ތިނަދޫ ދޯނީގެ އަލިފާނުގައި ފިހުނު އިތުރު މީހަކު މަރުވެއްޖެ

ގދ. ތިނަދޫ: -- ފޮޓޯ/އަހްމަދު ވިޝްފާޤް

މިދިޔަ މަސް ތެރޭ ގދ. ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އިތުރު މީހަކު ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި ގޭސްފުޅިއަކުން ގޭސް ލީކުވެގެންނެވެ.

މިއަދު މަރުވި މީހާއަކީވެސް އެ ހާދިސާގައި ފިހިގެން ފަރުވާދިނުމަށްޓަކައި މާލެއަށް ގެނައި މީހެކެވެ، އެމީހާ މަރުވެފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތުގަ އެވެ.

ނޮވެމްބަރު 22 ވަނަ ދުވަހުގެ ރޭ ދަންވަރު 12:34 ގައި ހިނގި އެ ހާދިސާގައި ފިހުނު އުމުރުން 40 އަހަރުގެ އެހެން މީހަކުވެސް ވަނީ ޑިސެމްބަރު 1 ވަނަ ދުވަހު މަރުވެފަ އެވެ.

އެ ހާދިސާގައި މަރުވި ދެ މީހުންނަކީވެސް ގދ. ތިނަދޫއަށް ނިސްބަތްވާ ދެމީހުންނެވެ.

ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި މިއަދު މަރުވި މީހާގެ ހަށިގަނޑުގެ 45 ޕަސެންޓް ވަނީ ފިހިފަ އެވެ. ފުރަތަމަ މަރުވި މީހާގެ ހަށިގަނޑުގެ 60 ޕަސެންޓް ފިހިފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މީގެ ކުރިން ބުނެފަ އެވެ.

comment ކޮމެންޓް