ހުސް ވަގުތުތަކުގެ ފަޅު ފިލުވައިލަން ކުރާނެ ކަމެއް ނޭނގިފައި އޭނާއަަށް އިންނާކަށް ނުޖެހެއެވެ. ހދ. ކުޅުދުއްފުށްޓަށް އުފަން އުމުރުން 31 އަހަރުގެ އަހްމަދު އަލީގެ ކިބައިގައި އެ ހުނަރުވެރިކަމާއި ވިސްނުން އެބަހުއްޓެވެ. އެ ފަންނުވެރިކަން ގޮސް ނިމެނީ ކޮންޕިއުޓަރު ދޮށަކުން ނޫނެވެ. ދިވެހީންގެ ޒަމާންވީ ފަންނުވެރި މަސައްކަތްތެރިކަމާއި އަތުލިޔުމުގެ ހިތްގައިމު ހުނަރުގެ ތެރެއަށެވެ.
ޗުއްޓީއަކަށް ބ. ކެންދުއަށް ދިޔަ ދަތުރެއްގެ ތެރެއިން އަޙްމަދު ދަސްކުރި މި ހުނަރާއެކު މިއަދު އޭނާ އަންނަނީ އޭނާގެ ކަވި، ބަލައިލަން ހިތްގައިމު، ފަންނުވެރި މަސައްކަތްތަކުން މީހުންގެ ސަމާލުކަން ދަމައިގަންނަމުންނެވެ.
ޓައި އަޅައި ބެގީކުރަންޖެހޭ މޭޒު ދޮށުން ދުރަށް ގޮސް، އަޙްމަދުގެ މަސައްކަތް މިއަދު އޮތީ ވަޑާންކުރުމުގެ ހުނަރަށް އުފެދުނު ޝައުގާ ގުޅިފައެވެ.

އަޙްމަދު އޭނާގެ މަސައްކަތުގެ ވާހަކަ "ސަން"އަށް ކިޔައިދެނީ --
ވަޑާން ކުރުމާއި ލަކުނޑި ލިޔުން
އަމިއްލަ އޮފީހެއްގައި މަސައްކަތް ކުރަމުންދިޔަ އަޙްމަދަށް މި ކަމުގެ ތެރެއަށް ވަދެވުނީ އޭނާގެ ރަހުމަތްތެރިޔަކާ ބައްދަލުކުރަން ކެންދުއަށް ދިޔަ ޗުއްޓީ ދަތުރެއްގެ ތެރެއިންނެވެ.
އެ ރަށުގައި ހުންނަ ވަޑާންގެއެއް ކަމަށްވާ، މުރާދު ކާޕެންޓްރީއަކީ އެ ރަހުމަޔްތެރިޔާގެ އާއިލީ ތަނަކަށްވުމުން، އަބަދުވެސް ރަށަށް ދެވޭ ފަހަރެއްގައިނަމަ އެއްޗެއް ހަދައިލަން އެ ތަނަށް ވަދެ އުޅެއެވެ.
އެއާއެކު މި ދަތުރުން އޭނާގެ ހިތުގައި އުފެދުނު ޝައުގާއެކު، ޔޫޓިއުބުން ވީޑިއޯއާއި، މީހުން ކަންކުރާ ގޮތް ބަލައިގެން މަސައްކަތް ދަސްކުރިއެެވެ. އޭނާ ދަސްކުރީ ލަކުނޑިން އެކި ޒާތްޒާތުގެ ތަކެތި ހަދާށެވެ. ވުޑް ޓާނިންނާއި ވުޑް ކްރާފްޓިން ނުވަތަ ލަކުނޑި ލިޔުމުގެ މަސައްކަތަށް ޝައުގުވެރިކަން އުފެދުނީ އެހާ ހިސާބުން ކަމަށް އަހްމަދު ބުންޏެވެ. އަދި މީގެ ދެ އަހަރެއްހާ ދުވަސްކުރިން މި ކަމަށް ހުސްވީ ވެސް އެހާ ހިސާބުންނެވެ.

އަޙްމަދު ވަޑާންކުރުމުގެ މަސައްކަތުގައި --
އަޙްމަދު މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބަޔަކަށް އެންމެ އެނގެނީ އޭނާ ކުރާ ލަކުނޑި ލިޔުމުގެ މަސައްކަތްތަކާއި، ލަކުނޑިން ތައްޔާރުކުރާ އެކި ތަކެއްޗެކެވެ. އެކި ބައްޓަމަށް ޒަމާނީ ފަރުމާތަކުގެ އެކި ތަކެތި އޭނާ ލަކުނޑި ލިޔުމުގެ މަސައްކަތުގެ ތެރެއިން ތައްޔާރުކުރެއެވެ. ނަމަވެސް ތަފާތަކީ އަޙްމަދު މި މަސައްކަތުގައި ބޭނުންކުރަނީ ފަހުގެ މެޝެނަރީތަކާއި، ޓެކްނޮލޮޖީއަށް ވުމެވެ. ޒަމާނީ މެޝެނަރީ މި ކަމުގައި ބޭނުންކުރުމަކީ މަސައްކަތް އަވަސްވެ، ފަރުމާކުރުންތަކުގެ ފުރިހަމަކަން އިތުރުކޮށްދޭ އެއް ސަބަބުކަމަށް އޭނާ ބުންޏެވެ.
"ލިޔެލާ ޖެހުމަށް މި ކުރާ މަސައްކަތަކީ ލަކުޑި ވަކި ވަނާއަކަށް ގެެނެސްފައި މެޝެނަރީ ބޭނުންކޮށްގެން ވަކި ވަނާއަކަށް ގެނެސްފައި އޭގައި ލާ ޖަހަނީ. ލިޔުމަކީ ލަކުނޑިން އެ ގެންނަ ވަނާ އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން ވެއްޖެޔާ. ލާ ޖެހުމަކީ ވަކި ކަމެއް. އަޅުގަނޑު ލާއެއް ނުޖަހަން،" 'ސަން'އާ ވާހަކަދައްކަމުން އަޙްމަދު ބުންޏެވެ.
އަޙްމަދުގެ ފަރުމާކުރުންތަކުގެ ތެރޭގައި ލަކުނޑި ކުދި ފޮށްޓާއި، ތަފާތު އެކި ބައްޓަމަށް ހުންނަ ގޭތެރޭ ޒީނަތްތެރިކޮށްލުމަށް ބޭނުންކޮށްލެވިދާނެ ފަދަ އެކި އުފެއްދުންތައް ހިމެނެއެވެ.

ހަމައެކަނި މިފަދަ ކުދިކުދި ފަރުމާކުރުންތައް ތައްޔާރުކުރުން އެކަންޏެއް ނޫނެވެ. ވަޑާމުގެ މަސައްކަތުގެ ތެރެއިން އަލަމާރި ފަރުމާކުރުމާއި، ކަބަޑުޖެހުން ފަދަ ކަންކަމަކީ ވެސް އަޙްމަދު ކުރަމުން އަންނަ މަސައްކަތެެކެވެ.
ކެލިގްރަފީ
ލަކުނޑި ލިޔުމުގެ އިތުރުން، އަކުރު އެޅުމަކީ ވެސް އަޙްމަދު ވަރަށް ގަޔާވާ މަސައްކަތެކެވެ. އިނގިރޭސިން ބްލެކް ލެޓަރިން އެޅުމާއި، އަރަބި ކެލިގްރެފީގެ ލިޔުންތައް ލިޔުމަކީ ވެސް އަޙްމަދުގެ ކިބައިގައިވާ ފާހަގަކޮށްލެވޭ ހުނަރެކެވެ. ޤުރުއާނުގެ އެކިއެކި އާޔަތްތައް ބަލައިގެންް ކެލިގްރަފީ ފޮންޓަށް ލިޔުމަކީ މާ ގިނައިރުތަކެއް އޭނާއަށް ހޭދަކުރާ ކަމެއް ނޫނެވެ. ފަރިތަކަމާއެކު ފުރިހަަަމަ މަސައްކަތެއް އޭނާ ކުރަނީ އަވަސް ކަމާއެކުގައެވެ.
