ފަޔަރ އެންޑް އައިސް (16)

ފަޔަރ އެންޑް އައިސް

"ސޮރީ ޑާލިން. އަހަރެންދެކެ ހާދަ ލޯތްބެކޭ ތިވަނީ. ޖަނާއަށްވެސް އަހަރެން މިއީ ކާކުކަން އެނގޭނަމަ. ބިރުގަންނާނެ ދޯ. އަހަރެންގެ ދުނިޔެއަށްގޮސް ކުޑަކޮށް ލަސްވީ...." އާރިކް ޖަނާހު ކޮނޑުމައްޗަށް ލީ މީހަކު ކުޑަކުއްޖަކު އުފުލާނެހާ ލުއިކޮށެވެ. އެމުލައްދަނޑީގެ ބާރު ލަފާކޮށްލަން ދަތްޗެވެ. އޭނަ ދޮރާ އަރާ ހަމަވުމާއިއެކު ދޮރު އޭގެ އަމިއްލަ ޒާތުގައި އަޑާއަށް ހުޅުވުނެވެ. އެތެރެއަށް ވަނުމާއެކު ދޮރު ލެއްޕި ތަންޑުވެސް އެޅުވުނީ ނުފެންނަ ފަރާތަކުން އެހީވާފަދައަކުންނެވެ. މަތީބަޔާއި ހަމަޔަށް އާރިކްދިޔައީ ވިދައިލި ވިދުވަރެއްހެންނެވެ. އުދުހިލާފައި ކަހަލަގޮތަކަށް ސިޑިތައް ކަޑައްތުކޮށްފައެވެ.

ޖަނާހު ހޭލެވުނުއިރު އޭނައަށް އޮވެވުނީ އެނދުގައި ރަޖާތެރޭ ފޮރުވިގެންނެވެ.

"ޑޭމިޓް. ކާކު އަހަރެން މިތަނަށް ގެނައީ؟ " ޖަނާހު ދެލޯ ކުޑަކޮށްލިއެވެ.


***

ޝަކީރާ އެތައް ޒަމާނެއްކޮށްފައި ރާއްޖެ އައުމާއެކު ހީނުކުރާފަދަ އެކްސިޑެންޓެއް ދިމާވެ ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހުނެވެ. ގެއެއްގެ ބެލްކަނީއިން ވެއްޓުނު ގަސްމުށިގަނޑަކުން ބޮލުގައި ޖެހުނީއެވެ. އެވެސް ޝަކީރާ މާލެއައިސް ގެއަށް ނުވަދެވި އުޅެނިކޮށެވެ. އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާވަރުވިއެވެ. އަދި ނަރުހަކަށް އޮޅިގެން ޖެހުނު އިންޖެކްޝަނަކުން އެލާޖިކްވެސްވީއެވެ.

ޝަކީރާއަށް ޒަޚަމްތަކުން ލިބޭ ވޭނަށްވުރެ ނަރުހުން ހަރާ ކަށިތަކުން ލިބޭ ވޭން ދެގުނަ ބޮޑެވެ.

"އައްދިއްޔޯތް........" ޝަކީރާއަށް ނަރުސްކުއްޖާގެ އަތުގައި ހިފައިލެވުނެވެ.

"ޝަކީރާ ދައްތާ. ހަޅޭއްނުލަވާ ސެހާދަތް ކިއްޔާ މާރަގަޅުވާނެ..." ފައިނާ ރުންކުރުވިއެވެ.

"ހެޔޮނުވާނެ އާދޭސްކޮށްފައި މިބުނަނީ އަހަރެން ގެއަށް ފޮނުވާދީބަލަ. މަގޭ ދަރި އާރިޒްއަށް މި އަނިޔާތައް އެނގިއްޖެއްޔާ......................."

"މަށަކަށް ގެއަކަށް ނުފޮނުވޭނެ. ޑޮކްޓަރަށް ތިކަން ވާނީ. މަގޭދަރި އާރިޒް ދުނިޔޭގައި އެބަހުރިތަ ޝަކީރާ ދައްތާ. ހުރި އެންމެ އަންހެންދަރިވެސް ދައްތަ ބޭނުންނެތިގެން އެއްލާލާފައި ޔޫރަޕްގައި އަދިވެސް ދިރިއުޅެނީ. ހޫމް އެކަމަކު ބެލެނިވެރިއަކަށް ސޮއިކޮށްފައި މިއޮތީ އެއްކަލަ އެންދެރިކުލައިގެ އާރިޒް. އަދި މަށަކާއި ދިމަލެއްނުވޭ. އަދިވެސް މޫނު އެހާ ހުތުރުތަ؟ އަހަރެން ބާތުމާކްއާއި ބެހޭގޮތުން ކިޔައިލީމޭ. ބޮޑުވާވަރަކަށް އެ ލަފު ބޮޑުވެގެންގޮސް މުޅި މޫނު އައިބުކޮށްލާނެ............." ފައިނާ ގޫގުލްކޮށްލި ފޮޓޯތަކުން އެފަދަ ކުދިންގެ މޫނުމައްޗަށް އަންނަ ބަދަލުތައް ނިކަން ބިރުވެރިއެވެ.

ފައިނާ ރަހުމެއްނެތި ކެނިއުލާގެ ތެރެއަށް އައިވީ އިންޖެކްޝަންތައް އަޅައިލީ ވޫސްލާފައެވެ. ޒުވާނަކަށްވެސް ތަދު އިހުސާސްވާލެއް ބޮޑުވާނެއެވެ.

ޝަކީރާގެ ލޮލުން ފެންއައެވެ.

"ކޮބާ ދަލޭކަ. އޭނައަށް އެނގޭނަމަ ނައިސް ނުހުންނާނެ. ކޮއިފުޅު ނުބުނަން ދޯ.. ސަލާމް ބުނައްޗޭ.."

"މަގޭ ނަމަކީ ކޮއިފުޅެއްނޫން. އައިޝަތު ފައިނާ. މާމަ ގޮވައިގެން މިތަނަށް އަންނަ މީހެއް ބޯ ހަލާކުވާނެ. މުސްކުޅިވީމަ ގޭގައި މައިތިރިވެގެން ތިބީމަ އެހެން މީހުން ބޮލަށް ފަސޭހަވާނީ. ސަރުކާރުންވެސް ނޫޅޭ ނާސިން ހޯމެއް ހަދަން. އޭރުން ޝަކީރާދައްތައާއި މާމައަށް އެތާ އަނގަތަޅާލަން ތިބެވޭނެ. އެހެންމީހުންނަށް ދުއްތުރާ ނުކޮށް ދޯ. އަދިވެސް މަގޭ ސުވާލަށް ޖަވާބު ނުދެމެއްނު. އާރިޒްގެ މޫނުގައި ހުރި ލަފު ކިހިނެއްތަ....." ފައިނާ ހަރުކަށިކޮށް އަހައިލިއެވެ.

"ކާރުން ދަނިކޮށް ތަނެއްގައި ޖެހި މޫނު ޗަސްވެ އޮޕަރޭޝަންކުރީ. ޑަކްޓަރުންގެ ކުޅަދާނަކަމުން އެމީހުން އެ ލަފު ނަގައިފި.........." ޝަކީރާގެ ދެލޮލުގެ ވިދުވަރުގަދަވިއެވެ.

"ހަހަ. މޫނު ޗަސްވެގެން ޕްލާސްޓިކް ސާޖަރީ ހަދާ މީހުންވެސް މަ ދެކެމޭ. މަށަކީ ސްޓާފް ނަރުހެއް......." ފައިނާ ފޮނިވެލިއެވެ.

***

އާޔާ ޝަކީރާއޮތް ކޮޓަރިއަށް ވަދެފައި އެމުސްކުޅި ޝަކީރާގެ ޝަކުވާތައް އަޑުއެހިއެވެ. ގެއަށް ފޮނުވަން އެދި އާދޭސްކުރިއެވެ. މިތަނަށް އައުމުން ވޭން ހައްތާ ބޮޑުވެ ފުރާނަވެސް އުދުހިގެންގޮސް ދާނެފަދައެވެ. ނަރުހުންގެ "އަނިޔާވެރި"ކަމުގެ ވާހަކަ ޝަކީރާ ނުދެއްކީކަމުގައި ފައިނާ އިންޒާރުގެ ނަޒަރަކުން ބަލަން ހުރުމުންކަމުގައި އޭނަ ހީކުރިއެވެ. ރަގަޅެވެ. އޭނަދެކެ ޝަކީރާ އަދިވެސް ބޮޑަށް ބިރުގަންނަވާވަރު ކޮށްލާނީއެވެ. އާޔާ އެ މާމަގެ ބޮލުގައާއި އަތުގައި ފިރުމާތަން ފެނި ފައިނާ ފަކުރުގަތެވެ. އޭނަ ނަރުހަކަށްވީ އެހެން މަގުސަދެއްގައެވެ. އޭނަ އަބަދުވެސް ހުވަފެނަކީ ހަޔާތުގެ ބައިވެރިއަކަށް ޑޮކްޓަރަކު ހޯދުމެވެ. އޭރުން މުއްސަދިކޮށް ދިރިއުޅެވޭނެއެވެ. ގަދަރުވެރި މީހެއްގެ އަންބަކަށްވެވޭނެއެވެ. ބަލިމީހުންނަށް ޚިދުމަތްކޮށް އޯގާތެރިވާކަށް ފައިނާ ނުދަނެއެވެ.

ޝަކީރާގެ ލޯމައްޗަށް ބުމަ ވެއްޓިފައިވިޔަސް އެދެލޮލުގައި ރީތިކަމެއްވިއެވެ. ދެލޯ ކަރުނުން ފުރުނީ އާޔާގެ ހިތަށް ތަދުކުރުވާފައެވެ. ޝަކީރާ މުޅިންވެސް ދައްކަނީ އޭނަގެ މާމަދަރީގެ ވާހަކައެވެ. އެދަރިފުޅުދެކެ ވާ ލޯބި އޭނަގެ ކޮންމެ ޖުމްލައަކުން އިހުސާސްކުރެވުނެވެ.

