ފަޔަރ އެންޑް އައިސް (ފަހުބައި)

ފަޔަރ އެންޑް އައިސް

ހަފްލާ ނިމުމުން ވޯލްނަޓްގަސް ކައިރީ ވާހަކަދައްކާލަން ތިބެފައި އާރިޒް މަންމަމެންނާއި ބައްދާ ސަލާމްކޮށްލާފައި އެތެރެއަށް ދާން ހިނގައިގަތްތަނާ އާޔާގެ ކޮޓަރީގެ ދޮރު ހުޅުވާލަފައި ދިއްކޮށްލީ އޭނަދިން ޓެޑީއެވެ. އާޔަ ޓެޑީމޫނުގައި ޖައްސާލާފައި އެއްލޯ މަރައިލުމުން އާރިޒްވެސް އަތުން ލޯބިވާކަމުގެ އިޝާރާތްކޮށްލިއެވެ. އަންނަންވީ ހެއްޔޭ އެހުމުން އާޔާ ބުނެލީ ކައިވެނީގެ ކުރިން އަތުގައި ހިފާލުންވެސް މަނާކަމުގައެވެ. އާރިޒް ބޮޑުވާ އިނގިލި ދިއްކޮށްލަމުން ރަގަޅު ވާހަކައެއް ކަމުގައި ބުނެލިއެވެ. ކައިވެނީގެ މާތް ގުޅުމުގައި ބަރަކާތް ލައްވާނީ ހަލާލުގޮތުގައި ގުޅުން ފެށުމުންނެވެ. ދެލޯބިވެރިން އިންތިޒާރުކުރަނީ އެޒުވާނުންގެ ކައިވެނީގެ އުފާވެރި ދުވަހަށެވެ.


***

އާރިޒްއަށް ފުރަތަމަ ހީކުރެވުނީ ހުވަފެނެއްކަމުގައެވެ. ހިނގާލާ ކޮންމެ ދިމާލަކުން ފެންނަނީ ބޮޑެތި ފަރުބަދަތަކާއި ބިޔަގަސްތަކުގެ ސިލްސިލާތަކެވެ. އާރިކްގެ އަތުގައި ހިފައިގެން ގަސްތަކުގެ މަތިން އުދުހިގަތުމުން އޭނައަށްވެސް މަޖާކަމަކަށްވިއެވެ. މަތިންދާ ބޯޓުގެ ކެޕްޓަނެއްގެ ގޮތުގައި އުދުހެވުމުން އެކުރެވޭ އިހުސާސްތަކާއި މިވަގުތު ހަށިގަނޑަށް ވަޖިދުވަންގޮތް ތަފާތެވެ. އޭނަގެ ހަށިގަނޑު ގްރެވިޓީގެ ބާރަށް ބިމަށް ދަމާކަމުގެ އިހުސާސެއް ނެތި ލުއިކޮށް މިދަނީ ގަސްކަރަމަތިންނެވެ. އާރިކް ކިރިޔާ އޭނަގެ އަތާއި އަތްތިލަ ގުޅާލައިގެން ހުރިކަމެވެ. ބޯ ޖަންގަލިތަކާއި ފަރުބަދަތައް އަދި ވާދީތަކާއި ކޯރުތައް ހުރަސްކުރަމުން ދިޔައިރު ދޭތެރެއިން ކިއްލާފަދަ ވަރުގަދަ އިމާރާތްތައް ފެނެއެވެ. އެންމެފަހުން އާރިކް އާރިޒްގެ އަތުގައި ހިފައިގެން ތިރިއަށް ފޭބީ ވަރުގަދަ އިމާރާތްތަކެއް ހުރި ހިސާބަކަށެވެ. ފެހިކަން ގަދަ ބޮޑެތި ގަސްތަކުން ހިޔާ އެޅިފައިވާއިރު ވިނަތައް އުސްކަމުން ބައެއް ދިމާލުން އާރިޒްގެ އިސްކޮޅާއި ހަމަޔަށް ދިގެވެ.

"މިއީ އަހަރެމެންގެ ފެމިލީގެ ގަނޑުވަރުތަކާއި އެކި ޕްރިންސުންގެ ގަނޑުވަރުތައް ފެށުނު ހިސާބު. ކާފައަކީ ހުރިހާ ޖިންނިންގެ ޝެހެންޝާހުކަން އެނގެއެއްނު.............." އާރިކް ބުނެލިއެވެ.

"އެކަނި ނަން އެނގެނީ. ޝެހެންޝާހު ޚުސްރޫ"

"ފަޚުރުވެރިވާވަރުގެ ކާފައެއްނު ލިބުނީ....."

އެހިސާބުން އާރިކް އެހެންމީހުންނާއި ދިމާވެ ވާހަކަދެއްކިކަން އެނގުނެވެ. ޖިންނިންތައް ވަނީ އޭނަގެ ލޮލަށް ވަންހަނާވެފައެވެ.

"އަހަންނަށް އެމީހުން ނުފެންނަނީ ކީއްވެ؟ ކޮންބަޔަކާ ތި ވާހަކަދައްކަނީ......އެކަމަކު ތިއޮތް ބަހުރުވައެއް. އެކަމަކު ލޫގާގެ ފަރާތުން ކުޑަކޮށް އެއްޗެއް އެނގިފައިވޭ. ކުޗް މުޗް ޗަމްޗިއްލާ ކުޗް މުޗް..މީ މަގޭ ފެވެރިޓް ޖުމްލަ ކޮބާ މާނައަކީ؟ " އާރިޒް އެހިއެވެ.

"ހަހަ...."އާރިކް ބާރު ހިނިގަނޑެއް ޖަހައިލިއެވެ.

"މަދާ ޓަންގް ދަސްކުރަންވާނެ. ލޫސީ އިންސާނަކަށްވީމަ އެމީހުން ނުފެންނަނީ. ފެންނަނަމަ ތަފާތު ވައްތަރުގެ މާރިދުންނާއި އިފުރީތުން ފެނުނީމަ ބިރުވެސް ގަނެފާނެ. މަންމަގެ ހާފް ބްރަދާއެއް ހުރޭ. ސެފްރޯންގެ ހުންނަނީ އެންމެ ވިންގެއް ލާފައި ހަމަ މިގޮތަށް ހުދުކުލައިގެ ފްލޯވިން އިސްތަށިގަނޑެއް ."

"ފައިނަލް ފެންޓަސީގެ ސެފްރޯތްއާއި ތިމީހުން ވައްތަރީ އެހެންވީމައެއްނު. އެހެންވެ ދޯ މިހާރު އިސްތަށިގަނޑު އަންހެނެއްހެން ދިގުކޮށްލަނީ. ބައިދަ ވޭ އައިމް ސަޕްރައިޒްޑް ހަމަ އަހަރެންގެ އިސްތަށިގަނޑުގެވެސް އަސްލު ކުލައަކީ ސިލްވާކަން އެނގުނީމަ. އެކަމަކު ޖިންނިންގެ ބާރުން މަގޭ ކަޅު ހީނާފަތް އަޅުވާ މޫނުގައި ފާޑެއްގެ މާކެއް ޖެއްސުވީ. އެނގޭތަ. އަހަރެން އަދިވެސް ބޭނުން މޫނުގައި އެލަފު ހުންނަން..ޔުނީކް ފީޗާއެއް ހުރީމަ މާ ކަމުދޭ............." އާރިޒް ހަނދާން ކުރަން ބޭނުންނުވާ މާޒީއިން ކަމުދިޔަ އެއްޗަކީ އޭނަގެ މޫނުގައިވި ލަފެވެ. އޭރު އެކަމާ އެންމެން މަލާމާތްކުރިއިރު އޭނަގެ ހިތަށްވެސް އަނިޔާލިބުނެވެ. ނަމަވެސް މިހާރު އެލަފަކީ އާޔާ ނުބުންޏަސް އޭނަ އެންމެ ލޯބިވީ ސިފަކަން އެނގުމުން އަލުން އެލަފާއި ގަޔާވެވުނީއެވެ.

"ނެޗުރަލްކޮށް ހުރެބަލަ ލޫސި..."

ޚުސްރޫގެ ކިއްލާއަށް ވަދެވުމުން އާރިޒްއަށް އިހުސާސްވީ އެތައް ގަރުނެއް ކުރިއަށް ދެވުނުހެންނެވެ. "ޓައިމް ޓްރެވެލް" ކުރެވި އިހުޒަމާނުގެ ރަސްކަލުންގެ ކިއްލާއަކަށް ވަދެވުނުހެންނެވެ. އާރިކްއާއި އާރިޒް އެ ވަރުގަދަކޮށް ހަދާފައިވާ ދޮރާށިން އެތެރެއަށް ވަންއިރު ދެފަރާތުގައި ދަގަނޑު ދަހަނާއިން މުޅި ހަށިގަނޑާއި މޫނާއިއެކު ނިވާކޮށްގެންތިބި އިސްކޮޅުން ދިގު ދިހަވަރަކަށް ފޫޓުގެ އިފުރީތުން އެދިގުކަމުން ލޮލުކޮޅަށް އޮބާލާފަދަ މަގުގެ ދެފަރާތުގައި ސަފު ހަދާލާފައިވެއެވެ. އެދެ ޒުވާނުންނަށް ކުރުނީސްކޮށް އަދަބު އަދާކުރަމުން ދިޔަގޮތުން އާރިޒްއަށް ތަފާތު އިހުސާސެއް ކުރެވުނެވެ. އިންސާނުންގެ ތެރެއިންނުލިބުނު ފަދަ ދަރަޖައަކާއި އިއްޒަތެއް އޭނަގެ މަންމަގެ އާއިލާއިން ލިބިގަނެވިއްޖެއެވެ. ބައްޕައަކީވެސް އިއްޒަތްތެރި މޮޅު ޚާންދާނެއްގެ މެމްބަރަކަށްވިޔަސް ރަސްކަލުންނެއް ނޫންތާއެވެ.

"ކާފަގެ ދޮރުވާނުން...އިއްޒަތްތެރިކަމުގެ ކޮޅެއްނެތް ދޯ..." އާރިކް ހީލާފައި ކިޔައިލިއެވެ.

"ސިރިޔަސްކޮށް މިއީ ހުވަފެނެއް ނޫންތަ؟ "އާރިޒް އެހެން ބުނުމާއެކު އާރިކް ވިކައިގަތެވެ.

"ޖިންނިންގެ ޑީއެންއޭގެ އެތިކޮޅެއް ލިބުނީކަން ނޭގޭ ތަދު އިހުސާސްވާ ބައި ގޮއްސަވަނީ.........."އާރިޒް އެއް ލޯ މަރައިލިއެވެ.


ޚުސްރޫ އިންނެވީ އިއްޒަތުގައި ތަޚުތުގައެވެ. ތާޖާއި ތަޚުތު ޔާގޫތާއި ނީލަން އަދި ޖަވާހިރުން ވިދާ ބަބުޅައެވެ. ގަނޑުވަރުގެ ބިތްތަކުގައި ގޮމަކަސްތޫރިއާއި ކުކުން އުނގުޅާފައިވެއެވެ. ދުންކިނބަތަކުން އަރާ މާވަހަރާއި ކުމުންޒާނީގެ މީރުވަހުން ތަން ހުވަދުލެވިފައެވެ.

