އައްޑު އަތޮޅުން ތާރީހުގެ އެތައް ވާހަކައެއް

އައްޑޫ މީދޫގައި ހުންނަ ކޯގަންނު ގަބުރުސްތާނު -- ސަން ފޮޓޯ

ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ދިވެހިރާއްޖެއަކީ މުއްސަނދި ތާރީޚަކާއި ސަގާފަތެއް އޮތް ތަނެކެވެ. މުޅި ރާއްޖެ ހިއްސާ ކުރާ ތާރީޚެއް އޮންނަ ފަދައިން ވަކި ރަށްރަށުގައި ވެސް މުހިންމު ހާދިސާތައް ހިނގާފައި ވެއެވެ. މިފަދަ ހާދިސާތަކާއި އެ ރަށްރަށުގައި އުފެދުނު ހަރުދަނާ ދަރީންނަކީ އެ ރަށެއްގެ ތާރީޚުގެ މުހިންމު ބައެކެވެ. މިފަދަ މައުލޫމާތުތަކަކީ ރަނގަޅަށް ފުރޭފު ކުރެވިފައި ހުންނާން ޖެހޭ މައުލޫމާތެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް އައްޑުއަތޮޅަކީ މުހިންމު އެތައް ހާދިސާއެއް ހިނގާފައިވާ އަތޮޅެކެވެ.

ދިވެހިރާއްޖޭގެ ރަށްތައް އުފެދިފައި ހުރި ދުވަސްވަރާ ބެހޭ ގޮތުން ދިރާސާ ކުރައްވާ ބޭފުޅުންގެ ތެރޭގައި ދެ ރައުޔެއް އޮންނަ އިރު، އޭގެ ތެރެއިން އެއް ރައުޔުގައި ބުނާ ގޮތުން އައްޑުއަތޮޅަކީ ދޮށީ އަތޮޅެކެވެ. އަނެއް ރައުޔުގައި ބުނާ ގޮތުން އުތުރުގެ އަތޮޅުތަކަށް ވުރެ ދެކުނުގެ އަތޮޅުތައް ހަގެވެ.

އާބާދުވުން

އައްޑުއަތޮޅުގައި މީހުން ދިރިއުޅޭތާ ގާތްގަނޑަކަށް 3000 އަހަރު ވެދާނެކަމަށް އާސާރުތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ދިވެހިރާއްޖޭގެ މަޝްހޫރު ތާރީޚު އިލްމުވެރިޔާ އަލްއުސްތާޒު އަލްމަރްޙޫމް މުޙައްމަދު އިބްރާހީމް ލުޠުފީ ވިދާޅުވާ ގޮތުގައި އައްޑުއަތޮޅުގެ ބައެއް ރަށްރަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފަޅުވެފައިވެއެވެ.

މި ގޮތުން އައްޑުއަތޮޅު މީދުއާއި ހިތަދޫ އެއް ފަހަރަށް ވުރެ ގިނަ ފަހަރު ފަޅުވެ އަލުން އާބާދުވި ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވެއެވެ. އައްޑޫގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއް ކަމުގައިވާ ކަޅިހާރު މުޖްތަބާ ވިދާޅުވާ ގޮތުގައި އައްޑުއަތޮޅުގައި އެއް ފަހަރަށް ވުރެ ގިނައިން ފަޅު ނުވާ އެއްމެ ރަށެއް ވެސް ނެތެވެ.

އައްޑުއަތޮޅު ހިތަދޫ ފަޅުވެފައި އޮތުމަށް ފަހު އާބާދު ވީ އައްސުލްތާން މުހައްމަދު އިމާދުއްދީން 1 ގެ ރަސްކަމުގައި، އެ ރަދުން އަރުމާޒުގައި އެ އަތޮޅަށް ވަޑައިގެން ރަށް އަލުން އާބާދުކުރުމުގެ ހުއްދަ ދެއްވުމުންނެވެ. ހިތަދޫ ފަޅުވީ "ދިޔޯގެ ކުޅިވަރު" ކުޅެގެންނޭ ބުނެވޭ ވާހަކައަކީ އައްޑޫގެ ވެހިކާދައިގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ.

