އަލިފާނުގެ ރިޕޯޓް ލިބުނުތާ ހަ މިނިޓް ތެރޭ ފުރަތަމަ ވެހިކަލް އެޓެންޑް ކުރި: މާރިޔާ

މިނިސްޓަރު މާރިޔާ: އަލިފާނުގެ ރިޕޯޓް ލިބުނުތާ ހަ މިނެޓް ތެރޭގައި އެޓްންޑްވި ކަމަށް ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރޭ މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ރިޕޯޓް ލިބުނުތާ ހަމަ މިނެޓް ތެރޭގައި އެ ތަނަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުގެ ފުރަތަމަ ވެހިކަލް އެޓެންޑް ވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ބަންޑާރަ ކޮށީގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާރިޔާ ވިދާޅުވީ، އަލިފާން ރޯވި ކަމުގެ ރިޕޯޓް އެންމެ ފުރަތަމަ ލިބިފައި ރޭ ވަނީ 7:26ގައި ކަމަށާއި 7:32 ވީ އިރު އަލިފާން ނިއްވާ ފުރަތަމަ ވެހިކަލް އެ ތަނަށް ގޮސްފައިވާނެ ކަމަށެވެ.

"އެހެން ގޮސް ހުރިހާ ވެހިކަލެއް ދެވުނީ 7:48ގައި. މުޅި އެކީގައި 12 ވެހިކަލް އެތަނަށް ދިޔަ،" މާރިޔާ ވިދާޅުވި އެވެ.

އަލިފާން ނިއްވާ ވެހިކަލްތައް އެ ސަރަހައްދައް ދިޔަ ނަމަވެސް ސައިކަލްތައް ޕާކް ކޮށްފައި ހުރި ގޮތުން ފުރަތަމަ ޖެހުނީ އެ ސައިކަލްތައް އެއްފަރާތް ކުރަން ކަން މާރިޔާ ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެންމެ ފުރަތަމަ ކޮށްފައި ވަނީ މީހުން ސަލާމާތްކުރުމުގެ މަސައްކަތް ކަމަށެވެ.

މާލޭގައި ހިނގި ބިޔަ އަލިފާނުގެ ހާދިސާ: މި ހާދިސާގައި ހަތް ގެޔެއްގައި އަލިފާން ހިފި އިރު އެކެއްގެ ފުރާން ވެސް ވަނީ ގެއްލިފައި --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަނދައަނދައި އޮތް ފަޔާގެ ތެރެއަށް އެ ބޭފުޅުން ވަދަވެޑައިގަތް އެންމެ ފުރަތަމައިން ވެސް ވަދެވަޑައިގަތް ބެޗުގައި ތިން މީހަކު ސަލާމަތް ކުރެއްވި،" މާރިޔާ ވިދާޅުވި އެވެ.

މީހުން ސަލާމާތް ކުރުމަށް ވަރަށް ދަތި އަދި ނުރައްކާ މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކޮށް މާރިޔާ ވަނީ އެ މަސައްކަތުގައި ހަރަކާތްތެރިވި 150 އަށް ވުރެ ގިނަ ސިފައިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"ހަތް ގޭގައި އަދި ހަތަރު ގުދަނުގައި އަލިފާން ހިފައިގެން އުޅުނީ. އޭގެ ތެރޭގައި އުސް އިމާރާތް ހިމެނޭ ގޮތަށް. އެހެންވީމާ އަޅުގަނޑަށް ބުނެވޭނީ ދުނިޔޭގެ ގިނަ ވަސީލަތްތައް އޮތް ތަންތަނާއި އަޅުގަނޑުމެންނާ ކޮމްޕެއާ ކުރާއިރުގައި މަސައްކަތް ކުރެވުނީ ވަރަށް ރަނގަޅަށް،" މާރިޔާ ވިދާޅުވި އެވެ.

ރޭގެ އަލިފާނުގެ ހާދިސާގައި އެކަކު ވަނީ މަރުވެފަ އެވެ. އަދި ދުމުގެ އަސަރު ކޮށްގެން ގިނަ މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އިތުރު މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް