ފަޔަރ އެންޑް އައިސް (23)

ފަޔަރ އެންޑް އައިސް

އާޔާ ސިއްސައިގެން ދިޔައީ މީހަކު ފަހަތުގައި ހުރިހެން ހީވެފައެވެ. ވަރަށް ގިނަފަހަރު އޭނަ ގާތު މީހަކު ހުންނަފަދަ އިހުސާސެއް ކުރެވި އެނބުރި ބަލައިލާއިރު ހުސް ކަމެވެ. ކޮއްކޮ ސިއެނާއާއި ދޮންމަންމަ ބަލްސަމްފަދައިން އޭނަވެސް މޮޔަވަނީބާވައެވެ. ވައިރޯޅިއެއް ޖެހިލިޔަސް ވަހުމާއި ޝައްކުތަކުން ފުރެނީއެވެ. ހިތާމަތަކާއި ބަދުނަސީބުތައް ފުލުފުލުން ދިމާވާވަރުން އޭނައަށް ހެއްދެވި ފަރާތާއި އޮތް ގުޅުމާއިމެދުވެސް އިހުމާލުވެވުނީއެވެ. އީމާންތެރިކަން ބަލިކަށިވެ ގާފިލުވެވުނީއެވެ.

މިފަހަރުވެސް އައި ބާރު ވައިރޯޅިއަކާއެކު ޖަންބުގަހުގެ ގޮފިގަނޑު ބެލްކަނީގެ ރެއިލިންގާ ޖެހުނީއެވެ.

އާޔާގެ ބުޅި އިސްތަށިގަނޑުގައި ހުޅިއެއްޖަހާލާފައި ސްކާފެއް މަހައިލިއެވެ. ބެލްކަނީގެ ބިއްލޫރި ކަހާލާފައި ނުކުމެލިއިރު ހިތް ފުންމާލާފައި ނުކުމެދާނެފަދައެވެ.

"އެއީ ފުރޭތައެއްނު ކީއްވެ އެނަ ދެކޭހިތްވަނީ. ޕްލާސްޓިކް ސާޖަރީއިން ޑޮކްޓަރ އާރިކްގެ ފުރިހަމަ ސޫރަ ހޯދައިގަތަސް އެއީ އާރިޒްގެ ހަގީގީ ރީތިކަމެއް ނޫން. އެކަމަކު އެހެނެއް ނޫން. މަގޭ ހިތް ބޮޑަށް ލެނބުނީވެސް އާރިޒްގެ އުފަން ލައް ހުރުމުން. އެ މާކު ހުރީމަވެސް އޭރު ހިތް ކިއި. ފުރަތަމަ ބިރުގަތަސް އެ ޔުނީކް ސިފައަށް ހިތް ލެބުނު..ހަނދުގައި ލައްގަނޑެއް ހުއްޓަސް ކިހާ ފުރިހަމަ. އާރިޒްގެ އަޚުލާގު އެހާ ރަގަޅު އެކަމަކު އޭނަ އަރްޔާ މަރައިލީ. އާރިޒް އާރްޔާ މަރައިލުމުން އޭނަ އެކުރީ ބޮޑު ފާފައެއް. މީހެއްގެ ފުރާނައަށް އަރައިގަތުމަކީ މާތް ﷲގެ ހައްގަކަށް އަރައިގަތުން. ފަހަރެއްގައި އޭނައަށް ނޭގުނީތަ؟ އަހަންނަށް ދީން އެނގިހުރެ ކުރި ފާފައިގެ ސަބަބަން އަމިއްލަ ނަފުސްގެ އަގެއް ނެތް. ސުބުހާނަﷲ. އެހެން މީހަކަށް އެކަން އެހެންމީހަކަށް އެނގިއްޖެއްޔާ..........."


"އިންސާނުންނަށް ފޮރުވުމެއް ނޫން މުހިއްމީ. އާޔާ އެ ފާފަކުރިއިރު ހުރިހާކަމެއް ދެކެދެނެވޮޑިގެންވާ ފަރާތުން ބައްލަވާ ވޮޑިގެންވި. ތައުބާވޭ......."


އާޔާގެ ދެލޯ ކަރުނުން ފުރިއްޖެއެވެ.

އޭނައަކީ ރުޅިގަދަ މީހެކެވެ. އެ ދުވަހު އަރައިގަތް ރުޅީގައި އޭނައަށް އެ ކުށަށް އަރައިގަނެވުނީއެވެ.

އާޔާގެ ނަޒަރު ކުއްލިއަކަށް ހުއްޓުނީ އާރިޒްގެ ބެލްކަންޏަށެވެ. އަވި ދިއްލިފައި އޮތްއިރު ރަންކުލައަކަށްދާ ފުޅިއަކަށް އަވި އެޅި ވޮށެއްފަދައިން ދިއްލިފައިވާއިރު ވަޔާއިއެކު ދެކޮޅަށް ކިރިލައެވެ. އާރިޒްގެ މުދާގަނޑެއްކަމާއިމެދު ޝައްކެއް ނެތެވެ. އަނެއްކާ ޝީޝާއެއްފަދަ އެއްޗެއް ބާވައެވެ. ސިގްރެޓްބޮއިފަ އެވަރުން ނުވެގެން ނުކުރާކަށް ކަމެއް ހައްދަވާފައެއް ނެތެވެ. ވަރެއްގެ އިންސާނެކެވެ.

"ކީއްވެކަމެއް ނޭގޭ އެކަމަކު އޭނައަށް އުދަގުލެއް ކޮށްލެވުމުން ހިތް ހަމަޖެހޭ....................." އާޔާގެ އަމާޒަކަށްވީ އެ ފުޅި އެތަނުން ނެގުމެވެ.

އާޔާ ވިސްނާލާފައި މަޑުމަޑުން ގޮސް ރެއިލިންގައި އެލުވިގެން ޖަންބުގަހަށް އެރިއެވެ. ކުޑައިރު ގަސްތަކަށް އަރާ އުޅުމުގެ ސަބަބުން އަދިވެސް އޭނަގެ ގައިގާ އެކަހަލަ އާދަތައް ހަރުލާފައިވެއެވެ. ޖަންބުގަހުގެ ގޮފިތައް ހިމަވިޔަސް އޭނަގެ ނާޒުކް ބުރަދަން ހިފަހައްޓާނެ ބާރު އެބަހުއްޓެވެ. އެ ބެލްކަންޏާއި ހަމަޔަށް ފޯރުމުން އަތް ދިއްކޮށްލާފައި ފުޅީގައި ހިފިއެވެ.

"އައި ޑިޑް އިޓް..........."

އާޔާ އައިކޮޅަށް މިސްރާބުޖެހިއެވެ.

***

އާރިޒް އެ ފުޅި ގެއްލިގެން ހޯދަން ކުރި މަސައްކަތް ދެކެން އާޔާ ބެލްކަނީގައި ދަމާފައިވާ ފޮތިތަކުގެ ދޭތެރެއިން ބަލަން ހުރެ ހީހީ ބަނޑުގައި ރިއްސައިގަތެވެ.

"އޭގެ މާނައަކީ މިއީ ޚާއްސަ ފުޅިއެކޭ. މިއީ ކޯންޗެއްތަ؟" އާޔާ ވިސްނައިލިއެވެ." އަގުބޮޑު އާސާރީ އެއްޗަކާ ވައްތަރީ. މަތިގަނޑު ރަސްޓެޑް. މި ބޭނުންވެގެނެއް ނޫން. ތަޅުވާލާފައި އަލުން ގެންގޮސްދޭނީ.............."

***

ފުރުގާން އޭނަގެ ދަރިފުޅު ސިއެނާގެ ކޮޓަރިއަށް ވަންއިރު ދަރިފުޅު އެނދުގައި އޮށޯވެލައިގެން އޮތެވެ. ބޭސްކާންދިނަސް އިންޖެކްޝަން ޖެހިޔަސް ސިއެނާ މައިތިރިނުވެގެން ބާއްވަން ޖެހެނީ ހިލިހިލާ ޖަހާފައެވެ. ލޯބިވާ މަލެއްފަދަ ދަރިފުޅުގެ ހާލުފެނި ފުރުގާންގެ ހިތް ކުދިކުދިވާވަރުވެއެވެ. މިއީ އެއްގޮތަކަށްވެސް ފުރުގާން ސިއެނާއަށް ހޯދަދޭން ބޭނުންވާ ފަދަ ދިރިއުޅުމެއް ނޫނެވެ.