ޚުސްރޫގެ ބިޔަކަމާއި ލިބިފައިވާ ވަރުގަދަ ހަށިގަނޑުން ދެކޭމީހުންގެ ހިތްތައް ޖެހިލުންކުރުވާ ރޫރޫއަޅުވައިލާނެއެވެ. ވަރުގަދަ އިސްތަށިގަނޑު ކޮނޑުންތިރިއަށް ދިގުކޮށް ކުދިކުދި ފަށްތައްހެން ގަތާލާފައިވާއިރު ކުދިކުދި ބޮޅުތައް އެލުވާފައެވެ. ރިހިފަދައިން އެ ބޮޅުތައް ދަޅައަރައެވެ. ތަޚުތުގެ ވަށައިގެން އިހުތިރާމާއި އަދަބާއެކު އިސް ޖަހާލައިގެން ހުއްޓިލައިގެން ތިބި އިސްކޮޅުން ދިގު މީހުންތައް ވީޑިއޯގޭމެއްގެ ޝަޚުސުންފަދައެވެ. މޫނުގައި އެވާ ރީތިކަމާއި ފުރިހަކަމަކަމުގެ އިތުރުން އަޅާފައިވާ ވަރުގަދަ ހެދުންތަކުން ރަސްދަރިކަލުންކަން އެނގެއެވެ. އެންމެންގެ ކަމަރުގައި ވިދަ ވިދާހުރި ކަނޑިތަކެވެ. އެތަނުން އެންމެ ފާހަގަކުރެވުނީ އެންމެ އަރިހުގައި ހުރި ފަހުލަވާނެވެ. މަންމައާއި އާރިކް ފަދައިން އޭނައާއި އެތަނުގައި ތިބި ބައެއްމީހުނަށް ވެސް އޮތީ ހުދު އިސްތަށިގަނޑު ވާރުތަވެފައެވެ. އަރިހުގައި ހުރި ޒުވާނާގެ ހުދު އިސްތަށިގަނޑު އާރިކްއަށްވުރެ ދިގެވެ. އަޅިކުލައިގެ ބަދަލުގައި މި ޒުވާނާގެ ދެލޮލުގައި ހުރި ރަން ނުވަތަ އަލިފާންކުލައެވެ. ވިދުން އަރާގޮތުން ލޮލުގެ ރީތިކަން އެތައް ގުނައިތުރުކޮށްދެއެވެ. އެ ނަޒަރުން އިންސާނަކު ފިއްސާލަފާނެއެވެ. ދުނިޔެއަށް ފައިބައިފިނަމަ އެތައް އަންހެންކުދިންގެ ހިތް ރޮއްވާލާނެއެވެ. އާރިޒްއާއި ހަތަރުކަޅިހަމަވުމުން އޭނަ ސަމާސާގޮތަކަށް އެއް ލޯ މަރައިލިއެވެ.

"ރަފައެލް...." އާރިޒް ހިތާހިތުން ކިޔައިލިއެވެ.

ޚުސްރޫ ތަޚުތުން ތެދުވެ ވަޑައިގެން އާރިޒްގެނެސް މޭގައި ޖައްސަވާލެއްވިއެވެ. އެއަށްފަހު މޫނުގައި ދެއަތުން ހިފަހައްޓަވައިލެއްވިއެވެ.

"ކާފައަށް މި ދަރިފުޅާއި ބައްދަލުކުރުމުގެ ނަސީބު ދެއްވިކަމަށްޓަކާ ހަމްދުކުރަން. ފުރާނަފަދަ އަންހެންދަރިއަށް ލިބުނު މިދަރިފުޅަށް ބަރަކާތްލައްވާށި. އަހަރެމެން ޖިންނީންގެ ނަސްލުން ފުރިހަމަ އިންސާނުން އުފެއްދެވުމުގެ ކުޅަދާނަކަން އެފަރާތަށް ލިބިވޮޑިގެންވޭ..................." ޚުސްރޫ ރަސްގެފާން އާރިޒްގެ ނިތްކުރީގައި ބޮސްދެއްވިއެވެ.

"ކާފާ........އަޅުގަނޑަށް ސުވާލެއްކޮށްލުމުގެ އިޒުނަ..........." އާރިޒް އާރިކް ދަސްކޮށްދީފައިވާ ގޮތަށް ވާހަކަފެށިއެވެ. ރަސްކަލުންގެ ދަރުބާރުގައި ވާހަކަދެއްކެން ޖެހޭނީ އިޒުނަހޯދައިގެންނެވެ.

"ތިއީ ޚާއްސަކުއްޖެއް. އިޒުނަ ނުހޯދާ ބޭނުންވާހަކައެއް ދެއްކޭނެ..ކާފަގެ އާރިކް މިކުއްޖާއަށް ޓްރެއިނިންފަށެއް ދީފައި އެބަހުރި..........." ޚުސްރޫ ހިނިފުޅުވެޑުވިއެވެ.

"މިހުރިހާ ދުވަހު ކާފަމެންނަށް އަޅުގަނޑާއި އާރިކް އިންސާނުންގެތެރޭ އުޅުނުއިރު ބައްދަލުކުރަން ބޭނުންނުވީ ކީއްވެ؟"އާރިޒް ސުވާލުކުރިއެވެ.

"އެއީ ތިދެކުދިންގެ ރައްކާތެރިކަމަށްޓަކާ. ޒަންދުގެ ދަރިންނަށް ސިހުރުވެރިން އަނިޔާ ދީފާނެތީ. އޭނައަށް އެނގުނުނަމަ ޒަންދުގެ ދަރިންވެސް ނައްތާލާނެ އެހެންވެ ޖިންނީންގެ ހިޔަނި ނޭޅި އިންސާނުންތެރޭ ބޮޑުކުރީ.............." ޚުސްރޫ ވިދާޅުވިއެވެ.

"އެހެންވިއްޔާ އެކަމަށްޓަކާ ކާފައަށް ޝުކުރުވެރިވަން..."