"މޯނިން...." ޑޮކްޓަރ އާރިކްގެ ބަރު އަޑުއިވިފައި އާޔާ އެނބުރި ބަލައިލަމުން ސަލާމުގެ ރައްދުދިނެވެ. ފައިނާއަށް ޑޮކްޓަރ އާރިކްގެ އަނިޔާވެރި ރީތިކަން ފެނި ހިތަށް ގަނޑުފެން ބާލިދީއެއް އޮއްސުމެކޭ އެއްވަރުވިއެވެ. ޒާތަކަށް އަނގަ ހުޅުވިފައި ހުރިއިރު އޭނަގެ ހިތްވެސް ރޭހެއް ޖަހަމުން ދިޔަފަދައެވެ. އަތުގައި އޮތް ފައިލުވެސް ދޫނުވީ ކިރިޔާއެވެ. ޝަކީރާގެ ޑޮކްޓަރަކީ މިއީތާއެވެ. މިއީ ދުނިޔޭގެ ކަމެއް ހެއްޔެވެ؟

"މާމާ. ކިހިނެއް؟ "އާރިކް އޭނަގެ ޖާދުވީ އަޑުން އަހައިލިއެވެ.

އާރިކް މާމައޭ އެބުނީ ކީއްވެހެއްޔެވެ؟ އޭނަ އެކަންޏެއް ނޫނެވެ. އާޔާވެސް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް މީހުންގެ ޒާތީކަންތައްތަކަށް ވަންނަ ހިތްނުވާ ކުއްޖަކީ ކަން ނޭގެއެވެ. އޭނަ އާރިކްގާތުން ސުވާލެއް ނުކުރިއެވެ. އާޔާއަށް ފޯނެއް އައިސްގެން އޭނަ ނުކުތުމުން ފައިނާ ވަގުތުން ތުއިވެލިއެވެ. އޭނަ ޖަހައިގެން ހުރި ސެންޓްގެ ވަސް އާރިކްއަށް ދުވާނީ ތަންކޮޅެއް ކައިރިވެލީމައެވެ. މިވަރުގެ ރީތި ފިރިހެނެއް އޭނަ ފިލްމަކުންވެސް އަދި ނުދެކެއެވެ. އެހާވަރަށް ސީރީޒްތައް ބަލާއިރުއެވެ.

"ޑޮކްޓަރ. މާ...މާމަ ގެއަށް..ދާން ބޭނުމޯ.." ފައިނާ އަޑު ހިމަކޮށްލިއެވެ. ޑޮކްޓަރ އާރިކް ޖަވާބެއްނުދިނެވެ. ފައިނާ ދެވަނަފަހަރަށްވެސް ބުނެލީ އާރިކްއަށް ނީވުނީކަމަށް ހީކޮށެވެ. އާރިކް މިފަހަރުވެސް އަޑުއިވުނުކަމަށް ނަހަދާ މާމައާއި ވާހަކަދައްކަމުން ދިޔައެވެ. އުމުރު ދުވަހުވެސް އޭނަ މިހާ ލަދުގަތްކަމެއް ނޭގެއެވެ. އާރިކް އޭނަ ހާދަ ބޮޑަށް ލަދުގަންނަވާލައިފިއެވެ. ފޮނި ކަމުގެ އިންތިހާއެވެ.

"ހާދަ ރޫޑް މީހެކޭ. ހުވާ އެވަރުކަމެއް ނުދެކެން. ހިތުގައި އަލިފާން ރޯކޮށްލާފައި ވިއްޔަ އެދިޔައީ.........." ފައިނާގެ ނިތްކުރިން ދާހިއްލާލައިފިއެވެ. އާރިކް ގާތު މާމަ ގެއަށް ފޮނުވާ ވާހަކަ ބުނުމުން ބުނީ މިހާރުއްސުރެން އެކަމާއި އުޅޭނެކަމަށެވެ. އާރިޒްވެސް މިހާރު ފްލައިންއަށް ގޮސްފައި ކަމަށާއި އިރުކޮޅަކުން އަންނާނެކަމުގައެވެ. އާރިކް ވާހަކަދެއްކިލެއް ރީތިކަމުން ފައިނާއަށް ނޭވާލާންވެސް ނޭގުނެވެ. "ހޮޓް"ކަމުން މިތަންވެސް އަލިފާނަށްވެއްޖެއެވެ. އޭސީގެ ފިނިކަން ނައްތާލައިފިއެވެ. އޭނަގެ މުޅި ހަށިގަނޑުގައި އަލިފާން ރޯވިފަދައެވެ. މޭގައި ފައިލު ޖައްސާބާރުކޮށްލައިގެން ހުރެފައި ފައިނާ މަޑުމަޑުން އެއްފަރާތަށް ޖެހެމުންގޮސް އެތަނުން ނުކުމެފައި ފާރުގައި ދެއަތުން ތަޅައިގަތެވެ. އެވަރަށް މީހަކު އޭނަ ނިކަމެތިކޮށްލިކަމެއް ނޭގެއެވެ. އޭނަގެ ރީތިކަމުން އަސަރުނުކުރާ ފިރިހެނަކާއި އަދި ދިމާވެފައެއްނެތެވެ. ނަމަވެސް އާރިކް ގާތު އޭނަ ފަނިފަކުސެކޭ ތަފާތެއް ނެތެވެ. އެންމެ ގަޑިއަކަށް ނަމަވެސް އާރިކް ދައުވަތުދޭނެނަމައެވެ.