"ބައްޕާ.........." ފުރުގާން ފެނުމުން ސިއެނާގެ ދެލޯ ދިއްލުނުފަދައެވެ. "ޕްލީޒް މި އެއްޗެހި ނައްޓަބަލަ. ފަޔަށް ތަދުވޭ..."

"ދަރިފުޅު ފުރަތަމަ ބޭސް ބޮއެގެން ރަގަޅުވެބަލަ..."

"އަޅުގަނޑު ބަސް އަހަމޭ. މީހުންގެ ގައިގާ ތަޅައިގަނެ އެއްޗެހި އުކާ ގޯސްކޮށް އުޅެނީ އަޅުގަނޑެއް ނޫނޭ ބައްޕާ. އެހެން ބަޔަކު އެކަންތައް ކޮށްފައި އަޅުގަނޑުގެ ބޮލުގާ އަޅުވަނީ. ޕްލީޒް ގަބޫލުކުރޭ. އައިމް ނޮޓް ކްރޭޒީ...." ސިއެނާ އެތައް ދުވަހެއް ފަހުން ބޯހަމަޖެހޭ މީހެއް ފަދައިން ވާހަކަދެއްކިއެވެ.

"ދޭ އާ ޓޭކިން ރިވެންޖް. ކޮންމެވެސް އެކަކު އެމީހުންގެ ކިންގްގެ ހުރި ހަމައެކަނި އަންހެންދަރިފުޅު ޒަންދުއަށް ހާޓްކުރީ ޔޯ....."ސިއެނާގެ ޖުމްލައިން ފުރުގާން ސިހޭގޮތްވިއެވެ. މަންމައާއި ސިއެނާ އަދި ޖާސިމްގެ ސިކުނޑީގައި މިއުޅެނީ އެއް އާއިލާއެކެވެ. އެއް ޚިޔާލީ އާއިލާއެކެވެ.

ފުރަތަމަ ފަހަރަށް ފުރުގާންގެ ދެގޮތެއްނުވާ ހިތުގައި ޖިންނިންނާއިމެދު ޝައްކާއި ވަހުމް އުފެދުނެވެ. ޖިންނިން ހަގީގަތުގައިވެސް އެމީހުންގެ އާއިލާއަށް އުދަގޫކޮށް މޮޔަކުރަނީބާވައެވެ. އެއްވެސް ނަފްސާނީ މާހިރަކު ޖިންނިންގެ ސަބަބުން މޮޔަވާކަމަކަށް ގަބޫލެއްނުކުރާނެއެވެ. އޭނަވެސް މިހުރިހާ ދުވަސްވާންދެން ދެކެމުން އައީ އެއީ ފްލޯކު ވާހަކަތައް ކަމުގައެވެ. ސައިފް ރަސްގެފާން އަލިފް ލައިލާ ޚާތިމުއް ތާއީފަދަ ވާހަކަތައް ޝައުގުވެރިކުރުވަން ޖިންނިން ހިމަނާފައި ވަނީކަމަށެވެ. ނަމަވެސް ސިއެނާގެ މޫނުމަތިން މިއަދު އެއްވެސް ވަރަކަށް މޮޔަކަމެއް ނުފެނެއެވެ.

އެވަގުތު އާޔާ ކޮޓަރިން ބޯ ދިއްކޮށްލިއެވެ. ކާން ގެނައި ޚާދިމާއާއި އެކުގައެވެ. ޕްލާސްޓިކް ތަށިތަކުގައި ހުރި ކާނާގެ މީރުވަސް ނޭފަތުގައި ޖެހުނެވެ.