މަރަދޫ މީހުންވެސް ރަށް ފަޅުކޮށްފައި ގޮސް އަލުން މަރަދުއަށް އެނބުރި ދިޔައީ "ހަންކެޑެ" ކިޔާ ރަށުގައި ވަޒަންވެރިވެގެން ދުވަސްތަކަކު އުޅުމަށް ފަހުއެވެ.

އައްޑުއަތޮޅުގެ ޗާޓު އިނގިރޭސީން ކުރެހި އިރު 1836 އަތޮޅުގައި ތިބީ 500 މީހުން ކަމަށް ކޮމާންޑަރު މޮރެސްބީ ބަޔާން ކުރައްވާފައިވެއެވެ. 1946 ވަނަ އަހަރު އައްޑުއަތޮޅުގައި ތިބީ 5،686 މީހުންނެވެ. 1995 ގެ ބޯހިމެނުމުން ދައްކާ ގޮތުގައި އޭރު ތިބީ 17،648 މީހުންނެވެ. މިހާރު އައްޑު އަތޮޅަކީ މާލެ ފިޔަވައި ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅެވެ. މިހާރުގެ އާބާދީއަކީ 33،821 އެވެ.

އެވޭލާ ތާރީޚު

އައްޑުއަތޮޅުގެ އެވޭލާ ތާރީޚަށް ބަލާއިރު އައްޑުއަތޮޅުގައި ވެސް ބުދަށް އަޅުކަން ކުރި ބަޔަކު ދިރިއުޅުނުކަން އެނގެއެވެ. އައްޑޫމީދޫ "ވޭރާނޑޮ" އާއި ގަމުގެ "ހަވިއްތަ" އަކީ ބުދުދީނަށް ނިސްބަތްވާ އާސާރުތައް ހުރި ތަންތަނެވެ. މީގެ ތެރެއިން ގަމުގެ "ހަވިއްތަ" ވަނީ ގަމުގެ ވައިގެ ބަނދަރުގެ ރަންވޭ ހެދުމަށް ޓަކައި ނަގައިފައެވެ. މީދޫ ވޭރާނޑު ސަރަހައްދުން ދާދި ފަހަކުން ވެސް ވަނީ ވަރަށް ތަފާތު އާސާރީ ކުރެހުމެއް ހުރި ގަލެއް ފެނިފައެވެ.

އިސްލާމް ވުން

އައްޑުއަތޮޅު އިސްލާމް ވީ މާލެ އިސްލާމް ވުމާއި ދާދި ގާތުގައި އެ އަތޮޅަށް ވަޑައިގަތް ބޭކަލެއްގެ އަތްޕުޅު މައްޗަށެވެ. މި ވާހަކަ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ލިޔުއްވަމުން ވިދާޅުވެފައި ވަނީ ތާޖުއްދީނުގެ ތާރީޚުން ފެންނާން ނެތް ކަމުގައި ވިޔަސް އެއީ އިތުބާރު ހިފޭ ގޮތުން ކިޔެމުން އަންނަ ވާހަކައެއް ކަމަށެވެ.

އައްޑުއަތޮޅަށް އިސްލާމް ދީން ގެނެސްދެއްވީ ޙަޟްރަމައުތުގެ ބޭކަލެއް ކަމުގައިވާ ސުލައިމާނު ޤާދިރުގެ ދަރިކޮޅުގެ ބޭފުޅުންނެވެ. މުޅި އައްޑުއަތޮޅާއި ފުވައްމުލައް އިސްލާމް ވެ ނިމުނީ ސުލައިމާނު ޤާދިރުގެ ޞޫރު ޤާދިރުގެ ޢީސާ ޤާދިރުގެ ޔޫސުފުގެ އަތްޕުޅު މައްޗަށެވެ.

