އައްޑޫގެ ޓޫރިޒަމް ވަޅުޖެހިފައި! ކީއްވެ؟

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

(އައްޑޫ ސިޓީއިން) -- ދެކުނުގެ މައި މަރުކަޒުގެ ގޮތުގައި އޮތް މި އައްޑޫ ސިޓީ ހުރިހާ ގޮތަކުންވެސް ރާއްޖޭގެ އެހެން ހިސާބުތަކާ ތަފާތެވެ. ސަބަބަކަށް ވަނީ މި ސިޓީ ޖޯގުރަފީގެ ގޮތުން ވެސް ތަފާތުވެފައި، ތާރީހީ ގޮތުން ވެސް މުއްސަނދި ސިޓީއަކަށް ވުމެވެ. މުޅި ރާއްޖެއިންވެސް ބޭރުގެ މެހެމާނުންނަށް "ސަން، ސޭންޑް އެންޑް ސީ" ވިއްކާ އިރު، އައްޑު އަތޮޅަށް އޮތް ހާއްސަކަމަކީ، "ސްޓޯރީޒް" ނޫނީ ވާހަކަތައް ވިއްކައިގެން ކުރިއެރުވެން އޮތް ޓޫރިޒަމެކެވެ. އެއީ ހަތަރު އެސް އެވެ. މިހާރު ރާއްޖެ ޕްރޮމޯޓް ކުރާ ތިން އެސްގެ ބަދަލުގައި މި ސިޓީގެ ޕްރޮމޯޝަންގައި އަޅުވަން ޖެހެނީ ހަތަރު އެސް އެވެ. ފަހަތަށް "ސްޓޯރީ"ގެ އެސް އިތުރު ކުރަން ޖެހެނީ އެވެ.

ބޮޑު ބިމަކާއި އާބާދީ ކިތަންމެ ވަރަކަށް މިތަނުގައި އޮތް ނަމަވެސް މި ސިޓީގެ ޓޫރިޒަމް ކުރިއަރާ ގޮތެއް ނުވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ ހިއްސާގައި މި ސިޓީގެ ބައިވެރިވުން ނެތޭ ބުނާހާ ކުޑަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ރިސޯޓުތަކުގައި އައްޑޫގެ އެތައް ރައްޔިތުންނެއް ވަޒީފާގައި ނެތް ވާހަކައެއް ނޫނެވެ. އައްޑޫގައި ތިބެގެން އެ ފުރުސަތު ނެތީ އެވެ. ސަބަބަކީ، މަސައްކަތް ކުރާނެ ރިސޯޓުތަކާއި ޓޫރިސްޓް އެނދުތައް މި ސިޓީގައި ތަރައްގީވެ ފުޅާވަމުން ނުދަނީ އެވެ. މި ސިޓީގެ ޓޫރިޒަމް މިވަނީ ފާޑަކަށް ގާވެފަ އެވެ.

ޖުމްލަ 120 އަށް ވުރެ ގިނަ ރިސޯޓާއި ހޮޓާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިރު، ވަސީލަތްތަކުގެ ގޮތުން އެންމެ މުއްސަނދި މި ސިޓީގައި އޮތީ އެންމެ ދެ ރިސޯޓާއި އެއް ހޮޓަލާއި ހައެއްކަ ގެސްޓްހައުސެވެ. އެނދުގެ އަދަދު ހާހަކަށް އަރަނީ ކިރިޔަކިރިޔާ އެވެ.