"އާޔާ ސިސް. ގަބޫލެއްނުކުރަންތަ؟ މިގޭގައި ޖިންނިންގެ އުދަގޫތައް ބޮޑުވެގެން އެންމެންނަށް އުދަގޫކުރާކަން؟ބައްޕަ ގަބޫލުކުރައްވާނެނަމަ. ސިސް ބައްޕައަށް ކޮންވިންސްކުރުވަ ދީބަލަ. ދޭ އާ މޭކިން އަވާ ލައިފް އެ ލިވިން ހެލް..އެހެން މީހަކު ކުރި ކުށެއްގެ ބަދަލުދޭން އަޅުގަނޑުމެންނަށް މިޖެހުނީ ބައްޕާ. އެއީ ކާކުކަމެއް ވެސް ނޭގޭ. ޔަގީނުންވެސް ބައްޕަކަމަކަށް ނުވާނެ. ޔަގީނުން ޖިންނިންނާއި ކޮންޓެކްޓް އޮތް މީހަކަށް ޖިންނިއަކަށް ހާޓްކުރެވޭނީ................." ސިއެނާގެ ލޮލުގައި ކަރުނަ ބަބުޅަންފެށިއެވެ.

އާޔާ ސިއެނާގެ ގާތު އިށީދެފާ އަތް ވަށައިލިއެވެ.

***

އާޔާ ބެލްކަނީގެ ދޮރުން ބޭރަށް ބަލައިލީ އާރިޒްމެން އުޅޭގޭގެ ގަސްތަކާއި ދިމާލުން އެއްޗެއް ތަޅާކަހަލަ އަޑެއް އިވިފައެވެ. އެގެއިން ހިނގާ ކޮންމެ ކަމެއް އޭނަގެ ހިތާއި ގުޅިފައިވާފަދައެވެ. އާރިޒްގެ ކޮންމެ ހަރަކާތަކަށް ހިތް ފާރަލާފަދައެވެ. މިފަހަރުވެސް ދުއްވައިގަނެވުނީ ކުރަން އިން މަސައްކަތް ހުއްޓާފައެވެ.

އެއަޑަކީ ބިންމައްޗަށް ވެއްޓިފައި އޮތް ގަސްގަނޑެއްގައި އާރިޒް ފުރޯއަކުން ޖަހާ އަޑެވެ. އެއްފަހަރު ޖެހިލެއް ބާރުކަމުން ފުރޯ ގަސްގަނޑުގައި ހަރުލިއެވެ. އާރިޒް ފުރޯގައި ހިފާ ދަމައިގަތުމުން ގަސްގަނޑު އިރާލައިގެން ކަހަލަ ގޮތަކަށް ފުރޯ ނެއްޓުނެވެ. އާރިޒް "ސްޓްރެސް" ފިލުވައިލަން މިނޫނީ މަސައްކަތެއް ނުފެނުނީހެއްޔެވެ؟

"ވާއު. ސޯ ސްޓްރޯންގް....." އާޔާއަށް މޭގައި އަތް ޖައްސާ ބާރުކޮށްލެވުނެވެ. އާރިޒްގެ އެ ހަރަކާތުން އެ މުލައްދަނޑީގެ ބާރު އިހުސާސްވެ ނޭގޭފަދަ ގޮތަކަށް ހިތުގައި ވިންދުޖެހިއެވެ. އާޔާ


***

"ޑޮކްޓަރ އާޔާ. އަހަންނަށް ސަތޭކަ ޕަސެންޓް ޔަގީންކަން އެބައޮތް. އާޜިޒް އާޔާގެ ކޮއްކޮއަކު މަރައިނުލާނެ. އާރިޒްގެ ވާފަދަ މަޑު ހިތެއް ދުވަހަކު ނުދެކެން. ބަހެއް ނުބުނެ އެހެން އެހެރީ ކީއްވެކަމެއް ނޭގޭ. އެކަމަކު އާރްޔާ މެރިނަމަ އެ ގާލްއާއެކު ނަގާފައިވާ ފޮޓޯތައް ޕާސަނަލް އެއްޗެހީގެ ތެރޭ ފޮރުވާފައި ހުންނާނެތަ؟ އެއީ ވަރަށް ސްޕެޝަލް ގާލްއެއްކަން ޔަގީން." ޖަނާހު ޑޮކްޓާސް ލައުންޖުން އާޔާއާއި ދިމާވެފައި ބުނެލިއެވެ.

