަށް ގުޅިއެވެ. ފަހަދު ހޭއެރުމާއެކު ވަށައިގެން ހޯދާލެވުނީ ބިރުވެރިގޮތަކަށެވެ. އަދިރިކަމުގެ ތެރެއިން އޭނައަށް ހަމަލާދިނީ އިންސާނެއްނޫންކަން އޭނައަށް ޔަގީނެވެ.އިންސާނަކު އެހާ ކުޅަދާނައެއް ނުވާނެއެވެ. އޭނަ ބޯމަތީ އަނބުރަ އަނބުރަފައި ފަޒާގެ ތެރެއަށް މައްޗަށް އެއްލާލިގޮތަށް ބޯޅައެއްހެން އަރައިގެން ދިޔަގޮތަށް ތިރިއަށް އައި ބާރު ސްޕީޑަކީ ސައިކަލެއް ފުލް ސްޕީޑުގައި ދަނިކޮށް ވިއްސައިގެން ދިޔުމުން ދާނެ ބާރުމިނެވެ. އަދި ބިންމަތީ ޖެހުމުގެ ކުރިން އޭނަގެ ގައިގާ ހިފަހައްޓާފައި ކަންފަތް ބުޑުގައި ބުނެލި ޖުމްލަ އަދިވެސް ގުގުމާފަދައެވެ.

"ދެވަނަ ފަހަރަށް ލޫސީއާއި ޖަނާއައި ނުބެހެއްޗޭ. ހުރިހާ ކަށިތައް ބިންދާލާނަން..."އެއީ އާރިޒް އަދި ޖަނާހުގެ އަޑެއް ނޫނެވެ. އިންސާނީ އަޑެއްވެސް ނޫނެވެ. އޭނަ ވަރުގެ ފިރިހެނަކު ނެތްކަމަށް ގަބޫލުކޮށްގެން ހުރި ހުރުން މި މަޚުލޫގު ނެތިކޮށްލާ އޭނަގެ ބާރެއްނެތްކަން ހާމަކޮށްފިއެވެ.

"ކިހިނެއް ހަދަންވީ....ރިވެންޖް؟ " ޖެހިގެން އޮތް އެނދުގައި އޮތް ސަނީ އަހައިލިއެވެ.

"ނޫން. އެމިހުން މޮޅުވީ..އެ ޗެޕްޓާ ކްލޯޒްކޮށްލާ.."ފަހަދުގެ އަނގަމަތި ދުޅަކަމުން ވާހަކަދެއްކޭވަރެއްވެސް ނޫނެވެ. މުޅި މޫނު އެއްކޮށްހެން ބެންޑޭޖުކޮށްފައިވާއިރު އޭނައެކޭ މަމީއެކޭ ތަފާތެއް ނެތެވެ. ހުރިހާ ކަށިކޮޅެއްގައި ވަކިން ރިއްސައެވެ. ސަނީ ބޯ ޖަހައިލިއެވެ.