އެހެން ނަމަވެސް މިއީ ހަމައެކަނި އެނދު އިތުރުކޮށްގެން ވާ އޮތް ކަމެއް ވެސް ނޫނެވެ. މިއީ އެކަތި އަނެކެއްޗާ ގުޅިލާމެހިގެން އެކުގައި، ގިނަ ސްޓޭކްހޯލްޑަރުންތަކެއްގެ ފަރާތުން ހިނގާ ގިނަ މަސައްކަތްތަކަކުން ކުރިއަރާދާން އޮތް ސިނާއަތެކެވެ. އެހެން ވީއިރު އައްޑޫގެ ޓޫރިޒަމަށް މަދުވަނީ ކޮން ކަމެއް ހެއްޔެވެ؟

އައްޑޫ އަތޮޅު އިސްމެހެލާ ހެރައިގައި - ސައުތު ޕާމް ބީޗު ރިސޯޓު -- ފޮޓޯ/ ސައުތު ޕާމް ބީޗު ރިސޯޓު

އެނދު އިންތިހާއަށް މަދު!

ފަތުރުވެރި މަންޒިލެއްގެ ގޮތުގައި އައްޑޫ ޕްރޮމޯޓުކުރާ "ޑިސްކަވާ އައްޑޫ" ހަރަކާތް ހިންގާ މިސްބާހު ނަޒީރު ވިދާޅުވި ގޮތުގައި، އައްޑޫއަކީ ހަގީގަތުގައިވެސް ތަފާތު، މުއްސަނދި ތަނެކެވެ. އެކަމަކު އައްޑޫ އިޝްތިހާރު ކުރަން ޖެހޭ ގޮތަށް ބްރޭންޑެއްގެ ގޮތުގައި އަދިވެސް އައްޑޫ އިޝްތިހާރު ނުކުރެވެނީ އެވެ. މީގެ އިތުރުން ޓޫރިޒަމަށް ކުރިމަތިވެފައިވާ ޒަމާންވީ ހުރަސްތައް އަދިވެސް ފޫއަޅުވާނުލެވެނީ އެވެ.

"ވަރަށް ގިނަ ސަބަބުތަކެއް އެބަހުރި. އޭގެ ތެރޭގައި އެކްސެސިބަލްވުމުގެ [ދަތުރުކުރުމުގެ] ޗެލެންޖުތަކެއް އެބަހުރި. ސްރީލަންކަން އެއާލައިންސް އައްޑުއަށް އަންނަން ފެށުމުން އުންމީދު އާވި. އެކަމަކު ސްރީލަންކަންއިންވެސް ސްޓްރަގްލްކުރަމުން އެ ދަނީ މިކަން ދެމެހެއްޓުމަށް،" އޭނާ ވިދާޅުވި އެވެ.

މިހާރު އައްޑޫގައި އެންމެ ދެ ރިސޯޓާއި ހޮޓަލެއް ހިންގާ އިރު، މިސްބާހު ވިދާޅުވި ގޮތުގައި މިއީ މާ މަދު މިންވަރެކެވެ.

އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެއާލައިނުތަކަށްވެސް އައްޑޫ ވިއްކުމަށް ޗެލެންޖިންގް ވަނީ އައްޑޫގައި މިޑް މާކެޓް ދަތުރުވެރިންނަށް ތަންތަން ނެތުން. އަދި ފުދޭ މިންވަރަށް އެނދު ނެތީމާ. އެންމެ ދެ ރިސޯޓުން ސަސްޓެއިނެއް ނުވޭ،" އޭނާ ވިދާޅުވިއެވެ.

މީގެ ކުރީގެ ސަރުކާރުތަކުންވެސް އައްޑޫ ސިޓީގައި ޓޫރިޒަމަށް އެނދު އިތުރުކުރުމުގެ ވާހަކަތައް ދައްކައި، ހިސާބު ޖަހައި ހެދި އެވެ. ތްރިޑީ ޑިޒައިންތަކާ އެކު ކުލަ ޖައްސާފައި ހުރި މޮޅެތި ތަސްވީރުތައް ދެއްކި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވައުދުވީ އައްޑޫއަށް 8،000 އެނދެވެ. އޭގެ ތެރެއިން 4،000 އެނދު ތަރައްގީކުރުމަށް ޕްރޮޕަޓީ އެޅުމުގެ ހުއްދަ ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ. ޓޫރިޒަމުގެ ބޭނުމަށް އައްޑޫގެ ހަ ރަށަކުން ބިން ދޫކުރަންވެސް މިހާރު ވަނީ ނިންމާފަ އެވެ.