މި ޔޫސުފުގެ ދަރިކޮޅުގެ ނަސަބު ގޮފިތައް މިއަދާ ހަމަޔަށް ވެސް ލިޔެގެން އައްޑުއަތޮޅުގައި ގެންގުޅެއެވެ.

ބުނެވޭ ގޮތުން އައްޑުއަތޮޅުން އެންމެ ފަހުން އިސްލާމްދީން ގަބޫލުކުރީ ގަމު މީހުންނެވެ. ގަމު މީހުން އިސްލާމްދީން ގަބޫލު ކުރީ ވެރިކަމުގެ ބާރުގައި ކަމަށް ބުނެވޭ ބުނުމަށް ހެކި ލިބެނީ ރަންވޭގެ ހުޅަނގުކޮޅުން އަތިރި މައްޗާ ވަރަށް ކައިރީގައި އެ ގޮތް މި ގޮތަށް ވަޅު ލެވިފައި ވާ މީހުންނާއި އެއް ވަޅުގަނޑެއްގައި ދެތިން މީހުން އެ ގޮތް މި ގޮތަށް ވަޅުލާފައި ހުރުމުން ކަމަށާއި އެއީ ހަނގުރާމައެއް ހިނގައިފައިވާ ތަނެއް ކަން އެނގޭ ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައެވެ.

ތާރީޚީ ގޮތުން މުހިއްމު ބައެއް ތަންތަން

މީދޫ ކޯގަންނުގައި ވަރަށް ބޮޑު އާސާރީ ގަބުރުސްތާނެއް އޮވެއެވެ. ރަށް އެންމެ ފަހުން އާބާދުކުރި ހަތް އާއިލާއިން އެރުވި ކުޑަ ހަތް މިސްކިތް މި ކޯގަންނު ތެރޭގައި ހުއްޓެވެ. އެހެންނަމަވެސް މީގެ ތެރެއިން މިހާރު ފެންނާން ހުރީ ހަތަރު މިސްކިތެވެ.

ގަމު ހުކުރު މިސްކިތް ދޮށުގެ ގަބުރުސްތާނުގައި އައްސުލްތާން އަލީ 7 ގެ އަނބިކަނބަލުން ކަނބޯވަތި އާއިޝާ ކަނބާގެ މަހާނައާއި އެކަމަނާގެ މާމަ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ މަހާނައާއި އެ ރަށު ހަރު މީހުންގެ މަހާނަ ގައުތައް ވެއެވެ. ގިނަ ގައު ލިޔެފައި ހުރީ ދިވެސް އަކުރުންނެވެ.

ހިތަދޫ ހުކުރު މިސްކިތާއި މެދު މިސްކިތާއި ތަކުރުފާނު މިސްކިތަކީ ފަހުން ހިތަދޫ އާބާދު ކުރި ތިން އާއިލާއިން އެރުވި ތިން މިސްކިތެވެ. އެ ތިން މިސްކިތުގެ މައްޗަށް ހިތަދޫ ވަގުފުކޮށް ދެއްވީ އިސްކަންދަރު މަހާރަދުންނެެވެ. ތަކުރުފާނު މިސްކިތް ދޮށުގައި އައްސުލްތާން ހަސަން 10 އާއި އެ ރަސްގެފާނުގެ އަނބިކަނބަލުންނާއި ހިތަދޫ އަލީ މަނިކުފާނާއި އަލީ މަނިކުފާނުންގެ ދަރިކަލުން ބަނޑޭރި ހަސަން މަނިކުފާނުގެ މަހާނައާއި އަދި ރަށުގެ ހަރު މީހުންގެ މަހާނަތައް ވެއެވެ.

ކުރީ ޒަމާނުގައި ހިތަދޫ ކޯއްޓޭއޭ ކިޔާ ތަނުގައި ހުރި ކޯއްޓޭ މިހާރު ވަނީ ވީރާނާ ވެގެން ގޮސްފައެވެ.

