ލަންކާގައި އުޅޭ ދިވެހިންނަށް ވިސާގެ ކަންކަން ލުއިކޮށްދޭން މަޝްވަރާކޮށްފި

ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލަރާއެކު ދިވެހި ސަފީރު ބޭއްވެވި ބައްދަލު ކުރެއްވުން --- ފޮޓޯ: ޓްވިޓާ

ސްރީލަންކާގައި އުޅޭ ދިވެހިންނާއި އެގައުމަށްދާ ދިވެހިންނަށް ވިސާގެ ކަންތައް ފަސޭހަކޮށްދިނުމަށް މަޝްވަރާކޮށްފި އެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރަައްޒާގު، ލަންކާގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ.

ލަންކާގައި މިދިޔަ އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކަށްފަހު އެގައުމުގެ ސަލާމަތީ ކަންތައް އޮތީ ވަރަށް ވަރުގަދަކޮށްފަ އެވެ. އެގޮތުން ވިސާ ދިނުމުގެ ކަންތައްވެސް ހަރުކަށިކޮށްފައިވާއިރު، ލަންކާގައި ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިންގެ ވިސާ އާކުރުމުގެ ކަންތަކުގައި ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ކުރެ އެވެ.

ލަންކާގައި އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، އިމިގްރޭޝަނާ ގުޅުންހުރި ކަންތަކުގައި އަދިވެސް ގެންގުޅެނީ ހަރުކަށި، ނަމަވެސް ހަރުދަނާ އުސޫލުތަކެކެވެ.

އެމްބެސެޑަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ލަންކާގައި އުޅޭ ދިވެހިންނަށް އަދި އެގައުމަށްދާ ދިވެހިންނަށް ވީހާވެސް ފަސޭހަ ގޮތްތަކެއް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިމިގްރޭޝަން ކޮންޓްރޯލާ ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ.

ލަންކާގެ އިމިގްރޭޝާން ކޮންޓްރޯލަރުގެ އިތުރުން އެމްބެސެޑަރު އުމަރު ވަނީ އެގައުމުގެ މިނިސްޓާ ފޯ ސިޓީ ޕްލޭނިން، ވޯޓާ ސަޕްލައި އެންޑް ހަޔާ އެޑިއުކޭޝަން ރައޫފް ހަކީމް އާވެސް ބައްދަލު ކުރައްވައިފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ލަންކާގެ ޔުނިވާސިޓީތަކުގައި ދިވެހިންނަށް ހުރި މަތީ ތައުލީމުގެ ފުރުސަތު ތަކާ ގުޅޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. ހާއްސަކޮށް މެޑިސިންގެ ދާއިރާ އިން ދިވެހި ދަރިވަރުންނަށް ހުރި ފުރުސަތު ތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

ލަންކާ އަކީ ކިޔެވުމަށާއި އެހެނިހެން ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ވަޒަންވެރިވެ އުޅޭ ގައުމެކެވެ. ދިވެހިންގެ ގިނަ ބަޔަކު ކުރު ޗުއްޓީތަކާށާއި ބޭސް ފަރުވާއަށް އަދި ވިޔަފާރި ދަތުރުތަކުގައިވެސް ލަންކާއަށް އައިސް ގޮސްވެ އެވެ.

comment ކޮމެންޓް