***

ޖާސިމް އެނބުރިއައުމުގެ އުފަލުގައި ބޭއްވި ހަފްލާ އޮތީ ސްވިޒަރލޭންޑުގައެވެ. ގޯތިތެރޭ ގޮނޑިތައް ބަހައްޓާފައި ހުރިއިރު ޚާންދާނުގެ އެތައް މެމްބަރުންނެއް އަންނަމުން ދިޔައެވެ. މިއުފާވެރި ހަފްލާއަށް ފުރަތަމަ ފަހަރަށް ފުރުގާންގެ ދެވަނަ އަނބި އަދި ތިންކުދިން ރަނީން ޒައިރާ އަދި ރައިނާވެސް އައުމުން އިތުރަށް އުފާވެރިކަން ލިބުނެވެ. ބަލްސަމް ގަދަކަމުން ހިނިތުންވެގެން ހުރިއިރުވެސް އޭނަގެ ހިތް ރޮނީއެވެ. ކުރެވުނު ކުށެއް ނޭގުނީއެވެ. ފުރުގާން އޭނައަށް ސިއްރުން ދެވަނަ އަންބެއް ހޯދީ ކީއްވެކަން އަދިވެސް ނޭގުނީއެވެ. އެ ސުވާލު ކުރާނެ ހިތްވަރެއްވެސް އެފަހުން ނުލިބުނީއެވެ. އާރިޒްގެ ހަގީގީ މާމަކަމުގައި ނުވިޔަސް ބަލާބޮޑުުކުރި ޝަކީރާގެ އިތުރުން މާމަގެ "ބެސްޓްފްރެންޑް" ދަލޭކަވެސް އެ ހަފްލާއަށް ގެނައެވެ. އަޒިކިއަލް ފެނުމުން އާޔާ މިފަހަރު ލަދެއްނުގަނެއެވެ. ބޭބެއެއްގެ ހައިސިއްޔަތުން ބަލައިގަނެ އިހިތުރާމްއާއެކު ވާހަކަދައްކާ ހެދިއެވެ. އެންމެން އުފާވެ ހީހެދިއިރު މޮޅިވެރިކަން ފެންނަ މަދު ބަޔަކު ތިއްބެވެ. އާޔާ މަޑުމަޑުން ހިނގާލާފައިގޮސް ވޯލްނަޓް ގަސްދަށުގައި ހުރި ގޮނޑިއެއްގައި އެކަނިމާއެކަނި އިށީދެލައިގެން އިންއިރު ނަޒަރުވަނީ ފޯނަށް ހުއްޓިފައެވެ. މިތަނަށް އައުމުން މާ ބޮޑަށް އާރްޔާ މަތިން ހަނދާންވީއެވެ.

"ކޮންކަމަކާ ތިވިސްނަނީ؟" ދަންނަ އަޑެއް އިވުމުން އިސްއުފުލާ ބަލައިލިއިރު ކުރިމަތީ ހުރީ އަރިޒްއެވެ. ކޯޓްފަޓުލޫނެއްގައި ހުރިއިރު ސްމާޓްކަމާއި ފިރިހެންވަންތަކަމުގެ ނަމޫނާއެކެވެ. އާޔާގެ ހިތުގެ ވިންދު ހުއްޓުނުހެން ހީވިއެވެ.

"އަަހަރެންވެސް މިގެ ފެނުނީމަ އެންމެ ހިތަށް އަރަނީ އާރްޔަ ކޮބާބަވައޭ. ޝީ ވޯޒް ދަ ސިސް އައި ނެވާ ހޭޑް..ވަރަށް ލޯބިވި ކޮއްކޮއެއް. އަދިވެސް ހިތަށް އަރާ އާރްޔާ ހުރިނަމައޭ....." އާރިޒްގެ ލޯ ފެންކަޅިވިތަން ފެނުމުން އާޔާއަށް އަސަރުކުރިއެވެ. އެ ލޮލުންވެސް ސާބިތުކޮށްދިނީ އޭނަ އާރްޔާއަށް ހަމަލާނުދޭކަމެވެ. އާޔާއަށް އެވަގުތު އާރިޒްއަށް އިތުބާރުކުރެވުނެވެ. އެ ރީތި ދެލޮލުން ފެންނަނީ އޭނައަށްޓަކާ ވާ ލޯތްބެވެ. އެފަދަ ނަޒަރަކުން އާރިޒް އެހެން އަންހެންކުއްޖަކަށް ދުވަހަކު ބެލިކަމެއް ނޭގެއެވެ. އާޔާގެ ހިތް އުފަލުން ބަންޑުންވިއެވެ.

"އައި ސްވިއާ އިން ދަ ނޭމް އޮފް ﷲ......" އާރިޒް އާރްޔާ މަރާލަން ކީއްކުރަން އަނިޔާކުރަން ހިތަށްނާރާކަމަށް ބުނެ ހުވާކުރުމުން އާޔާގެ ދެލޯ ކަރުނުން ފުރުނެވެ.

