ރާއްޖެއަށް އިނގިރޭސީންގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބިގެން ދިޔައީ ޖުލައި 26، 1965ގެ ހެނދުނު 10:00 ގައި ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު އިނގިރޭސި ސަރުކާރާ އެކު ސިލޯނުގައި ސޮއި ކުރެއްވި އެއްބަސްވުމާ އެކު އެވެ. ތާރީހީ ގޮތުން މުހިންމު އަދި އަގުބޮޑު މި އެއްބަސްވުމުގެ ދެ އަސްލުގައި އެއް ގައުމު އަނެއް ގައުމުގެ އޮފިޝަލުން ސޮއި ކުރެއްވި އިރު، އޭގެ ތެރެއިން އެއް އަސްލު އެއީ، އިނގިރޭސީންގެ މިލްކެކެވެ. އޭގެ ތެރެއިން އަނެއް އަސްލު އޮންނަން ވާނީ ދިވެހި ހަޒާނާގައި ނިކަން ރަނގަޅަށް ރައްކާކުރެވިފަ އެވެ. އެކަމަކު އެ އެއްބަސްވުން ދިވެހީންގެ އަތުގައި އެބަ އޮތް ހެއްޔެވެ؟ ހަމަ ގައިމުވެސް ދާރުލް އާސާރަކުން ނޫނީ އެހެން ތަނަކުން ވެސް އެ އެއްބަސްވުމުގެ އަސްލެއް އަދި ނުދެކެމެވެ.
ރާއްޖޭގައި އޮންނަންވާނެ، އެ އެއްބަސްވުމުގެ އަސްލުގެ ކޮޕީ ހޯދަން މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ރާއްޖޭގައި ޗާޕު ކުރުމުގެ ހިދުމަތް އެންމެ ފުޅާ ދާއިރާއެއްގައި ދެމުން ގެންދާ ނޮވެލްޓީގެ ވެރިޔާ އަދި ތާރީހު ލިޔުއްވި، މ. ވާރޭވިލާ އަލްމަރުހޫމް އަލީ ހުސައިން އެވެ. އަލީ ހުސެއިން އެ އެގްރީމަންޓް ހޯއްދަވަން ކުރެއްވި މަސައްކަތްތައް އޭނާ ނެރުއްވި، ދިވެހި ޑައިޖެސްޓް މަޖައްލާގެ 12 ވަނަ އަދަދު، "މިނިވަން ނަމްބަރު"ގައި އޭނާ ލިޔުއްވާފައިވެ އެވެ.
ރާއްޖޭގެ އެއްވެސް ތަނަކުން ނުލިބިގެން އޭނާ އެގްރިމަންޓްގެ ކޮޕީއެއް ހޯއްދެވީ 1997 ވަނަ އަހަަރު އިނގިރޭސި އާކައިވްއިން އެވެ. އެކަމަކު އެ ކޮޕީގައި ސޮޔެއް ނެތެވެ. އެހެންކަމުން، ދެން އޭނާ އަމާޒު ހިފީ ދިވެހި ސަރުކާރުގައި އޮންނާނެ ކަމަށް އޭނާ ގަބޫލުފުޅު ކުރެއްވި އެއްބަސްވުމުގެ ސޮއިކޮށްފައިވާ އަސްލު ހޯދުމަށެވެ.
ސަރުކާރުގައި އޮންނަންވާނެ ކަމަށް އޭނާ ގަބޫލުފުޅު ކުރެއްވި، ސޮއި އޮތް އެއްބަސްވުން ލިބިދާނެތޯ އައްސަވައި 24 އޭޕްރިލް 2011ގައި އޭނާ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުއަށް ސިޓީފުޅެއްވެސް ފޮނުއްވި އެވެ. އެކަމަކު، ނަޝީދަށް ސިޓީ ފޮނުއްވައިގެންވެސް އޭނައަށް އެގްރީމަންޓް ލިބިވަޑައިނުގަތެވެ.
އެއަށް ފަހު، އަލީ ހުސެއިން މަސައްކަތްޕުޅު ކުރެއްވީ، ސިލޯނުގެ ހައިކޮމިޝަނަރު ހުސެއިން ޝިހާބު މެދުވެރިކޮށް އެގްރީމަންޓް ހޯދޭތޯ އެވެ. އެކަންވެސްވީ ނާކާމިޔާބެވެ.
"އޭނާ [ހުސެއިން ޝިހާބު] އެކަމަަށް މަސައްކަތްކޮށްދެއްވިއެވެ. އެކަމަކު އޭނާގެ ދައުރު ނިމުނީ [ސޮއިކޮށްފައިވާ އެގްރީމަންޓް] ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމާ އެކު އަތާހަމައަށް ނައިހެވެ." އަލީ ހުސެއިން ލިޔުއްވައިފައިވެ އެވެ.
