ސްކޫލުތައް ބަންދުވެ، ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކް ފެށިއްޖެ

އަމީނިއްޔާ ދަރިވަރުންތަކެއް ސްކޫލުގައި: ދަރިވަރުން މިއަދު ވަނީ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް ގޮއްސައި -- ސަން ފޮޓޯ

މިއަހަރުގެ ދެވަނަ ޓާމުގެ މިޑް ޓާމް ބްރޭކަށް މިއަދު ސުކޫލުތައް ބަންދުވެއްޖެއެވެ.

ދަރިވަރުން ޓާމު ބްރޭކަށް ދިޔައީ ދެ ހަފުތާއަށެވެ. އަލުން ސުކޫލުތައް ހުޅުވައި، ކިޔެވުން ފަށަނީ އަންނަ މަހުގެ ފަހެއްވާ އާދިއްތަ ދުވަހެވެ.

އެ ޗުއްޓީގެ ތެރޭގައި އާ އަހަރު ފެށޭއިރު، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އަހަރު ފެށޭ ދުވަހަކީ ބުދަ ދުވަހެއް ކަމަށްވާތީ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ވެސް ބަންދު ދުވަހެއް ކަމަަށް ކަނޑައަޅުއްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހު ދަރިވަރުން ދެވަނަ ޓާމުގެ ކިޔެވުން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ ފަސްވަނަ ދުވަހެވެ.

ދަރިވަރުންތަކެއް ސްކޫލަށް ވަންނަނީ: ދަރިވަރުން ދިޔައީ ދެ ހަފްތާގެ ޗުއްޓީއަކަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އެގޮތުން، ފުރަތަމަ ޓާމު 96،000 ދަރިވަރުން ވަނީ ތައުލީމު ހާސިލުކޮށްފައެވެ. އޭގެތެރެއިން 17،000 ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސުކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެއެވެ.

އެ ދަރިވަރުންގެ ތެރެއިން ވެސް، އަމިއްލަ މަދަރުސާތަކުގައި 13،000އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލްކުރިއިރު، އޭގެން 9،000 އެއްހައި ދަރިވަރުން ކިޔެވީ މާލެ ސަރަހައްދުގައި ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ: ޓާމް ބްރޭކަށް ފަހު ކިޔަވަން ފަށާނީ އަންނަ މަހު ފަހެއްގައި -- ސަން ފޮޓޯ: މާހިލް އާތިފް

މި ދުވަސްވަރަކީ ސުކޫލު ޗުއްޓީއާ ޑިސެންބަރު އުމްރާއަށް މީހުން ފުރާ ދުވަސްވަރަށް ވުމާ އެކު، ގިނަ ބަޔަކު އަންނަނީ އެކި ކަންކޮޅުތަކަށް ދަތުރުކުރަމުންނެވެ. ނަމަވެސް، ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވުމާ ގުޅިގެން، ދަތުރުކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް