ގްރީން ޓެކުހުގެ ގޮތުގައި 56 މިލިއަން ރުފިޔާ ލިބިއްޖެ

މާފުށީ ގެސްޓްހައުސަކަށް ދެ ފަތުރުވެރިޔަކު ވަންނަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 56.45 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމު ކުރި ގްރީން ޓެކުހާ ގުޅޭ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުވެސް ގްރީން ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. ކ އަތޮޅުގެ ރިސޯޓުތަކުން 19 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާއިރު އެ އަތޮޅުގައި ހިންގާ ޓޫރިސްޓު ހޮޓާތަކުން 133،539 ރުފިޔާ އަދި ގެސްޓު ހައުސްތަކުން 615،072 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެއެވެ.

ދެން އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދެއްކީ އދ އަތޮޅުންނެވެ. އެ އަތޮޅުގެ ރިސޯޓު ތަކުން ހަ މިލިއަން ރުފިޔާ އަދި ގެސްޓުހައުސްތަކުން 50 ހާސް ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ ދައްކައިފައެވެ. އއ އަތޮޅުގެ ރިސޯޓުތަކާއި ގެސްތުހައުސްތަކުންވެސް ޖުމްލަ ފަސް މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ ދައްކައިފައެވެ.

ރިސޯޓު ހޮޓާ އަދި ގެސްޓުހައުސްތަކުން މިދިޔަ މަހު ޖުމްލަ 54.93 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާއިރު ރާއްޖޭގައި އޮޕަރޭޓުކުރާ ލިވަބޯޑު ތަކުން ގްރީން ޓެކުހުގެ ގޮތުގައި މިދިޔަމަހު ދައުލަތަށް ދައްކާފައިވަނީ 1.5 މިލިއަން ރުފިޔާ އެވެ.

ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓެއްގެ އަތުން ރިސޯޓުތަކުން ރެއަކަށް ހަ ޑޮލަރު އަދި ގެސްޓު ހައުސްތަކުން ރެއަކަށް ތިން ޑޮލަރު ނަގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ގްރީން ޓެކްސް ފަންޑުން 37 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. މިދިޔަ މަސް ނިމުނު އިރު އެފަންޑުގައި 305.62 މިލިއަން ރުފިޔާ ހުރިކަމަށްވެސް ތަފާސްހިސާބުތައް ދައްކައެވެ.

comment ކޮމެންޓް