ރީތި ބީޗެއް ނެތުމުގެ ދެރަ

އައްޑޫގައި ޓޫރިޒަމުގެ ވިޔަފާރިކުރާ ފަރާތްތަކުން ބުނާ ގޮތުގައި، ރާއްޖެ އިސްތިހާރު ކުރަނީ ރީތި ގޮނޑުދޮށްތަކުގެ މަންޒިލެއްގެ ގޮތުގއި ކަމަށްވުމުން، ރާއްޖެ އަންނަ ފަތުރުވެރިން ވެސް އަންނަނީ ރާއްޖޭގެ ދޮންވެލީގެ ގޮނޑުދޮށްތަކުގައި ވަގުތު ހޭދަކުރާށެވެ. އެކަމަކު އެމީހުންނަށް އެފަދަ ބީޗެއް އައްޑޫގައި ނެތެވެ.

އައްޑޫގައި ހުޅުވި ފުރަތަމަ ގެސްޓްހައުސް، ހިތަދޫގެ ޕެބްލްސް އިންގެ މެނޭޖަރު ސައިފުﷲ ހަމީދު ވިދާޅުވީ ރާޅާ އަޅަން އަންނަ ޓޫރިސްޓުންނަށް އައްޑޫއަކީ ރަނގަޅު މަންޒިލެއް ނަމަވެސް، ބީޗެއް ނެތުމުގެ ޝަކުވާ ޓޫރިސްޓުން އާންމުކޮށް ކުރާ ކަމަށެވެ.

"އަޅުގަނޑުމެން ކަމާ ބެހޭ ފަރާތްތަކުގައި ކިޔައިގެން މި އުޅެނީ ފަތުރުވެރިންނަށް ބިކިނީ ބީޗެއް ހަދައިދޭށޭ. ބީޗެއް ނެތުމަކީ ވަރަށް ބޮޑު ޗެލެންޖެއް،" އޭނާ ވިދާޅުވިއެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ފޭދޫއާއި ގުޅުވާފައިވާ ލިންކް ރޯޓް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިތަދޫގައި ހުންނަ އަބުހަރީ ގްރޭންޑް ގެސްޓްހައުސްގެ ވެރިޔާ، އަދި އައްޑޫގެ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޒުހައިރު (އަބުހަރީ ޒުހައިރު)ވެސް ފާހަގަކުރެއްވި ގޮތުގައި، އައްޑޫގައި ޓޫރިސްޓުންނަށް ބީޗެއް ނެތުމަކީ މައްސަލައެކެވެ.

"އެހެން ހިސާބުތަކުގެ ރަށްތައް ކުދިވެފައި، ވަށައިގެން ބީޗެއް އޮވޭ. ގެސްޓުން ބީޗަށް ވަރަށް ޝައުގުވެރިވޭ. އެކަމަކު އައްޑޫގައި ބީޗެއް ނެތް. ގެސްޓުންނަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗެއް ވިޔަސް މިތަނުގައި ހަދަން އެބަ ޖެހޭ،" ޒުހައިރު ވިދާޅުވި އެވެ.

އައްޑޫ ސިޓީގައި ގުދުރަތީ ތަފާތުތަކާއި އާސާރުތަކެއް ހުރި ނަމަވެސް، ޒުހައިރު ވިދާޅުުވި ގޮތުގައި ފަތުރުވެރިންނަށް އެތަންތަން ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތެވެ.

"އަޅުގަނޑުމެން ދަން ގަމަށްވެސް. ގޮސް އިނގިރޭސީންގެ ތަންތަން ދައްކަން. އަދި ގަމުގައި ހުންނަ ސަދަންމޯސްޓް ޕޮއިންޓަށްވެސް ގެސްޓުން ގެންދަން. އެކަމަކު މިފަދަ ތަންތަން ޝޯކޭސް ކުރެވޭނެ ފަސޭހަ ގޮތެއް ހަމަޖެހިފައެއް ނޯވޭ،" އޭނާ ވިދާޅުވިއެވެ.

މާކެޓުކުރުން ތަފާތުކުރަން ޖެހޭ!

މުޅި ރާއްޖޭގައި ޓޫރިޒަމް ހިންގަނީ ދޮންވެލީގެ ރީތި ބީޗުތަކާއި ސާފު މޫދު "ވިއްކައިގެން" ކަމުގައި ވީ ނަމަވެސް އައްޑޫއަކީ ޖޯގުރަފީގެ ގޮތުން ތަފާތު ތަނެކެވެ. އައްޑޫގައި އެފަދަ ރީތި ބީޗުތައް ނުހުންނަ އިރު، އޭގެ ބަދަލުގައި އެހެން ތަފާތުތައް އެބަހުއްޓެވެ. ޓޫރިސްޓުންނަށް ނެރެ ވިއްކޭނެ އެއްޗިހިތަކެއް އެބަ ހުއްޓެވެ.

އައްޑޫގައި ގަދީމީ ޒަމާނުގެ އާސާރުތަކާއި، ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ބިނާކުރި ތަންތަނާއި ބެހެއްޓި ތަކެތި އަދިވެސް ހުރި އިރު، މިތަންތަނަކީ ރަނގަޅު ގޮތުގައި ބެލެހެއްޓި، ފަތުރުވެރީންނަށް މާކެޓުކުރެވޭނެ ތަންތަނާއި ތަކެއްޗެވެ. ބައިސްކަލު ދުއްވުމާއި އީދިގަލި ކިޅީގައި ކެނޯ ދުއްވާލުން ފަދަ ހަރަކާތްތަކާއެކު އައްޑޫ ނޭޗާ ޕާކުވެސް ހިތަދޫގައި އެބަ ހުއްޓެވެ.

އައްޑު ނޭޗާރ ޕާކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެން ނަމަވެސް އައްޑޫ، ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓު ކުރުމުގައި މިތަންތަން މާ ބޮޑަކަށް ބޭނުމެއް ނުކުރެވެ އެވެ. އައްޑޫ ސިޓީއަށް ދަތުރުކުރުމަކީ ދުނިޔޭގެ މެދު ރޮނގު، އީކުއޭޓާ ހުރަސްކުރުމުގެ ދަތުރެއް ނަމަވެސް މިއީވެސް މާ ބޮޑަށް މާކެޓުކުރެވޭ ކަމެއް ނޫނެވެ.

"ޑިސްކަވާ އައްޑޫ"ގެ މިސްބާހު ވިދާޅުވި ގޮތުގައި، އައްޑޫއަށް ރަނގަޅު މާކެޓިންގް ސްޓްރެޓަޖީއެއް އެކުލަވާލުމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުވެސް ހިމެނޭ ގޮތަށް، ކަމާ ގުޅުންހުރި ހުރިހާ ސްޓޭކްހޯލްޑަރުން އެކުގައި މަޝްވަރާއަށް އިށީންނަން ޖެހެ އެވެ. މިހާތަނަށްވެސް އެފަދަ ކަމެއް ކުރުމަށް އެއްވެސް ފަރާތަކުން އިސްނަގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުދާސްތައް އެއާޕޯޓާ ދިމާލަށް

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި، އައްޑު އަތޮޅަކީ ފަތުރުވެރިކަން މާ ރަނގަޅަށްވެސް ތަރައްގީކުރެވޭނެ ތަނެކެވެ. އައްޑޫގައި ބިމާއި އެހެނިހެން ވަސީލަތްތައް އެބަހުއްޓެވެ. އަދި އެ ވަސީލަތްތައް ނަގާ ކޮޅަށް ޖަހައި، އިގްތިސާދީ ހަކަތަ ފޯރުކޮށްދޭނެ ހީވާގި ރައްޔިތުންވެސް އެބަ ތިއްބެވެ. ނެތީ ކޯއްޗެއް ހެއްޔެވެ؟

ސޯބެގެ އުދާސްތައް ފެށެނީ އައްޑޫގައި އޮންނަ ގަން އިންޓަނޭޝަނަލް އެއާޕޯޓާ ހަމައިންނެވެ. އެތަން ތަރައްގީނުވާ ވާހަކައިންނެވެ.

ޖުލައި 18، 2019: އައްޑޫ ސިޓީގެ މޭޔާރ އަބްދުﷲ ސޯދިގް(ސޯބެ) ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެއާޕޯޓު ހެދިފައި އޮތް މިންވަރާ ބަލާއިރު، ޖައްސާ ފްލައިޓަށް ކޭޓާކުރެވޭ ވަރަށް އާލާތެއް ނެތް. އިތުރު ތަރައްގީއެއް ނުފެނޭ. އެއީ ވަރަށް ވަރަށް ދަށް ފެންވަރުގައި ހުރި ތަނެއް. ފަޅުތެރެއިން ބިން ހިއްކާލާފައި، ބޭންކުން ލޯނެއް ނަގައިގެން ރަންވޭ އަޅާފައި އޮތީ. އޭގެ ފަހުން އިތުރަށް ތަރައްގީކުރަން ކުރި ކަމެއް ނެތޭ،" ސޯބެ ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ، އެއީ ކުރީގެ ސަރުކާރުގެ ޕްލޭނުގެ ދަށުން ކުރި މަސައްކަތް ކަމަށާއި، މިހާރުގެ ސަރުކާރުން އައްޑޫ އެއާޕޯޓު ތަރައްގީކުރުމާ ބެހޭ ޕްލޭނެއް ގެންނަންޖެހޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކާ އެއްގޮތަށް އައްޑޫއަށް އިތުރު ޝެޑިއުލް ދަތުރުތައް ގެނައުމުގެ މަސައްކަތް އަވަހަށް ފަށަން ޖެހޭ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ޓޫރިޒަމް ކުރިއަރައި ދާނީ، ޓޫރިސްޓުންނަށް އައްޑު އަތޮޅަށް އާދެވޭނެ މަގު ފަހިކޮށްދީގެެނެވެ.

ވިޔަފާރިވެރިޔާ އަބުހަރީ ޒުހައިރުވެސް ފާހަގަކުރެއްވި ގޮތުގައި، އާ އެއާލައިނުތައް އައްޑޫއަށް ގެނައުމަކީ ޓޫރިޒަމް ކުރިއެރުވުމުގެ މަސައްކަތުގައި މުހިންމު ކަމެކެވެ. މިވަގުތު ދުނިޔޭގައި އެންމެ ގިނައިން ދަތުރުކޮށް ހަދަނީ މެދު ފަންތީގެ ފަތުރުވެރިން ކަމުގައި ވުމާއެކު، އައްޑޫއަށް ބަޖެޓު އެއާލައިންތައް ގެނެވިދާނެތޯ ބަލަންޖެހޭކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

މިހާރު އައްޑޫއަށް ޝެޑިއުލް ދަތުރުތައް ބާއްވަނީ ސްރީލަންކަން އެއާލައިންސް އެކަންޏެވެ. އެހެން ނަމަވެސް އެންމެ މަންޒިލަކަށް ބަރޯސާވެ ދަތުރުތައް ބޭއްވުމުގެ ނޭދެވޭ އަސަރުތައް އައްޑުއަށް ލިބެމުން ދެއެވެ. މި އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ކޮލޮމްބޯގައި ދިން ބޮމުގެ ހަމަލާތަކުގެ ސަބަބުން އެގައުމުގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ވެއްޓުނު އިރު، އެކަމުގެ ސީދާ އަސަރު އައްޑޫގެ ޓޫރިޒަމަށް މި ވަނީކޮށްފަ އެވެ.

އައްޑޫގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކާއި، ގަން އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ކުންފުނިންވެސް ބުނި ގޮތުގައި ސްރީލަންކަން އެއާލައިންސްގައި އައްޑޫއަށް އަންނަ ފަތުރުވެރިން ގިނައިން އަންނަނީ ކޮލޮމްބޯއާއި ރާއްޖެ ހިމެނޭ ޕެކޭޖެއްގެ ދަށުންނެވެ. އެކަމަކު ލަންކާގެ ބޮމުގެ ހަމަލާތަކަށް ފަހު އެ ދޮރު ބަންދުވީ އެވެ.

ފަށަންވީ ކިހިނެއް؟

ރާއްޖޭގެ އެންމެ ދެކުނަށް ޓޫރިޒަމް ފުޅާކޮށް، އެ ސިނާއަތުގެ ފޮނި މީރުކަމާއި ނަފާ އެ ސަރަހައްދުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ބައިވަރެވެ. އުފުލަން ޖެހޭ ބުރަ ބޮޑެވެ. އެހެން ނަމަވެސް އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ސަރުކާރާއި އައްޑޫ ސިޓީ ކައުންސިލާއި އައްޑޫގައި ޓޫރިޒަމް ވިޔަފާރިކުރާ ފަރާތްތަކުން މަޝްވަރާގެ މޭޒު ދޮށަށް އައިސް، ރަނގަޅު މާކެޓިންގް ޕްލޭނެއް އެކުލަވާލުމެވެ.

އައްޑޫގެ ޓޫރިޒަމްގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނި ގޮތުގައި މިކަން މިހާތަނަށްވެސް ނުވެ އޮތީ ސިޔާސީ އިހުލާސްތެރިކަމެއް ނުވަތަ "ޕޮލިޓިކަލް ވިލް" ނެތުމުންނެވެ.

"އައްޑޫއަކީ ވަރަށް ޕޮލަރައިޒްޑް ބަޔަކު އުޅޭ ތަނެއް. ސިޔާސީ ހިޔާލު ތަފާތުވެއްޖެނަމަ އެއްބައިވަންތަކަމެއް ނޯވޭ. އެކަމަކު ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުންނަކީ ތަފާތުތަކާއެކުވެސް، ތަރައްގީގެ މަސައްކަތެއް ނަމަ ހުރިހާ އެންމެން އެކުގައި ގުޅިގެން މަސައްކަތްކުރާ ބައެއް،"

އައްޑު އަތޮޅަކީ ގުދުރަތީ، ސަގާފީ އަދި އިންސާނީ ވަސީލަތުގެ ގޮތުންވެސް ވަރަށް މުއްސަނދި އަތޮޅަކަށް ވާ އިރު، މިވަގުތު ކުރަންވީ ކަމަކީ އައްޑޫ އަތޮޅު ވަކި މަންޒިލެއްގެ ގޮތުގައި މާކެޓުކުރުމުގެ މަސައްކަތް ފެށުމެވެ. އައްޑޫއަކީ ޓޫރިޒަމަށް ޕޮޓެންޝަލް ހުރި ތަނެއް ކަމަށް ބުނާ ބުނުމުގައި ކުލަ ޖައްސައި، އެކަން ހަގީގަތަކަށް ހަދަންވީ އެވެ. ސަރުކާރުތަކުން ކުރެހި ތްރީޑީ ގްރެފިކްތައް ހަގީގަތަކަށް ހެދުން ނޫން ގޮތެއް މި ސިޓީއަށް ނެތެވެ.

comment ކޮމެންޓް