ފަޔަރ އެންޑް އައިސް (24)

ފަޔަރ އެންޑް އައިސް

މިހާރު މިއޮތީ ދެފަރާތަށްވެސް އިންސާފުވެރިކަމާއިއެކު އެއްބަސްވުމަށް އަމަލުކުރުން. ޚަލީސީ ހުވާކުރި. ޖާސިމް ސަލާމަތުން މަންމަމެންނާއި ހަމަޔަށްގެނެސްދޭނެކަމަށް ވައުދުވި...................."

" ފުރުގާން. މި ފުޅީގެ މަތިގަނޑު ނައްޓާލަބަލަ......." ނޫރިއާ އެދުނެވެ.

އެހުރިހާ ވާހަކަތަކުންވެސް ޔަގީންނުވެފައި އިނަސް ފުރުގާން މަންމަގެ ހިތް ހަމަޖައްސަދޭން އެ ހުޅުވަންވެގެން މަތިގަނޑުގައި ހިފާލިއެވެ. ދެތިން ފަހަރު ހިފާލުމުންވެސް ގުޑިއެއް ނުލިއެވެ.

"ގަސްތަކުގެ ތެރޭ ފުރޯއެއް އޮންނާނެ. އެއިންކަން ނޭގޭ މި ހުޅުވޭނީ....." އަވަސްވެފައިވާ ހިތަކާއެކު އާރިޒް ގޭގެ ދޮރު ހުޅުވައިލިއިރު ކަރުތެރެ ބެދޭފަދަ އިހުސާސެއްވިއެވެ. ނޫރިއާގެ ވާހަކަތައް އަދިވެސް ސިކުނޑިއަށް ނަގައިގަންނާކަށް ފަސޭހައެއް ނޫނެވެ. ނަމަވެސް ލޫގާ އަލާނިއަލް އަދި ޒޭބްއަކީ އިންސިން ނޫންކަމާއި އެވާހަކަތަކުގައި ތެދު އެކުލެވޭކަން އެނގި އެތައް އިހުސާސްތަކުން މުޅިން ފިނިކޮށްލައިފިއެވެ. އޭނަގެ ބައްޕަ މި އާއިލާއަށް ނިސްބަތްވަންޏާ އާޔާ ވާނީ އޭނަގެ ދެބެންގެ ދެދަރި ކުއްޖަކަށެވެ. އަދި އޭނަގެ މަންމައަކީ ޖިންނިއަކަށް ވަންޏާ އޭނައާއި އާޔާ ގުޅުމަކީ އެކަށީގެންވާކަމެއް ނޫނެވެ.

އާރިޒްގެ ފަހަތުން ކަހަލަ ގޮތަކަށް އެހެން މީހުންވެސް ނިކުތެވެ. ފުރުގާން މަންމަގެ އަތުލަފިކޮށްގެން ނުކުތްއިރު އެއް އަތު ތެރޭ ފުޅި އޮތެވެ. ފުރުގާން ފުޅި ބިންމަތީ ބޭއްވުމާއިއެކު އާރިޒް މަތިގަނޑުގައި ފުރޯއިން ޖެހީ އެހާ ބާރަކަށް ނޫނެވެ. ނަމަވެސް ފުޅީގެ މަތިގަނޑު ކަނޑައިގެން ދިޔުމާއެކު މުޅި ހިސާބުގައި ރެދަން ލައިގެން ދިޔައެވެ. ނޫރިއާއަށް ފުރުގާންގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ. ޖަނާހުވެސް ނުތަނަވަސްކަމާއެކު އެ މަންޒަރުދެކެން ހުރިއިރު ހިތުގެ ތެޅުން ބާރުވިއެވެ. ފަންޑިތައާއ ސިހުރު ހާހޫރަ ގަބޫލުކުރަން އަބަދު ދެކޮޅު ހަދަމުން އަޔަސް ކުރިމަތިން ފެނުނީ ތަފާތު މަންޒަރެކެވެ.

"ސުބުހާނަﷲ......" ނޫރިއާއަށް ކިޔައިލެވުނެވެ.

ފުޅީގެ ތެރެއިން ނިކުތް ދުންތައް އެއްވަމުންގޮސް އަންހެންކުއްޖެއްގެ ސިފަ ޚިޔާރުކުރިއެވެ. ބަލަބަލާ ހުއްޓާ ފެންނަންފެށީ ރީތިކަން ހުސްކޮށްފައިވާ ފަތްމިންޏެއްފަދަ ރީތި އަންހެނެކެވެ. ފުޅާ ދިގު ވަރައިން ދަޅަ އަޅަމުންދާއިރު އިސްތަށިގަނޑު ވައިގެތެރޭ ވިހުރެމުން ދިޔައެވެ.