ޚުސްރޫ ދެން އޭނަގެ ދަރުބާރުގައި ތިބި ޒުވާނުންގެ ތައާރަފެއްދިނެވެ. ކާފަގެ ދަރިންނާއި ކާފަދަރިންނެވެ. މިތަނުގައި އަލާނިއަލްއާއި ޒޭބްނެތީ ކީއްވެހެއްޔެވެ؟އަލާނިއަލްގެ ވާހަކަ އަދިވެސް އޭނަ މިހިރީ ނާހައެވެ. ކޮންމެ މީހަކާއި ކަރާކަރު ޖައްސާ ސަލާމްކުރަމުން ދިޔައިރު އާރިޒް އުފަލުން ހިތްފުރުނެވެ. މިފަދަ އޯގާތެރިކަމާއި ލޯތްބަށް އޭނަ ބޭނުންވެފައިހުއްޓާ މަންމަ އަދި ބައްޕައާއި ދިމާވިއިރު ދެފަރާތުންވެސް ބޮޑު އަދި ވަރުގަދަ އާއިލާއެއް ލިބިއްޖެއެވެ. އުއްމީދުނުކުރާހާ ދިރިއުޅުން ހައިރާންކުރުވަނިވި އެއްޗަކަށްވެއްޖެއެވެ. ޖިންނި ނަސްލާއިގުޅުމަކީ ނަސީބެއްކަމުގައި ނޫނީ ނުވިއެވެ.

އިރުކޮޅެއްނުވަނީސް ޅަދޮޅު ލޫޅާފަތި ޕަރީންތައް ދަރުބާރަށް ހާޟިރުވެ ބިންމަތީގައި ކުނާތައް ފަތުރާ ބާލީސްތައް ޖަހާލައިފިއެވެ. ޝަރުބަތާއި ތަފާތު ބާވަތްބާވަތުގެ ކާނާ ގެނެސް ސުފުރާމަތި ތައްޔާރުކޮށްލައިފިއެވެ. އެންމެން ވަށާލައިގެން އިށީންއިރު ޚުސްރޫގެ ދެފަރާތުގައި އާރިކްއާއި އާރިޒްއެވެ. ޕަރީންތައް ބޯ ތިރިކޮށްލައިގެން އަމުރަކަށް ބަލަބަލާތިއްބެވެ.

"ކާފަގެ ދަރުބާރު ވަރަށް ފުރިހަމަ.....ވަރަށް ހައިރާންކުރުވަނިވި. އިންސާނަކަށް ކިޔައިދިނަސް ގަބޫލެއްނުކުރާނެ...." އާރިޒް ތައުރީފުގެ ނަޒަރަކުން ވަށައިގެން ބަލައިލަމުން ބުނެލިއެވެ.

"އެތައް ގަރުނެއް ކުރީއްސުރެ ކާފަމެންނަށް ވާރުތަވަމުން އައި މިރަސްކަން ކިތަންމެ ފުރިހަމަވެފައި އިއްޒަތްލިބި އެންމެން ގަދަރުކުރާ ބަޔަކަށްވިޔަސް ކާފަމެންނަކީ ޖައްބާރުވަންތަ ހުސްތާހިރުވަންތަ މާތްﷲގެ ހަޟުރަތުގައި ފަނިފަކުސަށްވުރެ ނިކަމެތި އެއްޗެއް. ރަސްކަމަކީ އެފަރާތުން ދެއްވާ އެއްޗެއް. ބައެއްމީހުންނަށް ކުޑަ އޮފީހެއްގެ ވެރިއަކަށް ވެވިދާނެ. ނޫނީ އެތަނުން ކޮންމެވެސް ސެކްޝަނެއްގެ ވެރިއަކަށްވެވިދާނެ. ކްލާހެއްގެ ޕްރިފެކްޓަކަށްވެވިދާނެ. ނޫނީ ގައުމެއްގެ އިސްވެރިޔާ ނޫނީ ރަސްކަލަކަށް ވެވިދާނެ. އެއިން ކޮންމެ މީހަކީ ވެރިއެއް. ކުޑަ މީސްކޮޅަކަށް ނޫނީ މިލިއަނުންގެ ވެރިއަކަށް. އެއަށްވުރެ މަތިވެރި މަގާމެއް ކާފައަށް ލިބުނީ. ކާފަގެ ދަށުން މި ތާ ހުރިހާ ރަސްކަމަކާއި ގަބީލާއެއް މި ހިނގަނީ. އެކަމަކު ކާފަ އެކަމާއި ބޮޑާވެ އެހެން މީހުންނަށް އަނިޔާވެރިވެއެއް ނުގަންނަން. މި ރަސްކަމަކީ ހެއްދެވި ފަރާތުން ދެއްވި ނިއުމަތެއް. ބޮޑާވެގަންނަ ކޮންމެ މީހަކަށް އެކަމުގެ ސަޒާ ލިބޭނެކަން ދަރިފުޅު ދަންނަންތަ؟ މި މަންޒަރަކީ އަދި ބޮޑު މަންޒަރެއްނޫން. އިންސާނުންނާއި ޖިންނިން އަދި މި ކައުނާއި ކައުނުގައިވާހާ އެއްޗެހި ހެއްދެވި ފަރާތުގެ ރަސްކަން ދަރިފުޅުގެ ޚިޔާލަށް ގެނެވޭނެތަ؟ ގުނާ އަދަދަނުކުރެވޭފަދަ މަލާއިކަތުން އެންމެ ހިނދުކޮޅަކަށް ޣާފިލުވުމެއްނެތި އެފަރާތަށް ތަސްބީހަކިޔާ. ހީޒް ދަ ކިންގް އޮފް ކިންގްސް. ދުނިޔޭގެ މި ކިޔާ ރަސްކަލުންނާއި ވެރިންގެ އަމިއްލަ ބާރެއްނުވޭ.އެ ރަސްކަލުންގެ ދިރިހުރުމާއި މަރުގެންނެވުން އަދި ހުރިހާކަމެއް ނިންމަވަނީ އެފަރާތުން. ކާފަމެންނަކީ ނިކަމެތި އަޅުތަކުން. ކޮންމެ ވަގުތަކުވެސް މި ނިއުމަތްތައް ނިގުޅައިގަންނަވާ އާރާއި ބާރު ކެނޑި ވެލީގެ ދާނުގައި ނިދަން ޖެހިދާނެ. އެކަން ދަރިފުޅުވެސް ހަދާން ނައްތައިނުލާތި. އަޅުކަމަށް ފަރުވާކުޑަނުކުރާތި....." ކާފަ ޚުސްރޫގެ ދޫފަރިތަކަމާއިއެކު ބަލާޣާތްތެރިކަމާއި ފަސޭހަކަމާއެކު ވާހަކަދެއްކެވީ އާރިޒްގެ ބަހުރުވައިންނެވެ.

"ކާފަ ޒުވާންއިރު އަޅުކަންތައްތަކާ ދުރުވި. ޒުވާންކަމުގެ ޖޯޝުގައި ކުށްތައް ހެދިފައި ހުންނާނެ. ގިނަމީހުންނާއި ކައިވެނިވެސް ކުރެވުނު. އިންސިންނާއި މި އާއިލާގެ ގުޅުން އުފެދި ބައްޕަގެ ކުށުން ޒަންދުވެސް އެހިސާބަށް ދާން ޖެހުނީ. އިންސާނުންގެ ދުނިޔެއާއި ދުރުން އުޅުމަކީ އެންމެ ރަގަޅުގޮތްކަމުގައި ދެކި އުޅުނުނަމަ މިހާބޮޑު ހިތާމަތަކެއް އުފުލާކަށް ނުޖެހޭނެ..ދަރިފުޅު އިންސާނުންގެ ތެރޭ އުޅުނަސް ދޭތެރެއިން ކާފަމެން ބައްދަލުކުރާނަން........." ޚުސްރޫގެ ވާހަކައިން އާރިޒްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

"އަޅުގަނޑުވެސް މިތަނަށް އަންނާނަން...." އާރިޒް ހީލިއެވެ.

"ސީރިޔަސްކޮށް ކޮއްކޯ؟މިއަށްވުރެ މާ އަރާމު ދުނިޔެއެއްގައި އުޅެމުން މިތަނަށް ލޯބިޖެހުނީ ކީއްވެ........ " ރަފައެލްގެ ބަރު އަޑުގައި ސަމާސާގޮތެއް ހުއްޓެވެ. އެކި ވަގުތު ރަފައެއްލެ ގެ ލޮލުގެ ކުލަ ތަފާތު ކުލަތަކަށް ބަދަލުވާކަން އާރިޒްއަށް ފާހަގަކުރެވުނެވެ

"މި ދުނިޔެ މާ ހިތްފަސޭހަ. އިންސާނުން ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާގޮސް އަޅުގަނޑުމެންގެ ދުނިޔެ ގަނޑުބަޑުކޮށްލައިފި. މާހައުލު އެއްކޮށް ތަޣައްޔަރުކޮށްލައިފި. ކަނޑުއަޑީގެ ދިރުމަށްދާންދެން ޕްލާސްޓިކް އެއްޗެހިން ނައްތާލައިފި. މިތަނަށް އައުމުން ޕީސްއަކީ ކޯނޗެއްކަން އިހުސާސްވީ..."

އެކި މައުޟޫތަކަށް ވާހަކަދައްކަން ތިބެފައި އާރިޒް އަލާނިއަލްއާއި ޒޭބްގެ ވާހަކަ އެހުމުން އެންމެންގެ މޫނުމަތިން ހިތާމައިގެ ކުލަ ފައުޅުވިއެވެ. ރަފައެލް ބުނީ ޒޭބް ގެއްލިފައިވާކަމުގައެވެ. އެކަމުގެ ސިއްރު އާރިޒްއަށް ހާމަކުރަން އަދި ބޭނުންނުވަނީކަން ނޭގެއެވެ. ޒޭބް ގެއްލުމުގެ ހިތާމައިން އަދިވެސް އަލާނިއަލްއަށް އަރައިނުގަނެވެއެވެ. މިފަދަ ހަފްލާތަކަށް އައުމަކީވެސް އޭނަ ކުރާކަމެއް ނޫނެވެ. ނަމަވެސް އާރިޒްއަށްޓަކާ ބޭއްވި ހަފްލާއަށް ނާދެވުނީ އަލާނިއަލް ބަލިކަމުންނެވެ. އަނިޔާއެއް ލިބި އޭނަ އޮތީ ތަންމަތީގައެވެ.

"އަލާންއާއި މީރާންގެ ގަނޑުވަރު ޖެހިގެން ހުންނާނީ. މީރާން އާރިޒް ގޮވައިގެން ދާންވީނު..މީރާންގެ މަންމަ މާލިއާއަކީވެސް އާރިޒްގެ ބައްޕަ ފަދައިން އިންސާނެއް. އަދި އެކަނި އެއީއެއްނޫން. ހަމަ އެއް އާއިލާއެއް ދޯ...." ރަފައެލް ބުނެދިނެވެ.

އިރުކޮޅެއް ނުވެ ޚަލީސީއާއި ޒަންދު އަދި އަންހެންޕަރީންތަކެއް އަންނަތަން ފެނުނެވެ. ހޫރުޕަރީންގެ ދޮންކަމާއި ރީތިކަމާއި އަޅައިގެން ތިބި ޝާހީހެދުންތައް ޖަވާހިރުން ދަޅައަރާއިރު އިންސާނުން އާޝޯޚުކުރުވާނެއެވެ. ޚަލީސީއާއި ޒަންދު އާރިޒްގެ ގައިގާ ބައްދާލާފައި އެތަން މިތާ ބޮސްދެމުން އުފާވެރިކަން ފާޅުކުރިއެވެ. އެއާއިލާ ބޮޑުދައިތަމެންނާއި ފަހަރިން އަދި މާމަމެންނަށް އާރިޒް ތައާރަފުކޮށްދިނެވެ. ރަސްކަމުގެ ތަނަވަސް ދީވާން މިއަދު ޚާއްސަވީ އެއާއިލާގެ މެންބަރުންނަށެވެ.

އާރިޒް އެމީހުންނަށް ޒިޔާރަތްކުރި ދުވަސް ވަރުގަދަ ހަފްލާއަކަށްވިއެވެ. ކެއުމަށްފަހު ޝަރުބަތު ބޯންތިބިއިރު އަންހެން ޕަރީންގެ ނެށުމުގެ ހަރަކާތްތަކެއް ކުރިއަށް ދިޔައެވެ. ކެއުން ނިމިގެން ރަށުތެރެ ބަލައިލަން ނުކުމެފައި މީރާންމެންނާއިއެކު އަލާނިއަލްއާއި ބައްދަލުކުރަން އެގެއަށްގޮސް އަލާނިއަލްއަށް ސަޕްރައިޒެއް ދިނުމުން އަލާނިއަލްގެ އޮއްސިފައިވާ މޫނަށް ދިރުން ލިބުނެވެ. އުފާވެރި ހިނިތުންވުމަކާއެކު މަރުހަބާކިއެވެ. ގަޑިއެއްހާއިރުވާންދެން އަލާނިއަލްގެ ހިތްގައިމު ގަނޑުވަރުގައި އާރިޒްމެން ވަގުތު ހޭދަކުރިއެވެ.

އިރުއޮއްސުނުވަރަކަށް ފޯރިގަދަވިއެވެ. ރަށުތެރެއަށް ތަފާތު ޖިންނި ޖަމާއަތްތައް ނުކުމެ ނެށުންފަދަ ހަރަކާތްތައް ބޭއްވިއެވެ. މަޑުމަޑުންގޮސް ޖިންނިންތައް އާރިޒްއަށް ފެންނާންފެށުމުން އާރިޒް ހިތް އަވަސްވިޔަސް ފަހުން އެކަންތައްތަކަށް ހޭނުނެވެ. ޖިންނި ޝެހެންޝާހުގެ ކާފަދަރިއަށް އެޖިންނީންގެ ފަރާތުން ގެއްލުމެއް އަނިޔާއެއް ނުިބޭނެކަން ޔަގީންވިއެވެ.

ދަންވިފަހުން އާއިލާއަށް ވަދާއުގެ ސަލާމްކޮށްލުމަށްފަހު އާރިކް ލޫސިއާން ހަމްޒާދު އަދި މީރާންއާއިއެކު ސްވިޒަލޭންޑަށްދާން ދަތުރުފެށިއެވެ.


***

އާރިޒް ނިދިން ހޭލެވުނުއިރު އަދިވެސް ކަންފަތުގައި ވައިއަޅުވާފަދަ އިހުސާސެއް ކުރެވެއެވެ. މަޑުމަޑުން ގޮސް ލޯ ހުޅުވާލާފައި ބޯދަށަށް އަތްލައްވައިގެން ސީލިންއަށް ބަލަންއޮތެވެ. ތުންފަތަށް ހިނިތުންވުމެއްވެރިވިއެވެ.

"އެމޭޒިން...ބައެއްފަހަރު ހީނުކުރާފަދަ ޓްވިސްޓްތައް ލައިފަށް އާދޭ....މިވަރުގެ އެޑްވެންޗާސްތަކެއް އެހެން އިންސާނަކާ ދިމާވާނެކަމެއް ނޭގެ..." އާރިޒް ހިތްހަމަޖެހުނެވެ."ހުރިހާ ޝުކުރެއް ހެއްދެވި ފަރާތަށް. އަދި އެންމެ އުފާވަނީ އެންމެ ލޯބިވާ ބައިވެރިޔާ ލިބުމުން. ޒޭބްއަކީ ކާކުކަން މިއެނގުނީ އަދިކިރިޔާ. އަދި އޭރު އެދިނީ ކިހާ ނާދިރު އަގުބޮޑު އެއްޗެއްކަން ހީކުރެވޭނީވެސް ކިހިނެއް. މިސްޔޫ ޒޭބް..އަދި އަހަރެންގެ ލޯބިވާ އާޔާ. ހާދަ ބޭނުމޭ މި ވާހަކަތައް ހިއްސާކުރަން. އެންމެ ކަމެއްވެސް ފޮރުވާފައި ބާއްވަކަށް ނޭދެން. ހުޅުވާފައިވާ ފޮތެއްގެ ގޮތުގައި ހަޔާތް ހިއްސާކުރަން އެދެނީ އެކަމަކު އާޔާ ޖިންނިންދެކެ އެހާ ބިރުގަންނަ ކުއްޖެއްގެ މައިދައިތައަކީ ޖިންނިއެކޭ ބުނެފިއްޔާ އާޔާ މަރުވެސް ވެދާނެ............ކޮންމެވެސް ދުވަހަކުން ބިރު ކެނޑިއްޖެއްޔާ މި ފެމިލީގެ ސްޕެޝަލްކަން އާޔައަށް އަންގާނަން އިންޝާﷲ....................................."

އާރިޒް ތެދުވެގެންގޮސް އަލަމާރި ހުޅުވާލާފައި ރަންކުލައިގެ ގަހަނާފޮށިނެގިއެވެ. މާމަ ޚަލީސީ އާރިޒްގެ އަންހެނުންނަށް ދޭށޭ ކިޔާފައި ދިން ފޮށީގައި ހުރި ޖަވާހިރުތަކާއި ގަހަނާތައް މިލިއަނުން އަގު ނުކުރެވޭނެއެވެ.


***

އޭނަގެ އެކުވެރި އޮޕަރޭޝަން ޑޮކްޓަރަކާއިއެކު ފަހަދު އޮތް ރޫމަށްވަނެވެ. ފަހަދުގެ މަންމައާއި ކޮއްކޮ ފައިނާ ފިޔަވާ އެހެން މީހަކު އެގަޑިއަކު ނެތެވެ. ފަހަދު މިފަހަރު ގެނެވުނީ ސައިކަލް އެކްސިޑެންޓެއްވެ ބޯ އަނބުރާގޮތްވާތީއެވެ. އޭގެ ކުރިންވެސް މިކަމެއް ފެށިގެން އުޅުނަސް އޭނަ ހުރީ ފަރުވާކުޑަކޮށްލާފައެވެ. ޖަނާހު ފެނުމުން ފަހަދުގެ ނިތުގައި ރޫތައް ގިނަވެއްޖެއެވެ. ޖަނާހު މިތާ ޑޮކްޓަރަކަށް އުޅޭތަން ފެންނަ ކޮންމެ ފަހަރަކު އޭނަގެ ހިތަށް ޒަލްޒަލާއެއް އާދެއެވެ.

