ސްކޫލު ހިންގުމަށް ބޯޑު މެމްބަރުން ދަތިކުރާ ކަމަށް ބުނެ، އަމީނިއްޔާ ސްކޫލުން އެ ސްކޫލުގެ ބޯޑު އުވާލައިފި އެވެ.
އަމީނިއްޔާ ސްކޫލުގެ ބޯޑު އުވާލައިފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. ސްކޫލު ޕްރިންސިޕަލް ނާޒްލީން ވާފިރު ސޮއިކުރައްވައި ބޯޑު މެމްބަރުންނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ބޯޑު އުވާލީ އެޑިއުކޭޝަން މިނިސްޓްރީގެ އިރުޝާދުގެ ދަށުން ކަމަށެވެ.
ބޯޑު އުވާލަދިނުމަށް ސްކޫލުގެ ފަރާތުން މިނިސްޓްރީގައި އެދިފައި ވަނީ ސްކޫލު ބޯޑުގެ ފަރާތުން ސްކޫލު ހިންގުމަށް ހުރަސް އަޅާކަމަށް ބުނެ އެވެ. އެޑިއުކޭޝަނުން ލަފާދިނީ އެކަމުގައި ސްކޫލުގެ ސީނިއާ މެނޭޖްމަންޓަށް ފެންނަ ގޮތެއް ހެދުމަށެވެ.
ނަމަވެސް ބޯޑު އުވާލާފައި ވަނީ ސްކޫލު ހިންގުމުގައި ހުރި މައްސަލަތައް ބެލެނިވެރިންގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީ އާ ހިއްސާ ކުރުމުން ކަމަށް ބޯޑުގެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
ނަން ހާމަ ނުކުރުމަށް އެދި، މިދިޔަ މަހުގެ 30 ވަނަ ދުވަހު އުވާލި ބޯޑުގައި ހިމެނޭ މެމްބަރަކު "ސަން" އަށް ވިދާޅުވީ ސްކޫލުގެ ކަންކަން ރަނގަޅު ނުކުރެވިގެން، ޓީޗަރުންނާ ބެލެނިވެރިން ވެސް ގިނަ ޝަކުވާތަކެއް ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.
އެގޮތުން ފާއިތުވި ތިން އަހަރު ވެސް ސްކޫލުގެ ނަތީޖާ ދަށްވަމުން އައުމުގެ އިތުރުން، އަމީނިއްޔާ ސްކޫލަށް 75 އަހަރު ފުރޭތީ ކުރިއަށް ގެންދަން ރާވާ ހަރަކާތްތަކަށް ސްކޫލުގެ ޕްރިންސިޕަލްގެ ފަރާތުން އެއްބާރުލުން ނުލިބުން ހިމެނެ އެވެ.
"ނަތީޖާއާ ގުޅޭ ގޮތުން ޕްރިންސިޕަލާ މަޝްވަރާ ކުރީމާ ވިދާޅުވަނީ އެއީ ޓީޗަރުންގެ ފެންވަރު ދަށީ އޭ. ދެން އަޅުގަނޑުމެން ބޯޑުން އިސްނަގައިގެން ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަންކަން ވެސް ބަލައި ހައްލުކުރަން މަސައްކަތް ކުރިން،" މެމްބަރު ވިދާޅުވި އެވެ.
އެހެން ނަމަވެސް މިހާރު ބޯޑު ބައްދަލުވުމެއް ވެސް ނުބާއްވާތާ އަހަރެއް ވެފައިވާ ކަމަށާއި، ސްކޫލުގެ އިސްވެރިން "ބިޒީ"ކަމުން ބޯޑު މީޓިން އެއް ނުބޭއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ބޯޑުގެ ގަވާއިދު ބުނާގޮތުން ކޮންމެ ޓާމެއްގައި މަދުވެގެން އެއް ބޯޑު ބައްދަލުވުން ބާއްވަން ޖެހެއެވެ. އަދި 75 އަހަރު ފުރުމާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގަން ރާވައި، އެކަމާ ގުޅޭ އިތުރު ބައްދަލުތަކެއް ބާއްވަން ބޯޑުގެ ޗެއާޕާސަންއަށް ފެނިވަޑައިގެންފި ނަމަ އިތުރު ބައްދަލުވުން ބާއްވަން ވެސް އޮތީ ނިންމައިފަ އެވެ.