"އަލްހަމްދުލިﷲ......." ޒަންދު ޕަރީ އެންމެ ކުރިންވެސް ހަމްދުކުރިއެވެ.

"އައްސަލާމް އަލައިކުމް މަންމާ........." ޒަންދު ޕަރީ ކުރިއަށް ޖެހިލިއެވެ. " ފުރުގާން. އަދި މަގޭ ލޯބިވާ ދަރިފުޅު އާރިޒް..އަހަރެންގެ އާރިޒް....................."

އާރިޒްއާއި ދިމާލަށް ޒަންދު އަތް ދިއްކޮށްލިއިރު އާރިޒް ގަބުވެފައި ބަލަން ހުއްޓެވެ. މިއީ ހަމަ އޭނަގެ މަންމަހެއްޔެވެ؟ ފެނުމުން ޔަގީނުންވެސް ހިތަށް ބުނެދޭން ނޭގޭފަދަ އިހުސާސްކުރުވާ މަޑުމޮޅިކަން ހިތަށް ވެރިވެއްޖެއެވެ. ލޮލުން ކަރުނަ ހިލުނެވެ. އޭނަ މަންމަ ކަމުގައި ހީކުރި މީހާ ދުވަހަކު މިހާ ލޯބިން އޭނައަށް ގޮވާލާފައެއް ނުވެއެވެ. ޅައިރުން ފެށިގެން ލިބުނީ އަނިޔާއާއި ވޭނެވެ. ޖިސްމާނީ އަދި ނަފްސާނީގޮތުން ލިބުނު އަނިޔާތައް ގުނާ އަދަދު ނުކުރެވޭނެއެވެ. އާރިޒް އެއް ފިޔަވަޅު ކުރިއަށް އެޅިއެވެ. ދެވަނަ ސިކުންތުކޮޅުގައި އާރިޒްއަށް ގޮސް މަންމަގެ އަތުގެ ހިމާޔަތަށް ވަދެވުނީ ލޯތްބަށް ފެންބޮވައިގެންފައިވާލެއް ބޮޑުކަމުންނެވެ. ޒަންދު އާރިޒްގެ މޫނުގެ އެތަން މިތާ ބޮސްދިނެވެ. ކަރުނަ އެޅިއެވެ. އެމޫނުގައި ހިފަހައްޓާފައި އެތައް ފަހަރު މޫނަށް ބެލިއެވެ. އެމޫނުން ފެންނަނީ ޖާސިމްގެ ސިފަތެކެވެ.

"މަންމަގެ ފުރާނައާ. މިއަދު މަންމަގެ ހިތް އުފަލުން ފަޅައިގެން ނުދާނެ ބާވައޭ ހިތަށް އަރައިފި.."

ނޫރިއާއަށްވެސް އެ މަންޒަރުން ފުން އަސަރުކޮށް ރޮވެން ފެށުނެވެ. އެ ދެލޯ ފުރި ބަންޑުންވާން ފެށީ ޖަޒުބާތީ ކަރުނަތަކުންނެވެ. އިންސާނަކަށް ނުވިޔަސް އެއީވެސް މަންމައެކެވެ. އެ މަންމަގެ ހިތުގައިވެސް ދަރިއަށްޓަކާ ކުލުނާއި އޯގާތެރިކަން އަދި ލޯބި ލައްވާފައިވާނެއެވެ. ބުއްދިނުވާ ޖަނަވާރުންވެސް ދަރިންނަށް އެހުންނަ ކުލުނު ނޫރިއާވެސް ދެކެއެވެ. މަންމައާއި ދަރިން ވަކިކުރެވުނުކަމީ އޭނައަށް ކުރެވުނު ކުށެކެވެ. ޒަންދުއަށް ދެވުނު އަނިޔާއެކެވެ. އެކަމުގެ ސަބަބުން އޭނަގެ ދަރިފުޅު ޖާސިމްގެ ޒުވާން އުމުރުވެސް ބަރުބާދުވެގެން ދިޔައީއެވެ.

"ޒަންދު މި މަންމައަށް މާފުކޮށްދޭތި....." ނޫރިއާ ޒަންދުގެ އަތުގައި ހިފާލަން އަތްދިއްކޮށްލިއެވެ.