"މަ ނަމަވެސް މަގޭ ފްރެންޑެއް ގެ ދިފާއުގައި ވާހަކަ ދައްކާނަންދޯ. ޑޮކްޓަރ ޖަނާހުގަބޫލު ކުރިޔަސް ނުކުރިޔަސް ހެވޭ. މަގޭ ދެލޯމަށަކަށް ކެއްސެއް ނުދޭނެ........"

"ހެލުސިނޭޝަން އެއްކަމަށް ތިވާނީ.ނޫނީ ޖިންނިންގެ ކަމަކަށް؟ "ޖަނާހު ހަށަން ބަދެލިއެވެ.

"ލުކް ޑޮކްޓަރ ޖަނާހު......."އާޔާ އެއްޗެކޭ ބުނަން އުޅުނެވެ.

"މައި މައި......ދެކުދިން ސިއްރުސިއްރުން ކަމެއް ފެށީތަ؟" އާރިކްގެ ފިޔަވަޅު އަޑު ނީއްވާ ފަހަތުގައި ޖައްސާލާފައި ހުރިތަންފެނި އާޔާއަށް ހަޅޭއްލަވައިގަނެވުނެވެ.

"ބުނަންވާހަކައެއް. ޑޭޓް ކުރަން އެންމެ އަންރޮމޭންޓިކް ތަނަކަށް ޑޮކްޓާސް ލައުންޖު ވާނެ. ހުރިހާ ޖާމްސްތަކާއެކު...................." އާޔާއަށް ވީވަރު ފެނި އާރިކްއަށް މަޖާވިއެވެ. އެގޮތަށް މީހުން ސިއްސުވާލުންނޫނަސް އިންސާނުންނަށް ލިބިފައިނުވާ ފަދަ ބާރާއި ހުނަރު އޭނައަށް ލިބިފައިވެއެވެ. ބޭނުން ނުކުރަނީ އޭނަގެ އަސްލު ފާޅުކުރަން ބޭނުންނުވާތީއެވެ. އަދި ކޮއްކޮ އާރިޒްފަދައިން އިންސާނުންގެ ތެރޭ އުޅެވޭނީ އިންސާނުން ފަދައިން ބަލިކަށިކޮށް އުޅެގެންނެވެ.

"ނޫނޭ އެރިކް. އަހަރެން އާޔާއަށް ކޮންވިންސްކޮށްދޭން އުޅުނީ އާރިޒް އާޔާގެ ސިސް މަރާނުލާނެކަން......."

"ޑޯންޓް ވޭަސްޓް ޔޯ އެނާޖީ ޖަނާ ވަގުތު ޖެހުނީމަ ހަގީގަތް އެނގޭނެ. ޝަރީއަތް ފަށާކަށް ނު އެއުޅެނީ....." އާރިކް އެއް ލޯ މަރައިލިއެވެ.

"ފޮނި ފިރިހެނާ....." އާޔާ ހިތާހިތުން އެއްޗެހި ކިޔައިގަތެވެ. އާރިޒްއާއި ތަފާތެއް ނެތަސް މިހިރަ މިޒާޖެކެވެ.

***

އާޔާ ފުޅި ހުޅުވަން މަސައްކަތްކޮށްކޮށް ވަރުބަލިވާގޮތްވިއެވެ. އެންމެފަހުން ފުޅި ހިފައިގެން ނުކުމެފައި ބަގީޗާ ބަލަހައްޓާ މީހާއަށް ގޮވައިލިއެވެ. އޭރު އުދަރެހުގައި ރަތް ވިލާތައް ލާ އުޑުގައި ހުޅުދާންކޮށްފައިވާ ފަދައެވެ. ރީތި މަންޒަރެކެވެ. އާޔާ އެމަންޒަރު ފޯނަށް ނެގިއެވެ.

"މީގެ މަތި ގަނޑު ނައްޓަބަލަ....." އާޔާ ފުޅި ދިއްކޮށްލިއެވެ.