ފައިނާގެ ހިތް ދިޔައީ ފުންމަ ފުންމައިގެންނެވެ.

އެކުވެރި ޒީކްގެ ގައިގާ ގޮސް ހިފައިގަނެވުނެވެ. މިޝާވެސް ކުރަން ހުރި މަސައްކަތް ނިންމާލާފައި އެކުވެރިންނާއި ގާތު ޖައްސައިލިއެވެ.

"ޑޮކްޓަރ އެރިކް ރީތިކަމުން ހަމަ ކޮސްވެއްޖެ. އިންސާނަކަށްވުރެ ވާހަކަތަކުން ބުނެދޭފަދަ އެންޖެލްއަކާއި ވައްތަރީ. އެހެރަ ހޮޓްކަމެއް. ކްރުއެލް ރީތިކަމެއް. މަ މޮޔަވެދާނެ. އެކަމަކު އެނގޭތަ އެ ފިރިހެނާ ރޫޑްކަމުން މަ އިގްނޯކޮށްގެން ހުރީ. ފަންޑިތަ ހަދައިގެންވެސް ހޯދާނަން................................" ފައިނާ ރާގެއް ލާފައި ކިޔައިދިނެވެ. މި ހަޔެއްކަ އަހަރު ތެރޭ އޭނަގެ އެންމެ ގާތް އެކުވެރިންނަކީ ޒީކްއާއި މިޝާއެވެ.

***

އާޔާ ވާހަކަފޮތެއް ހިފައިގެން އެނދުމަތީގައި އޮތެވެ. މިއީ އޭނައަށް ލިބުނު ޕާރުސަލެއްގައި އޮތް ފޮތެކެވެ. ވަރަށް ހަނދާންވާ ވާހަކަ ލިޔެ ސޮއިކޮށްލާފައި އޮތީ އަތު ލިޔުމުންނެވެ. މިފަދަ ސަޕްރައިޒެއް ދިނީ ކާކުބާވައޭ ހިތަށްއެރިއެވެ. ބަލްސަމް ބުނިގޮތުން ވާހަކަފޮތް ދީފައި އެ އަންހެންކުއްޖާ ދިޔައީއެވެ. ފޮތުގެ ބޭރު ސަފުހާގައި ހުރި ރީތި ޒުވާނާ ވެމްޕަޔަރެކޭ ތަފާތެއް ނެތެވެ. އެންމެ އަޅައިގަންނަނީ ދެލޮލުގައި ހުރި ތަފާތު ކުލައެވެ. އެއްލޮލުގައި ވިލުކުލަ ހުރިއިރު އަނެއް ލޮލުގައި އެމެރަލްޑް ފެހިކުލައެވެ.

"ރަފައެލް....."

ރަފައެލް ނަމަކަށް ކިޔާ އެފޮތުގެ ފުރަތަމަ ސަފުހާ ހުޅުވައިލިއެވެ. ކޮންފަދަ އާ ތާޒާ ވަހެއްހެއްޔެވެ. އެތައް ފަހަރު ވަސް ގަނެވުނެވެ. ފެށުމުގައި ސިފަކޮށްދީފައިވަނީ ޖަބަލްގާފް ކިޔޭ ސަރަހައްދެކެވެ. ގަނޑުވަރު ސިފަކޮށްދީފައި ހުރިގޮތުން ދާހިތުން މަރުވާވަރުވިއެވެ. ބިއްލޫރި ގުއްބުތަކެވެ. އަގީދާއި ޒަބަރުޖުދު އަލިމަހާއި ރަންމުތުން ހަދާފައިވާ ފަރުނީޗަރުތަކާއި ބިތްތަކުގައި އުނގުޅާފައިވާ ގޮމަކަސްތޫރި އަދި ޖަވާހިރުން ދަޅަ އަޅާ ފާނޫޒުތަކެވެ.