"ޖާސިމްއަށްޓަކާ މި ހިތުގައި ލައްވާފައިވާ ލޯބީގެ މަތިވެރިކަން ބުނެދޭނެގޮތެއްވެސް ނެތް. އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ލޯތްބަކީވެސް އެއީ. އަޅުގަނޑުގެ ބައްޕަގެ ހުރި ހަމަ އެކަނި އަންހެންދަރިއަކީ އަޅުގަނޑުކަމުގައި ވުމުން ބޭނުން ކޮންމެ ކަމެއް ކޮށްދިނުމަކީ ބައްޕައާއި މަންމަގެ އުފާ. ބޭބެމެންގެވެސް ލޮލުގެ ފިނިކަމަކީ މިއީ. އަޅުގަނޑަށްޓަކާ ފުރާނަވެސް ގުރުބާންކޮށްފާނެ. ނުނިޔަތަކުން އަޅުގަނޑާއި ދިމާލަށް ބަލައިލި ޖިންނިއަކަށްވިޔަސް ހުކުމަކީ މަރު. އަޅުގަނޑު އެކުވެރިންނާއިއެކު ބުރެއް ޖަހައިލަން ނުކުމެ އުޅޭއިރު ބައެއްފަހަރު ފެންގަނޑުތަކަށް އެރި ފެންވަރާ ހަދައިލަން. ޖާސިމްފެނުނީ އެފަދަ ދަތުރެއްގައި އަތިރިމަތިން. ފެނުމާއެކު އަޅުގަނޑުގެ ހިތުގެ ވެރިޔާ ކަމުގައިވި....އެކަން އެނގުމަށްފަހު ބައްޕަ އަޅުގަނޑަށް ދުނިޔެއަށް އައުން މަނާކުރި. އެކަމަކު އޭގެ ސަބަބުން ލޮލުން އޮހުނު ކަރުނަތައް ފެނި ބައްޕައަކަށް ކުޅަދާނައެއްނުވި. އަޅުގަނޑު މަރުވެގެންވެސް ބޭނުންވީ ލޯބި ހާސިލުކުރަންކަމުގައި ބައްޕަގެ އަރިހު ދެންނެވިން. ބައްޕަ އަޅުގަނޑާއެކު ހަށި ފާރަވެރިން ފޮނުވި....."

"މުއުމިން ޖިންނިންނަށްވުމާއެކު އަޅުގަނޑުވެސް ބޭނުންވީ ކައިވެނިކޮށްގެން ހަލާލުގޮތުގައި ލޯބި ހޯދުން. ކައިވެންޏަށްފަހު ދަރިން ލިބުމާއެކު އަޅުގަނޑަށް ނޭގޭ ދަރިން ގެއްލުނުގޮތެއް. ފަންޑިތައިގެ ބާރުގައި ދަރިންވެސް ނައްތާލަފާނެތީ އަޅުގަނޑިގެ ބައްޕަ ފޮނުވި ލަޝްކަރު ކުރި ކަމެއްގެ ގޮތުގައި ބެލުނީ. ދެންވީގޮތް މަންމައަށް އެނގިލައްވާނެ. މަންމަ ސިހުރުވެރިޔެއް ގެނުވާ އަޅުގަނޑު މި ފުޅިއަށްލާފައި ކަނޑު ފައްތައިލީ. އެތައް އަހަރެއްވިއިރުވެސް އަޅުގަނޑުގެ އަޒުމަކަށް ބަދަލެއް ނައި. ޒިކުރުކޮށް ދުއާކުރުމާއި މުނާޖާ ދެންނެވުމުގައި އަޅުގަނޑު ވަރުބަލިކަމެއްނެތި ދެމިހުރިން. ސަލާމަތްކޮށްދެއްވާ ފިރިމީހާއާއި ދަރިންނާއި ބައްދަލުކޮށްދެއްވުމަށް ކުރި ދުޢާތައް އެފަރާތުން އައްސަވާވޮޑިގެންފި................." ޒަންދު އާރިޒްގެ އަތުގައި ހިފަހައްޓާލައިގެން ހުރެފައި އިރުއިރުކޮޅާ އެމޫނަށް ބަލާގޮތުން މައިވަންތަކަމުގެ ލޯބި ފާޅުވޭވޭ ހުއްޓެވެ.

"މާތް ﷲގެ ކުޅަދުންވަންތަކަމާމެދު ވިސްނައިލި މީހަކަށް އިބުރަތެއް. ކެތްތެރިކަމުގެ މޭވާ ފޮނިވާނެއޭ ބުނެވޭ. ކެތްކޮށްފި މީހަކަށް ކޮންމެވެސް ދުވަހަކުން ނަސްރު ލިބޭނެ. ވަރަށް އުފާވެ ހިތްހަމަޖެހިއްޖެ. މިހުރިހާ ދުވަހު ދުނިޔޭގައި ލެހެއްޓެވި އެއް ސަބަބަކީ މި ދުވަސްދެކެން ކަން ނޭގޭ. ދެފަރާތުން ސުލްހަވެ ހަމަޖެހުމާއެކު ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުމަށްފަހު ދެ ފަރާތަށް އުފަލާއި ހަމަޖެހުމާއެކު އުޅެވިދާނެ...މިވީ އަހަރުތެރޭ ދެފަރާތަށް ބޮޑުތި ގެއްލުންތަކެއް މާޔޫސްކަމާއި ހިތާމައިގާ އުޅެން ޖެހުނީ............." ނޫރިއާގެ ތުންފަތް މަތީގައި ވި ލުއި ހިނިތުންވުން ފުޅާވިއެވެ.

ސުލްހަވެރިކަމާއިއެކު ވާހަކަދެއްކިޔަސް ނޫރިއާގެ ހިތުގައިވާ ބިރުވެރިކަން މުޅިން ނުފިލައެވެ.

މާމަދަރިންނަނީ ޖިންނިން ކަމުގައިވެފައި ޖިންނި އާއިލާއަކާއި އިންސި އާއިލާއެއް ގުޅުމުން ދެންވާނީ ކިހިނެއްބާވައޭވެސް ނޫރިއާގެ ހިތަށް އަރަނީއެވެ. މިކަމެއް ހިނގާފައިވަނީ ހަމައެކަނި އޭނައަކަށް ނޫނެވެ. ޚާންދާނުގެ އެހެން މެމްބަރުންނާއިވެސް ޖިންނި ދަރިކޮޅު ގުޅި ލާމެހިފައިވިއެވެ.

"އާރިޒް........މާމަގެވެސް ދަރިއެކޭ ތިއީ. މާމައާއި ސަލާމްކޮށްބަލަ.." ޒަންދު އާރިޒްގެ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުލައިލިއެވެ.

އާރިޒް މާމަގެ ގައިގާ ބައްދާލުމުން ނޫރިއާއަށް ހިފަހައްޓާލައިގެން އިރުކޮޅެއްވާންދެން ހުރެވުނުއިރު ލޮލުން ކަރުނަ ފޭބިއެވެ.

"ފުރުގާން. މަންމަ މޮޔައަކަށް ހަދައިގެން ދަރިފުޅު އުޅުނީ. ނަފްސާނީ އިލްމުވެރިން ބުނާގޮތުން ނަފްސާނީ ކޮންމެ ބައްޔަކީ ސިކުނޑީގެ މައްސަލައެއް. ޖިންނިންގެ އުދަގުލުން ކަމެއް ވެދާނެކަމަކަށް އެމީހުން ގަބޫލެއްނުކުރޭ. މިހާރު ގަބޫލުކުރެވިއްޖެއެއްނު ދަރިފުޅު ކުރިމަތީ ޒަންދު މިހިރީ............" ނޫރިއާ ފުރުގާންގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"އަނ...މަންމާ. ކި...ކިހިނެއް ހިތަށް އަރާނީ.....ޖިންނި އާއި އިންސިންގެ ގުޅުން....މިހާ ނޯމަލްތަ؟ އަދިވެސް ގަބޫލުކުރާން ބޭނުންނުވެފައި މިހިރީ. އެކަމަކު މިހާރު އެނގިއްޖެ...ވީއިރު ތިއީ ޖާސިމްގެ އަންހެނުން..ޒަންދު ޕަރީ...ޖާސިމް ދިރިއެބަހުރިތަ؟" ފުރުގާން ޒަންދުއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ޕަރީންގެ ވާހަކަތައް އޭނަ ދެކުނީ ކުޑައިރު ކިޔުނު ފޮތްތަކުންނާއި ފިލްމުތަކުންނެވެ. އަލާދީންފަދަ ސީރީޒްތަކުންނެވެ. ނަމަވެސް ހަގީގަތް މިވަނީ ކުރިމަތީގައެވެ. ޒަންދުގެ ފުރިހަމަކަމާއި ރީތިކަމުން އާޝޯޚުވާވަރުވެއެވެ.

"އާނ ދަރިފުޅާ ޖާސިމްވީ ޒަންދު ގެ އާއިލާ މީހުން ކައިރީ. ޒަންދު އެނބުރި ދިޔުމަށްފަހު އެމީހުން ވައުދުކުރިފަދައިން އެނބުރި އަންނާނެ އިންޝާﷲ..................." ނޫރިއާ ޖަވާބުދިނެވެ.

ފުރުގާން އާރިޒްގެ ކޮނޑުގައި އަތް ބޭއްވިއެވެ.

"އެންމެ ކަމެއް އޮޅުން ފިލުވައިލަން ބޭނުން. އާރްޔާ މަރައިލީ އާރިޒްކަމަށް އާޔާ އެބުނީ ކީއްވެ؟ އާރިޒްއާއި އާރްޔާގެ އޮތް ގާތް ގުޅުމުގެ ސަބަބުން އެފަދަ ކަމެއް ކޮށްފާނެއޭ ހިތެއް ނުބުނޭ. އަބަދުވެސް ހީކުރެވުނީ އާޔާގެވެސް ނަފްސާނީ މައްސަލައެއް ހުރީކަމަށް. މިވަގުތު ހުރިހާ ކަމެއް ސާފުވަމުން އަންނައިރު މިއީ އެނގެން ޖެހޭ ކަމެއް. ޑިޑް ޔޫ ކިލް އާރްޔާ؟ " ފުރުގާން ވިސްނުންތެރިކަމާއިއެކު އާރިޒްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ނޮޕް......." އާރިޒްގެ ޖަވާބު ކުރެވެ. މީހަކު މަރައިލިކަމުގެ ތުހުމަތު އަޅުވާ އޭނައަށް މި ދުވަސްކޮޅު އެތައް އުދަގޫތައް އުފުލަން ޖެހިފައިވެއެވެ. އެވާހަކަ ނޫސްތަކުގައި ޖަހަން ފެށީއްސުރެ އެންމެން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ. ވަޒީފާގައި އުޅެންވެސް ފަސޭހައެއް ނޫނެވެ.

ފުރުގާން އާރިޒްއަށް އިތުބާރުކުރިއެވެ. އާރިޒް އާރްޔާދެކެ ވީ ލޯތްބާއި އަޅާލިވަރުން އެފަދަ ކަމެއް ކުރުމަކީ އެކަށީގެންވާކަމެއް ނޫނެވެ.

"އާރިޒް އައިމް ގްލޭޑް ޓު ނޯ ދެޓް ޔޫ އާ މައި ބްރަދާސް ކިޑް...އެންޑް އައިމް ސޮރީ. ސޯ ސޮރީ އަހަންނަށް ކުރިން ނޭގި ކަންތައްކުރެވިފައިވާ ގޮތުން. މާފުކޮށްދޭތި. ޖާސިމް އަކީ ހަމައެކަނި ޓްވިންއެއް ނޫން. ބެސްޓް ފްރެންޑް. ޖާސިމް ނެތުމަށްފަހު ވަރަށް އެކަނިވެރިވެ ޑިޕްރެސްވި. ސައިކޭޓްރިސްޓުންގެ އެހީ ހޯދަންޖެހުނު. މިއަދާއި ހަމަޔަށްވެސް ޖިމީއާއިމެދު ނުވިސްނާ އެންމެ ދުވަހެއް ނުދޭ. އެހެންވެ މިއަދު ނަފްސާނީ ޑޮކްޓަރެއްގެ ގޮތުގައި މިހިރީ. މިހާރު ދުނިޔެއިން އެންމެ އެދޭ ކަމަކީ ޖާސިމް އާއި ބައްދަލުވުން. ކޮބާ އާރިކް؟ " ފުރުގާން އެހިއެވެ.

"ކޮންގްރާ ބްރޯ. ފައިނަލީ. ޔޫ ފައުންޑް ޔޯ މަމް.." ޖަނާހު އާރިޒްއަށް ބުނެލިއެވެ.

"ޖަނާ މިހާރު ޖިންނިން އުޅޭކަމަށް ގަބޫލުކުރެވިއްޖެ ދޯ..." ޒަންދު ޕަރީ ލާނެތް ހުނުމަކާއެކު ބުނެލިއެވެ.