"ކިހިނެއް ފަހަދު؟ " ޖަނާހު އަހައިލީ އޯގާތެރިކޮށެވެ.

ފަހަދު އަތުގައި އޮތް ފޯނުން ނަޒަރު ވަކިކޮށެއް ނުލިއެވެ.

"ފަހަދު. މި އެކްސިޑެންޓުވުން ފަހަދުގެ ނަސީބެކޭވެސް ބުނެވިދާނެ. އެކްސިޑެންޓްގެ ސަބަބުން ބޮލަށް އަނިޔާއެއް ވެފައި ނެތަސް އަހަރެމެންނަށް ސީޓީ ސްކޭނުން ގޯހެއް ފެނިއްޖެ. އެބައިން ޓިއުމަރެއް..އަހަރެންގެ ލަފާއަކީ ވީހާ އަވަހަށް ބޭރު ގައުމަކަށްގޮސް ފަރުވާ ހޯދުން .........." އޮޕަރޭޝަން ޑޮކްޓަރުގެ ޖުމްލަ އެތަނުގައި ގޮއްވައިލި ބޮމެއް ފަދައެވެ. ފަހަދަުގެ މޫނު ހުދުވިއެވެ.

***

ފައިނާ އާއި އެކުވެރިން ކޮފީބޯން ރެސްޓޯރެންޓްގައި ތިބިއިރު ފައިނާ ހީވަނީ ދެންމެ ދެންމެ ރޮއިގެންފާނެހެންނެވެ. އޭނަގެ ބަދުނަސީބު ހާލައިމެދު އަމިއްލަ ނަފުސަށްވެސް ހަމްދަރުދީވިއެވެ. ދޮންބެގެ ސިކުނޑިއަށް ކެންސަރު ޖެހިފައިވާކަން އެނގުމުން މުޅި އާއިލާއަށް ލިބިފައިވާ ފުން ހިތާމަތައް އިތުރުވީ މަންމައަށް ސްޓްރޯކެއް ޖެހި ބަލިތަންމަތީގައި އޮންނަން ޖެހުމުންނެވެ. އެމީހުންނަށް ލިބޭ ފައިސާ މުޅިންހެން ޚަރަދުކުރަން ޖެހިފައިވަނީ އެކަމަށެވެ. އެހުރިހާ ކަމަކަށްވުރެ ފައިނާގެ ހިތް ހަލާކުވެފައިވަނީ ޑޮކްޓަރ އާޔާއައި އާރިޒް ކައިވެނިކުރަން އުޅޭ ޚަބަރު ހޫނުކަމާއެކު ހޮސްޕިޓަލުގައި ފެތުރެން ފެށިމައެވެ. އާރިޒްގެ ބައްޕައަކީ ޑޮކްޓަރ ފުރުގާންގެ އެއްމާބަނޑު ކޮއްކޮއެވެ. އެއީ ދުނިޔެއަށްވެސް މަޝްހޫރު އާއިލާއެކެވެ. ފައިނާ އެންމެ ދެރަވަނީ އޭނަގެ ހިތް މޮޅުކަމުން އެފަދަ ރަނުގެ ފުރުސަތެއް ނަަގައިލެވުނީމައެވެ. އެންމެން އާރިޒްއާއި ފައިނަލް ފެންޓަސީގެ ވިންސެންޓް ވެލެންޓައިންއާއި ވައްތަރުކަމަށް ކިޔައެވެ. އޭނައަށް މި ހިތާމައިން ދުވަހަކު އަރައެއް ނުގަނެވޭނެއެވެ.


***

ސްވިޒަލޭންޑްގައި އާރިޒްއާއި އާޔާގެ ކައިވެނި ކުރެވުނު ރޭ ދެ ލޯބިވެރިންގެ މޫނުމަތި އުޖާލާވެފައި އެހެން ދުވަހަށްވުރެ ރީއްޗެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމާއެކު ރީތިކޮށް ބުރުގާ އަޅާފައިވާއިރު އާޔާ ހޫރެއްފަދައެވެ. އާރިޒް އަދި އާޔާގެ އާއިލާގެ އެންމެންވެސް އިންތިހާއަށް އުފާވެފައެވެ. ފުރުގާންއާއި ޖާސިމްވެސް މަންމަ ނޫރިއާއާއެކު ތިބިއިރު އަބަދުހެން ހެވިފައެވެ. ކައިވެނި ކުރެވުމަށްފަހު އާރިޒް އާޔާގެ ނިތްކުރީގައި ބޮސްދެމުން ނިކަން ލޯބިން ލޯބިވާ ވާހަކަ ބުނެލިއިރު ލޮލުން ނިރައިލި ކަރުނަތިކި އެއް އަތުން ފޮހެލިއެވެ. އާޔާގެ ލޮލަށްވެސް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. އެމަންޒަރު ދެކެން ތިބި އެންމެންގެ ހިތްތަކަށް އަސަރުކުރުވިއެވެ. ދެފަރާތުގެ އާއިލާއާއި އެކުވެރިން މި އުފާވެރި ހަފްލާގައި ބައިވެރިވިއިރު އިންސާނީ ލޯތަކަށް ނުފެނުނުކަމުގައިވިޔަސް ޒަންދުގެ އާއިލާވެސް ދުނިޔެއަށް ފޭބިއެވެ. އެ ހަފްލާގައި އެއާއިލާ ބައިވެރިވިކަން އެނގެނި މަދު ބަޔަކަށެވެ. އެއުފަލުގައި އަދި ޚުސްރޫމެން ވަރުގަދަ ޕާޓީއެއް އެމީހުންގެ ދުނިޔޭގައި ބާއްވާނެކަން އިއުލާންކުރިއެވެ.