އެތައް ސަތޭކަ އަހަރުވެފައިވާ ޖިންނީންގެ ބާރުގަދަ ރަސްދަރިކަލެއް ކަމުގައިވާ ރަފާއިލްގެ ސިފަކުރުންތަކުން އިންސާނުންގެ ހިތްތައްވެސް ފިދާވާނެއެވެ. ޚާއްސަކޮށް އެލޮލުގައިވާ ދަމާ ބާރު ސިފަކޮށްދީފައިވާލެއް ވަކިން ފުރިހަމައެވެ. ކަނޑިއެއްގެ މިޔަފަދަ ތޫނު ލޮލެކެވެ. އާޔާގެ ހިތްއަވަސްވިއެވެ. މިއީ ޖިންނި ވާހަކައެއް ހެއްޔެވެ؟

ޖިންނިންގެ ވާހަކައެއްކަން އެނގުމާއިއެކު އާޔާ އަވަހަށް ފޮތް ލައްޕާލައިފިއެވެ. މިއީ އޭނަ ޖިންނި ޝައިތާނުންދެކެ ބިރުގަންނަކަމާއި ނަފްރަތުކުރާކަން އެނގޭ ގާތް މީހަކު ކޮށްލި ސަމާސާއެކެވެ. ހަ އަހަރު ވޭތުވެގެން ދިޔައިރުވެސް އެ ބިރުވެރިކަން ހިތަކުން ފިލައިގެންދާ ގޮތެއްނުވިއެވެ. އަލަމާރީގެ ވައްގަނޑަކަށް ފޮތް ލާފައި ފާޚާނާއަށްވަދެ ވުޟޫކޮށްލައިގެން ނުކުތުމާއިއެކު ސިހޭގޮތްވިއެވެ. އެފޮތް އޮތީ އެނދުމަތީގައެވެ.

"ސުބުހާނަﷲ. ދުއިސައްތަ ޕަސެންޓް ޔަގީން އަހަރެން އެ ފޮތް އަލަމާރިއަށް ލީކަން. މިހާރު އެނދުމަތީގައި. މިވީ ކިހިނެއްތަ. ހައިރާންކަމުން ފުރިގެންވީ ކަމެއް. އައިން ނޮޓް އިންސޭން އެހާ ޔަގީންކަން އެބައޮތް....................................." އާޔާގެ އަރުތެރެ ހިކި ބިރުވެރިގޮތަކަށް ވަށައިގެން ހޯދާ ބަލައިލެވިއްޖެއެވެ. ހިތުގެ ތެޅުން އަވަސްކަމުން ބޭރަށްވެސް އިވޭނެކަން ޔަގީނެވެ.


އާޔާ ވަގުތުން ޗެކްކުރަން ފެށިއެވެ. ކޮޓަރި އަދި ބެލްކަނީގެ ދޮރުވެސް ހުރީ ތަޅުލާފައެވެ. މީހަކު ފިލާ އޮވެދާނެކަމަށް ހީކޮށް އަލަމާރިތެރެވެސް ހޯދިއެވެ. އެނދުތަންދޮށްވެސް ބެލިއެވެ. ކޮންމެވެސް ސަބަބަކާހުރެ ގައިން ހީބިހިނަގައިފިއެވެ. ހަވީރު ޒިކުރުކުރަން ހަނދާން ނެތުމުން ދިމާވި ހާދިސާއެއްކަމަށް ވެދާނެއެވެ. އާޔާ ހިކިފައިވާ ކަރުތެރެ ތެންމާލަން ވެގެން ފެންފޮދެއް ބޯލިއެވެ. ބެލްކަންޏަށް ނުކުތްއިރު އޭނަގެ އަވަށްޓެރިޔާ އާރިޒް ބެލްކަނީގެ ރެއިލިންގައި އަތް އަޅުވާލައިގެން ހުރިތަން ފެނުމުން ކޮންމެވެސް ވަރަކަށް ބިރުފިލައިފިއެވެ. އާރިޒްއާއި އާރިކް ހާދަ ވައްތަރޭ ހިތަށް އެރިއެވެ. އާރިޒްގެ އިސްތަށިގަނޑު ރިހިކުލައިން ޑައިކޮށްލައިފިއްޔާ ތަފާތެއް ނުވާނެއެވެ. އެހާދުރުން ފެނިފައިވެސް އާޔާގެ ހިތް ރޫރޫއެޅިއެވެ. އޭނަގެ މޮޔަކަމާއެވެ. ރީތި މީހަކު ފެންނައިރަށް ހިތް އޮޔާލާ ދިޔަދީގެން ނުވާނެއެވެ. ހަލާލުކަމެއްވެސް ނޫންކަން ހަދާންވެފައި އަވަހަށް ދޮރު ލައްޕާލައިފިއެވެ.

"ބިއުޓިފުލް ގާލް. ވާހަކަ ކިހިނެއްތަ؟ " އާޔާގެ ފޯނަށް އާރިޒްގެ މެސެޖެއް އައެވެ.


"އަހަންނަށް ތި ފޮނުވީ ހޯންޓެޑް ފޮތެއް. ތެދަށް ބުނެބަލަ. މިއީ ކޮންތާކުން ގަތް ފޮތެއްތަ؟ " އާޔާ މެސެޖްކުރިއެވެ.


"މިގޭގެ ލައިބްރަރީއިން. އެރިކްގެ ފޮތްތަކުގެ ތެރެއިން ނެގީ. ހޯންޓެޑްއޭ ތިބުނީ ކީއްވެތަ؟ " އަރިޒް ހައިރާންވިއެވެ.