"ޑޯންޓް ކްރައި. އިޓް ހާޓްސް" އާރިޒް ބުނެލީ އޯގާތެރިކަމުން ފުރިފައިވާފަދަ ގޮތަކަށެވެ."ހިނގާ އެފަރާތަށް އެންމެން ހިތަށް އަރާނެ ދެމީހުން ވަކިން ތިބީ ކީއްވެހެއްޔޭ....."

އާރިޒްއާއި އާޔާ ހަފްލާގައި ބައިވެރިވިގޮތަށް އާރިޒްދިނީ އަޔަ ހީނުކުރާފަދަ ސަޕްރައިޒެކެވެ. އެންމެންގެ ކުރިމަތީ އޭނައައި ކައިވެނިކުރަން ހުށަހެޅީއެވެ. އާއެކޭ ބުނާށޭ ކިޔާފައި އާއިލާގެ އެންމެން އެއްއަޑަކުން ހަޅޭއްލަވައިގަތްއިރު އާޔާއަށް އުފަލުން ރޮވުނެވެ. އާޔާވެސް އާއެކޭ ބުނެލީ އުފަލާއި ޖޯޝާއެކު ހަޅޭއްލަވައިގެންފައެވެ. އޭނަގެ އިންތިޒާރު ފުރިހަމަވީއެވެ. މިފަހަރު އިރާދަކުރެއްވިއްޔަ އަބަދަށްޓަކާ އެކީގައި އުޅެވޭނެއޭ އޭނަގެ ހިތް ބުނެލިއެވެ. އާރިޒް މިފަހަރު އަތުގައި އަޅުވާދިނީ އޭނަގެ އުފަންދުވަހު ދިން ޖަވާހިރު ޖަހާފައި ހަދާފައިވާ އަނގޮޓިއެކެވެ. އެންމެން އެކީގައި ފޮޓޯ ނަގާފައި ސަކަރާތްޖެހިއިރު އެންމެންގެ ލޯތަކަށް ފިލައިގެން ޒަންދުއާއި އާރިކްވެސްއެ ހަފްލާގައި ބައިވެރިވިއެވެ. އެމީހުން ފެނުނީ ޖާސިމްއަށާއި އާރިޒްއަށެވެ. ހަފްލާ ނިމުމުން ވޯލްނަޓްގަސް ކައިރީ ވާހަކަދައްކާލަން ތިބެފައި އާރިޒް މަންމަމެންނާއި ބައްދާސަލާމްކޮށްލާފައި އެތެރެއަށް ދާން ހިނގައިގަތްތަނާ އާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލަފައި ދިއްކޮށްލީ އޭނަދިން ޓެޑީއެވެ. އާޔަ ޓެޑީމޫނުގައި ޖައްސާލާފައި އެއްލޯ މަރައިލުމުން އާރިޒްވެސް އަތުން ލޯބިވާކަމުގެ އިޝާރާތްކޮށްލިއެވެ. އަންނަންވީ ހެއްޔޭ އެހުމުން އާޔާ ބުނެލީ ކައިވެނީގެ ކުރިން އަތުގައި ހިފާލުންވެސް މަނާކަމުގައެވެ. އާރިޒް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ރަގަޅުވާހަކައެއްކަމުގައި ބުނެލިއެވެ. ކައިވެނީގެ މާތް ގުޅުމުގައި ބަރަކާތް ލައްވާނީ ހަލާލުގޮތުގައި ގުޅުން ފެށުމުންނެވެ. ދެލޯބިވެރިން އިންތިޒާރުކުރަނީ އެޒުވާނުންގެ ކައިވެނީގެ އުފާވެރި ދުވަހަށެވެ.

(ނުނިމޭ...)

https://sun.mv/122601

comment ކޮމެންޓް