"މަންމާ އެއްޗެއްކާން ހިނގާ........." އާރިޒްގެ ހިތާއި ސިކުނޑިއަށް ވެރިވެފައިވާ ހަލަބޮލިކަމާއި އެކުވެސް މަންމައާއިމެދު ވިސްނައިލާ މަންމައަށް ހަމްދަރުދީއާއި ކުލުނުން ހިތް ފުރުނެވެ. މަންމައާއިމެދު އަޅާލާ އެންމެ އޯގާތެރި ފިރިހެން ދަރިއަކަށް އެވަގުތުން ފެށިގެން އޭނަ ވީކަން އެ ޖުމްލައިންވެސް އެންމެނަށް އެނގުނެވެ.

"މަންމަ ލޯބި. މަންމައަކީ އިންސާނެއް ނޫންކަން ދަރިފުޅު ހަދާންނެތުނީ ދޯ. އިންސާނުންފަދައިން ކެއުމަށް ބުއިމަކަށް މަންމަ ބޭނުމެއްނުވޭ. މަންމަ ކަނޑު އަޑީގައި އޮންނަތާ އެތައް އަހަރުވެއްޖެ. މިހާރު މަންމަ މިދަނީ މަންމަގެ އާއިލާއާއި ބައްދަލުކުރަން. ޖަބަލްގާފަށް. ދަރިފުޅުގެ ބައްޕަގެ ހާލުވެސް މަންމައަކަށް ނޭގޭ. ވޭތުވެގެންދާ އެންމެ މިނިޓަކީވެސް ގެއްލިގެންދާ އަގުހުރި ވަގުތަކަށް ވެދާނެ. މަންމަ ވީހާވެސް އަވަހަށް އާއިލާ ގާތަށް ދާން އެބަޖެހޭ. މަންމައާއިއެކު ހިނގާ ދާން.." ޒަންދު އާރިޒްގެ އަތުގައި ހިފެހެއްޓިއެވެ.


"ގޯޑް...ނޯ.." ޖަނާހުއަށް ބުނެވުނެވެ.

އާރިޒްވެސް އަބަދަށްޓަކާ ގެއްލެނީހެއްޔެވެ؟

އާރިޒް އިންސާނެއްގެ ސިފައިގާ ހުއްޓަސް އޭނަގެ ހަގީގީ ސިފައަކީ އަދި މިއީއެއް ނޫނެވެ. މަންމަ ޖިންނިއަކަށް ވެއްޖެއްޔާ އާރިޒްގެ ޑީއެންއޭ ތަފާތުވާނެއެވެ. އާރިކް ފަދައިންނެވެ. އޭނަގެ ހަލުވި ސްޕީޑާއި ފެނިގެއްލިދާގޮތް ޖަނާހުގެ ސިކުނޑީގައި ފިޔަޖަހައިލިއެވެ. އާރިޒް އުސްތަންތަނުން ވެއްޓި ބޯ ޖެހި އަނިޔާއެއް ނުވާ ސަބަބު މިހާރު އެނގުނީއެވެ. ޖަނާހުގެ އަތުގައި ހީބިހި ނެގުމުން އަތް ކާއްތާލެވުނެވެ.

"މަންމާ.....އެކަމަކު އަދި.." އާރިޒް ނުތަނަވަސްވިއެވެ. އޭނަވެސް އަދި ޖިންނިންގެ ދުނިޔެއަށްދާން ތައްޔާރެއްނޫނެވެ. ޖަބަލްގާފުގެ ނަން އިވުމުންވެސް ބިރުވެރިކަމެއް ހިތުގައި ހިގައިލިއެވެ. "އެ ކޮންތާކު....ދުނިޔޭގައިތަ މަންމާ.........."

"އާނ މިކައުނުގައި.." ޒަންދު އާރިޒްގެ ނިތްކުރީގައި ބޮސްދިނެވެ. "ދަރިފުޅާ ބިރުނުގަނޭ. އެއީ ދަރިފުޅުގެ އާއިލާ އެމީހުން ގެއްލުމެއް ނުދޭނެ..............."