އެންމެފަހުން އަލީ ހުސެއިންއަށް ސޮއިކޮށްފައިވާ އެގްރީމަންޓް ލިބިވަޑައިގަތީ، މުސްކުޅި ޑިޕްލޮމޭޓެއް ކަމަށްވާ ސައިކުރާ އަބްދުލް އަޒީޒް ޔޫސުފުގެ އަރިހުންނެވެ. އަދި އެގްރީމަންޓާ އެކު، އެގްރީމަންޓުގައި ސޮއި ކުރި މޭޒުގެ ފަހުގެ ފޮޓޯއެއްވެސް އަލީ ހުސެއިންއަށް އޭނާ ދެއްވި އެވެ. އެއީ 26 ސެޕްޓޭމްބަރު 2013 ވަނަ ދުވަހު އެވެ. އެކަމަކު، އަބްދުލް އަޒީޒް ޔޫސުފު އެ ލިޔުން ހޯއްދަވައިދެއްވީ ރާއްޖެއަކުން ނޫނެވެ. އޭނާ އެ ލިޔުން ހޯއްދަވައިދެއްވީ އިނގިރޭސިވިލާތުންނެވެ.
ދިވެހި ޑައިޖެސްޓްގެ މިނިވަން ނަމްބަރުގައިވާ ވާހަކަތަކުން އެނގެނީ އެ އެއްބަސްވުން ރާއްޖެއިން ހޯއްދަވަން އަލީ ހުސެއިން ކުރެއްވި މަސައްކަތް ނާކާމިޔާބުވި ކަމެވެ. އެކަމަކު، އިނގިރޭސީންގެ އަތުގައި އެއްބަސްވުމުގެ އަސްލެއް އޮތްކަން އެނގެ އެވެ. އުފެދޭ ސުވާލަކީ ރާއްޖެއަށް ލިބުނު އެއްބަސްވުމުގެ އަސްލު ގެއްލުނީ ހެއްޔެވެ؟
"ދިވެހިރާއްޖޭގައި އޭތި އޮތް ކަމެއް އަދި ނެތް ކަމެއް އަދި ޔަގީނެއް ނޫން. އޮތެކޭވެސް ނެތެކޭވެސް ބުނެވޭކަށް ނެތް،" އެއްބަސްވުމުގެ އަސްލު އޮތްތޯ ސުވާލު ކުރުމުން ދިވެހި އާކައިވުގެ ވެރިޔާ މުހައްމަދު ޝާތިރު ވިދާޅުވި އެވެ.
ޝާތިރު ވިދާޅުވީ، އެއްބަސްވުމުގައި ސޮއި ކުރުމަށް ފަހު އޭގެ އަސްލު އަބްދުއްސަތާރު މޫސާ ދީދީމެންގެ ބެލުމުގެ ދަށުން ލަންކާއިން ރާއްޖެ ގެނެސް ގެންދާނީ އޭރުގެ ފޮރިން މިނިސްޓްރީއަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ފޮރިން މިނިސްޓްރީއިން ބޮޑު ވަޒީރުގެ އޮފީހަށްވެސް ގެންގޮސްދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނު އެއްބަސްވުމުގެ ރާއްޖޭގެ އަސްލު ގެއްލިފައިވާ ކަމަށް ނުވަތަ ނޫން ކަމަށްވެސް ބުނެވޭނީ އަދިވެސް ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގައި ހުރި ލިޔުންތައް ބަލައި ފާސްކޮށްގެން ކަމަށް ސާތިރު ވިދާޅުވި އެވެ. އެކަމަކު ޔަގީންވާ ކަމަކީ އެ އެގްރިމަންޓްގެ ރާއްޖޭގެ އަސްލު ދިވެހި އަރުޝީފުގައި ނެތް ކަމެވެ.
ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމުގެ އަސްލު ފޮރިން މިނިސްޓްރީގަިއ އޮތުމަކީ ނާދިރު ކަމެކެވެ. އެ ލިޔުން އޮތް ނަމަ، އޭގެ އަސްލު އޮންނަންވާނީ، ދިވެހި އަރުޝީފުގައި ނޫނީ ރައީސް އޮފީހުގައި ކަމަށް އޭނާ ލަފާކުރައްވަ އެވެ.
ދިވެހިރާއްޖެއަށް މިނިވަންކަން ލިބިގެންދިޔަ އެއްބަސްވުމުގެ އަސްލު މިއަދާއި މުސްތަގުބަލުގެ ޖީލުތަކަށް ފެންނަން ނެތުމަކީ ވަރަށް ބޮޑު އުނިކަމެކެވެ. އެ އެއްބަސްވުމުގެ ކޮޕީތައް ފެންނަން ހުރި ނަމަވެސް އެވަރަކުން ނުފުދެ އެވެ. އޭގެ އަސްލު ރާއްޖޭގައިވާ ނަމަ ކޮންމެހެންވެސް ހޯދަން ޖެހެ އެވެ. އެހެން ނޫނީ އެ ގެެއްލިގެން ގޮސްފައި ވަނީ ރާއްޖޭގެ އެންމެ އަގުހުރި ލިޔުމެވެ.