މެހުމާނުންތައް ހުސްވުމުން އާރިޒްއާއި އާޔާ އެކަނިވިއެވެ. ކޮޓަރި އުއްބައްތިތަކުން ދިއްލާލާފައިވާއިރު ހުޅުވާލާފައިވާ ކުޑަދޮރުން ހަނދު ފަލަކުގައި ރަނިކަންކުރަމުން ދާތަން ފެނުނެވެ. އާޔާ ދޮރުގައި މޫނު ޖައްސާލައިގެން ދުރަށް ބަލަހައްޓައިގެން ހުއްޓާ ފަހަތުން އައި އާރިޒް އެއް އަތް ކުޑަދޮރުގައި އަޅުވާލައިގެން ހުއްޓުނެވެ. ތުންފަތްމަތީގައިވި މައުނަވީ ހިނިތުންވުމާއި އެރީތިކަން އާޔާގެ ހިތް ވިރުވައިލިއެވެ. އާރިޒް އާޔާ ލަދުގަންނަވަން ހަމަ ބަލަން ހުރީއެވެ.

"އަލްހަމްދުލިﷲ......"އާރިޒް ބުނެލިއެވެ.

"ފޯ އެވްރީތިން......" އާރިޒް އާޔާގެ އަތުގައި ހިފާފައި ގެނެސް ތުންފަތުގައި ޖައްސާލަމުން ބުނެލިއެވެ." ކާފަ ބުނީ އެންމެ ކުރިން ނަމާދުކުރާށޯ. ކައިވެނީގައި ބެލްސިން ލައްވާނީ އޭރުންނޯ. އަސްލުވެސް އެންމެ އުފާވީ ދީނީ ކުއްޖަކުހަޔާތުގެ ބައިވެރިޔަކަށްވީމަ. އިރާދަކުރެއްވިއްޔާ ސުވަރުގޭގައިވެސް އެކީވާނެ. މި އުސް ހީލަށް އަރައިގެން ހުރިއިރު ހިތަށް އެރި ފައި ވާޅުވާނެއޭ. ނައު ލެޓް މީ ކެރީ ޔޫ..އަބަދަށްޓަކާ.." އާރިޒް ލުއިފަތެއްހެން އާޔާ އަތްދަނޑިމައްޗަށް ނެގުމުން އާޔާގެ ހުނުމުގެ އަޑު ކޮޓަރިތެރޭ ގުގުމައިލިއެވެ. އާރިޒް ކުޑަދޮރުތައް ލައްޕާލަން ގޮސްފައި ފާޑަކަށް ހީލިއެވެ.

"ގެޓް ލޮސްޓް ގާއިސް....."

"ކޮންބަޔެއް އެތާ........" އާޔާ ކަންބޮޑުވާގޮތްވިއެވެ. ޖިންނީންގެ ސަބަބުން އަނެއްކާ އެމީހުންގެ އުފާވެރި ހަޔާތަށް އެސްފީނާ އެޅިދާނެއެވެ.

"ދި އަދާސް........ހެހެ..ދެން އެވާހަކަ ފަހުން ދައްކަމާ މައި ބިއުޓިފުލް ވައިފް........" އާރިޒް އާޔާގެ ނިތްކުރިއާއި ނިތްކުރި ޖައްސާލަމުން މަޑުމަޑުން ބުނެލިއެވެ. އެ ރީތި ދެލޮލަށް ބަލައިލުމާއެކު އެފުންކަމުގެ ތެރެއަށް ގެނބުނެވެ. ވުޟޫކޮށްލައިގެން ނަމާދުކުރިއިރު އާޔާ އެތައްފަހަރު ހެއްދެވި ފަރާތަށް ހަމްދުކުރިއެވެ. ދުނިޔޭގައި އަބަދަށްޓަކާ ނޫޅެވުނަސް ދުވަސްކޮޅަކަށް ނަމަވެސް އުފަލާއި ނަސީބު ދެއްވިފަދައިން އާޚިރަތުގައިވެސް ލޯބިވާ ފަރާތްތަކައިއެކުވުމަށް އެދި ދުޢާކުރިއެވެ. އެއާއިލާއަކީ މާތްﷲގެ ރަހުމަތްފުޅުން ދުނިޔޭގެ ނަސީބާއި ނިއުމަތްތައް ދެއްވާފައިވާ އާއިލާއެއްކަން އާޔާއަށްވެސް މިއަދު ޔަގީންކުރެވިއްޖެއެވެ. އޭނަ އެދެނީ މިދުނިޔޭގައި ލިބުނު ނަސީބު އާޚިރަތުގައި ހޯދަން އެންމެން މަސައްކަތްކުރުމެވެ. އޭނަ ބޭނުންވީ ނަމޫނާ ދީންވެރި ކުއްޖަކަށްވުމަށެވެ.

ހަނީމޫނަށް އައިސްލޭންޑަށްގޮސްފައި އެނބުރި އަންނަމުން އުމްރާއަށްދާން އާރިޒްއާއި އާޔާ ނިންމިއެވެ. އަލިފާނާއި ގަނޑުފެންހާ ތަފާތު ދެމީހުންވެސް ގުޅިދާނެއެވެ. އެދެމަފިރިން ދިމާވިއިރު އޮތްހާ ހުރަސްތައް ގިރާކޮށް މިއޮތީ ގުޅިފައެވެ. އާރިޒްގެ ބިރަކީ އޭނަގެ ހަގީގަތް އެނގޭދުވަހަކުން އާޔާއަށް ވާނެ ގޮތެވެ. ނަމަވެސް ސިއްރުތައް އެއްފަރާތްކޮށްފައި ދެމަފިރިންދަނީ އުފާވެރި ދުވަސްތައް ހަދާންތަކުގެ ތެރެއަށްދޫކުރަމުންނެވެ.

(ނިމުނީ)

https://sun.mv/122676

comment ކޮމެންޓް