އާރިޒް ހަދާންވީ ލޫގާމަތިންނެވެ. އޭނައަށް އެކިފަހަރު މަތިން އިންޒާރު ދިން ޖިންނިންނެވެ. އެކުވެރިކޮށް އުޅުނު އަލާނިއަލްއާއި ޒޭބްއެވެ. ނުދަންނަ ބަޔެއްގެ ތެރެއަށް ދާން ކެރިދާނެއެވެ. ނަމަވެސް އަދި ތައްޔާރެއް ނޫނެވެ. މަންމައާއި ބައްދަލުވުމުން ލިބުނު އުފާވެރިކަމާއި ހިތްހަމަޖެހުން ކޮންމެވެސް ވަރަކަށް ފަނޑުވެލާ ހިތަށް އުދަގޫތަކެއްވި ހިނދުކޮޅެއް އައީ އާޔާ މަތިން ހަނދާންވެފައެވެ. އޭނަގެ މިލްކަކަށް އާޔާ ވުމަކީ ދުރުކަމެއް ކަމުގައި ވިޔަސް މިތަނުގައި ދިރިއުޅެންޏާ އެންމެ ކުޑަވެގެން އެ ރީތި ސޫރައިން ހިތަށް ފިނިކަމެއް ލިބިދާނެއެވެ.

"ޒަންދު ދަރިފުޅާ. އިހަށް މި ކުއްޖާ މަންމަމެން ގާތު ބަހައްޓާ. މަންމައަށް އަދި ކިރިޔާ މިކުއްޖާ މިއެނގުނީ. ޖާސިމްއަކީ މަންމަގެ ފުރާނަފަދަ ލޯބިވާ ދަރިއެއް. އެދަރިފުޅުގެ ދަރިން މަންމަގެ ކުރިމަތީ އުޅުނިއިރުވެސް އެކަމެއް ރޭކާނުލި............" ނޫރިއާ ވާހަކަދެއްކީ އަމިއްލަ ދަރިއަކާއި ވާހަކަދައްކާފަދައިންނެވެ. ޒަންދު އޭނަގެ މައިދައިތަ އަތުގައި ހިފާލިއިރު އެލޮލުން އުފާވެރިކަމުގެ ވިދުވަރު ފެނުނެވެ. ފުރަތަމަ ފަހަރަށް ދަރިފުޅާއޭ ކިޔާ ގޮވާލުމުން ޒަންދުއަށް ބަޔާން ނުކުރެވޭފަދަ ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. ޅީދަރިއެއްގެ ގޮތުގައި އޭނަ ބަލައިގަތްކަމުގެ ހެއްކެކެވެ.


***
"ވަޓް؟ "އާޔާއަށް ލިބުނު ޚަބަރަކުން އޭނަ ދިޔައީ ސިއްސައިގެންނެވެ."މަންމަގެ ބައްޕައަކީ ސިހުރުވެރިޔެކޭ؟ ކާކު ތިކަހަލަ ވާހަކައެއް ސިން ކައިރީ ދެއްކީ..................."

"މާމަ ބުނީ. މާމަ އެހުރިހާ ދުވަސްވާންދެން އެކަން މަންމައަށްވެސް ސިއްރުކޮށްގެން ހުރީ. މަޝްހޫރު ސިހުރުވެރިޔާ ސުލޭމާންގެ ދަރިއެކޯ މަންމައަކީ. ކާފަ އާރިޒްގެ މަންމައަށް ސިހުރު ހެދީޔޯ. އާރްޔާ މަރައިލީ އެހެންވެ އެކަމުގެ ބަދަލު ހިފަންވެގެންނޯ......." އާޔާއާއި ސިއެނާ ގަސްތަކުގެ ހިޔަލުގައި ބިންމަތީގައި ކުނާ ފަތުރާލައިގެން އަނބު މަޖާކާން ތިބެފައި ސިއެނާ އެ ޚަބަރު ދިނީ އެއްވެސް މީހެއްގާތު ނުބުނަން ވައުދުކުރުވާފައެވެ. ހަގީގަތުގައި މާމަ އެ ޚަބަރުދިނީ އޭނަގެ މަންމައަށެވެ. ހަގީގަތް އޭނައަށް އެނގެން ހުރިކަމުން އެވަގުތުކޮޅު އެހިސާބާއި އަރާ ހަމަވެފައި އޭނަ ފިލާހުރެ ހުރިހާ ވާހަކައެއް އެހިއެވެ.

"އާގްރްރްރް....."އާޔާއަށް ދެކަންފަތުގައި އަތް އަޅާ ބާރުކޮށްލެވިއްޖެއެވެ. "އާރިޒް ހާދަ މަކަރުވެރިއޭ.....އެކަމަކު ކާފަގެ ނުބައިކަމުގެ ބަދަލުގައި ކުށެއްނެތް މައުސޫމް ފުރާނައަކަށް އެހެން ހަދަންވާނެތަ؟ އައި ވިލް ނެވާ ފޮގިވް ހިމް............."