އިލްމުވެރިކަން

އައްޑުއަތޮޅަކީ ތައުލީމީ ގޮތުން މުޅި ރާއްޖެއިން ވެސް އެންމެ ރަން ވަނައެއް ލިބޭ އަތޮޅެވެ. ދިވެހިރާއްޖޭގެ ފުރަ މާލޭގައި ނިޒާމީ ތައުލީމު ފެށުނީ ވެސް އައްޑުއަތޮޅުން ތައުލީމު ހާސިލު ކުރައްވައިގެން މާލެ ވަޑައިގެންނެވި ބޭފުޅުންގެ މަސައްކަތްޕުޅުންނެވެ.
އައްޑުއަތޮޅުގެ އިލްމުވެރީންނާއި ތައުލީމަކީ އެ ދާއިރާއާ މެދު ވަކި މަޒުމޫނެއް ލިޔެގެން ނޫނީ އިންސާފު ނުކުރެވޭ ފަދަ ފުޅާ މައުޟޫޢެކެވެ.

ދަނޑުވެރިކަމާއި މަސްވެރިކަން

އައްޑުއަތޮޅުގެ ގިނަ ރަށްރަށުގައި ކުރީން އުރާގެ އޮށްޓަރު ދަނޑުވެރިކަން ކުރި ކަމަށާއި ޒަމާނުއްސުރެ ޒުވާރިއާއި އޮޅުއަލައާއި ކައްޓަލައިގެ ދަނޑުވެރިކަން ކުރަމުން ގޮސްފައި ވާ ކަމަށް މުހައްމަދު އިބްރާހީމް ލުޠުފީ ލިޔުއްވައިފައިވެއެވެ.

އައްޑުއަތޮޅަށް އަނބު ތައާރަފު ކުރުމުގެ މަސައްކަތް ކުރެއްވީ މީދޫ އިސްމާއީލް ފަނޑިޔާރު ތައްހާނުގެ ދޮންމަނިކު (އިބްރާހީމް އިބްނު ބަހާއުއްދީން)އާއި އެޅަދީދީގެ އަލީދީދީއެވެ.

ނަވާރަސަތޭކަ ސާޅީހުގެ ގެ އަހަރުތަކުގައި ހުޅުދުއާއި މީދޫގައި އަނބު ވަނީ އާލާވެފައެވެ. ހިތަދުއާއި ގަމުގައި އަނބު އާލާވާން ފެށީ 1940 ތެރޭގައެވެ. ޒީނަތްތެރިކަމުގެ ގަސްގަހާގެއްސާއި މާމެލާމެލި ހެއްދުމަކީ ވަރަށް ފޯރީގައި ކުރާ ކަމެކެވެ. ފިނިފެންމަލުގެ ވައްތަރުތަކާއި ފަތްތަކުގައި އެކި ކުލަ ހުންނަ ގަސް ފާހަގަ ކޮށްލެވެއެވެ. އައްޑުއަތޮޅަށް ރަތް ފިނިފެންމާ ތައާރަފު ވީ 1957 ގެ ފަހުން އިނގިރޭސީން ގަމުގައި ތިބި ދުވަސްވަރުއެވެ.

މިހާރަށް ބަލާއިރު ދަނޑުވެރިކަމުގައި އެންމެ ފާހަގަ ކޮށްލެވޭ ރަށަކީ އައްޑުއަތޮޅުން މީދުއެވެ. މީދޫގައި ފަތްކޭލާއި ފަޅޮލާއި ކަންބާއާއި ކަރާއާއި ކެބެޖާއި މިރުސް ފަދަ ތަކެތީގެ ދަނޑުވެރިކަން ވަރަށް ރަނގަޅަށް ކުރެއެވެ.

އައްޑުއަތޮޅަކީ ދަނޑުވެރިކަމުގެ އަތޮޅެއް ކަމުގައި ވާ ފަދައިން މަސްވެރިކަމުގެ އަތޮޅެއް ވެސް މެއެވެ. ކުރީން އަތޮޅު ފެންނަ ހިސާބުގައި ތިބެގެން މަސްވެރިކަން ކުރި ނަމަވެސް ދޯނި ފަހަރުގައި އިންޖީނު އެޅުމަށް ފަހު 30 މޭލު ބޭރުން ވެސް މަސްވެރިކަން ކުރެއެވެ. އަދި އަތޮޅުގެ ދެކުނުގައި އޮތް ތިލަތަކުން ވެސް މަސްވެރިކަން ކުރެއެވެ. ކުރީގައި އެ މަސްވެރިކަން ނުކުރެވެނީ ފައްޔާއި ރިޔަލު ދޯނިފަހަރުގައި އެ ހިސާބަށް ދާން ނުކެރޭތީއެވެ.

މަސައްކަތްތެރިކަން

ކުރީން އައްޑުއަތޮޅަކީ ދިވެހި މަސައްކަތްތެރިކަމުގެ ގޮތުން ވަރަށް ކުރީގައި އޮތް އަތޮޅެކެވެ. އަދި ކުރީގައި އައްޑުއަތޮޅަކީ ވެސް ފޭރާން ކުރުމާއި ހޭންޑްލޫމުން ވިއުމުގެ މަސައްކަތް ކުރި އަތޮޅެކެވެ.

ތެދުއުއި ވަޑާމާއި ކިއްސަރު ވަޑާމާއި ކަނބުރު ވެރިކަމާއި ތިލޭރުކަމާއި އިމާރާތްކުރުމުގެ ފަންނުތަކުގެ މަސައްކަތްތައް ގިނަ މީހުން ވަރަށް ރަނގަޅަށް ކުރިއެވެ. އެހެންނަމަވެސް މިފަދަ ހުރިހައި މަސައްކަތެއް ކުރުމަށް ވެސް ބިދޭސީން ކުއްޔަށް ހިފުން ދަނީ ދުވަހެއް ދުވަހަށް އިތުރުވަމުންނެވެ.

އިނގިރޭސީން އައްޑުއަތޮޅުގައި ތިބުމުގެ ސަބަބުން ވެސް ތަފާތު ރޮނގުތަކުން މީހުންނަށް އިތުރު ތަމްރީނު ލިބުނެވެ. މާޖެހުމާއި ފެހުމާއި ޖަރީކުރުމުގެ މަސައްކަތަކީވެސް ތަރައްގީވަމުން އައި މަސައްކަތްތަކެވެ. ރުއް އަރައި މޮޅަށް ހަކުރު ތައްޔާރުކުރުމާއި ރޯނުވެށުމުގެ މަސައްކަތަކީ ވެސް ކުރީން މި އަތޮޅުގައި ކުރިއަރައިފައި އޮތް މަސައްކަތްތަކެވެ. އެކަމަކު އެ ހުރިހައި ކަމެއް ދަނީ އުވި ނެތެމުންނެވެ. މިހާރު އައްޑުއަށް ބޭނުންވާ ދިވެހި ހަކުރު ވެސް ގެންނަނީ ހުވަދު އަތޮޅުން ކަމުގައި މި ފަހަރުގެ ދަތުރުން އެނގުނެވެ.

އައްޑުއަތޮޅަކީ ވަރަށް ފަޚުރުވެރި ތާރީޚެއް އޮތް އަދި ވަރަށް ފަޚުރުވެރި ދަރީންތަކެއް އެ އަތޮޅަކަށް އުފަންވި އަތޮޅެކެވެ.

ތާރީޚަކީ ކުރިމަގުގެ ޗާޓު ކުރެހުމަށް ޓަކައި ކޮންމެހެން މުހިއްމު އެއްޗެއް ކަމުން އައްޑުއަތޮޅަށް ނިސްބަތްވާ ޅަ ޖީލުތަކުން މާޒީން އިބުރަތް ލިބިގަނެގެން ކުރިމަގު ބައްޓަންކުރުމަކީ މުހިއްމު ކަމެކެވެ.

comment ކޮމެންޓް