އައްޑޫ، ހިތަދޫއިން -- އައްޑޫގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ގާއިމް ކުރާ ޓާޝިއަރީ ހޮސްޕިޓަލަށް "އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް" ކިޔަން އައްޑޫ ސިޓީ ކައުންސިލުން ފާސްކޮށް ހެލްތް މިނިސްޓްރީއަށް ފޮނުވައިފި އެވެ.
ޓާޝިއަރީ ހޮސްޕިޓަލް ހުޅުވޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދިﷲ ސޯދިގު (ސޯބެ) "ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އައްޑޫގައި މިހާރު ހަދަމުންދާ ޓާޝިއަރީ ހޮސްޕިޓަލަށް ނަން ކިޔުމަށް ރައްޔިތުންގެ ހިޔާލު ހުރި ގޮތް ބެލި ކަމަށެވެ. އެގޮތުން ހުށަހެޅި ނަންތަކުގެ ތެރެއިން ތިން ނަމެއް ފާހަގަ ކުރެވުނު ކަމަށް ވިދާޅުވި އެވެ.
"އައްޑޫ ހޮސްޕިޓަލް. ސުވަދީބު ހޮސްޕިޓަލް އަދި އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކިޔަން ގިނަ ބަޔަކު ހުށަހެޅި. އޭގެ ތެރެއިން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ކިޔުމަށް ކައުންސިލުން މިހާރު މިވަނީ ފާސްކޮށް މިނިސްޓްރީއަށް ހުށަހަޅާފައި." އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ދެއްްވި އިންޓަވިއުގައި މޭޔަރު ސޯބެ ވިދާޅުވި އެވެ.
އެންމެ ގިނަ ބަޔަކު ހިޔާލު ހުށަހެޅީ ސުވަދީބު ހޮސްޕިޓަލް ކިޔުމަށް ކަމަށާއި އެކަމަކު އެ ނަމަކީ ހަމަ އެގޮތަށް ގިނަ ބަޔަކު ނުރުހޭ ނަމަކަށް ވާތީ އެ ނަން ނުކިޔަން ކައުންސިލުން ނިންމާފައިވާ ކަމަށް ސޯބެ ވިދާޅުވި އެވެ.
ބައެއް ފަހަރު ހޮސްޕިޓަލްތަކާއި މުހިންމު ބައެއް ތަންތަނަށް މީހުންގެ ނަމުން ނަންދީފައި ހުރެ އެވެ. ސޯބެ ވިދާޅުވީ މީހެއްގެ ނަމުން ނަން ދިނުމާ މެދުވެސް ވިސްނެވި ކަމަށެވެ. އެކަމަކު އައްޑޫއަކީ ގިނަ ބަޔެއްގެ ހިދުމަތް ލިބިފައިވާ ތަނަކަށްވާތީ އެކެއްގެ ނަން ކިޔާފައި އެހެން މީހެއްގެ ނަން ނުކިޔުމަކީ ހަމަޖެހޭ ކަމަކަށް ނުވާތީ މީހެއްގެ ނަމުން ނަން ނުދޭން ނިންމީ ކަމަށް ސޯބެ ވިދާޅުވި އެވެ.
އައްޑޫގައި އިމާރާތްކުރާ 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލާ އެކު ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އެ ހޮސްޕިޓަލް އަންނަ އޮގަސްޓް މަހު ހުޅުވަން މިހާރު ވަނީ ރާވައިފަ އެވެ.
އެ މަޝްރޫއަކީ، އެލިއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން 161.8 މިލިއަން ރުފިޔާއަށް ހިންގާ މަޝްރޫއެކެވެ.