***

ފައިނާ އޭނަގެ ބޭބެ ފަހަދު ގާތު އާރިޒްއާއި ޖަނާހުގެ ވާހަކަދެއްކުމުން އޭނަ ހަސަދައިން ފޯވިއެވެ. އޭނައަށްވުރެ އެމީހުން މޮޅުވުން ގަބޫލެއް ނުކުރެވުނެވެ. އޭނަގެ ގޭންގް މީހުންނަށް އަމުރުކުރީ އެދެމީހުންނަށް ހަމަލާދީ އަނިޔާވެރިކޮށް މަރައިލާށެވެ. އެއްވެސް ރަހުމެއް ނުބަހައްޓާން އެދުނެވެ. ފައިނާ އޭގެ ދިމާ އިދިކޮޅެވެ. އޭނަގެ އަޒުމަކީ ކޮންމެގޮތެއް ހަދާފައިވެސް އާރިޒްގެ ހިތާއި ހަމަޔަށް ފޯރުމެވެ.


***

އާޔާ އޭނަ ލައިގެން ހުރި ބޫޓު ބާލާފައި ބޫޓުބަހައްޓާ ހަރުގަނޑުގައި ބަހައްޓފައި މަޑު ވެލްވެޓްހެން ހީވާ ދޫލަމަތީ ފައި ޖެއްސުމުން ފަޔަށް މަސާޖުވީފަދައެވެ. މިރޭ ގެއަށް އަންނަ މެހުމާނުންނަށްޓަކާ ގޭގައި ޚާއްސަ ތައްޔާރީތައްވީ ވަކި ވަރަކަށް ނޫނެވެ. އާ ދޫލަވެސް އެޅީއެވެ. ފަރުނީޗަރުވެސް ބަދަލުކޮށްފައެވެ. ލެވެންޑާ މަލުގެ މީރުވަހުން ސިކުނޑި ތާޒާވިއެވެ. އާޔާ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތްއިރު ދުވާ މީރުވަހުން ބަނޑުފުރުނެވެ. އެންމެ މޮޅު ޝެފުންގެ އަގުބޮޑު ކެއުންތަކުން އެ ދިގު މޭޒުމަތި ފުރެމުން ދިޔައެވެ.

"މާމާ..އަޅެ މިހާ ޚާއްސައީ ކާކު؟ ޕާޓީއަށްޓަކާވެސް މިގެ މިހާ ފުރިހަމައަށް ޒީނަތްތެރިއެއް ނުކުރޭ...." އާޔާ ސުވާލުކޮށްލީ ކޮރިޑޯއިން އިން އައި އޭނަގެ މާމައާއެވެ. އެއްފަރާތުގައި ބައްޕަވެސް ހުރިއިރު ދެމީހުންގެ މޫނުމަތިން އަޖައިބެއްފަދަ އުފަލެކެވެ.

"ދަރިފުޅު...ތައްޔާރުވެލައިގެން ނުކުތީމަ ސަޕްރައިޒެއް ލިބޭނެ. އިރުކޮޅަކަށް ކެތްކޮށްލާ....."

އާޔާ އޭނަ ލައިގެން ހުރި އޮފީސްހެދުން ބަދަލުކޮށްލާފައި ރީތިހެދުމެއް ލައިގެން ހެދުމާއި ގުޅޭގޮތުން މެގެންޓާކުލައިގެ ބުރުގާއެއް އެޅިއެވެ. ލިޕްގްލޮސްއަކުން ތުންފަތުގައި ޖައްސާލުން ފިޔަވާ އިތުރު މޭކަޕެއްނެތަސް އޭނަގެ މޫނު ފުރިހަމައެވެ. އާޔާ ނުކުމެގެން ހިނގައިގަންނަން އުޅުނުތަނާ ބެލްކަނީގެ ދޮރަށް ގަދަ އައްޔެއް އެޅުނެވެ. ވިދުވަރުގެ އަލިކަމަށް ހީކޮށްފައި ބެލްކަންޏަށް ނުކުތީ ޔަގީންކޮށްލާށެވެ. ފެނުނު މަންޒަރަކުން އާޔާގެ ރޫހުވެސް ރޫރޫ އަޅައިގަތެވެ. ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިިގަތް އަޑު ގޭގެ ހިމޭންކަން މުގުރާލައިފިއެވެ.

(ނުނިމޭ...)

https://sun.mv/122324

comment ކޮމެންޓް