"ހަމަ ބުނެލީ....މިހާރު ދާންވެއްޖެ. ގުޑްބައި.." އާޔާ ފޯނު ނިވާލާފައި އެނދުގައި އިށީންއިރުވެސް ހިތުގެ ތެޅުން މައިތިރިއެއްނުވެއެވެ. އޭނަ އާރިޒް ފެނިފައި މިކުރެވޭ އިހުސާސްތަކެއް ދޭންވީ ނަމެއްވެސް ނޭގެއެވެ. އާރިޒް ފެންނަ ކޮންމެ ފަހަރަކު ހިތުގެ ތެޅުމަށް މިއޮތް އަންނަ ބަދަލެކެވެ. ހިތާއި ރޫހަށް އެކުރުވާ އަޖައިބެއްފަދަ އިހުސާސްތަކުގެ ތެރޭ ބަދެވި އާސްމާނުގައި އުދުހެވޭފަދައެވެ. ބުނެދޭން ނޭގޭފަދަފޮނި ފޮނި އިހުސާސެކެވެ. އެކަނިމާ އެކަނި އިނދެވެސް ހިނިތުންވެލެވުނެވެ. އެވަގުތު ސިކުނޑީގެ ކަނުގައި އަޒިކިއަލްގެ ސޫރަ ފިޔަ ޖަހައިލުމާއިއެކު މޫނުގައިވާ ހިނިތުންވުން ފަނޑުވެ ހުރިހާ އުފަލެއް ފޭރިގަނެވުނުފަދައެވެ. ލޮލުން ކަރުނަ ނީރާލައިފިއެވެ. އަޒިކިއަލް އޭނައާއި ވަކިވުމަށްފަހު ދެވަނަފަހަރަށް ފިރިހެނަކަށް ފުރުސަތުދޭން އޭނަގެ ޟަމީރު ދެކޮޅެވެ.

ނިދެމުންދަނިކޮށް ފެނުނު ނުބައި ހުވަފެނުގެ ސަބަބުން ސިހި ހިތް ބިރުގަތުމާއެކު އާޔާގެ ހަޅޭކުގެ އަޑު ގޭތެރޭ ގުގުމާލިއެވެ.

"ދަރިފުޅާ. ކިހިނެއްތިވަނީ؟ " ބައްޕަގެ އަޑު އިވުނުހެން އާޔާއަށް ހީވިއެވެ. އެއަޑުގައި ކަންބޮޑުވުމާއި ހާސްކަމެވެ. މި ހަޔެއްކަ އަހަރުތެރޭ ފުރުގާންގެ މަސައްކަތުން އާޔާ ހަމަޔަކަށް އެޅިފައި ހުރެފައި އަނެއްކާ ނަފްސާނީ އުދަގޫތައް ލައިގަތީބާވައެވެ.

***

ފާނޫޒުގެ ހުޅުކޮޅުގެ ސަބަބުން ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން އެނދުގައި އޮތް އާރިކްގެ މޫނު ފެންނަލެއް ނިކަން ހިތްގައިމެވެ. އާރިޒް އެނދުގެ މަގަތުގައި އިށީނެވެ. އޭނައަށް މިގެއިން ފެންނަމުންދާ ރޫހާނީ ކަންތައްތައް ކޮންމެވެސް މީހަކާއި ހިއްސާކޮށްލާހިތުން މިރޭ ލޮލަށް ނިދިވެސް ނައެވެ. އެ ބާރުތައް އޭނައަށް ގޯނާކޮށް އިންޒާރުދެމުން އައިސް ކޮޓަރިއަށްވެސް ވަންނާންފެށީއެވެ.

އާރިޒްގެ ސުވާލުތައް އަހަން އިނދެފައި އާރިކް ބާރު ހިނިގަނޑެއް ޖަހައިލިއެވެ. އަނދިރިކަމުގެ ތެރެއިން ކަޅިއަށް ތަފާތު ކުލަތައް ވެރިވާއިރު ޚުދު އޭނަގެ ލޮލަށްވެސް ވާނީ އެހެންތާއޭ އާރިޒްގެ ހިތަށް އެރިއެވެ. އަޖައިބަކީ އޭނައަށް އާރިކްގެ ކަޅިވެސް ލިބުނުކަމެވެ.

"ތިވެދާނެ ރަފައެލް އަލާނިއަލް ނޫނީ މީރާންކަމަށްވެސް. ނޫނީ ލޫސިއަސް އަދި. މިހެން ކިޔަން ވެއްޖެއްޔާ މިމީހުންގެ ނަންތައް ހުހެއްނުވާނެ އިނގޭ..................." އާރިކްގެ ލޮލުން ލާނެތްކަމެއް ފެނުނެވެ.

"ދަންނަ ބަޔަކީތަ؟ " އާރިޒް ލޯ ހަނިކޮށްލިއެވެ.

"އިހަށް ކެތްކުރޭ ލުސިފާ. އެމީހުން އަނިޔާއެއް ނުދޭނެކަން މަށަށް ޔަގީން. އެމީހުންނަކީ ފްރެންޑުން ކަމަށް ބަލާ......................................."އާރިކް ތެދުވެފައި އިށީނެވެ.

