ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާ މެދު ތަފާތު ހިޔާލުތަކެއް

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް

ދިގުމުއްދަތެއް ވަންދެން ރާއްޖޭގައި އުޅޭ ބިދޭސިންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާމެދު ޓްވިޓާގައި ސުވާލު ކުރުމުން ހިޔާލު ތަފާތުވެއްޖެ އެވެ.

މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އިއްޔެ ޓްވިޓާގައި ވިދާޅުވީ 30 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރާއްޖޭގައި އުޅޭ، ބިދޭސިން އެބަތިބި ކަމަށާއި އެމީހުންނަށް ރާއްޖޭގެ ރަށްވެހިކަން ދިނުމާމެދު ހިޔާލަކީ ކޮބައިތޯއެވެ.

"ތިރީސް އަހަރަށްވުރެ ގިނަ ދުުވަސްވަންދެން ރާއްޖޭގައި އުޅެ، މިހާރު މާމަ ކާފައިންނަށް ވެފައިތިބި ބިދޭސިން އެބަތިބި. އެމީހުންނަށް ދިވެހި ރަށްވެހިކަން ދިނުމާމެދު ހިޔާލަކީ ކޮބާތީ؟،" އާޒިމް ސުވާލުކުރެއްވި އެވެ. އާޒިމްގެ މި ސުވާލާއެކު އެކަމާ އެއްބަސްވާ މީހުންނާއި ދެބަސްވާ މީހުންވެސް އެބަތިއްބެވެ.

ރާއްޖޭގެ ތަރައްގީގައި ހިއްސާވާ ބިދޭސިންނަށް ރާއްޖޭގެ ރަށްވެހިކަން ދޭންނުޖެހޭ ސަބަބެއް ނެތްކަމަށް ބައެއް ފަރާތްތަކުން ބުނިއިރު، އެކަމާ ދެކޮޅުހެދި މީހުން ބުނަނީ ރާއްޖޭގެ ހަތަރު ލައްކަ މީހުންނަށް ވެސް ގައުމުގައި ހަމަޖެހިގެން އުޅުމަށް ދަތިތައް އެބަހުރި ކަމަށާއި އެހެންވާއިރު މާދުރު ބަޔަކަށް ރަށްވެހިކަން ދީގެން އެ މީހުން ބެލެހެއްޓޭނެ ތޯ ސުވާލު ކުރި އެވެ.

މިއީ ރާއްޖޭގެ ސަގާފަތަށް އޭގެ އަސަރުކޮށްފާނެ ކަމެއްކަމަށް ބުނާމީހުންވެސް އެބަތިއްބެވެ.

ރާއްޖޭގައި ސިޓިޒެންޝިޕް ގާނޫނެއް އެކުލަވާލީ 1969 ވަނަ އަހަރު އެވެ. އެ ގާނޫނުގައި ބުނާގޮތުން ރާއްޖޭގެ ރައްޔިތުކަން ބޭނުންވާ ބޭރުމީހުންގެ ޝަރުތުތަކެއް ހަމަވާނަމަ، ރާއްޖޭގެ ރަށްވެހިކަން ހޯދުމަށް އެދި ފޮރިން މިނިސްޓްރީ އަށް ހުށަހެޅިދާނެ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ރަށްވެހިކަމަށް އެދޭ މީހަކީ އުމުރުން 21 އަހަރުވެފައިވާ މުސްލިމަކު ކަމުގައި ވާންޖެހޭނެ ކަމަށެވެ. އަދި އެމީހަކީ ބުއްދި ސަލާމަތުންހުރި، މެދުކެނޑުމެއްނެތި 12 އަހަރު ވަންދެން ރާއްޖޭގައި އުޅެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށާއި މި މުއްދަތުގައި ރާއްޖެއިން ބޭރަށް ދިޔަނަމަވެސް ހަމަހަށްވުރެ ގިނަ ދުވަސްވަންދެން ރާއްޖެއިން ބޭރުގައި ނުވުމާއެކު ރާއްޖޭގައި އުޅުނު މުއްދަތުގެ ޖުމްލަ 10 އަހަރަށްވުރެ ގިނަވުން ހިމެނެއެވެ.

އެމީހަކީ ރާއްޖޭގެ ގާނޫނު އަސާސީ އެނގޭ، ދިވެހި ބަހުން ވާހަކަ ދައްކަން އެނގޭ ރާއްޖޭގެ އަސާސީ ތައުމީލުގެ މުގައްރަރާ އެއްވަރަށް ލިޔަންކިޔަން ދަންނަ މީހަކަށް ވާންޖެހޭނެ ކަމަށް އެ ގާނޫނުގަިއވެ އެވެ. އަދި ސިޔާސީ ކުށެއް، ހައްދެއް ކަނޑައެޅިފައިނުވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.

މީގެ އިތުރުން އެމީހަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ޝާމިލުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ރާއްޖެއަށް ބޭނުންތެރި މީހަކަށް ވާންޖެހޭނެ ކަމަށް ގާނޫނުގައި ބުނެއެވެ. އަދި އެމީހެއްގެ އަސްލު ސިޓިޒެންޝިޕް ދޫކޮށްލައި އެ ސިޓިޒެންޝިޕުން ތަނާޒުލްވުމާމެދު އެއްވެސް އިއުތިރާޒެއް ނެތްކަމުގެ ރަސްމީ ލިޔުމެއް އޭނާގެ ގައުމުގެ ސަރުކާރުން ހޯދައި ހުށަހަޅަންޖެހޭނެ ކަމަށްވެސް އެ ގާނޫނުގައި ބުނެއެވެ.

މި ޝަތުރުތައް ހަމަވާ މީހުންނަށް ދިވެހި ރައްޔިތުކަން ދިނުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާކަމަށް ގާނޫނު ބުނެ އެވެ.

ރާއްޖޭގެ ރައްޔިތުންކަން ބޭރުމީހުންނަށް ދޭންއުޅޭކަމަށް ބުނެ އިދިކޮޅުން ވަނީ ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބުރާސްފަތި ދުވަހު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި "ނުވިއެއްނު" އެއްވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރާއްޖޭގެ އާބާދީ މަދުވުމުގެ ސަބަބުން އިގްތިސޯދީ ކުރިއެރުން ނާންނާތީ، ރާއްޖޭގެ ރަށްވެރިކަން ބޭރުގެ ބަޔަކަށް ދޭން ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މި ސަރުކާރަށް މަސައްކަތް ނުކުރެވޭތީ، އެހެން ބަޔަކަށް ރާއްޖޭގައި ވޯޓު ލުމުގެ ހައްގު ދޭން ސަރުކާރުން މަސައްކަތް ކުރަނީ ކަމަށެވެ.

comment ކޮމެންޓް