އޭނަވެސް މަސައްކަތްކޮށްކޮށް ހުޅުވޭގޮތެއް ނުވިއެވެ.

"ދަރިފުޅާ ކޯންޗެއް......" ނޫރިއާ ދޮރު މައްޗަށް އަރާފައި ދެލޯ ބޮޑުކޮށްލިއެވެ. "ސުބުހާނަﷲ..........ނޫން ނޫން އާޔާ. ތި ފުޅި ނުހުޅުވާ. ކޮންތާކުން ހޯދި ފުޅިއެއް.........."

މާމާގެ މޫނު ހުދުވިވަރުން އަނބުރައިގެންފާނެހެން ހީވެފައި އާޔާއަށް ގޮސް މާމާގެ ގައިގާ ހިފަހައްޓާލެވިއްޖެއެވެ.

"އެ....ސުލޭމާން ބެ....އޭނައަށޭ މާމަ އެ ފުޅި.....އަވަހަށް ގެނޭ...." ނޫރިއާ ގައިގާ ނެތް ހިތްވަރެއް ލާފައި އެހެން ދުވަހަށްވުރެ ބާރަށް ހިނގައިގެންފާ ގޮސް ފުޅި އަތުލައިފިއެވެ.

ބަގީޗާ ބަލަހައްޓާ މީހާ އަދަބުވެރިކަމާއެކު ސަލާމްކޮށްލާފައި އެއްފަރާތަކަށް ހިނގައިގެންފިއެވެ. އެއާއިއެކު ނޫރިއާ ހުރިތަނަށް ތިރިވެ ޝުކުރުގެ ސަޖިދައެއް ކުރިއެވެ. އެތައް ފަހަރު ހަމްދުކުރިއެވެ. މާތް ﷲގެ ކުޅަދުންވަންތަކަމާއޭ ބުނެލިއިރު ކުރި އަސަރަކުން ލޮލަށް ކަރުނަ އަތުވެއްޖެއެވެ. އޭނަ ކުރި ދުޢާ މާތް ﷲ އިޖާބަކުރައްވައިފިއެވެ. ދުއާއަކީ ބާރުގަދަ ހަތިޔާރެކެވެ.ކިތަންމެ ޒަމާނެއްކޮށްފައިވެސް ދުއާ އިޖާބަވެދެއެވެ. މާމަ އުޅޭގޮތުން އާޔާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ.

"ފުރުގަން........ފުރުގާން............" ނޫރިއާގެ ބާރު އަޑު ގޭތެރޭ ގުގުމާލިއެވެ.

"މާމާ..މިއީ މާމަގެ ފުޅިއެއް ނޫނޭ....މި އާރިޒްގެ...." އާޔާ ކަންބޮޑުވެފައި މާމަ މަސަލަސް ކުރާންއުޅުނެވެ. އެންމެން މޮޔަވަނީހެއްޔެވެ؟މާމަވެސް މިފުޅި ފެނި ހަމަ ރަގަޅަށް ބުއްދި ގޯސްވެއްޖެއެވެ.

"މި ފުޅި ތެރޭ.....ޒަންދު ޕަރީ..."

"މާމާ........................"
އާޔާ ބޯ ހޫރާލިއެވެ.

"އާން ދަރިފުޅާ.....އާރިޒްގެ މަންމަ މީގެ ތެރޭ......" ނުލާހިކު ސިއްރުން މާމަ ބުނެލިލެއް މައުސޫމްކަމުން ތިން އަހަރުގެ ކުޑަކުއްޖެއްފަދައެވެ. އާޔާ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. ނަމަވެސް އޭނަ ކެތްކުރިއެވެ. އޭނަގެ އުމުރުން މިހާ ދުވަސްވާއިރު އަދި އޭނަގެ ބުއްދިއަށް ވާނެގޮތެއް އެނގެނީއެއް ނޫނެވެ. އާރިޒްގެ މަންމަ އެފުޅީގައޭ މާމަ ބުނާނީ ކިހަ ބުއްދި ގޯސްވީމަ ތާއެވެ.


