ރާއްޖެއަށް ބޭނުން ނުވާ ބޭސްތަކެއް އެތެކުރި މައްސަަލަ ބަލަނީ

ފާމަސިސްޓުންތަކެއް ބޭސް ދޫކުރުމުގައި. -- ސަން ފައިލް ފޮޓޯ

ރާއްޖެއިން ބޭނުން ނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލައެއް ފެންމަތިވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ) އަށް އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އަމްރު މުހައްމަދާއި ޗެެއާމަން ހާމިދު ނަޝީދު މުހައްމަދު އިއްޔެ ހާޒިރުކޮށް، ކޮމިޓީގެ މެމްބަރުން ވަނީ ސުވާލުކުރައްވާފަ އެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ތޮއްޑޫ ދާއިރާ މެމްބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މެނޭޖިން ޑީރެކްޓަރު އަމްރު ވިދާޅުވީ، ރާއްޖެއިން ބޭނުން ނުވާ ބޭސްތަކެއް އުސޫލާ ހިލާފަށް އެސްޓީއޯ އިން އެތެރެކޮށްފައިވާ މައްސަލައެއް "އައިޑެންޓިފައި ކުރެވި"، އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

"ރާއްޖެއަށް ބޭނުން ނުވާ ބޭސްތަކެއް އެތެރެކުރެވިފައި ވަނީ. އޭތި އެތެރެކުރެވިފައި ވަނީ ސިސްޓަމުން ބޭރުން. އޭތި ސިސްޓަމަކުން ވެސް ނެތް ފެންނާކަށް. އަޅުގަނޑުމެންގެ އިންޓާނަލް އޮޑިޓެއް މިިހާރު ކުރަމުން އަންނަނީ. އެ މައްސަލަ ވަރަށް ސީރިއަސް ގޮތެއްގައި އެބަ ބަލާ،" އޭނާ ވިދާޅުވި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު: ބޭނުންނުވާ ބޭސްތަައް އެތެރެ ކުރި މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަމުރު ވިދާޅުވީ، އެފަދަ ކަމެއް މީގެ ކުރިން ހިނގާފައިވާ ކަމެއް ނުވަތަ ނުހިނގާ ކަމެއް އަދި އެނގެން ނެތް ކަމަށެވެ.

މި ކަން ހިނގީ ކޮން އިރު ކަމެއް އަމުރު ވިދާޅެއް ނުވެއެވެ. އަދި އެގޮތަށް އެތެރެވެފައި ވަނީ އެއީ ކޮން ބޭހެއް ކަމެއް އަދި ކިހާ އަދަދެއްގެ ބޭހެއް ކަމެއް ވެސް އަމުރު ވިދާޅެއް ނުވެއެވެ.

ރާއްޖޭއަށް އެތެރެ ކުރާ ބޭހުގެ ބޮޑު ބައެއް އެތެރެ ކުރަނީ އެސްޓީއޯ އިންނެވެ. އެ ކުންފުނީގެ ބޭސް ފިހާރައެއް ރާއްޖޭ ކޮންމެ ރަށެއްގައި ވަނީ ގާއިމް ކޮށްފައެވެ. ނަމަވެސް ހުރިހާ ބޭސް ފިހާރަތަކުގައި ހަމައަށް ބޭސް ނުލިބުމަކީ، ރައްޔިތުންގެ ކަންބޮޑުވުމުކެވެ.

ކޮމިޓީގެ ބައްދަލުވުމުގައި އަމްރު ވިދާޅުވީ، އެކުންފުނިން ހިންގާ ގިނަ ބޭސްފިހާރަތައް ހިންގަނީ ގެއްލުމުގައި ކަމަށެވެ. ނަމަވެސް ބޭސް ފިހާރަތަކަށް ހިނގާ ހަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ހޯދަން މިހާރު އަންނަނީ މަސައްކަތް ކުރަމުން ކަމަށް އަމްރު ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން މީގެ ކުރިން ވިދާޅުވީ، ބޭސް ހުސްނުވެ ފޯރުކޮށްދިނުމާ ގުޅޭގޮތުން އެސްޓީއޯއާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށެވެ.

ބޭސް ހުސްނުވެ ލިބުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށާއި ބޭސް ހުސްނުވެ ލިބުމަށް، ބޭސް ރައްކާތެރިގޮތެއްގައި ބެލެހެއްޓުމުގެ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާ ވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވި ގޮތުގައި، ބޭސް އެތެރެ ކުރުމުގެ އުސޫލުތަކަށާއި ބޭސް ދިނުމުގައި ހުރި އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ. ނަމަވެސް އެކަމަށް ހާލަތާއި ވަގުތު ބޭނުން ވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް