ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓާ ގުޅިގެން އިންތިޒާމިކުރާ ގްލޯބަލް ޔޫތް ޕީސް އެމްބެސެޑާސް (ޖީވައިޕީއޭ) ޓްރެއިނިން ޕްރޮގްރާމުގެ ސްޕޮންސަރުންނާއި ޕާޓްނަރުންނާއި އެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގެ އަޒުރް ރެސްޓޯރަންޓްގައި ކުރިޔަށްގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖުމްލަ 14 ޕާޓްނަރުންނާއި ސްޕޮންސަރުންނާއި އެކު ވަނީ ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ޔޫތު މިނިސްޓްރީ، ހޮޓެލް ޖެން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ، އޭޑީކޭ ހޮސްޕިޓަލް އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް ޕޮލިސް ސާވިސް ހިމެނެއެވެ.
ރަފީ ޖަމިއްޔާގެ ރައީސާ ޑރ. އައިޝަތު ރަފިއްޔާ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރެއްގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ ހަރަކާތް ބޭއްވުމަށް ރަފީ ޖަމިއްޔާއަށް ކުރި އިތުބާރު ބަލައިގަންނަ ކަމަށެވެ.
އޮގަސްޓް މަހުގެ 28 އިން 31 އަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމުގައި 25 ގައުމަކުން 150 ޒުވާނުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮގްރާމުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖައްސާފައިވަނީ ޕީސްގެ ދާއިރާއިން ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޝަހުސިއްޔަތެއް ކަމުގައިވާ ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.
ރަފީ ޖަމިއްޔާއިން ބުނީ ޖީވައިޕީއޭ ޕްރޮގްރާމުގެ ތެރެއިން ތަމްރީނުވާ ހުރިހާ ޒުވާނުންވެސް ކަނޑައެޅިގެންދާނީ އެ ޒުވާނެއްގެ ގައުމުގައި ޕީސްއަށް މަސައްކަތްކުރާ ޕީސް އެމްބެސެޑަރެއްގެ ގޮތުގައި ކަމަށެވެ.
މި ޕްރޮގްރާމުގައި އެންމެ އިސްކަމެއްދީފައިވާނީ ޕްރޮގްރާމުގެ ބައިތައް ނަގައިދެއްވާ ބޭފުޅުން ކަނޑައެޅުމުގައި ކަމަށާއި އެގޮތުން ރާއްޖޭގެ އިތުރުން ހަ ގައުމަކުން ތަޖުރިބާކާރު ލެކްޗަރަރުން ބައިވެރިވާނެކަމުގައި ރަފީ އިން ބުންޏެވެ.
މިޕްރޮގްރާމުގެ ތެރޭގައި "ސްނޯކްލް ފޯ ގްލޯބަލް ޕީސް - އައި އޭމް ޕީސް ވިތު މެރިން ލައިފް، ސްޓޮޕް ލިޓަރިންގ" ގެ ނަމުގައި ސްނޯކްލިންގ ސެޝަންއަކާއި "ގްލޯބަލް ޔޫތް ޕީސް ވޯކް"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. ރަފީ ޖަމިއްޔާއިން ބުނީ ވަކި އުމުރުފުރާއެއް ނެތި، ކޮންމެ މީހަކަށްވެސް ބައިވެރިވޭގޮތަށް ހުޅުމާލޭގައި ކުރިޔަށްދާ މި ހިނގާލުމުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ ފަހަކާ ހަމައަށް އޮންނާނެ ކަމަށެވެ.