"އެހެނަސް" ޕްރިމިއާކޮށްފި، ހިފެހެއްޓުމެއް ނެތް ތައުރީފް

އެހެނަސްގެ ލީޑު ބަތަލު---

ގިނަ ބަޔަކު އެންމެ އިންތިޒާރުކުރަމުން އައި ވެބް ސީރީޒް "އެހެނަސް"ގެ ފަސް އެޕިސޯޑާއެކު އިއްޔެ އޮލިމްޕަހުގައި ޕްރިމިއާކޮށްފި އެވެ.

އިއްޔެ ހަވީރު އޮލިމްޕަހުގައި އޮތް ހަފްލާއެއްގައި އެ ފިލްމު ޕްރިމިއާކުރިއިރު ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ.

އިއްޔެ އޮލިމްޕަހުގައި ފަސް އެޕިސޯޑު ދެއްކި ނަމަވެސް ބައިކޯފުގައި ރިލީޒްކޮށްފައިވަނީ ސީރީޒްގެ ފުރަތަމަ އެޕިސޯޑެވެ. ކޮންމެ އަންގާރަ ދުވަހަކު ސީރީޒް އާ އެޕިސޯޑެއް ބައިސްކޯފުން ދައްކާނެ އެވެ.

ބުލީކުރުމަށް މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި ރަވީ ފާރޫގް ޑައިރެކްޓްކޮށްފައިވާ އެ ސީރީޒް އަކީ ލިޔުންތެރިޔާ އަހްމަދު އިގްބާލް (އައިކިއު)ގެ ވާހަކަ "އެހެނަސް ހަމަ ލޯބިވޭ"ގެ މައްޗަށް ތައްޔާރުކޮށްފައިވާ ސީރީޒެވެ.

ސީރީޒްގެ ފަސް އެޕިސޯޑް ބެލުންތެރިން ބަލަމުން ދިޔައީ ނުހަނު ޝައުގުވެރިކަމާއެކުގައެވެ. ދެން ވާނީ ކިހިނެއްތޯ ބެލުމަށް ކެތްމަދުވެފައި ހާލު ސީރީޒް ބަލަމުން ގެންދިޔައިރު ލޮލުން ކަރުނަ ފޭބިއެވެ.

ފަސް އެޕިސޯޑް ބެލުމަށްފަހު ނުކުތް ބެލުންތެރިއަކާ ސުވާލުކޮށްލުމުން ބުނީ ފެނިގެންދިޔައީ އާ ތަރިންތަކެއް ނަމަވެސް މިހާރުގެ ތަރިންނަށްވުރެ އެންމެ ތަންކޮޅެއްވެސް ދަށް ނޫންކަމަށެވެ.

"އެ ބަލަމުންދިޔައިރު ހަމަ ރޮވުނު. އަސްލު މިއީ ވަރަށް ބޮޑު މައްސަލައެއް. މީހުންނަށް ގަބޫލުކުރަން ދަތި އެކަމަކު ހަގީގަތް. ބަލަމުން ދިޔައިރު ވަރަށް ގިނަ ކަންތައްތައް ހަނދާންވި. އަހަރެންވެސް މިއީ ބުލީގެ ޝިކާރައަކަށްވި މީހެއް،" ބެލުންތެރިއަކު ބުންޏެވެ.

ވާހަކައިގެ އަސަރު ފިލްމުންވެސް ހަމަ ރަނގަޅަށް ކުރުވިއެވެ. ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތަށް ތައްޔާރުކޮށްފައިވާ އެ ސީރީޒްގެ ލީޑް ތަރިއަކީ ވިޝާލް (ނިޔާޒް)އެވެ.

ގެވެށި އަނިޔާގެ މަންޒަރުތަކެއް ވެސް ފެނިގެންދިޔަ އެ ސީރީޒްގެ ފަސް އެޕިސޯޑް ނިމިގެންދިޔައީ ބެލުންތެރިންގެ ހޫނު ތަރުހީބަކުންނެވެ. ބެލުންތެރިން ރޮއްވާލާފަ އެވެ.

އެހެނަސް އަކީ ދެ ސީޒަނަކަށް ބަހާލައިގެން ގެނެސްދޭ ސީރީޒްއެކެވެ. އެ ސީރީޒް ގެނެސްދޭނީ ބައިސްކޯފު އެޕްލިކޭޝަންއިންނެވެ.

"މި ސީރީޒް އަކީ ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ގެނެސްދޭނެ ސީރީޒްއެއް. ޖިންސީ ގޯނާއާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުއްޖެއްގެ ވާހަކަ. އޭނާ ދިރިއުޅުމެއް ފަށައިގެން ދިމާވާ ކަންތައްތައް ފެނިގެންދާނެ،" ރަވީ ބުންޏެވެ.

ރަވީ ބުނީ ސީރީޒް އަކީ ބުލީ ކުރުމަށް ހޭލުންތެރިކުރުމަށް ތައްޔާރުކުރި ސީރީޒްއެއް ކަމަށެވެ.

"ކޮންމެ ބަޔަކު ކުރި ނަމަވެސް އެ ކުރާ ކަމަކީ ގޯސް ކަމެއް ކަން ދައްކުވައިދެން ވެގެން ތައްޔާރުކުރި ސީރީޒެއް މިއީ،" ރަވީ ބުންޏެވެ.

comment ކޮމެންޓް