***

ބޮޑުކޮޓަރީގެ ކަނުގައި ހުރި އުއްބައްތި ވިރެމުންދާއިރު ފާރަށް އެޅިފައިވާ ހިޔަނިތައް ބޮޑެތި ފުރޭތަތަކެއް ފަދައިން ފެނެއެވެ. ފަނޑު އަލީގެ ތެރޭގައި އާރިޒްއާއި ޖަނާހު ފުޓްބޯޅަ މެޗެއް ބެލުމުގެ ފޯރީގައި ތިބިއިރު މޭޒުމަތީގައި ހުރި ރެޑްބުލް ފުޅިހުސްވަމުންދިޔައެވެ. ބެލްޖެހިއަޑަށް ދޮރު ހުޅުވާލަންދިޔައީ ޖަނާހުއެވެ. ފުރުގާންއާއި މަންމަ ދޮރުމަތީ ތިބިތަން ފެނިފައި ޖަނާހުއަށް ސިހުމެއް ލިބުނެވެ. އަވަށްޓެރިންނެވެ.އެކަމަކު ޒިޔާރަތް މިކުރީ އަލަށެވެ. ފުރުގާން މަންމަ އަތުގައި އޮތް ފުޅި ފެނިފައި ވަކިން ބޮޑަށް ޖަނާހު ކަންބޮޑުވިއެވެ.

"ކޮބާ އާރިޒް......" ނޫރިއާއެހިއެވެ.

އާރިޒްއަށްވެސް ފުރުގާން މަންމަ ފެނުމާއެކު އިހުތިރާމް ކުރުމުގެ ގޮތުން ތެދުވެގެން އައެވެ. ފުރުގާންއާއި މާމަ އިށީންނަން އެދުނެވެ. މާމަ އަތުގައި އޮތް ފުޅިއަށް ނަޒަރު ހުއްޓުމައިއެކު ޖަނާހުގެ މޫނަށް ބަލައިލެވުނެވެ. އެފުޅި އެގެއަށް ވާސިލުވީގޮތެއް ދެމީހުންނަކަށްވެސް ނުވިސްނުނެވެ.

"އާރިޒް.......މިއައީ އާރިޒްގެ މަންމަ ގޮވައިގެން...." ނޫރިއާ ބުނެލިއިރު ރޮވޭގޮތް ވެއްޖެއެވެ.

"މަންމަ......" އާރިޒް ކަންބޮޑުވިއެވެ.

"އާނ..މިއީ މަންމަ..އާރިޒް ގެ މަންމަ.........." ނޫރިއާ ފުޅިދެއްކިއެވެ.

"މަންމާ...މަންމަ ބުނީމެއްނު މި ފުޅި އާރިޒްއަށް ދޭންވެގެންނޭ އައީ. މިއީ އާރިޒްގެ އެއްޗެކޭ..................." ފުރުގާން މަންމަ ގެނެސް ގައިގާ ޖެއްސިއެވެ.

"އާރިޒް. މި ފުޅި އާރިޒް ހޯދިތަނެއް މާމަ ކައިރީ ދޮގެއް ނަހަދާ ސާފުކޮށް ބުނެބަލަ..މިއީ އަސްލު މާމަ ގެ ފުޅިއެކޭ...އެކަން އެނގޭތަ؟ އާސާރީ ފުޅިއެއް............" ނޫރިއާ ފުޅި ބިއްލޫރި މޭޒުމަތީ ބެހެއްޓިއެވެ. ޚަލީސީގެ ވާހަކައިގެ ސަބަބުން ނޫރިއާގެ ހިތުގައި އުއްމީދު އާވެއްޖެއެވެ. ޒަންދު އެމީހުންނާއި ހަވާލުކުރާއިރަށް ޖާސިމް އެނބުރި އާއިލާތެރެއަށް އަންނާނެއެވެ. އިންސިންނާއި ޖިންނީންގެ ދެމެދުގައި ކުރެވުނު ހަގުރާމަ ނިމުމަކަށް އަންނާނެއެވެ.