"އަޅުގަނޑަށް ފެންނަ ގަޔާވާ އާޔަތެއް ލިޔެފައި، އެ އާޔަތުގެ މާނައާ ދޭތެރޭ ފުންކޮށް ވިސްނައިލުމަށް ވެސް ފުރުސަތު ލިބޭ އަޅުގަނޑު ލިޔަމުން ދާ ވަގުތު،" ވީހާ ވެސް ފަރުވާތެރިކަމާއެކު ލިޔަން އިސްކަންދޭކަން ހާމަކުރަމުން އަޙްމަދު ބުންޏެވެ.
އަޙްމަދު ބުނި ގޮތުގައި ކެލިގްރަފީ އާޓުގައި އޭނާ ވިސްނާ އެއް ކަމަކީ ލިޔާއިރު ލޭއައުޓަށް ސަމާލުވުމެވެ. އެގޮތުން އާޔަތްތަކުގެ ނިންމުން ފޮޅުވަތަށް ފެތޭހެން ލިޔުން ބައްޓަންކުރުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭކަމަށް އޭނާ ބުންޏެވެ. ކެލިގްރަފީ މަސައްކަތަކީ ވެސް އޭނާ މިހާރަށްވުރެ ބޮޑަށް ކުރަން ބޭނުންވާ މަސައްކަތެކެވެ.

އަޙްމަދުގެ ކެލިގްރަފީ މަސައްކަތެއް --
އެންމެ ބޮޑު ހިތްވަރަކީ މަސައްކަތް ބަލައިގަތުން
އަޙްމަދު ކިޔައިދިން ގޮތުގައި އޭނާ މިހާރު އާމްދަނީ ހޯދުމަށް ކުރަމުން އަންނަ މަސައްކަތަކީ ވެސް ވަޑާންކުރުމެވެ. އޭނާ ބުނި ގޮތުގައި މިއީ އާމްދަނީ ވެސް ރަނގަޅު މިންވަރަކަށް ލިބޭ މަސައްކަތެކެވެ. އެގޮތުން ކަބަޑު ސެޓު ޖެހުން ފަދަ މަސައްކަތްތަކަކީ ވަރަށް ރަނގަޅު ފައިދާއެއް މާލީ ގޮތުން ލިބޭ ކަމެއް ކަމަށް އޭނާ ކިޔައިދިނެވެ.
"އެއިން [ކަބަޑު ސެޓު ޖެހުމުން] އަލްހަމްދުލިﷲ މި ވީހާ ތަަނަށް ކުރެވުނު މަސައްކަތްތަކުގައި ފުދޭވަރަަކަށް ރަނގަޅު އެއްޗެއް ލިބިފައިވޭ،" އަޙްމަދު ބުންޏެވެ.
އާމްދަނީގެ އިތުރަށް އަޙްމަދަށް ލިބޭ އެންމެ ބޮޑު އުފަލަކީ އާންމުން އޭނާ ކުރާ މަސައްކަތް ބަލައިގަންނަކަން އެނގުމެވެ. އެއީ އޭނާއަށް މި މަސައްކަތުގައި ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްވަރެކެވެ.
އަހުމަދުގެ އުފެއްދުންތަކާއެކު އޭނާގެ ހުނަރުވެރިކަމުގައި ހުރި އޮފުކަން ހާމަވެއެވެ. ބުރަ މަސައްކަތަކާއި ޝައުގުވެރިކަމާއެކު ކޮންމެ މަސައްކަތެއްގެ ތެރެއިން ވެސް ކުރިއަރާނެ މަގު އޮތްކަން ވެސް ހާމަވެއެވެ. އޭނާގެ އުންމީދަކީ މި މަސައްކަތުގައި އިތުރު ކުރިއެރުން ހޯދުމެވެ.