މިދިޔަ ރިޔާސީ އިންތިހާބު ކެމްޕެއިން ތެރޭގައި އޭރުގެ ވެރިކަން ކުރާ މައި ޕާޓީ، ޕީޕީއެމްގެ އޮފީހުގައި ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ވިއްކުމަށް ޑެސްކެއް ބަހައްޓައިގެން މަސައްކަތް ކުރި ކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބު ތެރޭ ޕީޕީއެމް ރަސްމީ ކެމްޕެއިން އޮފީސް ހިންގަމުން އައީ ހ. ޝަކީނާ މަންޒިލްގަ އެވެ. އެ އޮފީހުން މޯލްޑިވިއަންގެ ޓިކެޓް ލިބެން ހުންނަ ކަމަށް އޭރު އަޑުތައް ފެތުރުނެވެ.
ރައްޔިތުންގެ މަޖިލީހުގައި ސްޓޭޓް އޯން އެންޓާޕްރައިޒް ކޮމިޓީގައި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އައިއޭއެސްގެ އެމްޑީ ރިޒްވީ ވިދާޅުވީ، އޭރުގެ ސަރުކާރުން ކުންފުންޏަށް ސިޔާސި ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުންފުނީގެ މުވައްޒިފުންނަށް ޖަލްސާތަކަށް ދާން މަޖުބޫރުކޮށް ހަދާ ކަމަށް ވެސް ރިޒްވީ ވިދާޅުވި އެވެ.
"ރަނގަޅު ވާހަކައެއް. [ރިޔާސީ އިންތިހާބު ދުވަސްވަރު] އެތާގައި ޓްރެވެލް ޑެސްކެއް އިނދޭ.. ކޮންމެ ކެމްޕެއިންތަކުގެ ތެރޭގައިވެސް މިދިޔަ ފަސް އަހަރު ތެރޭ އެފަދަ ކަންކަން ކުރޭ،" ރިޒްވީ ވިދާޅުވި އެވެ.
"އަޅުގަނޑަކީ އޭރު ވެސް ކުންފުނީގައި މަސައްކަތް ކުރި ބޭފުޅެއް. އަޅުގަނޑުމެންނަށް އަންގާބނެ ވީހާ ވެސް ގިނަ މުވައްޒަފުން ގޮވައިގެން ޖަލްސާ އަށް ދިއުމަށް،" އޭރު މޯލްޑިވިއަން ހޮލިޑޭސްގެ އެމްޑީ އަކަށް ހުންނެވި ރިޒްވީ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ތެރޭ މޯލްޑިވިއަން އަށް ފަހުން ފައިސާ ދޭގޮތައް ގިނަ އަދަދަކަށް ޓިކެޓް ދޫކުރި އެވެ. އެކަންތައް ކޮށްފައިވަނީ ވެސް ނުފޫޒުން ކަމަށް ރިޒްވީ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު ތެރޭގައި ޕީޕީއެމްއިން ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 3.8 މިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. އެ ޕާޓީން މިދިޔަ މަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރިއެވެ.
ރިޒްވީ ވިދާޅުވީ މިދިޔަ ސަރުކާރުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ނަމަވެސް މިހާރުގެ ސަރުކާރުން އަދި މިހާތަނަށް އެއްވެސް ނުފޫޒެއް ނާންނަ ކަމަށެވެ. ނަމަވެސް ބައެއް ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވަޒީފާގެ ކަންތައްތަކުގައި އެކަންކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ރިޒްވީ ވިދާޅުވީ އެގޮތައް ސިޔާސީ ފަރާތްތައް އެދުނު ނަމަވެސް އެގޮތައް ކަންތައް ނުކުރެވޭނެ ކަމަށް އެފަރާތްތަކަށް ދަންނަވާ ކަމަށެވެ.