"އަޅުގަނޑު ޑައިވިންއަށް ގޮސް އުޅެނިކޮށް ހޮހަޅައެއް ކަހަލަތަނެއްގެ އަނގަމަތީ ގާގަނޑެއްގައި ތާށިވެފައި އޮތްވާ މި ފުޅި ނެގީ....މިއީ މާމަގެ ފުޅިއެއް ދެއްތޯ......" އާރިޒް ތަފްސީލްކޮށް ކިޔައިދިނެވެ.

"ފުރުގާން ދަރިފުޅާ. މަންމަ ބުނީމެއްނު ސުލޭމާން ބެ ޒަންދު ޕަރީ ނައްތާލީއޭ. މި ފުޅި އަތުލީ އެހެންވެ. ނަސީބެއް ނު މިގޮތަށް ކަނޑު ފައްތައިލިކަން.. އަލްހަމްދުލިﷲ....." ނޫރިއާ އާރިޒް ގެނެސް ކައިރީގައި އިށީންނަން އެދުނެވެ. އާރިޒްގެ މޫނުގައި ދެއަތުން ހިފެހެއްޓިއެވެ. " ހަމަ ޖާސިމްގެ ސިފަތައް. މާމައަށް ނޭގުނީ ކީއްވެތަ؟ އޭރު އުފަންލައް ހުރީމަ ނޭގުނީ. މިހާރު ރަގަޅަށް ބަލައިލީމަ މާމައަށް ޔަގީންވެއްޖެ. ދުނިޔޭގައި ކަންހިގާގޮތް ބަލާ. ޖާސިމްގެ ދަރިފުޅާއި ބައްދަލުވާންވެސް އިރާދަކުރެއްވީ.ކޮބާ ދަރިފުޅުގެ ބޭބެ......"

އާރިޒް އިނީ ލަދުންނެވެ.


އާރިޒްއަށް ދެން އިވިގެން ދިޔައީ އޭނަގެ މާޒީގެ އެންމެ މުހިއްމު ސިއްރެވެ. ޖާސިމްއައި ޒަންދުޕަރީގެ ލޯބީގެ ވާހަކަތައް ނޫރިއާ ކިޔައިދިނީ އަޑުއަހާ ހިތްވާފަދަ ގޮތަކަށެވެ. އޭރު އެހެން އެންމެން ހީކުރީ ޖާސިމް ދުނިޔެއިން މޮޔަވީކަމުގައެވެ. ފުރަތަމަ ޒަންދުއަކީ ޖިންނީންގެ ނަސްލުން އައިސްފައިވާ ކުއްޖެއްކަމެއް ނޫރިއާއަކަށް ނޭގުނެވެ. ނަމަވެސް އެކުއްޖާގެ ރީތިކަމުން އިންސީންގެ ތެރޭ އެހާ ފުރިހަމަކަމެއް ނުފެނެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އިސްތަށިގަނޑު ދިގުކަމާއި ވަރުގަދަކަމުން ކޮންމެ އަންހެނަކު ބޭނުންވާނެއެވެ. ޒަންދުގެ ހަގީގަތް އެނގުމުން ނޫރިއާގެ ހިތަށް ބިރުވެރިކަން ވަނެވެ. ކިތަންމެ ރީތި ސިފައެއްގައި ހުއްޓަސް ފުރޭތައެއްވާނީ ފުރޭތައަކަށެވެ. ފުރާނަފަދަ ލޯބިވާ ފިރިހެން ދަރިފުޅު އެ ޖިންނީގެ ވަކިތަކުގެ ދަށުން ސަލާމަތްކުރަން މަދަދުގާރަކަށްވީ ސުލޭމާންއެވެ.

"މިހާރު މިއޮތީ ދެފަރާތަށްވެސް އިންސާފުވެރިކަމާއިއެކު އެއްބަސްވުމަށް އަމަލުކުރުން. ޚަލީސީ ހުވާކުރި. ޖާސިމް ސަލާމަތުން މަންމަމެންނާއި ހަމަޔަށްގެނެސްދޭނެކަމަށް ވައުދުވި...................."

" ފުރުގާން. މި ފުޅީގެ މަތިގަނޑު ނައްޓާލަބަލަ......." ނޫރިއާ އެދުނެވެ.

(ނުނިމޭ...)

https://sun.mv/122201

comment ކޮމެންޓް