"ސޯ......އެމީހުން. އެ އެއްޗެހި އެނގޭދޯ.." އާރިޒްގެ ހިތުގައި ބިރުވެރި ޝައްކުތަކެއް ހިނގައިގަތެވެ.

"ސިހުރުހަދަނީތަ އެރިކް.....ޓެލް މީ. ތިބުނާ މީހުންނަކީ އިންސާނުނެއްނޫން. އަހަންނަށްވެސް އެވަރު އެނގޭ. ޖިންނިން ގެނެވޭނީ ސިހުރުހަދައިގެން. އެރިކް ކިތަންމެ ގާތްކޮށް އުޅުނަސް ފޮރުވިފައިވާ ސިއްރުތަކެއްވާކަން އަހަރެން ދަންނަމޭ. އެހާ މިސްޓީރިއަސް. އަހަރެންގެ ފްލައިޓްތައް އެވަރަށް ޓާބިއުލެންސްއާއި ކުރިމަތިވަނީވެސް މިކަމުގެ ސަބަބުންތަ............................." އާރިޒް އަތުގެ އިނގިލިތައް މަހާލިއިރު އޭނަ އިނީ ހާސްކަމެއްގެ ތެރޭގައެވެ.

"ބޭބީ ބްރަދާ. ވަގުތު ޖެހުނީމަ ހަގީގަތް އެނގޭނެ. އިހަށް އަލާނިއަލްމެން ބުނާގޮތަށް ހަދާ. އެމީހުން ލުސިފާއަށް ގެއްލުމެއް ވިޔަނުދޭނެ....މިއަށްވުރެ އިތުރަށް އަހަންނަށް ކިޔާދެވޭކަށްނެތް.. ސޮރީ..." އާރިކް ބުނެލިގޮތުން އިތުރު ސުވާލެއްކުރާކަށް އާރިޒް ނޫޅުނެވެ. ސަބަބަކީ އާރިކްގެ މިޒާޖު އޭނަ ދަންނާތީއެވެ. ބުނެދެވެން ނެތޭ ބުނެފިއްޔާ އޭނަހުންނާނީ ގޮތުގައެވެ. މިހާރު އެންމެ ކަމެއްއޮޅުން ފިލައިފިއެވެ. އޭނަގެ ކޮޓަރިއާއި ހަމަޔަށް އަންނަނީ އާރިކް ގެނެސްގެން އުޅޭ ޖިންނިންނެވެ. އާރިޒް ތެދުވުނުއިރު އަތްތިލަ ގަނޑުފެންކޮޅަކަށްވެއްޖެއެވެ.

***

އާޔާ ތަންކޮޅެއް ލަހުން ތެދުވުނުއިރު އެހެން މީހުން ސައިބޮއިނިމިއްޖެއެވެ. ހެނދުނު ނާސްތާއަށް ކެއީ ވީޓްބިކްސްއާއި މޭވާކޮޅެކެވެ. ބިސްގަނޑެކެވެ. މާޔޫސްވެ ބިރުގެންފައިވާވަރު މޫނުމަތިން ނުދެއްކިޔަސް އަދިވެސް ހިތް ހަމަޔަކަށް ނޭޅެއެވެ. މިގޭތެރޭގައި ނޭގޭ ރޫހާނީ ކަންތައްގަނޑެއް ހިލިގަތީބާވައޭ ހިތަށް އެރިއެވެ. ދޮންމަންމަ ސީރީޒްތަކަށް ދެވި ހިފައިގެން ހަތަރުދަމު ޓީވީކުރިމަތީގައި އިންނާތީ ޝައިތޯނުންތައް ގެއަށް ވެރިކަން ކުރަނީބާވައެވެ. އާޔާ ގަސްތުކުރީ އޭނަގެ ބައްޕައާއި އެކަނި ބައްދަލުކޮށް ބައްޕަގެ އެހީއަށް އެދުމަށެވެ. ނޫނީ އޭނަގެ ބޯ ހަލާކުވެދާނެއެވެ. ލޯމައްޗަށް ފެންނަ މަންޒަރުތަކާއި ބިރުވެރި ހުވަފެންތަކަށް އަޅާނުލާ ދޫކޮށްލައިގެން ދުވަސްކޮޅަކު ހުރެވިއްޖެއެވެ.

ޒައިތޫނުކުލައިގެ އަތްދިގު ޓީޝާޓަކައި އައިސްބުލޫ ޓީޝާޓެއްލައިގެން ހުރި އާޔާގެ އިސްތަށިގަނޑު އޮތީ މައްޗަށް އޮމާންކޮށްލާ ވޫލްކޮޅަކުން އައްސާލާފައެވެ. ފިނިވެފައިވާ އަތްތިލަ އުނގުޅަމުން މަޑު ހިނގުމެއްގައިގޮސް އޭނަގެ ބައްޕަގެ ކޮޓަރީގައި ޓަކިދިނެވެ. އިރުކޮޅެއްނުވަނީސް ފުރުގާން ދޮރު ހުޅުވާލައިފިއެވެ.