"އެކަމަކު އެ ފުރުސަތެއް އަޅުގަނޑުމެންނަކަށް ނުދޭ. މީޓިން އަކަށް ރިކުއެސްޓު ކުރުމުން ވެސް ބުނަނީ ބިޒީ އޭ ބިޒީ އޭ. ދެން ބޯޑާ މުޅިން ގުޅުންވެސް ކަނޑާލީ. އަހަރީ ދުވަހުގެ ކަންކަން ވެސް ޕްރިންސިޕަލާ ޑެޕިއުޓީ ޕްރިންސިޕަލް އަމިއްލައަށް ކުރަން ފެށީ،" އޭނާ ވިދާޅުވި އެވެ.
ޕްރިންސިޕަލް އަދި ޑެޕިއުޓީ ޕްރިންސިޕަލްގެ ފަރާތުން އެއްބާރުލުން ނުލިބުމުން ބޯޑުން ނިންމީ އެކަންކަން އެޑިއުކޭޝަނާ ހިއްސާ ކުރުމަށެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު އެކަން ލިޔުމުން ހުށަހެޅުމަށް އިރުޝާދު ދެއްވުމުން، ބޯޑުން ވަނީ މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
އަމީނިއްޔާ ސްކޫލަށް ތަޖުރިބާކާރު އަދި ހިންގުންތެރި ޕްރިންސިޕަލަކާއި ގާބިލް ޑެޕިއުޓީ ޕްރިންސިޕަލެއް ހަމަޖައްސައި ދިނުމަށް އެދި އެ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ހުށަހެޅި އެ ޕެޓިޝަނުގައި 300 އެއްހާ ބެލެނިވެރިން ވަނީ ސޮއިކޮށްފަ އެވެ.
ބޯޑު މެމްބަރު ތުހުމަތު ކުރައްވާ ގޮތުގައި ސްކޫލުގެ ބޯޑު އުވާލީ އެ ޕެޓިޝަނުގެ ސަބަބުން، ބެލެނިވެރިންނަށް ބިރު ދެއްކުމުގެ ނިޔަތުގަ އެވެ. އަދި ބޯޑު އުވާލުމުގައި ސްކޫލަށް ފެންނަ ގޮތެއް ހެދުމަށް މިނިސްޓްރީ އިން އިރުޝާދު ދީފައި ވަނީ އެއްވެސް ވަރަކަށް ބޯޑު މެމްބަރުންނާ ސުވާލުކޮށް، ކަމުގެ ދެކޮޅު ބަލާފައި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ ވިދާޅުވީ އެއްވެސް ސްކޫލެއްގެ ބޯޑު އުވާލަން މިނިސްޓްރީއިން ނާންގާނެ ކަމަށެވެ. އަދި މިނިސްޓްރީއަށް އެއްވެސް ކަހަލަ ޝަކުވާއެއް ހުށަހެޅިއްޖެ ހާލަތެއްގައި ވެސް މިނިސްޓްރީއިން ލަފާ ދޭނީ އެ ސްކޫލެއްގެ ސީނިއާ މެނޭޖްމަންޓަށް ފެންނަ ގޮތަކަށް ކުރިއަށް ގެންދަން ކަމަށެވެ.
"މެނޭޖްމަންޓުން މަޝްވަރާ ކުރެއްވުމަށް ފަހު ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް އިއްތިފާގުވެލައްވަނީ ބޯޑުގެ އަމަލުތައް ހުރި ގޮތުން ސްކޫލު ހިންގުމަށް ދަތިވާތީ ބޯޑު އުވާލަން. އެބޭފުޅުން އެގޮތަށް ލިޔުނީމަ މިނިސްޓްރީއިން ޖަވާބު ދެއްވާފައި އޮންނާނީ ސީނިއާ މެނޭޖްމަންޓުން ނިންމި ގޮތަށް ކުރިއަށް ގެންދަން މިނިސްޓްރީއަށް ފެނިލައްވާ ކަމަށް،" އަހްމަދު އަލީ ވިދާޅުވި އެވެ.
އަމީނިއްޔާ ސުކޫލާ ގުޅިގެން ހުށަހެޅުނު ޕެޓިޝަނުގައި ހުރި މައްސަލަތައް ވެސް އެޑިއުކޭޝަނުން ބެލުމަށް ފަހު އެކަންކަން އިސްލާހުކުރަން ސްކޫލަށް އަންގައި، އިސްލާހީ ފިޔަވަޅު އަޅަން ޖެހޭ ފަރާތެއް ވާނަމަ އިސްލާހީ ފިޔަވަޅު އަޅަން ވެސް އަންގާފައި ވާނެ ކަމަށް އަހްމަދު އަލީ ވިދާޅުވު އެވެ.