"މޯނިން ދަރިފުޅާ. ނާސްތާ ކުރީތަ؟ "

"ލައްބަ....."

"ތިއޮތް ތުރުތުރު ލަނީއެއް ނު.........."

"ވިއްސާރަވީމަ ކަންނޭގޭ. މާ ބޮޑަށް ފިނިހިފާފައި. ގޭތެރޭގައިވެސް ޖެކެޓްލައިގެންކަން ނޭގޭ އުޅެންވީ..........." އާޔާ ހިނިތުންވެލާފައިގޮސް ސޯފާއަށް އަރާ ރަޖާއިން ދޮންފައިތިލަ ފޮރުވާލައިފިއެވެ. ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ. ރަގަޅަށްވެސް އޭނަ ހުންއައީކަން ނޭގެއެވެ.

"އާ ޔޫ އޯކޭ ސްވީޓްހާޓް...." ފުރުގާން ކޮފީތަށިން އެތިފޮދެއް ބޯލަމުން އައިސް އާޔާ ގާތު އިށީދެ ވިސްނުންތެރިކަމާއިއެކު ދަރިފުޅުގެ މޫނަށް ބަލާލައިފިއެވެ.

"މުޅިން އޯކޭއެއްނޫން އެހެންވެ ބައްޕައާއި ވާހަކަދައްކާލަން ބޭނުންވީ...." އާޔާ ކުޝަންގައި ދަތްދޮޅި ޖައްސާލައިގެން އިނެވެ. "ބައްޕަ ބިޒީނޫނިއްޔާ....."

"ޝުއަ. ދަރިފުޅު ބޭނުންވަރަކަށް ވާހަކަދައްކަންވީ. ބައްޕަ އަޑުއަހަން އިންނާނަން. ދުވަހަކުވެސް އާޔާއާއި ވާހަކަނުދެއްކޭވަރަކަށް ބައްޕަ ބިޒީއެއް ނުވާނެ. ކިހިނެއްވީ؟ " ފުރުގާންގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް އުފެދުނެވެ.

އާޔާއަށް ދިމާވި ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއްގެ ސަބަބަކީ އޭނަކަމުގައި ފުރުގާން ގަބޫލުކުރެއެވެ. އާޔާއާއި އަޒިކިއަލްގެ ޒަވާޖީ ހަޔާތް ނިމުމަކަށް އައީވެސް އޭނަގެ އަނދިރި މާޒީއެވެ. ޒުވާންކަމުގެ ޖޯޝުގައި ކުރެވުނު ކުށްތައް ބިރުވެރި ހަތިޔާރަކަށްވެ އޭނަގެ އުފާވެރިކަން ކޮށާލަނީއެވެ. އޭނަގެ ދަރިފުޅު ނޭގުމުގެ ތެރޭ ކައިވެނިކުރީ އެއްބަފާ ބޭބެ އަޒިކިއަލްއާއެވެ. އަޒިކިއަލްވެސް ބޮޑުވީ ބައްޕަގެ ހިމާޔަތެއްނެތިއެވެ. ހުރި އެންމެ ފިރިހެންދަރިފުޅުކަން އެނގުމުން ފުރުގާންއަށް ކުރީ ތަފާތު އަސަރުތަކެވެ. އެ ހަގީގަތް ހާމަވި ދުވަހު އާޔާ އެޑްމިޓްކުރާވަރަށް ހާލު ދެރަވިއެވެ. ގަތްލަދުން މީހުންނާއި ކުރިމަތިލާނެ ހިތްވަރެއްވެސް އެފަކީރުގެ ނެތެވެ. އާޔާގެ ކަރުނަތައް ހުއްޓުވުން އެކަކަށްވެސް ފަސޭހައެއްނުވިއެވެ. އެކަމުން އަރައިގަނެވުނީ އެތައް ދުވަހުންނެވެ.

"ބައްޕާ. އަޅުގަނޑަށް ނޭގޭ. މިހެން ދިމާވާންވީ ސަބަބެއް. ބިރުވެރި ހުވަފެންތައް ފެންނަނީ. ވަރަށް ރިއަލްކޮށް. އަދި ކޮޓަރީގައި ހުންނަ ތަކެތި ބަހައްޓާތަނުން މޫވްކުރާ މީހެއް އެބަހުރޭ. ހެލުސިނޭޝަންއެއްކަމެއް ނޫނީ ހަގީގަތުގައި ނުފެންނަ ބާރަކުން ހިންގާ އަމަލެއްކަމެއް ނޭގޭ. އައިމް ސްކެއާޑް ޑޭޑް. ދުވަހަކަށްވުރެ ދުވަހެއް މިކަންތައް ބޮޑުވަމުން ދަނީ................." އާޔާ ހިންދިރުވައިލިއެވެ.

ގޭތެރޭގެ ހިމޭންކަން މުގުރައިލީ ބަލްސަމްގެ ހަޅޭކުގެ އަޑެވެ.

(ނުނިމޭ...)

https://sun.mv/120996

comment ކޮމެންޓް